Support Us

ރަސްމާލެ ހިއްކަނީ ހުޅުމާލެއިން 10 ހެކްޓަރު، ރަސްމާލެއިން 60 ހެކްޓަރުގެ ބިން ސީއެމްސީސީއަށް ދީގެެން: އާބަންކޯ

ރަސްމާލެ ތަރައްގީ ކުރުމަށް ފުށިދިއްގަރުފަޅު ހިއްކަނީ ހުޅުމާލެއިން 10 ހެކްޓަރު އަދި ފުށިދިއްގަރުފަޅުން 60 ހެކްޓަރުގެ ބިން ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް ދޭ ގޮތަށް ކަމަށް އާބަންކޯއިން ބުނެފި އެވެ.

އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް މިއަދު ވިދާޅުވީ އާބަންކޯއަކީ ބޭރު ގައުމުތަކުގައި ނަން މަޝްހޫރު ކުންފުންޏެއް ކަމުގައިވާއިރު އާބަންކޯއިން ޕްރޮޖެކްޓެއް ކުރިއަށްގެންދާ ކަމުގައިވާނަމަ އެ ޕްރޮޖެކްޓެއްގެ ތެރެއިން އިންވެސްޓް ކުރުމުގެ އިންޓަަރެސްޓް ވަރަށް ގިނަ ބޭރުގެ ކުންފުނިތަކުގައި އެބަ އޮތް ކަމަށެވެ. އަދި ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ސީއެމްސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާއިރު ސަރުކާރުން އަދި އާބަންކޯއިން ވެސް އެއްވެސް ލާރިއެއް ހަރަދު ނުކުރާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ.

"ބިން ހިއްކައިގެން ލިބޭ ލޭންޑް ޑިވޮލޮޕްކޮށްގެން ނޫނިއްޔާ އެ ހިއްކައިގެން ލިބޭ ލޭންޑް ވިއްކައިގެން މީގެ އަގު މިއަދާކުރަނީ،" ފަޒުލް ވިދާޅުވި އެވެ.

ރަސްމާލެ ތަރައްގީ ކުރުމަށް ސީއެމްސީއާ އެކު ވެފައިވާ އެއްބަސްވުމުގައި ވާގޮތުން ހުޅުމާލެ އިން 10 ހެކްޓަރުގެ ބިން އަދި ފުށިދިއްގަރުފަޅުން 60 ހެކްޓަރު ބިން އެ ކުންފުންޏަށް ދިނުމުން ބަދަލުގެ ގޮތުގައި އާބަންކޯގެ އެސެޓަށް 1،093 ހެކްޓަރުގެ ބިން އިތުރުވެގެން އަންނަ ކަމަށް ފަޒުލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ލޯ ލާރިއެއް މިއަަކަށް ނުލަން. އެބޭފުޅުން ބިން ހިއްކައިފަ އަޅުގަނޑުމެންނަށް ތަން ހަވާލުކުރަންވީ. އެ ހިއްކާ ބިމުން އަދި ޕްލަސް މި 10 ހެކްޓަރު އަޅުގަނޑުމެން މިދެނީ އެ ބޭފުޅުންނަށް. އެހެންވީމާ މި ވިއްކައިގެން އެ ބޭފުޅުންނަށް ލިބޭ ލާރިން އެ ބޭފުޅުން މުޅި އޮޕަރޭޝަން ހިންގަންވީ. މިއަކަށް އަޅުގަނޑުމެންގެ ލޯ ލާރިއެއްވެސް ނެތް. އަޅުގަނޑުމެންގެ އަތުގައި އޮތް 10 ހެކްޓަރުގެ އެސެޓެއް އަޅުގަނޑުމެން މިދެނީ 1،093 ހެކްޓަރު އަޅުގަނޑުމެންނަށް ލިބޭ ގޮތަށް،" ފަޒުލް ވިދާޅުވި އެވެ.

ސީއެމްސީއަށް މި ބިންތައް ދިނުމަށް ހަމަޖެހިފައިވަނީ ރަސްމާލޭގެ ޑިވޮލޮޕްމަންޓް މުއްދަތަށް ކަމަށާއި އެއީ ގާތްގަނޑަކަށް 50 އަހަރުގެ މުއްދަތަކަށް ކަމަށް ފަޒުލް ވިދާާޅުވި އެވެ.

ފަޒުލް ވިދާޅުވީ ރަސްމާލެ ތަރައްގީ ކުރުމަށް ބޭނުންވާ މާސްޓާޕްލޭން ތަރައްގީ ކުރުމުގެ މަސައްކަތް އާބަންކޯއިން ފަށައިފައިވާ ކަމަށެވެ. އަދި އެ މާސްޓާޕްލޭންގައި އިންޑަސްޓްރިއަލް، ކޮމާޝަލް، ރެސިޑެންޝަލް އަދި ހޮޓާތަކާއި ޓޫރިޒަމް ޒޯންތައް ތަރައްގީ ކުރުމަށް ކަނޑައަޅާފައި ހުންނާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ. އަދި ސީއެމްސީއަށް ރަސްމާލެއިން ދޭ 60 ހެކްޓަރު އެ ކުންފުނިން ބޭނުން ކުރާނީ މާސްޓާޕްލޭނާ އެއްގޮތަށް ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހުޅުމާލޭގެ ފޭސް ތިނެއް އަދި ދިޔަނެރުފަޅާއި ތިލަފުށީގައި ބިން ސީއެމްސީސީއާ ހަވާލުކޮށްގެން ހިއްކުމަށް ވަނީ ހަވާލުކޮށްފަ އެވެ. އެގޮތުން ދިޔަނެރުފަޅުން 22 ހެކްޓަރާއި ނުވަ ހެކްްޓަރު ތިލަފުށީގައި އަދި 53 ހެކްޓަރު ހުޅުމާލޭ ފޭސް ތިނެއްގައި ހިއްކުމަށް ހަމަޖެހިފައިވެ އެވެ.

މި ތަންތަން ހިއްކީ ހުޅުމާލޭގެ 10 ހެކްޓަރު ސީއެމްސީސީއަށް ދިނުމަށްފަހު ކަމަށާއި އެ އެގްރީމެންޓްގެ ދަށުން 20 މިލިއަން ޑޮލަރު އެ ކުންފުންޏަށް އާބަންކޯއިން ދައްކާ ގޮތަށް ހަމަޖެހިފައިވާއިރު މިހާރު އޭގެ އެއްބައި ދައްކާފައިވާ ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ.

ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށްޓަކައި ފުށިދިއްގަރުފަޅު ހިއްކައިގެން އެތަނުން 65،000 މީހުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވުމަަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެންޕެއިންގެ ވަރަށް މުހިންމު އެއް ވައުދުފުޅެވެ. އެގޮތުން މި މަޝްރޫއަކީ ހަފްތާ14ގައި ކުރުމަށް ކަނޑައަޅާފައިވާ މުހިންމު އެއް ކަންތަކެވެ.

ފުށިދިއްދަރުފަޅު ހިއްކުމަށް ސީއެމްސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައި މިވަނީ އަންނަ އަހަރުގެ ބަޖެޓްގައި މި ސަރުކާރުން އެ މަޝްރޫއަށް ހުށަހެޅި 400 މިލިއަން ރުފިޔާ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އުނިކޮށްފައިވަނިކޮށެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ފުށިދިއްގަރުފަޅު ހިއްކަން ފެށުމާއެކު އެ މައްސަލަ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ބަޔަކު ހުށަހަޅައިފަ އެވެ. ނަމަވެސް ފަޒުލް ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދާއިރު ކޮރަޕްޝަންގެ އެެއްވެސް އަމަލެއް ހިންގާފައިނުވާނެ ކަމަށެވެ.