Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ކުއްލި ނުރައްކާ

މިހާރު މިއޮތް ރައްޔިތުންގެ މަޖުލީހަކީ ފަސް އަހަރުގެ ދައުރު ހަމަވާން އެންމެ ދެތިން މަހަށް ވެފައިވާ މަޖުލީހެކެވެ. ރައްޔިތުންގެ ފުރިހަމަ އަގުލަބިއްޔަތުން ހޮވާފައިވާ ރައީސަކު މިފަދަ މަޖުލީހަކުން އަޒުލުކުރަން އުޅުމަކީ ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްއާ ހިލާފް، އަދި ބުއްދީގެ ހަމަތަކާ ފުށުއަރާ ކަމެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަސް އަހަރުގެ ދައުރަށް އެންމެ މަހެއް ވީތަނާ އަދި، ރައީސަކު އަޒުލުކުރާވަރުގެ އެއްވެސް ބޮޑު ކަމެއް މި ސަރުކާރުން ކޮށްފައިނުވާއިރު، ކުދިކުދި އުޒުރު ދައްކައިގެން ރައީސް ޑރ. މުއިއްޒު އަޒުލުކުރަން، އެމް.ޑީ.ޕީގެ އަގުލަބިއްޔަތު އޮތް މަޖުލީހުން، ރާވަމުންދާކަމީ އެންމެންނަށް ވެސް ފެންނަން އޮތް ހަޤީގަތެކެވެ.

ރައީސް އަޒުލު ކުރަން އެމް.ޑީ.ޕީގެ ޕީ.ޖީ ގްރޫޕަށް ހުށަހަޅާނެ ކަމުގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވަނީ ވިދާޅުވެފައެވެ. މިކަމާ ދެކޮޅަށް ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުން މަޖުލީހުގައި ވާހަކަ ދެއްކެވިއަސް، އަޑިއަޑިން، ރައީސް ނަޝީދާއި ޑިމޮކްރެޓްސް ޕާޓީ ވެސް އޮތީ ރައީސް އަޒުލު ކުރުމަށް ރުހިގެން ކަމަށް ފެނެއެވެ.

ކުރީގެ ރައީސް ޔާމީނާއި ޑރ. މުއިއްޒާ ދެމެދު އުފެދުނު ހިޔާލް ތަފާތުވުންތަކުގެ ތެރެއިން ރައީސް ޔާމީން އައު ޕާޓީއެއް އުފައްދަވައިގެން، މަލީހު ޖަމާލާއި ޑރ. މުހައްމަދު ޖަމީލް ކުރިއަށް ނެރުއްވައިގެން ކުރައްވާ ސިޔާސީ މަސައްކަތުގައި ރައީސް ޔާމީން ވެސް ހުންނަވާނީ ޑރ. މުއިއްޒު އަޒުލު ކުރުމަށް ހިއްވަރު ދެއްވައިގެންކަން ކަށަވަރެވެ.

މިކަމަށް އެންމެ ހިއްވަރުދީ، ސޯޝަލް މީޑިއާގައި ނަގާކިޔާ ފަރާތަކީ "ހަސަން ކުރުސީ"ގެ ނަމުގައި ހިންގާ ޓްވިޓަރ އެކައުންޓެވެ. މި އެކައުންޓުގެ ފަހަތުގައި ވަނީ ދިޔަރެސްގެ ނޫސްވެރިޔާ އަޒާނާއި ރައީސް ނަޝީދު ކަމަށް ވާހަކަ ދެކެވެއެވެ. އަޒާން ހުރީ ޕީ.އެން.ސީގެ ޓިކެޓުގައި މަޖުލީހަށް ވާދަކުރާ ގޮތަށް ކަމުގައި ވިއަސް ފަރުދާގެ ފުރަގަހުން ރައީސް ޔާމީނާ އޮތް ގުޅުމުގެ ތެރެއިން ރައީސް މުއިއްޒު އަޒުލުކުރުމުގެ ގޭސްގަނޑު ކެއްކުމުގައި ހަސަން ކުރުސީ ވަރަށް މަސައްކަތް އެބަކުރެއެވެ.

ރައީސް ސޯލިހު ރާއްޖޭން ބޭރުގައި އެ ހުންނެވި ތަނެއްގައި ހުންނަވައިގެން، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި މަޖުލިސް ރައީސް މުހައްމަދު އަސްލަމާ ގުޅިގެން ރައީސް ޑރ. މުއިއްޒު އަޒުލު ކުރަން މިވަރަށް މި މަސައްކަތް ކުރާ ސަބަބަކީ ރައްޔިތުންގެ މަޖުލިސް އިންތިހާބް ބޭއްވޭ އިރު ރާއްޖޭގެ ރައީސަކަށް އެމް.ޑީ.ޕީގެ އަސްލަމް ބަހައްޓައިގެން މަޖުލީހުގެ މެޖޯރިޓީ ނެގުމެވެ. މަޖުލީހުގެ މެޖޯރިޓީ އެމް.ޑީ.ޕީ އަށް މިފަހަރު ނުލިބިއްޖެ ނަމަ އެމް.ޑީ.ޕީގެ ވަސް ވެސް ރާއްޖޭގެ ސިޔާސީ މަސްރަހުން ފޮހެވިގެން ދާނެއެވެ. މި މަސައްކަތުގައި އެމް.ޑީ.ޕީ އަށް ހުރިހާ ހިއްވަރަކާއި ފަންޑިންގެއް ދެނީ އިންޑިއާއިންނެވެ.

އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތާއި، ރައްޖޭގެ ކަނޑު އަޑީގެ ޗާޓު ކުރަހަން އިންޑިއާއާ އެކު ރައީސް ސޯލިހުގެ ވެރިކަމުގައި ހެދި އެއްބަސްވުން އާނުކުރުމަށް މި ސަރުކާރުން ނިންމާފައިވާ ނިންމުމާއި، އިންޑިއާ ލޭބަރުން އެކަނި ރާއްޖެ ގެނެވޭގޮތަށް ޤަވާއިދު ބަަދަލުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ބަންގްލަދޭޝް މީހުންވެސް ގެނެވޭ ގޮތަށް ޑރ. މުއިއްޒުގެ ސަރުކާރުން ހެދުމުން އިންޑިއާގެ ހުރިހާ ރޭވުމެއް ވަނީ ފެނަށް ގޮސްފައެވެ. އިންޑިއާގެ ހެލިކޮޕްޓަރާއި ދޯނިއާ މަތިންދާ ބޯޓު ވެސް، ބަލިމީހުން އުފުލަން ބޭނުން ނުކުރުމަށް ޑރ. މުއިއްޒުގެ ސަރުކާރުން ވަނީ ނިންމައިފައެވެ. އޭގެ ބަދަލުގައި އެއާރ އެމްބިއުލާންސެއް ގެނެސްގެން އެ ހިދުމަތް ދިނުމަށް ރޭވިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މި ހުރިހާ ސަބަބަކާ ހުރެ އިންޑިއާއިން މަރުފަލި ޖަހަމުން ދަނީ ރައީސް ޑރ. މުއިއްޒު އަޒުލުކޮށް އެމް.ޑީ.ޕީގެ ވެރިކަމެއް، ވަގުތީގޮތުން ނަމަވެސް، ކުރިއަށް މިއޮތް ދެތިން މަސް ތެރޭ ޤާއިމްކުރެވޭތޯ އެވެ.

ބަރަހަނާ ވެބްސައިޓުތަކަށް އިންޓަނެޓު މެދުވެރިކޮށް ނުވަދެވޭ ގޮތަށް ހެދުމުގެ މަސައްކަތް ފެއްޓުމާއި، ރައްޔިތުން ފަރުލު ފަސްނަމާދު ކުރަން ރައީސްގެ ތަގްރީރުތަކުގައި ބާރު އެޅުއްވުމާއި، ދިވެހިންނަކީ އައުރަނިވާކުރާ، އިއްފަތްތެރި، ދީންވެރި، ތަހުޒީބީ މުޖުތަމައުއަކަށް ހެދުމަށް ރައީސް ކުރައްވާ މަސައްކަތުގެ ސަބަބުން ރާއްޖޭގެ ލާދީނީ ފަރާތްތަކުން ވަރަށް ބޮޑަށް މޭކަރައި، މިކަން ހުއްޓުމުވަށް ގިނަ ޕްރޮޕެގެންޑާތަކެއް ދަނީ ފަތުރަމުންނވެ. އިންޑިއާއާ ދުރަށް ޖެހި ތުރުކީ އާއި ސައުދީ އެރެބިއާ އާއި ޔޫ.އޭ.އީ ފަދަ އިސްލާމީ ޤައުމުތަކާ ގާތްވުމަށް މި ސަރުކާރުން މަސައްކަތް ކުރާތީވެސް އެމް.ޑީ.ޕީ އާއި އިންޑިއާ ވަނީ އިންތިހާ އަށް ނުތަނަވަސްވެފައެވެ.

މަޖުލީހުގެ ޖުމްލަ އަދަދަކީ 87 ކަމުގައި ޤާނޫނު އަސާސީގައި ކަނޑައެޅިފައި ވަނިކޮށް، ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމަށް މަޖުލީހުން ހަތް މެމްބަރަކު އިސްތިއުފާ ދެއްވުމުން މަޖުލީހުގެ ޖުމްލަ އަދަދަކީ 80 ކަމަށް ކަނޑައަޅައި، އެމް.ޑީ.ޕީގެ 56 މެމްބަރުންގެ ވޯޓުން އެކަނި ވެސް ރައީސް އަޒުލު ކުރެވޭ ގޮތަށް މަޖުލީހުގެ ޤަވާއިދު، އިހަކަށް ދުވަހު، އިސްލާހު ކުރީ ޤާނޫނު އަސާސީއާ ހިލާފަށެވެ. ރައްޔިތުންގެ އަގުލަބިއްޔަތުން މީގެ ތިރީހަކަށް ދުވަސް ކުރިން ހޮވި ރައީސުލް ޖުމްހޫރިއްޔާ އަކު، އެއްވެސް ޖާއިޒު ސަބަބެއް ނެތި، ސިޔާސީ މަޤްސަދެއްގައި، މިހާ ކުއްލި ގޮތަކަށް އަޒުލު ކުރަން އުޅުމަކީ، ގެރެންޓީ ހަމަވާން ކައިރިވެފައިވާ މަޖުލީހަކުން ކުރަން އުޅޭ ވަރަށް ދަށުދަރަޖައިގެ ފިނޑި އަމަލެކެވެ. އެމްޑީ.ޕީން މިވަރުގެ ކަމެއް ކުރަން އުޅޭ އިރު ސަރުކާރާއި ރައްޔިތުން ވެސް ބަލާކަށް ނުތިބޭނެއެވެ.

މިހާރު މި އޮތް މަޖުލީހަކީ "ރައްޔިތުންގެ" މަޖުލީހަކަށް ވުރެ ބޮޑަށް "އިންޑިއާގެ" މަޖުލީހެކެވެ. ޤައުމު ބަނގުރޫޓުކޮށް އިންދަޖައްސާލާފައި ރައީސް ސޯލިހު ވަޑައިގެން ފިއްލަވާފައި ހުންނަވައި، އިންޑިއާއާ ގުޅިގެން، ރައީސް ނަޝީދުގެ ތާއީދާ ވެސް އެކު، ބޭރުގެ ލާދީނީ ފަރާތްތަކުން ތާއީދާއި ފަންޑިން ހޯދައިގެން މިކުރާ މަސައްކަތަކީ ދިވެހި ރައްޔިތުންގެ ކޯތާފަތްމަތީގައި ޖަހަން ތައްޔާރުވާ ތަފާއްޔެކެވެ. މިއީ ރައްޔިތުންގެ ގުދާރުގައި ކޮޅުފައިން ޖެހުމެވެ. ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ވެސް މައްސަލަތައް އެބަހުއްޓެވެ. އެފަދަ މައްސަލަތަކަށް ފާޑުވެސް ކިޔޭނެއެވެ. ނަމަވެސް ޤާނޫނީ ސަރުކާރެއް މި ކަހަލަ ފިނޑި ގޮތަކަށް ވައްޓާލަން ފުރުސަތު ދެވިގެން ނުވާނެއެވެ.

އެމްޑީ.ޕީން މި ރާވާ ފިނޑި އަމަލު ހުއްޓުވޭނީ ކުއްލި ނުރައްކަލުގެ (އިމަޖެންސީ) ޤާނޫނު ހިންގައިގެން، މަޖުލިސް ސަސްޕެންޑްކޮށްގެން ކަމުގައިވާ ނަމަ އެކަން ވެސް ރައީސް ޑރ. މުއިއްޒު ކުރައްވަން ޖެހެއެވެ. ބޭރު ޤައުމެއްގެ ސިފައިންނާ ގުޅިގެން ދިވެހި ދައުލަތުގެ ބާރު ކަނޑުވާލަން ސިޔާސީ ޕާޓީ އަކުން މިކުރާ ފިނޑި އަމަލު ހުއްޓުވަން ޖެހެއެވެ. މިއީ ދިވެހި ޤައުމަށް ވެސް، އަދި ދިވެހި ރައްޔިތުންނަށް ވެސް، އަދި ދިވެހީންގެ ދީނަށް ވެސް ފައިދާ ހުރި ކަމެއް ނޫނެވެ. ފުށިދިއްގަރު ފަޅު ވެސް ހިއްކަން ފަށައިފިއެވެ. އެމް.ޑީ.ޕީން ބަޖެޓާ ކުޅެގެން އެކަން ހުއްޓުވަން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. ދިވެހީންނަކީ ދީންވެރި، ތަހުޒީބު ބަޔަކަށް ހެދުމަށް މި ސަރުކާރުން ކުރާ މަސައްކަތާ މެދު ހަސަދަވެރިވެ އެކަން ހުއްޓުވަން އުޅޭ ބަޔަކާ ދެކޮޅަށް ރައްޔިތުންނާއި ސަރުކާރު ތެދުވަން ޖެހެއެވެ. އެއީ އިމަޖެންސީ ޤާނޫނު ހިންގައިގެން ކަމުގައި ވިއަސް އެވެ. އެމް.ޑީ.ޕީ އެވެ! އިންޝާ ﷲ، ތިކަމެއް ނުވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
31

One Response

  1. ހަސަން ބުޝްރީ ވެސް ދިރާސާއެއް ނުކުރައްވައި ހިތްޕުޅަށް އެރި ގޮތަކަށް އެވެނި ކަމެއް އޮތީ މިވެނިހެންނޭ ވިދާޅުވީމާ ބުޝްރީގެ ލިޔުންތަކަށް އިތުބާރުކުރައްވާ މީހުންގެ ތާއީދު ބުޝްރީގެ ލިޔުންތަކަށް ވެސް ލިބޭލެއް ކުޑަވެދާނެއެވެ. އަޅުގަނޑަކީ ބުޝްރީގެ ލިޔުންތަކަށް އިންތިހާއަށް ތާއީދު ކުރާ މީހަކަށް ވިޔަސް އެ ލިޔުމުގައި އޮތް "ޔާމީން ވެސް ހުންނަވާނީ ޑރ. މުއިއްޒު އަޒުލު ކުރުމަށް ހިއްވަރު ދެއްވައިގެންކަން ކަށަވަރެވެ." މި ޢިބަރާތަކީ ކަނޑައެޅިގެން ދޮގެއްކަން އަޅުގަނޑަށް އެނގެއެވެ. އަދިވެސް ބުޝްރީމެންނަށް އެނގިވަޑައިނުގަންނަވާ ކަމަކީ، ރައީސް ޔާމީނަކީ ވަޠަނީ ލީޑަރެއްކަމެވެ. 5 އަހަރުގެ ދައުރެއް ހަމަނުވަނީސް ރައީސަކު ޢަޒުލުކުރުމާއި އިސްތިޢުފާދެއްވުމަކީ އެ މަނިކުފާނު އެދިވަޑައިގަންނަވާ ކަމެއް ނޫންކަމެވެ. އަދި ރައީސް ނަޝީދަށް ވެސް އިސްތިޢުފާ ނުދެއްވާން ދެންނެވި ހަމައެކަނި ލީޑަރަކީ ރައީސް ޔާމީންކަމެވެ. ރައީސް ޔާމީން ގަބޫލުކުރައްވާ ގޮތުގައި ޑރ. މުޢިއްޒުގެ ސަރުކާރުގެ ވެއްޓުމަކީ އެ މަނިކުފާނުގެ ވެސް ވެއްޓުމެވެ. ތާކުންތާކު ނުޖެހޭ މީހުންނަށް ދައުލަތުގެ މަތީ މަގާމުތައް، ދެއްވުމާ އެ މަނިކުފާނު ދެކޮޅެވެ. ނަމަވެސް ސަރުކާރަކާ ދެކޮޅެއް ނޫނެވެ. ޑރ. މުޢިއްޒާ ބައްދަލުވެވަޑައިގެންފި ނަމަ އެ ކަންކަން އިސްލާހުކުރައްވާން ދަންނަވާނެއެވެ. ސަރުކާރަށް 100 ދުވަސް ނުވަނީސް ގިނަ ބެޔެއްގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވީ ވަކި ބަޔެއްގެ އަމިއްލަ އެދުމަށް ޓަކައި ނާގާބިލު މީހުންނަށް ސަރުކާރުގެ މަތީ މަގާމުތައް ބަހައިލީމައެވެ. ވީމާ، ހީގެ މައްޗަށް ތިޔަ ފަދަ ރިޕޯޓުތައް ނުލިޔުއްވާށެވެ. "ކަށަވަރެވެ." ނުލިޔުއްވައި "ލަފާކުރެވެއެވެ." މިހެން ލިޔުއްވި ނަމަ، ބަލައިގަންނާން ފަސޭހަވީހެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *