Support Us

ވާހަކަ: ހިތް އެދޭތީ- 5

ދީނާގެ މަންމަ ހުއްދަދިނުމުން، ވީ އުފަލެއްގެ ބޮޑުކަމުން އެތާ ހުރެފައި ދީނާއަށް ނަށައިނުގަނެވުނީ ހަމަކިރިޔާއެވެ. ލާނެތް ހިނިތުންވުމެއް ދީނާގެ ތުންފަތަށް ވެރިކުރުވިއެވެ. އެމީހުންގެ ރޭވުން ކާމިޔާބުވީމައެވެ. ގަޑީގެ ކަށި އެނބުރެމުން ގޮސް ނުވަގަޑި ބައިވާން ފަސްވަރަކަށް މިނެޓަށް ވީއިރު ދީނާއާއި ނަދުވާ ހިނގަމުންދިޔައީ ރަށުގެ ތުނޑިޔާ ދިމާއަށެވެ.

"ކީކޭ ކިޔާފައި ތިއައީ ލަސްވީމަ ހޯދާކަށް ނޫޅޭނެތަ؟" ދެމީހުންގެ މެދަށް ވެރިވެފައިވާ ހަމޭންކަން ކަނޑުވާލުމަށްފަހު، ނަދުވާ އެހިއެވެ.

"ތިޔަ ގެއަށޭ ކިޔާފައި މިއައީ. ދިހައެއް ޖެހުމުގެ ކުރިއަކުން ނުހޯދާނެ،" ދީނާއަށް ލިބިފައިވަނީ ވަރަށްބޮޑު އިތުބާރެކެވެ.

"އެޔޯ…؟"

"މިހާރު އެންމެން ތިބޭނީ ޓީވީން އަންނަ ޑްރާމާއަށް ގެއްލިފައި…. އެހެންވީމަ،" ދެމީހުން އެއްފަހަރާ ހީނގަތްއަޑުން އެ ހަމަހިމޭން ޖައްވު ގުގުމައިގެން ދިޔައެވެ.

އޭރު އެމީހުންނަށް ތުނޑިޔާ ހަމައަށް އާދެވިއްޖެއެވެ. އެހެންކަމުން ނަދުވާ އެތާ ހޭޅިފަށުގައި އިށީނެވެ. ދީނާ ކުރިއަށް ހިނގައިގަތެވެ. އާދައިގެ މަތިން ދެމީހުން ބައްދަލުކުރާ ގަސް ކައިރިއަށް ދިޔައިރު ސިމާމުވެސް އެދިމާއަށް އަންނަނީއެވެ. ދީނާމެން ތިބީ ނަދުވާއަށްވެސް ފެންނަ ހިސާބުގައެވެ. ނަމަވެސް ދައްކާ ވާހަކަ މަޑުކަމުން ކިޔާ ނުކިޔާ އެއްޗެއް އޮޅުމެއް ނުފިލައެވެ. އޮޅުންފިލުވާކަށް ނަދުވާ ނުވެސް އުޅޭމެއެވެ.

"އަހަރެން މިފަދަ ވަގުތަކަށް އިންތިޒާރުކުރާތާ ހާދަ ދުވަހެއްވެއްޖޭ،" ސިމާމު ހުރީ ސީދާ ދީނާގެ މޫނަށް ބަލަހައްޓައިގެންނެވެ. ދީނާ ލަދުން އިސްޖަހާލިއެވެ.

"ސިމާމު އަސްލުވެސް އަހަރެން ދެކެ ވަރަށް ލޯބިވޭތަ؟" އިސްދަށަށް ޖަހައިގެން އެހުރިގޮތަށް ހުރެ ދީނާ އެހިއެވެ.

"ޝައްކުވަނީތަ… އަހަރެންގެ ފުރާނައަށް ވުރެވެސް ބޮޑަށް،" ދީނާ އާ ހަތަރުކަޅި ހަމަކޮއްގެން ހުރެ އޭނާގެ ހޫނު ނޭވާތަށް ދީނާގެ މޫނުގައި ބީހޭވަރަށް މޫނު ކައިރި ކޮށްލަމުން ސިމާމު ބުންޏެވެ. ދެމީހުންގެ ނޭވާގެ ހޫނުކަން އެކަކު އެނަކަނަށް އިޙްސާސް ވަމުންދިޔައެވެ. ބީހެމުންދިޔަ ހޫނު ނޭވާތަކާއެކު، ސިމާމުގެ ހިތުގައި އުފެދިގެންދިޔަ ޖަޒުބާތު އޮއިވަރު ކޮންޓްރޯލުން ނައްޓައިގެން ގޮސް މަޑުމަޑުން ދީނާ ގެނެސް އޭނާގެ މޭގައި ޖައްސާ ގަޔާ ބޮޑިކޮށްލިއެވެ. ސިމާމުގެ މިހަރަކާތުގެ ސަބަބުން ގަތްލަދުން ދީނާއަށް ތެޅިގަނެފައި ދުރަށް ޖެހިލެވުނެވެ.

"ސޮރީ ދެން އެހެންނެއް ނުވާނެ،" ދީނާ ލަދުގަތްކަން އެނގުމުން ސިމާމު ވަރަށް ދެރަވިއެވެ.

"އިޓްސް އޯކޭ،" މިގޮތުގައި ދެމީހުން އެތައް އިރަކު ވާހަކަ ދައްކަން ތިއްބެވެ.

ދީނާގެ އުނގުގައި ބޯއަޅާލައިގެން އޭނާގެ މޫނަށް ބަލަން ސިމާމު އޮތް އިރު ދީނާ އިރުކޮޅަކާ ސިމާމުގެ ފަން އިސްތަށިތަކާ ކުޅެލައެވެ. ދެމީހުންވެސް ދިޔައީ ލޯބީގެ އަހުދުތަކާއި ވައުދުތައް ވަމުންނެވެ. އެކަކަށްޓަކައި އަނެކަކު ގުރުބާންވުމަށް ތައްޔާރަށް ހުރިކަމަށް ބުނަމުންނެވެ. ލޯބީގެ ފޮނި ބަސްތަކުންނާއި ދޭތެރެއަކުން ސިމާމު ކިޔާލާ ލޯބީގެ އަސަރުގަދަ ލަވައިގެ ބައިތަކުން ދީނާ އަބަދުމެ ހުންނަނީ ހިނިތުންވެލައިގެންނެވެ. ސިމާމު އޭނާގެ ހަޔާތަށް އައުމަކީ އޭނާގެ ނަސީބޭ ވެސް ދީނާ ހިތަށްއެރިއެވެ.

"މިހާރު ގަޑިން ކިހާއިރެއްތަ؟" ކުއްލިއަކަށް ކަމެއް ހަދާންވި ކަހަލަ ގޮތަކަށް ދީނާ އަހާލިއެވެ.

"އަދިކިރިޔާ ދިހަގަޑި ބައިވީ… ތާކަށް ދާންއޮތީތަ؟"

"ދެން ސިމާމު ދައްކާ ވާހަކަ… މިހާ ލަސްވީމަ ދެން ދާން އޮންނާނީ ކޮންތަނެއް؟"

"އަންހެން ކުދިންގެ ގޮތެއް ނޭނގޭނެދޯ؟ އެކަކާ ރައްޓެހިވެގެން އުޅޭގޮތް ދެއްކިއަސް ތިން ހަތަރު ކުދިން ގާތަށް ދާނެ،" ގަސްތުގައި ދީނާ ރުޅިއަރުވާލުމަށް ސިމާމު ބުނެލިއެވެ.

"އަހަރެންވެސްތަ؟… ހާދަ އިތުބާރެއްވެސް ނޯވެޔޭދޯ؟" ދީނާ ހިތްހަމަނުޖެހުނެވެ.

"ނޫނޭ… އެއީ ސަމާސާ. ކީއްވެތަ އެހާ އަވަހަށް ދާން ތިޔައުޅެނީ؟.. މިކަހަލަ ފުރުސަތެއް އަބަދަކު ލިބޭނީކީ ނޫން."

"މިހާރުވެސް މާލަސްވެއްޖެ… ޑްރާމާ ނިމޭއިރަށް މަންމަ ހޯދަނެޔޭ. މިރޭ ވަރަށް ގޯސްވާނެ ކަންނޭނގެ،" ދީނާ ހުރީ ހާސްވެފައެވެ.

"ހަމަޖެހިބަލަ ދީނާ… ކޮންމެވެސް އެއްޗެކޭ ކިޔައިގެން ތިކަން ހަމަޖެއްސިދާނެއެއްނު."

"މިއައީ ނަދުވާމެންގެއަށޭ ކިޔާފައި… އެކަމަކު މިހާ ލަސްވެއްޖެއްޔާ، އެގެއަށް ގޮސް މަންމަ ބަލާވެސްފާނެ… ސިމާމަކަށް ނޭނގޭނެ މަންމަގެ ގޮތެއް،" ދީނާގެ މޫނުމަތިން އޭނާ ހާސްވެފައި ހުރިވަރު ސިމާމަށް އެނގުނެވެ.

"އޯކޭ… އެހެންވީއިރު އަހަރެންމިދަނީ ދީނާ ދޭ ނަދުވާއާއެކު."

"ރުޅި އައީތަ؟" ސިމާމު އެހެން ބުނުމުން ދެރަވެލާފައި ދީނާ އެހިއެވެ.

"ނޫނޭ ލޯބީ… އެއްކޮށް ދަނިކޮށް ބަޔަކަށް ފެނިއްޖެނަމަ ރަނގަޅެއް ނުވާނެދޯ؟" ސިމާމު ހިނގައިގަތެވެ.

"ވާތެރޭން… ބިރެއްވެސް ނުގަނޭތަ؟" ސިމާމު ވަލުތެރެއިން ގޮސް ރަށުގެ އަވަށުތެރެއަށް ދާން އޮންނަ މަގުން ހިނގައިގަތުމުން ދީނާއަށް އަހައިލެވުނެވެ.

"ކޮން ބިރެއްތަ؟ އަހަންނަކީ ޖިންނިއެކޭ،" މިހެން ބުނުމާއެކު ސިމާމު ވަރަށް ބާރަށް ހީނގަތެވެ.

"ދެން ސިމާމު،" ދީނާ އަށް ބިރުން ތެޅިގަނެވުނެވެ.

"ހޫނ… ދެން ނަނީއްޔޭ ލޯބީ،" ދީނާގެ ތުންފަތުގައި ލޯބިކޮށްލަމުން ސިމާމު ކުރިއަށް ހިނގައިގަތެވެ. ސިމާމު ލޯމަތިން ގެއްލެންދެން ދީނާއަށް ހުރެވުނީ، ސިމާމު ދިޔަ ދިމާއަށް ބަލަހައްޓައިގެންނެވެ. ސިމާމު ގޮސް އޮބާލުމުން ނަދުވާ ކައިރިއަށް ދިއުމަށް ދީނާ ހިނގައިގަތެވެ.

"ހިނގާ ގެއަށް ދަމާ. ސިމާމު ހިނގައްޖެއޭ،" ދީނާ އައިސް ނަދުވާގެ ކައިރީގައި މަޑުކޮށްލިއެވެ.

"އޭނ.. ސިމާމު އައިތަ؟ އެކަމަކު އަހަންނެއް ނުދެކެން،" ނަދުވާ ދެލޯ ފުހެލުމަށް ފަހު އާނފުރެލިއެވެ.

"އަސްލުވެސް… ނުދެކެންތަ؟ އެކަމަކު ދެންމެ ދިޔައީވެސް،" ދީނާގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދުނެވެ.

"ދީނާ ހުރިތަން އަހަންނަށްވެސް ފެނެޔޭ… އަހަރެން ހިތަށްއެރި ކީއްވެބާޔޭ ދީނާ އެކަނި ހުރެގެން ވައްތަރުތަކެއް ޖައްސަނީ.."

"ޕްލީޒް ސަމާސާނުކޮށް ބުނެބަލަ… ހަމަ އަސްލުވެސް ނުދެކެންތަ؟ މިހެން މިބުނީ މިރޭ ސިމާމުވެސް ބުނި އޭނައަކީ ޖިންނިއެކޯ؟ އަޅެ ނަދުވާ އަހަރެން ވަރަށް ބިރުގަނޭ."

"އާނއެކޭ… ކޮބާ؟ ހަމަ އަހަންނަށް ހީވިގޮތަށް ތާ މިވީ… އަދިވެސް މިކަހަލަ ނާންމާން ތަންތަނަށް އަންނާތި މާފޮޅުވަން… ރީތި ވެއްޖެއެއްނު،" ނަދުވާ ކުރިއަށް ހިނގައިގަތެވެ.

ދީނާ އިރުއިރުކޮޅާ ފަހަތް ބަލާލައެވެ. އޭނާ އެ ހުރީ ބިރުގަނެފައެވެ. ލޯބިވެރިޔާ ކަމަށް ހިތާ ޖިންނިއަކާ ވާހަކަ ދެއްކުނީމައެވެ. ކުއްލިއަކަށް ކާއްޓެއް ވެއްޓުމާއެކު، ދެބުޅަލެއް ކޯޅިގަތް އަޑު އިވުނެވެ. އިރުކޮޅަކުން ކަޅު ބުޅަލެއް ކުއްލިއަކަށް އެމީހުންގެ ކުރިމަތިން ހުރަސްކޮށްލިއެވެ. އެއާއެކު، ގަތް ބިރުން ދީނާއަށް ރޮއިގަނެފައި ނަދުވާގެ ގައިގާ އޮޅުލައިގަނެވުނެވެ. ނަދުވާ އުޅެއުޅެ ދީނާ އޭނާގެ ގައިން ދޫކުރާގޮތެއް ނުވިއެވެ. އެހެންކަމުން އޭނާ އަކަށް ކުރިއަކަށް ހިނގައިވެސް ނުގަނެވުނެވެ. ދެމީހުންގެ ހިތަށްވެސް ބިރުވެރިކަން ވެރިވެފައި ވަނީ އިންތިހާ ދަރަޖައަށެވެ. މި ހަމަހިމޭން ވަގުތު ރަށުގެ އެކަހަރި ހިސާބެއްގައި، ޚާއްސަކޮށް މީހުން ނޫޅޭ ސަރަހައްދުގައި ހުރެވުމުން އެކި ކަހަލަ އަޑުތައްވެސް ދެމީހުންނަށް ސިފަވަމުންދަނީ ބިރުވެރި ކޮށެވެ.

"ދެންވެސް އަވަހަށް ހިނގާ ގެއަށް ދެވޭތޯ.." ނަދުވާ މިހެން ބުނީ އޭނާގެ ހިތަށްވެސް ބިރުވެރިކަން ވެރިވީމައެވެ. އެހެންކަމުން ދެމީހުން ހިނގުނު އެންމެ ބާރަކަށް ގެއާދިމާއަށް މިސްރާބު ޖެހިއެވެ.

ކުއްލިއަކަށް އެމީހުން އަރާހަމަވުމާއެކު ނިކަގަހަކުން ބައިވަރު ކޮވެލިތަކެއް އަޑުލައްވާލުމަށްފަހު އުދުހިގަތެވެ. ދެމީހުންނަށްވެސް އެކަކުގެ އަތުގައި އަނެކަކު ހިފައިގެން ދުވެވުނު އެންމެ ބާރަކަށް ދުއްވައިގަތެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *