Support Us

ތިބާ އެކަންޏެއް ނޫން

ތިބާ ގިނަގިނައިން ލިބުމަށް ނޭދޭށެވެ! ފަހެ ހަމަހިމޭންކަމާއި ވަންހަނާކަމުގައި މަސައްކަތް ކުރާ ވަރަށް ގިނަ ބަޔަކު އުޅެއެވެ. އެމީހުން ކުރިއަރައިދިޔުމަށް ވާދަކުރެތެވެ. އެމީހުންނަށް ބަދަލު ނުދޭތީ ހިތާމައެއް  ނުކުރެތެވެ. އެމީހުންނަށް ފުރްސަތު ގެއްލުނަސް ކަނަކަށް ވަދެ ނުބޮނދައެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. ((فَسَقَىٰ لَهُمَا ثُمَّ تَوَلَّىٰٓ إِلَى ٱلظِّلِّ فَقَالَ رَبِّ إِنِّى لِمَآ أَنزَلْتَ إِلَىَّ مِنْ خَيْرٍ فَقِيرٌ- سورة القصص: 25– މާނައީ: ފަހެ، އެކަލޭގެފާނު (އެ ދެ އަންހެނުންގެ ޖަނަވާރުތަކަށްޓަކައި) އެ ދެ އަންހެނުންނަށް ފެންދެއްވިއެވެ. ދެން އެކަލޭގެފާނު އެނބުރި (ގަހެއްގެ) ހިޔަލަށް ވަޑައިގަތެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާއަށް ދެއްވި ކޮންމެ ހެވަކަށް ހަމަކަށަވަރުން، މިއަޅާވަނީ ބޭނުންވެގެންނެވެ.))

ބަލާވެރިކަމުގައި ވެސް ތިބާ އެކަންޏެއް ނޫނެވެ. ތިބާއަށްވުރެ މާ ބޮޑަށް ބަލާވެރިކަން ތަޙައްމުލު ކުރަމުންދާ އެތައް ބަޔަކު އެބަ އުޅެއެވެ. އެމީހުން މި ބަލާތަކަށް ކެތްކުރެތެވެ. ކުހެއް ނުތަޅަތެވެ. އަލްމުޞްޠަފާ ﷺ ގެފުޅުގެ ހިޔަލުގައި އިންނަވަނިކޮށް އަޞްޙާބުންކޮޅެއް ވަޑައިގެން ނަޞްރުދެއްވުން އަވަސްކޮށްދެއްވުމަށް ﷲއަށް ދެންނެވުމަށް އެދިވަޑައިގަތެވެ. އަދި އެބޭކަލުންނަށް ޓަކައި ﷲއަށް ދުޢާކޮށްދެއްވުމަށް ދެންނެވިއެވެ. އެހިނދު ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((كانَ الرَّجُلُ فِيمَن قَبْلَكُمْ يُحْفَرُ له في الأرْضِ، فيُجْعَلُ فِيهِ، فيُجاءُ بالمِنْشارِ فيُوضَعُ على رَأْسِهِ فيُشَقُّ باثْنَتَيْنِ، وما يَصُدُّهُ ذلكَ عن دِينِهِ، ويُمْشَطُ بأَمْشاطِ الحَدِيدِ ما دُونَ لَحْمِهِ مِن عَظْمٍ أَوْ عَصَبٍ، وما يَصُدُّهُ ذلكَ عن دِينِهِ، واللَّهِ لَيُتِمَّنَّ هذا الأمْرَ، حتّى يَسِيرَ الرّاكِبُ مِن صَنْعاءَ إلى حَضْرَمَوْتَ، لا يَخافُ إلّا اللَّهَ، أَوِ الذِّئْبَ على غَنَمِهِ، ولَكِنَّكُمْ تَسْتَعْجِلُونَ.- صحيح البخاري (٣٦١٢) – މާނައީ: ތިޔަބައިމީހުންގެ ކުރިން އީމާންވި މީހާ ހައްޔަރުކޮށްގެން ގެނެސް ވަޅެއް ކޮނެ އެއަށް ލައި ނޭރޭވަރަށް ފަސްއަޅައި އޭނާ ބޮލުން ފެށިގެން ދެ ފަޅިއަށް ފަޅިވާ ގޮތަށް ކީހައިލެވުނެވެ. އެކަމާހެދި އޭނާގެ ދީން ދޫކޮށެއް ނުލައެވެ. އަދި ދަގަނޑު ފުނަލުން އޭނާ ގައިން ކަށްޓާއި މަސް ވަކިވެގެންދާ ވަރަށް ފުނާއެޅެތެވެ. އެހެނަސް އެކަމާހެދި އޭނާ ދީން ދޫކޮށެއް ނުލަތެވެ. މާތްﷲ ގަންދެއްވާ ވިދާޅުވަމެވެ. މާތްﷲ މި ކަން ފުރިހަމަކޮށްދެއްވާނެކަން ކަށަވަރެވެ. ޞަންޢާއިން ޙަޟަރަ މައުތަށް ބިރެއްނެތި ހިނގައިފާ ދާނެތެވެ. ﷲ ފިޔަވައި އެހެން ފަރާތެއް ދެކެ ބިރުގަތުމަކާ ނުލައެވެ. މިނިކާކުއްތާ ދެކެ ކަންބަޅި ބިރު ނުގަންނާނެތެވެ. އެހެނަސް ތިޔަބައިމީހުން މާ އަވަސްވުން އެދެނީއެވެ.))

އުފެއްދުންތެރިކަމާއި އީޖާދުގެ މައިދާނުގައި ތިބާ އެކަންޏެއް ނޫނެވެ.އުފެއްދުންތެރިންނާއި އީޖާދުވެރިން ވަރަށް ގިނައެވެ. ތިބާ އެމީހުންގެ އުފެއްދުންތަކާއި އީޖާދުތަކަށް ބަލާލައިފިނަމަ ތިބާގެ ޢަމަލުތަކުގެ މަދުކަން ވަގުތުން ކިރިގެންދާނެއެވެ. އޭރުން ތިބާއަށް އިތުރު ހިތްވަރަކާއެކު މަސައްކަތްކުރަންޖެހިފައިވާކަން އެނގޭނެތެވެ. އެމީހުންގެ މަސައްކަތްތަކަށް ތިބާ ފުރަގަސްދީފިނަމަ ތިބާއަށް ހެއްލުންތެރިކަން ލިބި މަގުއޮޅި ނާކާމިޔާބުވެރިއަކަށް ވެދާނެއެވެ.

ނާކާމިޔާބީއާއި ފޭލްވުމުގައި ވެސް ތިބާ އެކަންޏެއް ނޫނެވެ. ދުނިޔޭގައި ވަރަށް ގިނަ ބަޔަކު ވަނީ ނާކާމިޔާބާ ކުރިމަތިލައިފައެވެ. އެމީހުން އަލުން މަސައްކަތްކޮށްގެން ކާމިޔާބު ވަނީ ހޯދައިފައެވެ. ބައެއް ނާކާމިޔާބުވެރިން މަސައްކަތްކޮށް  ނާކާމިޔާބުވެ ހަލާކުވެސް ވަނީ ވެފައެވެ. މި ދެ ގިންތީގެ ކިބައިން ވެސް ތިބާ ހިތްވަރު ހޯދާށެވެ! ކުށެއް ހެދުނީމާ އަލުން އެ ކުށަށް ވައްޓައިލިޔަ ނުދޭށެވެ! ކުޑަ ކުށެއް ކުރެވުނީމާ ބޮޑު ކުށަކަށް އަރައިނުގަންނާށެވެ! رسول الله ﷺ ޙަދީސް ކުރެއްވިއެވެ. ((والَّذِي نَفْسِي بِيَدِهِ، لوْ لَمْ تُذْنِبُوا لَذَهَبَ اللَّهُ بِكُمْ، وَلَجاءَ بِقَوْمٍ يُذْنِبُونَ، فَيَسْتَغْفِرُونَ اللَّهَ، فَيَغْفِرُ لهمْ.- أخرجه مسلم (٢٧٤٩)- މާނައީ: ތިމަންކަލޭގެފާނުގެ ނަފްސުފުޅު އެ ފަރާތެއްގެ ބާރުގެދަށުގައިވާ ފަރާތް ގަންދެއްވާ ޙަދީސްކުރައްވަމެވެ. ތިޔަބައިމީހުން ފާފަ ނުކުރާނަމަ ﷲ ތިޔަބައިމީހުން ނެތިކުރައްވައިފީހެވެ. އަދި ފާފަކޮށް ފާފަފުއްސަވާ ދެއްވުމަށް ﷲއަށް ދަންނަވާ ބަޔަކު ގެންނަވައިފީހެވެ. ފަހެ އެކަލާނގެ އެބައިމީހުންނަށް ފުއްސަވާ ދެއްވާނެތެވެ.))

އަމާޒަށް ވާޞިލުވުމުގައި ތިބާ އެކަންޏެއް ނޫނެވެ.ހެޔޮމަގު އެނގި އަމާޒުފަތްގަނޑަށް ވާޞިލުވެފައިވާ މީހުން ވަރަށް ގިނައެވެ. ހެޔޮބަސްބުނެ ހެޔޮމަގު ދައްކާ މީހުން ވަރަށް ގިނައެވެ. ތިބާއަކީ އެހެން މީހުންގެ މައްޗަށް އަތްގަދަކުރާ މީހަކަށް ނުވާށެވެ! ތިބާގެ ބަހަކީ ހަމައެކަނި ރަނގަޅު ބަސްކަމަށް ހަދަން ނޫޅޭށެވެ!

ތިބާއަކީ އެކަނި ނޫންކަން އަބަދުވެސް ހަނދާންކުރާށެވެ!

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *