Support Us

ޕާކިން ޖޫރިމަނާ ގޮތުގައި ހިމެނޭ 2.8 މިލިއަން ރުފިޔާގެ ޖޫރިމަނާ މައާފްކޮށްދީފި

ގަވާއިދާ ހިލާފަށް ޕާކްކުރުމުގެ ސަބަބުން ކޮށްފައިވާ ޕާކިން ޖޫރިމަނާގެ ގޮތުގައި ހިމެނޭ 2.8 މިލިއަން ރުފިޔާ މި ސަރުކާރުން މައާފްކޮށްދީފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓްރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ ޕާކްކުރާނެ ތަނެއް ނުދައްކާ ސްޓިކާ ނުޖަހާނެ ކަމަށް ކުރީގެ ސަރުކާރުން ވެފައިވާ ވައުދާ ހިލާފަށް ކޮށްފައިވާ ހުރިހާ ޕާކިން ޖޫރިމަނާ މި ސަރުކާރުން މައާފްކޮށްދީފައިވާ ކަމަށެވެެ.

އެގޮތުން މި އަހަރުގެ ސެޕްޓެމްބަރު ފަހަކުން ފެށިގެން ނޮވެމްބަރު 16ގެ ނިޔަލަށް ކޮށްފައިވާ ޕާކިން ޖޫރިމަނާ ގާނޫނުގައިވާ ގޮތުގެ މަތިން މައާފްކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

ޕާކިން ޖޫރިމަނާ މައާފްކޮށްދެއްވުމަކީ ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅެއް ކަމުގައިވާއިރު އެ ވައުދަކީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ ކަމެކެވެ.

"އެ ޖޫރިމަނާތަކުން އަސަރުކޮށްފައިވާ ފަރާތްތަކަށް މިއަދުން ފެށިގެން އެ ޖޫރިމަނާ މައާފްވެގެންދާނެ،" ފިރުޒުލް ވިދާޅުވި އެވެ.

މާލޭގެ ޕާކިން ޖާގައިގެ މައްސަލައަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމުގައިވާއިރު މި މައްސަލަ ހައްލުކޮށްދެއްވުމަކީ ވެސް ޑރ. މުއިއްޒުގެ ވެރިކަމުގެ ސަތޭކަ ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެވެ. އަދި ސަރުކާރުން ވަނީ މާލޭގައި ޕާކިންއަށް ބޭނުންވާ އިމާރާތްތައް ހެދުމުގެ މަސައްކަތް ވެސް ކުރަމުން ގެންދާ ކަމަށް ފިރުޒުލް ވިދާޅުުވި އެވެ.

އެމްޑީޕީގެ ސަރުކާރުން ރިޔާސީ އިންތިހާބުގެ ތެރޭގައި ވަނީ 2018 ވަނަ އަހަރުން ފެށިގެން 05 ނޮވެމްބަރު 2023 ގެ ނިޔަލަށް ކޮށްފައިވާ ޕާކިން ޖޫރިމަނާތައް މައާފްކޮށްދީފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *