Support Us

ކޮލަމް ތަޖޫގެ ދުލުން

ކޯވިޑާއެވެ! ކަލެއަށް މާފެއް ނެތެވެ!

ކޯވިޑާއެވެ. ކަލެއަކީ މީހުން މަރާ މުޖުރިމެކޭ، ޓެރަރިސްޓެކޭ، ގާތިލެކޭ އެބުނާ ބުނުން މަ ލޮލުންބޮލުން ގަބޫލު ކުރަމެވެ. ކަލޭގެ ބާރާ މެދު މަށެއް ސުވާލެއް ނުއުފައްދަމެވެ. އެއްވެސް ޑޮކިއުމަންޓެއް ނެތި ބޯޑަރު ހުރަސްކޮށް ގައުމުތަކަށް އަރާފައިބާތަން މަ އެބަ ދެކެމެވެ. ޗައިނާ އާއި އިޓަލީގައި ކަލޭ ހިންގި ބޮޑު ގަތުލު އާންމާއި އެމެރިކާ އާއި ބްރެޒިލްގައި ތިކުޅޭ ޗަރުކޭސް ވެސް މަށަށް އެބަ ފެނެ އެވެ. އިންޑިއާ ހިސޯރުކުރަމުން ތިޔަ ގެންދާ އަނިޔާވެރި ވެރިކަން ވެސް މަށެކޭ އެއްގޮތަށް މުޅި ދުނިޔެ ވެސް އެތިބީ ދެކޭށެވެ.

ކޯވިޑާއެވެ. ކަލޭގެ ތިޔަ ރަހުމުކުޑަ ދެ ކަންފަތަށް މި ގައުމުގެ ސިޔާސީ ވެރިން އެ ދައްކާ މޮޅު ވާހަކަ އިވޭ ހެއްޔެވެ؟ އެޗް.ޕީ.އޭ މިހާރު ބިމަށް ފޫ ހަރާލައިގެން އިންނަތަން ކަލެއަށް އެބަ ފެނޭ ހެއްޔެވެ؟ ރައްޔިތުންގެ މިހިރަ ބޯހަރުކަމާއި ޒާތްކޮޅު ބޮޑުކަން ކަލެއަށް ނުފެންނަނީ ހެއްޔެވެ؟

ކޯވިޑާއެވެ. ކަލޭގެ ނަން އިވުނަސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ބިރުން އެބަ ވިރެއެވެ. ޑޮކްޓަރުންނާއި ހަކީމުންނާއި ސައިންސްވެރިން ހުމާ އެބަ ފިހެއެވެ. އެކަމަކު އަހަރުމެންގެ ބޮޑު މަޖިލީހުގެ ބޮޑު ރައީސް އާއި ބޮޑު މެޖޯރިޓީ ބޭފުޅުންނަށް ބޮލުން ވެއްޓުނު އިސްތައްޓެކޭ ވެސް ހިތަކަށް ނާރައެވެ. ރައްޔިތުންގެ ހައްގުގައި ނޭވާނުލެވޭ ވަރަށް ކަރަށް ޓައި ބާރުކޮށްގެން ތިބެ ކަލޭތީ އަރިދަފުސް ރޯގާއަކަށްވުރެ ވެސް ބަލިކަށި ބަލިމާނެކޭ އެބޭފުޅުން ނުގޮވާ ހެއްޔެވެ؟ ރަށު ސިއްހީ މަރުކަޒުގައި ބާއްވައިގެން ކޯވިޑަށް ފަރުވާ ކުރެވޭނޭ އެމީހުން ނުކިޔާ ހެއްޔެވެ؟ ކަލޭ ދެކެ ބިރުން ދަތުރުފަތުރާއި ވިޔަފާރި ހުއްޓާލާފައި ގެއަށް ވަދެ ތަޅުލާކަށް ނުޖެހެއޭ، މީ މީހަކު ބިރުން އުޅޭވަރުގެ ކަމެއް ނޫނޭ އެމީހުން ނުގޮވާ ހެއްޔެވެ؟ ކަލޭ މި ގައުމަށް އައިމާ ވެސް ބޯޑަރު ހުޅުވާ އަޅައިގެން "ބިރުކުޑަ އަލީ" ހެދިފައި އެމީހުން ނުތިބޭ ހެއްޔެވެ؟

މަ މިހެން ބުނީމާ ކަލޭ ކަރުން ނާރު ނަގާފައި ބުނާނީ އޭރު އެބޭފުޅުންނަށް ނުވިސްނުނީ އެވެ. މިހާރަކު އެހެނެއް ނުކިޔައެއް ނޫން ހެއްޔެވެ؟ ރަނގަޅެވެ. މިހާރަކު އެހެނެއް ނުކިޔަ އެވެ. މިހާރު މި ކިޔަނީ ކަލޭނޭ ކޯވިޑް ވަރަށް ނުރައްކަލޭ، އަތްދޮންނާށޭ، މާސްކް އަޅާށޭ، ގޭގައި ތިބޭށޭ، ބަލި ފެތުރެނިއްޔޭ، މެޑިކަލް ފެސިލިޓީތައް ފުރެނިއްޔޭ، ބަޖެޓް ތާށިވަނިއްޔޭ، ދަތި ހަމަސް އަންނަނިއްޔޭ، މިހެންނެވެ. ކޯވިޑޫއެވެ. އޭރު ވެސް ކަލޭގެ ނުރައްކާތެރިކަން އެމީހުންނަށް އެނގެ އެވެ. ދެ ފަހަރު ދެގޮތަށް އެ އަނގަތަކުން ވާހަކަ ދައްކަނީ ކަލޭ އެމީހުންނަށް ކިހާ ވަރެއް ދީގެން ހެއްޔެވެ؟

ދެން އޮތީ ކުރިން ޒިންމާ ނެގި، މިހާރު ޒިންމާ ނުނަގާ އެޗް.ޕީ.އޭގެ ވާހަކަ އެވެ. ކުރިން ތި ކޯވިޑްގެ ހުސްހަށިބައި ކަމާއެކު މަގުތަކުގައި ހިނގާފައި އޮވެދާނެ ކަމަށް އެޗްޕީ.އޭ އިން ނުކުމެ މާލެ އާއި ހުޅުމާލޭގެ މަގުތައް ޑިސްއިންފެކްޓްކުރެ އެވެ. ކަލޭގެ ލޮލުގެ ކުޑަކޮޅުން ބަލާލާފައި ހުރިހެން ހީވާ މީހާވެސް އޭރު "ކޮންޓެކްޓްރޭސިން"، "ޑައިރެކްޓް ކޮންޓެކްޓް" ކަހަލަ ނަމެއް ކިޔައިފައި ރުހުނަސް ނުރުހުނަސް ދަމާ ގެންގޮސް 14 ދުވަސް ވަންދެން ދުރުގައި ބަހައްޓަ އެވެ. މަޑު ތަންމައްޗާއި މީރު ކާނާ އެމީހަކަށް ދީގެން އެމީހެއްގެ ހާލު ދެކެން އެޗް.ޕީ.އޭ ބޭފުޅުން ބޯލާކޮޅުގައި ހޭލާ ތިއްބެވި އެވެ. އެކަމަކު މިހާރު ކަލޭ ވައިރަސް ޓްރާންސްފަރކޮށްދޭ މީހާ މަތިމައްޗަށް ފައްސިވެ އައްސިވެގެން ވެސް ހުންނަން މި ޖެހެނީ ގޭގަ އެވެ. ސަލާމަތުން ތިބި މީހުންނަށް ބަލި ފަތުރާލަން މީހާ ބޮޑު އިނާޔަތެއް ކަލެއަށް ދެއްވީ ކަލޭ އެޗް.ޕީ.އޭ އަށް ކިހާވަރެއް ދީގެން ހެއްޔެވެ؟ ސާޅީސް މީހުން ފަންސާސް މީހުން ދިރިއުޅޭ ގޭގޭގައި އެ އެންމެންނަށް ބަލި ޖެހުނަސް ހެޔޮ ކަމަށް ކޯވިޑް އެ ގޭގެއިން ފެންވަރައި، ނިދައި، ކައިބޮއި ތި ހަދަނީ އަނެއްކާ ރެސިޑެންޓް ވިސާއެއް ކަލެއަށް ދެއްވީ ހެއްޔެވެ؟ ނޫނީ ކަލޭ ބަލި ނުފަތުރާން ވައުދުވެ ބުޅާ ހައްޖަކުން ހައްޖުވީ ހެއްޔެވެ؟

ދެން އޮތީ އަހަރުމެން ރައްޔިތުންގެ ބޯހަރުކަމުގެ ވާހަކަ އެވެ. ކަލޭ މިތަނަށް އައިތާ ކުރީކޮޅު ގެއަށް ގަންނަ ހަނޑޫ ކިލޯ އާއި ފުށްކިލޯ ވެސް އޭރު ގެއަށް ވެއްދީ ޑިސްއިންފެކްޓްކޮށްފަ އެވެ. އެކަމަކު މިހާރު އެބުނާ ޑިސްއިންފެކްޓް ކުރާ މީހަކު ރަށުތެރެއިން ހޯދުމަކީ ކަޅު ކާޅަކުން ހުދު ފަތެއް ހޯދުން ކަހަލަ ކަމެކެވެ. ސެނިޓޭޒަރުން ފެންވަރައިގެން ދެލޮލުގައާ އެއްކޮށް މާސްކު އެޅި މީހުން މިއަދު މާސްކު އެޅުވުމަކީ ވެސް މަޖުބޫރުން ކުރުވަންޖެހޭ ކަމެކެވެ. ބަކަރި ގައިގައި އުކުނު އެޅީމާ މޫދަށް ލާން ގެންދާހެން ބަޔަކު ދަނޑިބުރި ހިފައިގެން ތިބެން އެބަ ޖެހެ އެވެ.

ކޯވިޑާއެވެ. ދޮގު ނުހަދާ ތެދަށް ބުނެބަލާށެވެ. އަހަރުމެންގެ ގައިގައި މިހުރި ދޯދިޔާކަމާއި ގީދަޅުކަމާ އެކުވެސް މާތްﷲގެ ހެޔޮ ރަހުމަތްފުޅާއެކު ކަލެއަކަށް މި ބިމުގައި މާބޮޑު ކާމިޔާބެއް ނުލިބެ އެވެ. އަދި ނުވެސް ލިބޭނެ އެވެ.

ކޯވިޑާއެވެ. ކަލޭގެ ރަހުމުކުޑަ ދެއަތުން ކުށެއް ނެތް ައެތައް ހާސް ބައެއްގެ ފުރާނަ ކަލޭ ގެންގޮސްފި އެވެ. ކަލެއަކަށް އަހަރުމެނެއް މައާފެއް ނުކުރާނަމެވެ. އަދި ކަލޭ ބަޔަކަށް ކިތަންމެ ބޮޑު ލާރިގަނޑެއް ހޯދައިދިނަސް ކަލޭގެ މައްޗަކަށް މި ދިވެހިންގެ ހިތް ހަލާލެއް ނުވާނެ އެވެ. މިއީ ސައްތައިން ސައްތަ މުސްލިމް ގައުމެކެވެ. ކަލޭގެ ފުށުން އިރާދަކުރެއްވިއްޔާ އަދި އަހަރުމެން ސަލާމަތްވާނަމެވެ. ކަލޭ މިތަނުން ނެރެ، ފައްސާލާނަމެވެ. ކޮންމެ ދުވަހެއްގެ އިރުއަރާނީ މި ދުއާއާ އެކުގަ އެވެ. އިރުއޮއްސޭނީ ވެސް ދިވެހިންގެ މި ދުއާގެ މައްޗަށެވެ. މާތްﷲގެ ރަހުމަތްފުޅާ މެދަކު އަހަރުމެން ޝައްކެއް ނުކުރަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
43

4 Responses

  1. ވަރަށް ވެސް ފުރިހަމަ، ތިރުޅިޔާ ނަފުރަތު އަޅުގަޑުގެ ހިތުގައި ވެސް ކޮވިޑާ ދޭތެރޭއެބައޮތް، ދުއާ އަކީ މިބަލި މަޑުކަމުން އަވަހަށް ސަލާމަތް ވުން!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *