ރާއްޖޭގެ ހައިޑްރޯގްރަފީއެއް ހެދުމަށް ރާއްޖެ އާއި އިންޑިއާއާ އެކު ހަދާފައިވާ އެއްބަސްވުން އާނުކުރުމަށް ސަރުކާރުން ނިންމައިފި އެވެ.
"ހަފްތާ14″ ގެ ތެރޭގައި ސަރުކާރުން ކުރުމަށް ކަނޑައަޅާފައިވާ ކަންކަން މިހާތަނަށް ކުރިއަށް ގޮސްފައިވާ ކަންކަމާ ބެހޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓްރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ ހަތަރު ހަފްތާގެ ތެރޭގައި މިސަރުކާރުން ކުރުމަށް ކަނޑައަޅާފައިވާ 17 ކަމެއް ހިމެނޭ އިރު މިހުރިހާ ކަމެއް ހާސިލްކުރެވިފައިވާ ކަމަށެވެ.
އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސަރުކާރުން އިންޑިއާ އެކު ހަދާފައިވާ 100 އަށްވުރެ ގިނަ އެއްބަސްވުންތައް ހިމެނޭއިރު އޭގެ ތެރޭގައި ހިމެނޭ ރާއްޖޭގެ ހައިޑްރޯގްރަފީ ހެދުމަށް އިންޑިއާ އެކު ހަދާފައިވާ އެއްބަސްވުން އާ ނުކުރަން ނިންމާ އެކަން އިންޑިއާ އަށް އަންގާފައިވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
"ހައިޑްރޯގްރަފީ އެއްބަސްވުން އާނުކުރުމަށް ނިންމާ އެކަން އިންޑިއާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން މުއާމަލާތްކުރެވިފައިވޭ،" ފިރުޒުލް ވިދާޅުވި އެވެ.
ފިރުޒުލް ވިދާޅުވީ މިނިންމުން ނިންމާފައިވަނީ "ހަފްތާ14″ ގައި ދިވެހި ރާއްޖޭގެ މިނިވަން ކަމާ ސިޔާދަތަށް ނުރައްކާވާ ކަންކަން އުވާލުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ.
ފިރުޒަލް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިގޮތަށް ނިންމަވާފައިވަނީ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު، ރާއްޖޭގެ ކަނޑުފަޅުތަކުގެ މައުލޫމާތަކީ ޒަމާނުއްސުރެ ދިވެހިންގެ ރައުސްމާލެއްގެ ގޮތުގައި ދެކި އެގޮތަށް އަމަލް ކުރަމުން އައި ހާއްސަ މައުލޫމާތުތަކެއް ކަމުގައިވާއިރު އެކަން އެގޮތުގައި ދެމެހެއްޓުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމާ ގުޅިގެން ކަމަށެވެ. އަދި އެ މައުލޫމާތުތައް ދިވެހި ރާއްޖޭގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށާއި އެހެން އެއްވެސް ބައެއްގެ ބައިވެރިވުން އެކަމުގައި ނުބާއްވާ ގޮތަށް ރައީސް ޑރ. މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
މި ނިންމެވުމާ އެކު ރައީސް ޑރ. މުއިއްޒު ވަނީ ހައިޑްރޯގްރަފީއާ ބެހޭ މަސައްކަތްތައް ކުރުމަށް އެމްއެންއެންޑީއެފާ ހަވާލުކުރައްވާ އެކަމަށް ބޭނުންވާ ބަޖެޓް ފޯރުކޮށްދެއްވާފައި ކަމަށް ވެސް ފިރުޒުލް ވިދާޅުވި އެވެ. އަދި މިހާރު އެ މަސައްކަތްތައް އެމްއެންޑީއެފްއިން ކުރިއަށް ގެންދާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ މައުލޫމާތު ލިބިގެންދާނީ ހަމައެކަނި ދިވެހިންނަށް ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
މި އެއްބަސްވުމުގައިވާ ގޮތުން 07 ޖޫން 2024 ގައި މި އެއްބަސްވުން ނިމުމަކަށް އަންނާނެ ކަމަށާއި މި އެއްބަސްވުން ކުރިއަށް ގެންދަން ބޭނުން ނުވާ ކަމުގައިވާނަމަ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ހަ މަސް ދުވަސް ކުރިން އެކަން އިންޑިއާއަށް އަންޖެހޭ ކަމަށެވެ. އަދި އެއްބަސްވުމުގެ މާއްދާތައް ހުރި ގޮތުން އެކަން ނާންގާނަމަ އޮޓޯއިން އެ އެއްބަސްވުން ފަސް އަހަރަށް ދިގު ދެމިގެންދާނެ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
ރާއްޖޭގެ މި ނިންމުމާ ގުޅިގެން އެއްވެސް ބަދަލެއް ސަރުކާރުން އިންޑިއާއަށް އެއްބަސްވުމުގައިވާ ގޮތުން ދޭން ނުޖެހޭނެ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.



advertisment