...

Support Us

ވާހަކަ: ހިތް އެދޭތީ- 4

"ކީއްވެތަ އަހަރެން ކައިރީގަ މަޑުކުރާށޭ ބުނީ؟ އަވަހަށް ބުނެބަލަ. ގެއަށް ދާން މިހާރުވެސް ލަސްވެގެން މިއުޅެނީ… މާ ލަސްވެއްޖެއްޔާ މަންމަ ހިތްހަމައެއް ނުޖެހޭނެ،" ސިމާމުމެންގެ ވާހަކަ އަޑު އެހުމަށް ޝައުގުވެރިނުވާ ރާގެއްގައި ނަދުވާ ވާހަކަ ދެއްކިއެވެ.

ނަދުވާގެ ވާހަކަ ހުރި ގޮތުން ސިމާމު ވަރަށް ދެރަވިއެވެ. އޭނާ އެތައް ދުވަހުއްސުރެ ހިތުއަޅައިގެން އެޅޭ ކަންތައް ކާމިޔާބު ނުވެދާނެތީއެވެ. ސިމާމުގެ ހިތުގެ ވާހަކަ ބުނުމުން ލިބިދާނެ ޖަވާބަކާ ދޭތެރޭ ވިސްނެނީއެވެ. ވެދާނެ ގޮތަކާމެދު ވިސްނޭވަރުން ސިމާމުގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ކޮންމެވެސް ވަރަކަށް މީހާ ދާހިތްލާންވެސް ފަށައިފިއެވެ. އެއް އަތުގެ އިނގިލި ތަކުން އަނެއް އަތުގެ އިނގިލިތަކާ މަޑުމަޑުން ކުޅެމުން ގެންދެވުނެވެ.

"މީ ސިމާމުގެ ކަމެއް. އޭނާ ބޭނުންވަނީ… ދިނާއާ ގުޅެން. އެހެންވީމާ ދީނާ ކައިރީ މިވާހަކަ ބުނެދީބަލަ،" މާ ދުރުދުރުން ވާހަކަ ގެންދާކަށް ޒައިން ބޭނުމެއް ނުވިއެވެ. އަދި ކިތަންމެ ގިނަ އިރަކު އެތާ ހުއްޓެއް ކަމަކު ސިމާމު އޭނާގެ ހިތް އެދޭ އެދުން ހާމައެއް ނުކުރާނެކަން ޒައިން އަށް އެނގެއެވެ. އެހެން ކަމުން ބޭނުންވާ ކަންތައްތައް ވަރަށް ސާފު ބަހުން ޒައިން ހާމަކުރިއެވެ.

"ދެންމެ ދީނާވެސް ހުއްޓެއްނު. އޭނާ ކައިރީގައި ބުނިނަމަ ކިހާ ރަނގަޅު ވީސް. އޭރުން އަހަރެން ކަނދުފައްޗަކަށް ހަދާކަށް ނުޖެހުނީހެއްނު،" އިތުރު ކަމެއްގެ ތެރެއަށް ބޯމަހާލަން ޖެހުނީއޭ ހިތަށް އެރުމުން ނަދުވާއަށް ބުނެވުނެވެ.

"އަހަރެމެން ހީކުރީ ދީނާވެސް މަޑުކުރާނެ ކަމަށޭ. އެކަމަކު… ޕްލީޒް ނަދުވާ އަހަންނަށް މިކަންކޮށްދީ.. އަޅެ ޕްލީޒް.." ސިމާމުގެ އަޑުގައި ވަނީ އާދޭހެވެ.

"އާނ އެންމެ ރަގަނޅު. ދެން ތިކަން ވޭތޯ އަހަރެން މަސައްކަތް ކޮށްދީފާނަން… އެކަމު ކާމިޔާބު ވެއްޖިއްޔާ ސައިއޮންނަންވާނެ،" ހީނލަމުން  ނަދުވާ ބުންޏެވެ. އަދި ގެއަށް ދިއުމަށް ހިނގައިގަތެވެ.

"ވަރަށް ބޮޑަށް ޝުކުރިއްޔާ. ނަދުވާ ކޮށްދިން އަވަހެއް އޮންނާނީ ސައި ލިބޭނެ،" ނަދުވާ ދާންފެށުމުން ސިމާމު ބުނިއަޑުއިވުނެވެ. އެއަޑަށް ނަދުވާވެސް ފަހަތް ބަލާލުމަށް ފަހު ހިނިތުންވެލިއެވެ.

"އެހެންވެ އަހަރެން ބުނީ ނަދުވާ ވަރެއް ނޯންނާނެޔޭ،" ސިމާމުގެ ކޮނޑަށް އަތް ވައްޓާލަމުން ޒައިން ބުންޏެވެ.

ސިމާމު އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.

"ޖަވާބަކަށް ދޯ އިންތިޒާރުކުރަންވީ؟ ކިހިނެއްބާ ވާނީ؟ ދީނާ ކީކޭބާ ނުނާނީ؟" ސިމާމު ބޮލުގައި އަތްކާއްތާލިއެވެ. ކުޑަކޮށްވެސް ހާސްވާ ކަހަލަ ކަމެއްވެއްޖެނަމަ އެއީ އޭނާގެ އާދައެކެވެ. އިންތިޒާރުގެ ވަގުތު އެހާ ދިގުވުމަކީ އޭނާ އެދޭ ގޮތެއް ނޫނެވެ. މިހާރުވެސް މާ ގިނަ ދުވަހު އެގޮތަށް އިންތިޒާރުގައި ހުރެވެއްޖެއެވެ. ކަމަކަށް އިންތިޒާރު ކުރުމަކީ ކިހާ ވަރެއްގެ ކަމެއްކަން ތަހައްމަލު ކުރެވިއްޖެއެވެ. އަދި ލޯބީގެ ކަމެއްގައެވެ. އެހެންކަމުން އެ "އަނިޔާ" އިތުރަށް ގިނަ ދުވަސްތަކަކަށް ދެމިގެން ދާކަށް ސިމާމުގެ ޟަމީރު ގަބޫލެއް ނޫނެވެ. އެހާ ހިތްވަރެއް އޭނާގެ ނެތެވެ.

"ތިކަމާ އެހާވަރަށް ނުވިސްނާ…. ކޮންމެވެސް އެއް ޖަވާބެއް ލިބޭނެއެއްނު،" ޒައިން އަކީ ކޫލް މީހެކެވެ. އޭނާ އޭގެ ކަންކަމަކާ ހާހެއް ނުވާނެއެވެ. ދުނިޔެއިން އަންހެނުން ހުހެއް ނުވާނެއެވެ. އެއީ ޒައިންގެ އަތްމަތީ ބަހެކެވެ. މޫދުގައިވާ ކޮންމެ މަހަކަށް ގަލެއް ވާނެއެވެ. އަންހެނެއް ނުލިބިގެން ގޮތް ހުސްވެގެން އުޅޭނެ ކަމެއް ނެތެވެ. މިކަހަލަ ބަސްތަކުން ސިމާމުއަށް ހިތްވަރު ދިނުމަކީ ޒައިންގެ އާދައެވެ. އޭނާއަށް ކުދިން ކާމިޔާބު ވާލެއް ފަސޭހަކަމުން ވެސް ވާނީ އެހެންނެވެ.

ނަދުވާ މިސްރާބުޖެހީ ދީނާމެން ގެއާ ދިމާއަށެވެ. ޒައިންމެން އޭނާއަށް ގޮވުމުން ދީނާ ދިޔައީ އެކަމާ ހިތްހަމަނުޖެހިގެންކަން ނަދުވާއަށް އެނގޭތީއެވެ. އެހެންކަމުން ޒައިންމެން ކޮންމެ ވާހަކައެއް ދެއްކި ކަމުގައިވިއަސް އޭނާ ނިންމައިގެން ހުރީ ދީނާމެން ގެއަށްގޮސް ދީނާއަށް ހުރިހާ ވާހަކައެއް ކިޔައިދޭށެވެ. ނަދުވާ ދިޔަގޮތަށް ގޮސް ދީނާގެ ކޮޓަރީގައި ދެތިންފަހަރަކު ޓަކިޖެހިތަނާ، އެތެރެއިން ދީނާގެ އަޑު އިވުނެވެ.

"ކާކު؟… ހުޅުވާފަ ހުންނާނީ. ވަދޭ އެތެރެއަށް."

"އަހަ..ނަދުވާތަ. ކޮންވާހަކައެއް އެމީހުން ދެއްކީ؟ އެނެއްކާ ނަދުވާއާ ކަމެއްދޯ،" ދީނާ އޭނާގެ އެކުވެރިޔާ އާއި ދިމާކޮށްލިއެވެ.

"އަހަންނަކާ ނޫން. ދީނާ…،" ނަދުވާ ހީކުރި ގޮތަށް ދީނާގެ ހިތުގައި ވަނީ ކުށްހީއެއް ކުރެވިފައެވެ. އެކުށްހީއާއާކު، އޭނާގެ މޫޑް ވެސް ކޮންމެވެސް ވަރަކަށް ބަދަލުވެފައި ހުރިހެން ނަދުވާއަށް އިޙްސާސް ކުރެވުނެވެ. ވާހަކަ ދެއްކި ރާގުންނެވެ.

"ކީކޭ؟" ދީނާގެ ކަންފަތަށް އިވުނު އިވުން ޤަބޫލު ނުކުރެވޭ ކަހަލަ ގޮތަކަށް ނަދުވާއާއި ދިމައަށް ބަލައިލިއެވެ.

"އަސްލުވެސް… ދީނާ އާއި ރައްޓެހިވާން ސިމާމު ބޭނުންވަނީއްޔޯ. އޭނާގެ މީހަކަށް…،" ނަދުވާ ވާހަކަ ދައްކަމުން ދިޔައިރު ދީނާގެ މޫނުމަތި ވަނީ އުޖާލާވެފައެވެ.

"ދޮގުނުހަދާ ތެދަށް ބުނެބަލަ،" ދީނާ ބޭނުންވީ އިތުރަށް ޔަގީންކުރާށެވެ.

"ކީއްކުރަން އަހަރެން ދޮގުހަދަންވީ؟ އަހަރެން ކައިރީގައި ބުނީ ދީނާގެ ޖަވާބެއް ހޯދައިދޭށޯ.." ނަދުވާ އައިސް ދީނާ އޮތް އެނދުގެ މަގަތުގައި އިށީނެވެ.

"އަހަންނަށްވެސް ވަރަށް ކަމުދޭ ކިހާ ރީތި… ކިހާ ސްމާޓް،" ދީނާގެ ތައުރީފުގެ ބަސްތައް ފުރަތަމަ ފަހަރަށް ސިމާމުއަށް ރައްދުވިއެވެ.

"ތީގެ މާނައަކީ އާނއެކޭ ދޯ؟ ދެން ސުނޭޔޯ…!" ނަދުވާ ގަސްތުގައި ދީނާ ރުޅިއަރުވާލުމުގެ ގޮތުން ބުނެލިއެވެ.

"ސުނޭގެ ވާހަކަ އަހަރެން ކައިރީގަ ނުދައްކާ. އޭނާ އެހާ ވަރަށް އަހަންނާ ދިމާކޮށް… އަހަރެން ނުކުރާ ކަމަކާ އަހަންނާ ދިމާއަށް އެވަރަށް އެއްޗެހި ކިޔަންޏާ އަހަންނަށްވެސް ޖެހޭނީ އޭނާ މަތިން ހަނދާން ނައްތާލަންތާ. ކިތަންމެ ލޯތްބެއް ވިއަސް ދެން ހިޔެއްނުވޭ ސުނޭ ލިބޭނެހެނެއް… އިންތިޒާރުގައި މިހެން ހުރުންވާނީ ހަމަގައިވުވެސް ބޭކާރު ކަމަކަށް،" ދިނާ ހުރީ ދެރަވެފައެވެ.

ދެން އައީ ދީނާ އާއި ސިމާމުގެ ލޯބީގެ ބާބު ފެށިގެން އައި ދުވަސްވަރެވެ. ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ދެމީހުންގެ ލޯބިވެސް ދިއައީ ބަދަހިވަމުންނެވެ. ނަދުވާގެ އެހީތެރިކަމާއެކުގައެވެ. ސިމާމުވެސް ހުންނަނީ ވަރަށް އުފަލުންނެވެ. އޭނާގެ ހިތުގެ އެދުން ފުރިހަމަވީމައެވެ.

"މިރޭގެ ޕްލޭން އޮތީ ކޮންގޮތަކަށް؟" ރޭގަނޑު ނުވައެއް ޖަހާކަށް ހާއިރު ސިމާމު ބައިސްކަލުގައި އައިސް ދީނާގެ ގެ ކައިރީގައި މަޑުކޮށްލިއެވެ. އެއީ ދީނާވެސް އާދައިގެ މަތިން ސިމާމުގެ އިންތިޒާރީގައި ގޭގެ ބޭރުގައި މަގުމައްޗަށް ވާގޮތަށް ހުރި ޖޯލިފަތީގައި ޖައްސާލި ވަގުތެވެ.

"އެންމެން އެ ތައްޔާރުވަނީ ޑްރާމާ ބަލަން… އެވަގުތު ރަނގަޅުވާނެ. އަހަރެން ދާނަށް. މިވަގުތު އަވަހަށް ދޭ މިތަނުން. މަންމަމެން މީހަކަށް ފެނިދާނެ… އޭރުން ކަމަކުނުދާނެ."

"އެހެންވީމަ… ނުވަގަޑި ބަޔަށް އަންނާނަންދޯ؟ އަހަރެން އިންތިޒާރުކުރާނަން ތުނޑީގައި،" މިހެން ބުނެފައި ސިމާމު ބައިސްކަލު ދުއްވާލިއެވެ.

"ތުނޑިއަށް،" ދީނާއަށް މަޑުމަޑުން ކިޔާލެވުނެވެ. ވާނީ އެހެން ނޫންހެއްޔެވެ؟ އޭނާ ވަރަށް ބިރުގަނެއެވެ. އެހެންކަމުން ހަޤީޤަތުގައި ދީނާ ތުނޑިއަށް ދާކަށް ބޭނުމެއް ނޫނެވެ. އެހެނަސް ލޯބީގެ ހައްގުގައި ގުރުބާންތަކެއް ވާންވެސް ޖެހޭނެތާއެވެ. ހިޔާލުގެ ތެރެއަށް ގެއްލިފައި އިން ދީނާ އަށް ހޭވެރިކަންވީ ގޭތެއިން މަންމަ ގޮވާލި އަޑު އިވުމުންނެވެ. އެހެންކަމުން ދީނާ އެތެރެއަށް ވަނެވެ.

"ދަރިފުޅާ. އެންމެން މިތާ ޓީ.ވީ ބަލަން ތިބިއިރުވެސް ދަރިފުޅު ތިހުންނަނީ ތިތާ ބޭރުގައި… ކީއްތަވާނީ މިތާ މަންމަމެން ކައިރީގައި ހުރިއްޔާ؟ ބޭރުގައި ތިހެން ހުރެގެން ރީތި އަޑެއްވެސް ނާރާނެ… މިހާރު ކޮންމެ ރެއަކުތީ ދީނާގެ އާދައަކަށް ވެއްޖެ،" ދިޔާނާ ނަޞޭހަތްތެރިވިއެވެ. މައިންބަފައިން އަބަދުވެސް ދަރިންނަށް ނަޞޭހަތްތެރި ވާންވާނެއެވެ.

"ދެން މަންމާ. ހޫނު ވާތީއޭ އަހަރެން ބޭރަށް ނުކުތީ. ހެޔޮތަ އަހަރެން ނަދުވާމެންގެއަށް ދިޔައަސް؟" ނުވަގަޑި ބަޔަށް ގެއިން ބޭރަށް ދެވޭގޮތެއް ދީނާ ރާވާލިއެވެ.

"ހޫނ… އެކަމަކު ބުނަން އަވަހަށް އަންނަންވާނެކަން ހަދާންކުރަންވާނެ،"

ދީނާގެ މަންމަ ހުއްދަ ދިނުމުން، ވީއުފަލެއްގެ ބޮޑުކަމުން އެތާ ހުރެފައި ދީނާއަށް ނަށައިނުގަނެވުނީ ހަމަކިރިޔާއެވެ. ލާނެތް ހިނތުންވުމެއް ދީނާގެ ތުންފަތަށް ވެރިކުރުވިއެވެ. އެމީހުންގެ ރޭވުން ކާމިޔާބުވީމައެވެ. ގަޑީގެ ކަށި އެނބުރެމުން ގޮސް ނުވަގަޑި ބައިވާން ފަސްވަރަކަށް މިނެޓަށް ވީއިރު ދީނާއާއި ނަދުވާ ހިނގަމުންދިޔައީ ރަށުގެ ތުނޑިޔާ ދިމާއަށެވެ.

(ނުނިމޭ)

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.