Support Us

ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގައި ހޮވޭ އެއްވެސް މެމްބަރަކު ޕީއެންއެފަށް ނުދާނެކަން 100 ޕަސެންޓް ޔަގީން: އަދުރޭ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގައި ވާދަކޮށްގެން ހޮވޭ އެއްވެސް މެމްބަރަކު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އިސްވެ ހުންނަވައި އުފައްދަވާ ޕީ.އެން.އެފާ ނުގުޅޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޚާއްސަ މުޝީރު އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ސެނެޓަށްފަހު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކޮށް ހޮވޭ އެއްވެސް މެމްބަރަކު އެ ޕާޓީ ދޫކޮށްނުދާނެ ކަމަށެވެ.

"ނުދާނެކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ. އެއަށްވުރެ މާ ސާބިތުކޮށް މި ތިއްބެވީ އަޅުގަނޑުމެން އެންމެން،" އަދުރޭ ވިދާޅުވި އެވެ.

ރައީސް ޔާމީނާއި ޕީޕީއެމްގެ ލީޑަޝިޕާ ދެެމެދު އުފެދުނު ނުތަނަވަސްކަމާ ގުޅިގެން އެމަނިފާނު ވަނީ ޕީޕީއެމް ދޫކޮށްލައްވައިފަ އެވެ. އަދި އެއަށްފަހު އެމަނިކުފާނު އިސްވެ ހުންނަވައި އުފެއްދެވި ޕީއެންއެފް އަށް، ޕީޕީއެމަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ދަނީ ގުޅެމުންނެވެ.

ރައީސް ޔާމީން ސިޔާސީ ޕާޓީއެއް ހެއްދެވުމަކީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކަންބޮޑުވާ ކަމެއް ނޫން ކަމަށާއި ޕީޕީއެމް/ޕީއެންސީން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް މި ނިކުންނަނީ ރިޔާސީ އިންތިހާބު ކާމިޔާބުކުރި ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ނެގުމަށް ކަމަށް އަދުރޭ ވިދާޅުވި އެވެ.

އަންނަ އަހަރު ބާއްވާ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ނިކުންނާނީ އެކީގައި ކަމަށާއި އެ ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކަށް ވެސް މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީއާ އެކީގައި ވާދަކުރެވޭނީ ކަނޑައެޅޭ ވަކި ދާއިރާތަކަށް މި ޕްރައިމަރީގައި ވާދަކޮށްގެން ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އެމްޑީއޭ ކަަމަށް ވިޔަސް އެމްއެންޕީ ކަމަށް ވިޔަސް ވަކި ދާއިރާއެއް ކަނޑައަޅުއްވާ އަޅުގަނޑުމެން އެބޭފުޅުންނަކަށް ނުއެއްދެން. ދާއިރާގެ ޓިކެޓް ހޯއްދަވަން ޖެހޭނީ މި ޕްރައިމަރީގައި ވާދަކުރައްވައިގެން،" އަދުރޭ ވިދާޅުވި އެވެ.

މި އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ޕްރައިމަރީ މިމަހުގެ މިމަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފަ އެވެ.

މި ޕްރައިމަރީގައި ވާދަކުރެވޭނީ އަދި ވޯޓް ދެވޭނީ ވެސް މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް ޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ ގޮތުގައި ތިބޭ މީހުންނަށް އެކަނި ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *