Support Us

ވާހަކަ: ހިތް އެދޭތީ- 3

"ސިމާމު ރުހޭ ކަމަކަށް ވާނަމަ، މިއަދުން ފެށިގެން ތިކަމާ އުޅެދޭނަން… ދެން ހިނގާ ގެއަށްދަމާ،" މިހެން ބުނެފައި ޒައިން ހިނގައިގަތުމުން ފަހަތުން ސިމާމުވެސް ހިނގައިގަތެވެ.

"އަދިވެސް ސީރިއަސްކޮށް ބިޓެއް ނަގާކަށް ނުވޭތަ؟" ގެއަށް ދިޔަ މަގުމަތީގައި ސިމާމު ވާހަކަ ދެއްކީ ޒައިން އާއެވެ.

"އަހަރެން… ސީރިއަސްކޮށް ބިޓެއް ނަގަންވީ..؟ ތިކަމެއް ނުވާނެ. އަދި ނުފެނޭ އެވަރު ކުއްޖެއް. އެ ދުވަހަކުން ތިކަންވެސް ކުރާނަން،" ޒައިން ހީނގަތެވެ. ނަމަވެސް ސިމާމު ގާތަށް ހިންޏެއް ނައެވެ. އެކުވެރިޔާގެ އެ މިޒާޖު އޭނާއަށް ކަމުނުދާތީއެވެ. އެހެންވެ ސިމާމު އެ ވާހަކަ ޒައިން ކައިރީގައި ބުންޏެވެ.

"ޒައިންގެ ތިޔަ ގޮތްގަނޑު ފިލާނީ ކޮން ދުވަހަކުން؟ ތިހެން އުޅެނިކޮށް ފެންނާނީ ޒައިން ބާކީވިތަން. އެކަކަށްފަހު އަނެކަކަށް ލަނޑުދެމުން ދަނިކޮށް ފެންނާނީ ތިމާއަށް ލަނޑު ލިބޭތަން. އެ ދުވަހަކުންކަންނޭނގެ ޒައިންއަށް ވިސްނޭނީ،" ސިމާމު ނަސޭހަތްތެރިވިއެވެ.

ހަވީރުގެ ހިތްގައިމު ވަގުތަކީ ނަދުވާގެ ޚާއްސަ ވަގުތެކެވެ. ހަޔާތުގެ ކަންކަމާ މަޝްވަރާ ކޮށްލުމަށް ބެސްޓްފްރެންޑްގެ ގެއަށް ޒިޔާރަތްކޮށްލާ ގަޑިއެވެ. އެހެންކަމުން ކޮންމެހެންވެސް އެ ގަޑި ހުސްކޮށްލެވޭތޯ ނަދުވާ ބަލައެވެ. ކުރަން ހުރި މަސައްކަތެއް ވިއްޔާ ނިންމާލުމަށްފަހު ފެންވަރައި، ނަލަހެދިލިއެވެ. އާދައިގެ މަތިން މިއަދަކީވެސް އޭގެ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ފެންވަރާ ނަލަހެދިގެން ދީނާމެންގެއަށް ދާން ނުކުންނަނިކޮށް ނަދުވާގެ މަންމަ، ސަކީނާގެ އަޑު އިވުނެވެ.

"ދަރިފުޅާ. ހާދަ އަވަސް އަރުވާލާފައި ކޮންތާކަށް ތިޔަ ދަނީ؟ ހަވީރު ވެއްޖެނަމަ މަންމައަށް އެއްވެސް ކަމެއްކޮށްދޭނެ ކަމެއް ނެތްދޯ؟ މިއޮއްޒަމާނެއް ވިއްޔަ،" އެއީ ސަކީނާގެ އާދައެވެ.

ދަރިފުޅު ގެއިން ބޭރަށް ނުކުންނަ ކޮންމެ ފަހަރަކުހެން އެ ދާ ތަނަކާ ބެހޭގޮތުން އޮޅުންފިލުވާނެއެވެ. އޭގެ އިތުރުން އެތަކެއް ހާސަރެއް ދަމާނެއެވެ. އެއީ އޭނާގެ އާދައެވެ. މަންމަގެ ޝަކުވާތަކަށް ނަދުވާ ހުންނަނީ ހޭނިފައެވެ. އެހެންކަމުން މާބޮޑު އެއްޗެއް އޭނާގެ ހިތަކަށް ނާރައެވެ. ކިތަންމެ ޝަކުވާއެއް ކުރިއަސް ހިތްހަމަނުޖެހުމުގެ ކުޑަވެސް ލަފްޒެއް އޭނާގެ ދުލަކުން ބޭރެއް ނުކުރެއެވެ. މަންމަ އަށް ގަދަރު ކުރުމުގެ ގޮތުންނެވެ.

"މަންމާ. އަހަރެން މިދަނީ ހުރިހާ ކަމެއް ނިންމާފައޭ. އަންނާނަން އިރުއޮއްސުމުގެ ކުރިން. މިދަނީ ދީނާއާ ބައްދަލުކޮށްލަން އެ ގެއަށް،" ނަދުވާ ބޭރަށް ނުކުތެވެ.

"ނަދުވާ ތިއައީ އަހަރެން ތިގެއަށް ދާން އުޅެނިކޮށް،" ނަދުވާ އައިސް ދީނާގެ ކޮޓަރިއަށް ވަނުމުން ދީނާ ބުންޏެއެވެ.

"ދީނާ ތަތްކަމުންދޯ ދުވަހަކުވެސް އަހަރެން އަންނަންވާއިރަކަށް ނުވެސް ނިމޭނެ. ހިނގާބަލަ އަހަންނާއެކު ފިހާރައަކަށް ގޮސްލަން،" ޑްރެސިން ޓޭބަލް ކައިރީގައި އިން ދީނާއަށް މަލާމާތް ކުރާ ރާގަކަށް ނަދުވާ މިހެން ބުނުމަށްފަހު ހީނގަތެވެ.

"އާނ… އަހަރެންވެސް މިއުޅެނީ ތިހެންވެ. މި ނިމުނީ އަވަހަށް ހިނގާ ދެންވެސް،" ދީނާ ތެދުވިއެވެ.

ދެމީހުން ދީނާމެންގެއިން ނުކުމެގެން މިސްރާބުޖެހީ ރަށުގައި އެންމެ މަޝްހޫރު ކަމަށް ނަންކިޔާ ފިހާރައަށެވެ. ވަގުތަކީ ހަވީރުގެ ވަގުތުކަމުން ޒުވާންފުރައިގެ ދެޖިންސުގެ ކުދިންވެސް މަގުގައި ދިމަދިމާއަށް ހޭލަމޭލަވެ އެޅެއެވެ. ދީނާ އާއި ނަދުވާވެސް ހުރީ ނަލަ ހެދިލައިގެންނެވެ. މޭކަޕް ކޮށްގެން ހުރި އިރު ރީތިކަމުގައި ދެކުދިން ވެސް ހަމަހަމައޭ ބުނާހާވެއެވެ.

"ނަދުވާއަށް އެނގޭތަ؟ އެއްކަލަ ސުނޭ އެބަހުރި ފޯރިއެއް ފެންނަ ހާތާކުން މަށާ ދިމާކުރަނީ. ކުދިންލައްވާވެސް އެވަރުކުރޭ މިހާރު. މަގަކަށް ނުކުންނަންވެސް އުނދަގޫ،" ދީނާ ހުރީ ރުޅިއައިސްފައެވެ.

"އަސްލުވެސް؟ ތި ދެންއެހާ ބޮޑުކަމެއްތަ؟ ތިކަހަލަ ކިތައް ސުނޭތަ ދީނާމެން ކަހަލަ ރީތި ކުދިންނާ ބެހޭނީ. މިހާރުވެސް ބަލާބަލަ މަގުމަތިންދާ ހުރިހާ ފިރިހެން ކުދިންގެ ނަޒަރުވެސް އެ ހުންނަނީ ދީނާއަށް އަމާޒުވެފައި. ހީވަނީ މަށަށްމަށަށް ކިޔާހެން،" މިހެން ބުނަމުން ނަދުވާ ލާނެތް ގޮތަކަށް ހީނލިއެވެ.

"ސުނޭ ގްރޫޕްގައި އެއުޅޭ ސޮރުތައް ނޫން ކޮންމެ ކުއްޖަކު ރައްޓެހިވާން އެހިއަސް އަހަރެން މަރުހަބާ ކިޔާނަން. އެގޮތަށް ސުނޭ ދިމާކުރާތީ މިހާރު ސުނޭ މަތިން މުޅިން ފޫހިވެއްޖެ. ދެން އަހަންނެއް ސުނޭއަކާ ނުގުޅޭނަން،" ދީނާ ފޫހިވެފައި ހުރި ވަރު އޭނާގެ ވާހަކަ ދެއްކި ރާގުން އެނގެއެވެ.

"ހާދަ ވަރެކޭ. މަށަށް ހީވަނީ ތިޔަހާ ވަރަށް ރުޅިއަންނަންޏާ ޖެހޭނީ ހަމަ ސުނޭއާ ގުޅެންހެން،" ނަދުވާ ދިމާކޮށްލިއެވެ. ރަހުމަތްތެރިއާއާ ދިމާކޮށްލައި ރުޅި އަރުވާލުމަކީ މަދުން ނަމަވެސް ނަދުވާ ކޮށްލަން ބޭނުންވާ ކަމެކެވެ.

"އަހަރެން އެބައުޅެންދޯ އެސުނޭ އަކާ ހެދި މޮޔަ ބޮލަށް އަރައިގެން؟" މިއޮއް އާދެވުނީ ހިނގާ ވަންނަމާ ދީނާ ބުންޏެވެ.

ފިހާރައިގައި ހުރި އެކި ކަހަލަ އެއްޗެއްސަށް ބަލަމުން ގޮސް އެންމެފަހުން ދެ ކުދިންވެސް ބޭނުންވާ ހުރިހާ އެއްޗެއް އެ ފިހާރައިން ހަމަކުރިއެވެ. އެއްޗެހި ގަނެގެން ގެއާ ދިމާއަށް ހިނގައިގަނެވުނު އިރުގައި އިރުއޮއްސި ދުނިޔެ މައްޗަށް ރަތްވިލާގެ އަސަރު ވެރިކުރުވައިފިއެވެ. ދެކުދިން އޮލަ ވާހަކައިގައި ކުރިއަށް ދަނިކޮށް، ހުއްޓިފައި ފަހަތް ބަލާލީ ކޮންމެވެސް ކުއްޖަކު ނަދުވާގެ ނަމުން ގޮވާލުމުންނެވެ. އޭރު އެމީހުންގެ ފަހަތުން ސިމާމު އާއި ޒައިން އެ ދިމާއަށް އާދެއެވެ.

"ނަދުވާ މަޑުކޮށްބަލަ ވާހަކައެއް ބުނަން ވެގެންނޭ!" ފަހަތް ބަލާލުމަށް ފަހު، ދީނާމެން ކުރިއަށް ހިނގައިގަތުމާ އެކު އެނެއްކާވެސް ގޮވާލިއަޑު އިވުނެވެ. އެހެންކަމުން ނަދުވާ މަޑުޖެހިލިއެވެ. ދީނާ ހިނގައިގަތެވެ.

"ދީނާ… އަހަންނާއެކު ދާން މަޑުކޮށްލަބަލަ،" ދީނާ ދާންފެށުމުން ނަދުވާ އެދުނެވެ.

"އަހަރެން ހުރުން އެހާ ރަނގަޅެއް ނުވާނެ ދޯ؟ ނަދުވާގެ ކައިރީގައި ވީއްޔަ މަޑުކުރާށޭވެސް ބުނީ،" ދީނާ ހިނގައިގަތެވެ.

ދީނާ ދާތަން ފެނުމުން ސިމާމުމެން ހިނގުން ތަންކޮޅެއް ބާރުވެސް ކޮށްލިއެވެ. ނަމަވެސް އެމީހުންނަށް އެ ހިސާބަށް އާދެވެންވާއިރަށް ދީނާ މާދުރަށް ގޮސް އޮބާލައިފިއެވެ. ދީނާ ދިއުމުން ދެން ކަންތައް ވާނެ ގޮތަކާމެދު ސިމާމުގެ ހިތް ތެޅެމުން ދިޔައެވެ. އެމީހުން މިއައި ބޭނުން ހާސިލްވާނެ ބާއޭ ހިތް ބުނަމުން ދިޔައެވެ. ސިމާމުއަށް އޭނާގެ ހިތް އެދޭ އެދުން ހާސިލް ކުރެވޭނެބާއޭ ހިތް ބުނަމުން ދިޔައެވެ. އެތައް ދުވަހެއް ވަންދެން ހިތް ގޮވަމުންދާ ގޮވުން ބަޔާންކޮށްދެވޭނެބާއޭ ސިމާމު ހިތާހިތުން ކިޔާލިއެވެ.

"ކީއްވެ ދީނާ އެހާ ބާރަށް އެދިޔައީ؟ އަހަރެމެން ދެކެ ރުޅިއައިސްގެންތަ؟" ސިމާމު ހުރީ ކުޑަކޮށް މާޔޫސްވެފައެވެ.

"ކަލޭމެން ބުނީ ހަމައެކަނި އަހަރެން ކައިރީގައި މަޑުކުރާށޭ. އެހެންވީމަ އޭނާ އެދިޔައީ،" މަގުގެ އެއްފަރާތެއްގައި މަޑުކޮށްލައިގެން ހުރި ނަދުވާ ވާހަކަ ދެއްކީ ލަދުގަނެފައި ހުރި ވަރުން ވަރަށް މަޑުންނެވެ.

"އެހެންވެތަ އެދިޔައީ؟ އަހަރެމެން ހިތަށްއެރީ އޭނާވެސް،" ސިމާމުއާ ދިމާއަށް ބަލާލަމުން ޒައިން ހިނިތުންވެލީ މާނައިން ފުރިގެންވާ ގޮތަކަށެވެ.

"ކީއްވެތަ އަހަރެން ކައިރީގަ މަޑުކުރާށޭ ބުނީ؟ އަވަހަށް ބުނެބަލަ. ގެއަށްދާން މިހާރުވެސް ލަސްވެގެން މިއުޅެނީ.. މާ ލަސްވެއްޖެއްޔާ މަންމަ ހިތްހަމައެއް ނުޖެހޭނެ.." ސިމާމުމެންގެ ވާހަކަ އަޑު އެހުމަށް ޝައުގުވެރިނުވާ ރާގެއްގައި ނަދުވާ ވާހަކަ ދެއްކިއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *