ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ރައްޔިތުންގެ އަތުން ހަރަދުވި ފައިސާއަށް ބަދަލެއްގެ ގޮތުގައި އެވްރެޖް އަގެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކުން ދެއްވަން ވައުދުވެވަޑައިގެންނެވި ދެ ލައްކަ ރުފިޔާ، ފްލެޓްތަކުގެ މަހު ކުލިން ކެނޑޭ ގޮތަށް ހަޖައްސަވައިފި އެެވެ.
ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވި މުހިންމު ކަންކަމާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ދެ ލައްކަ ރުފިޔާ ފްލެޓްތަކުގެ ކުލިން އުނިކުރުމަށް ސަރުކާރުން މިއަދު ނިންމައިފައިވާ ކަމަށާއި އެގޮތުން މިހާރު ފްލެޓްތަކަށް ދައްކަމުން އަންނަ 5،300ރ.ގެ ބަދަލުގައި ކުރިއަށް އޮތް ހަތް އަހަރު މަހަކު ދައްކަން ޖެހޭނީ 3،984.21ރ. ކަމަށެވެ. މިގޮތަށް ހަމަޖެހިގެން ދިޔަ ނަމަވެސް އަގު ދައްކަންޖެހޭ މުއްދަތަށް ބަދަލެއް ނާންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ އެ ހަތް އަހަރު ދުވަހަށް ދެން ދައްކަންޖެހޭނީ މަހަކު 3،984.21ރ. (މި އަދަދަށް) ކުޑަވަނީ ހިޔާ ފްލެޓްތަކުގެ އަގު ކުރިއަށް އޮތް ހަތް އަހަރު ދުވަހަށް. މިހާރު އޮތް އެގްރީމަންޓުގެ މުއްދަތަށް ބަދަލެއް ނައިސް އެފެކްޓިވްލީ ކޮންމެ ފްލެޓަކުން ދެ ލައްކަ ރުފިޔާ އަޅުގަނޑުމެން މި އުނިކޮށްދެނީ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓް ކުޑަކޮށްދިނުމަށާއި މަހުން މަހަށް ދައްކަން ޖެހޭ އަގު ކުޑަކޮށްދެއްވާނެ ކަމަށް ރިޔާސީ ކެންޕެއިންގައި ވިދާޅުވެފައިވާ ގޮތަށް ޑައުންޕޭމަންޓަށް މިހާރު ދައްކާ އަދަދުން 50 ޕަސެންޓް ކުޑަކުރުމަށާއި އެވްރެޖްކޮށް މަހުން މަހުން ދައްކާ އަދަދުން 4،200ރ. އުނިކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ގެދޮރުވެރިކަމާ ބެހޭ ގޮތުން ނިންމުނު މުހިންމު މި ނިންމުގެ ތެރެއިން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އަޅާފައިވާ ހުރިހާ ރޯ ހައުސްތަކާއި ހައުސިން ޔުނިޓްތަކުގެ އަގު 3،333ރ. އަށް ކުޑަކުރުމަށް ސަރުކަރުން މިއަދު ވަނީ ނިންމައިފަ އެވެ.
އެގޮތުން މިހާރު 5،000ރ. އަށް 4،500ރ. އަށް އަދި 4،000ރ. އަށް ދީފައި ހުރި ތަންތަނުގެ އަގުތައް 3،333ރ. އަށް ކުޑަވެގެންދާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް ކުރީގެ ސަރުކާރުތަކުން 2،500ރ. އަށް ދީފައި ހުރި ތަންތަނުގެ އަގު ހަމަ އެ އަގުގައި ހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.



advertisment