Support Us

ޖާދޫ ގަދަ 7؟!

ޣައްޒާ މިއަދު ދެކެމުންދާ ހަނގުރާމަ ފެށުނީ އަޤްޞާ ޠޫފާނުންނެވެ. މި ޠޫފާނު އައިސްފައި ވަނީ 7 އޮކްޓޯބަރުގައެވެ. އިސްރާއީލުގެ އަނިޔާވެރި ލާއިންސާނީ ޢުދްވާނުގެ ސަބަބުން ޣައްޒާގެ އިންސާނީ ޙާލަތު މުޞީބާތަކަށް ބަދަލުވެ މުޅި ދުނިޔެ އެކަމާ ދެކޮޅުހެދުމުން ވަގުތީ ގޮތުން ހަނގުރާމަ ހުއްޓައިލުމަށް 4 ދުވަހަށް އިސްރާއީލު އެއްބަސްވިއެވެ. މި މުއްދަތު އިތުރު ކުރެވެމުންގޮސް 7 އާ ހަމައިން ނިމުނީއެވެ. އަލުން އިސްރާއީލުގެ ލަޢުނަތް ޣައްޒާއަށް އޮއްސަން ފެށީއެވެ. އެމީހުން ބޭނުންވާ ލަނޑުދަނޑި ޙާޞިލު ކުރެވެންދެން ހަނގުރާމަ ކުރިއަށް ގެންދާނެކަމުގެ އިންޒާރު ދެމުންނެވެ.

ޢަދަދު 7 އަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ދިރިއުޅޭ އިންސާނުންނަށް ވަރަށް ޚާއްޞަ ޢަދަދެކެވެ. އެއީ އިންސާނާގެ ޙަޔާތާ ވަރަށް ބޮޑަށް ގުޅިފައިވާ ޢަދަދެކެވެ. އެއީ ތަފާތު ޢަޤީދާތަކާއި ޙަޟާރާތްތަކާ ވެސް ގުޅިފައިވާ ޢަދަދެކެވެ. ޙިސާބިއްޔާތުގެ މަޝްހޫރު ޢާލިމެއް ކަމުގައިވާ ގްރީސްގެ ޕައިތަގަރަސް ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ކަލާނގެއާ ގުޅިފައިވާ ޢަދަދެކެވެ.

  • ވިއްސާރަދުނީގައި 7 ކުލަ ހުރުން
  • ދުނިޔޭގެ ބޮޑެތި ޢަޖައިބުތައް 7 އަށް ވުން
  • ހަފުތާގައި 7 ދުވަސް އޮތުން
  • އިންސާނާއާއި ޖަމަލާއި ޒަރާފާފަދަ މަންމަލި ޖަނަވާރުތަކުގެ ކަނދުރާ 7 ކަށިކޮޅުން އުފެދުން
  • މައިމީހާގެ ރަޙިމުގެ ތެރޭގައި އުފެދެމުން ބޮޑުވަމުންދާ ކުއްޖާގެ އުފެދުން 7 މަހުން ފުރިހަމަ ވުން
  • ސޫރަތުލް ފާތިޙާ (އަލްޙަމްދު) ގައި 7 އާޔަތް އޮތުން
  • ބަޤަރާ ސޫރަތުގެ 261 ވަނަ އާޔަތުގައި سَبْعَ سَنَابِلَ ހަތް ކުރާގަނޑު އައިސްފައި ވުން
  • ޔޫސުފު ސޫރަތުގެ 43 ވަނަ އާޔަތުގައި سَبْعَ بَقَرَٰتٍ ހަތް ގެރި އައިސްފައި ވުން
  • ޔޫސުފު ސޫރަތުގެ 47 ވަނަ އާޔަތުގައި سَبْعَ سِنِينَ ހަތް އަހަރު އައިސްފައި ވުން
  • އަލް ޙިޖްރު ސޫރަތުގެ 44 ވަނަ އާޔަތުގައި سَبْعَةُ أَبْوَٰبٍ ހަތް ދޮރު އައިސްފައި ވުން
  • އަލް ޙިޖްރު ސޫރަތުގެ 87 ވަނަ އާޔަތުގައި سَبْعًا مِّنَ ٱلْمَثَانِى ތަކުރާރުކޮށް ކިޔެވޭ ހަތް  އާޔަތް އައިސްފައި ވުން
  • އަލް މުއުމިނޫން ސޫރަތުގެ 17 ވަނަ އާޔަތުގައި سَبْعَ طَرَآئِقَ ހަތް އުޑު އައިސްފައި ވުން
  • ލުޤްމާން ސޫރަތުގެ 27 ވަނަ އާޔަތުގައި سَبْعَةُ أَبْحُرٍ ހަތް ކަނޑު އައިސްފައި ވުން
  • އަލް ޙާއްޤަތު ސޫރަތުގެ 7 ވަނަ އާޔަތުގައި سَبْعَ لَيَالٍ ހަތް ރޭ އައިސްފައި ވުން
  • ނަރަކައިގެ ދޮރުތަކުގެ ޢަދަދު 7 ކަމުގައިވުން
  • ގެފުޅުގެ ވަށައިގެން ޠަވާފުކުރާއިރު 7 ބުރު ޖަހަން ޖެހުން
  • ޞަފާ މަރްވާގައި ހިނގާއިރު (ސަޢުޔު ކުރާއިރު) 7 ފަހަރު ހިނގަން ޖެހުން
  • ޖަމްރާއަށް ހިލަ އުކާއިރު ކޮންމެ ޖަމްރާއަކަށް 7 ހިލަކޮޅު އެއްލަން ޖެހުން
  • ޢީދު ނަމާދުގެ ފުރަތަމަ ރަކްޢަތުގައި 7 ތަކްބީރު ކިޔުން ސުންނަތްވެގެން ވުން
  • ހެނދުނު ތެދުވެ ހުސްބަނޑާހުރެ ޢަޖްވާ ކަދުރުގެ 7 ކަދުރު ކޭމީހާއަށް އެ ދުވަހު ވިހައަކުން ވެސް އަދި ސިޙްރަކުން ވެސް ގެއްލުމެއް ނުލިބޭނެ ކަމަށް ރަސޫލުﷲގެފާނު ޙަދީސް ކުރެއްވުން.
  • ކައު ރަސޫލާގެ ބަސްފުޅުތަކުން އެނގޭގޮތުގައި މާތް ﷲ 7 އުޑު ހެއްދެވި ގޮތަށް ގޮތަށް 7 ބިން ވެސް ހެއްދެވުން
  • ކުޑަ ކުއްޖާއަށް 7 ވަނަ ދުވަހު ނަން ކިޔުން
  • ކުޑަ ކުއްޖާއަށް 7 އަހަރު ފުރުމުން އެ ކުއްޖާއަށް ނަމާދުކުރަން އަމުރުކުރުމަށް ކީރިތި ރަސޫލާ އެންގެވުން.

ދީނީގޮތުންނާއި ދުނިޔެވީ ގޮތުން 7 ށް ދެވިފައިވާ އަހައްމިއްޔަތުގެ ބޮޑުކަން މިވަރުން އެނގެއެވެ. މި ތާނގައި 7 ގެ ވާހަކަ މި ގެނައީ ޣައްޒާ ހަނގުރާމައާއި އަޤްޞާ ޠޫފާނާ ބެހޭގޮތުންނެވެ. ވަގުތީގޮތުން ހަނގުރާމަ ހުއްޓުމަށް އެއްބަސްވި 7 ދުވަސް ހަމަ ނިމުމާއެކު އިސްރާއީލުން މި ވަނީ ލާއިންސާނީ ލާއަޚްލަޤީ ޢުދްވާން އަލުން ފަށައިފައެވެ. 7 ދުވަހަށް ހަނގުރާމަ ހުއްޓައިލުމުގެ ކުރިން ވޭތުވެދިޔަ 49 ދުވަހުގެ (މިއީ ވެސް 7 އާ ގުޅިފައިވާ ޢަދަދެއް) ތެރޭގައި އިސްރާއީލުން ވަނީ ފަލަސްޠީނުގެ 16 ހާސް މީހުން ޝަހީދުކޮށްލައިފައެވެ. 35 ހާސް މީހުން ޒަޚަމުކޮށްލައިފައެވެ.

ޖުމްލަ 40 ކީލޯމީޓަރުގެ ދިގު، ދިހަ ވަރަކަށް ކީލޯމީޓަރު ފުޅައު ޣައްޒާއަށް 2005 ން ފެށިގެން ޢުދްވާނީ 7 ޙަމަލާ ދީފައިވެއެވެ. ކޮންމެ ޙަމަލާއެއް ވެސް ނިމިފައިވަނީ އިސްރާއީލުން ބޭނުންވާ އަމާޒުފަތްގަނޑާ ހަމައަށް ވާޞިލުނުވެވިއެވެ. މިފަހަރު ވެސް إن شاء الله!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ވަރަށް ފުރިހަމަ އެހާމެ ބޭނުންތެރި، މައުލޫމާތުން ފުރިގެންވާ ލިޔުމެއް. ވިސްނައިފި މީހަކަށް ޢިބުރަތްތަކެއް ލިބި އިތުރަށް ވިސްނަންޖެހޭ. ޝުކުރިއްޔާ ސަރ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *