ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމުގެ މަސައްކަތް ދެ ގައުމުގައި ޓެކްނިކަލް ލެވެލްގައި ކުރިއަށްދާ ކަމަށާއި ދެ ގައުމުގެ މެދުގައި މިހާތަނަށް ބޭއްވުނު މަޝްވަރާތަކުގައި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމަށް އެ ގައުމުގެ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދުބާއީގައި ބޭއްވި މޫސުމާ ބެހޭ ސަމިޓް، ކޮޕް28 ގައި ބައިވެރިވެވަޑައިގަތުމަށްފަހު ރާއްޖެ ވަޑައިގެން ވެލާނާ އެއާޕޯޓުގައި ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެ ސަމިޓްގެ ހަވާސާގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާއެކު ކުރިއަށް ގެންދެވުނު ކުރު ބައްދަލުވުމުގައި ވެސް، އިންޑިއާގެ ސިފައިން ރާއްޖެއިން ގެންދިއުމަށް ރާއްޖޭގެ ރައްޔިތުން ނިންމައިފައިވާ ނިންމުމަށް އިހުތިރާމް ކުރައްވާ ކަމަށް މޯދީ ވިދާޅުވި ކަމަށެވެ.
ސެޕްޓެމްބަރު 30ގެ ރިޔާސީ އިންތިހާބު ކާމިޔާބުވެ ވަޑައިގެންނެވި ހިސާބުން ފެށިގެން މިއަދާ ހަމައަށް ވެސް އިންޑިއާގެ ސަރުކާރާ އެކު މި މައްސަލާގައި ގިނަ މަޝްވަރާތަކެއް ކުރިއަށް ގެންދެވިފައިވާކަން ފާހަގަކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ގައުުމުން އިންޑިއާގެ ސިފައިން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތުން "އިންޑިއާގެ ސަރުކާރުން އެއްބަސްވެފައިވަނީ އިންޑިއާ ސިފައިން އަނބުރާ ގެންދާނެ ކަމަށް. މިހާރު ޓެކްނިކަލް ލެވެލްގައި މަސައްކަތްތައް އެބަ ހިނގާ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ގައުމުން ބޭރު ސިފައިން އިރާދަކުރެއްވިއްޔާ ބޭލޭނެ. އަދި ވަރަށް އަވަހަށް އެކަން ހާސިލްކުރުމަކީ އަޅުގަނޑު މިކުރާ މަސައްކަތުގެ ނަތީޖާއަކީ. އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް ހަމަ މި ގެންދެވޭ ރިވެތި ޑިޕްލޮމެޓިކް އުސޫލުގެ ތެެރެއިން ހަމަ ވަރަށް އަވަހަށް އެކަން ހާސިލްވެެގެންދާނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސިފައިން ބޭލުމުގެ މައްސަލައިގެ އިތުރުން ރާއްޖޭގައި ހިންގާ އެކިއެކި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހައި-ލެވެލް ކޮމިޓީއެއް އެކުލަވާލުމަށް އިންޑިއާ ބޮޑުވަޒީރާ އެކު ބޭއްވެވި ބައްދަލުވުމުގައި ނިންމުނު ކަމަށެވެ.
އެގޮތުން ތިލަމާލެ ބްރިޖްގެ މަޝްރޫއާއި އެކިއެކި ލޯންތަކުގައި ދިމާވާ ކަންކަމަށް ވަގުތުން ވަގުތަށް ނިންމުންތައް ނިންމުގައި ހައި-ލެވެލް ކޮމިޓީގެ ސަބަބުން ފަސޭހަތަކެއް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި އިންޑިއާ އެކު ގުޅުން ބަދަހިވެގެންދާނެ ކަަމަށް ދެކެވަޑައިގެންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ކެންޕެއިންގެ މައިގަނޑު އެއް ވައުދު ކަމުގައިވާއިރު ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެކަން ކުރުމަށް ހަފްތާ14 ގައި ވެސް ވަނީ ކަނޑައަޅައިފަ އެވެ.



advertisment