Support Us

މަންޑޭ (މ) ކޭޕާކް ރެސިޑެންސް ލޯންޗުކުރުމުގެ ހަފުލާގެ ތެރޭގައި ބައެއް ސްޓާފުންނާއެކު... ފޮޓޯ: ކޭޕާކް/ އެފް.ބީ

މަންޑޭގެ މައްޗަށް އޮޅުވާލުމާއި ޓެކުމާއި މަނީލޯންޑްރިންގެ 225 ދައުވާއެއް ޕީޖީން އުފުލަނީ

ހުޅުމާލޭގައި ހަދަމުން އަންނަ ކޭޕާކް ރެސިޑެންސް އިން އެތައް ބަޔަކަށް އޮޅުވާލައިގެން އެޕާޓްމަންޓްތައް ވިއްކައި އެ މީހުންގެ އަތުން ފައިސާ ނަގައިފައިވާ މައްސަލާގައި ތުހުމަތުކުރެވޭ މއ. އެރަލްސީ، ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް 225 ދައުވާއެއް ކުރުމަށް އަަންނަ ހަފުތާގައި ކޯޓަށް ހުށަހެޅޭވަރުވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުސެއިން ޝަމީމް އިއްޔެ ވިދާޅުވީ މި މައްސަލާގައި ތުހުމަތުކުރެވޭ މަންޑޭގެ މައްޗަށް ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާއާއި އޮޅުވައިލުމުގެ ކުށުގެ ދައުވާ އާއި ޓެކުމުގެ ކުށުގެ ދައުވާ އާއި މަނީލޯންޑްރިން ކުށުގެ ދައުވާ ވެސް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

"ކުށުގެ ޝިކާރައަކަށްވި އެއްބައި މީހުންގެ މައުލޫމާތު މިހާތަނަށް ހުރީ. އެ މައުލޫމާތު ތަކުން ވެސް 225 އަކަށް ދައުވާ ހަސަން މަމްދޫހުގެ މައްޗަށް ވެސް އެބަ އުފުލަން،" ޝަމީމް ވިދާޅުވި އެވެ. "ކޮންމެ މައްސަލައެއްގައި ވަކިން ދައުވާކުރާތީ މި ދައުވާތައް ގިނަވަނީ. އެހެންވެ އަދަބުވެސް ލިބެންޖެހޭނީ ކޮންމެ އެއްޗަކަށް ވަކިން."

ކޭ ޕާކް ރެސިޑެންސްގެ މައްސަލާގައި ތުހުމަތުކުރެވޭ އިތުރު ދެ މީހަކު ހިމެނޭއިރު އެތަނުގެ އެޕާޓްމަންޓްތައް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކައިފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ. އެގޮތުން އެތަނުގެ 41 އެޕާޓްމަންޓް ޖުމްލަ 107 މީހުންނަށް ވިއްކައިފައި ހުރި ކަމަށާއި މިހާތަނަށް ތަހުގީގު ފުރިހަމަ ކުރެވިފައިވަނީ އޭގެ ތެރެއިން ބައެއް މީހުންގެ މައްސަލަ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ އިތުރު މައްސަލަތައް ތަހުގީގު ކުރިއަށްދާ ވަރަކަށް ދައުވާ ކުރުމަށް ފޮނުވާނެ ކަމަށެވެ.

ކޭ ޕާކް ރެސިޑެންސްގެ މައްސަލައިގައި ފުލުހުން ވަނީ އެފް.ޑަބްލިއު ކޮންސްޓްރަކްޝަން ރެސިޑެންސުން މަންޑޭ ގަނެފައިވާ ޕެންޓް ހައުސްއެއް އެއް އަހަރު ދުވަހުގެ މުއްދަތަށް ދައުލަތުގެ ބެލުމުގެ ދަށަށް ނަގައިފަ އެވެ. ޝަމީމް ވިދާޅުވީ މި ޕެންޓް ހައުސްއަކީ މަނީ ލޯންޑްރިންގެ އަމަލެއްގެ ތެރެއިން ގަނެފައިވާ އެޕާޓްމަންޓެއް ކަމަށް ބެލެވޭ ކަމަށެވެ. އެ މައްސަލާގައި މަނީ ލޯންޑްރިން ދައުވާއެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ކޭ ޕާކް ރެސިޑެންޑްގެ ދެ އެޕާޓްމަންޓެއް ހަތަރު މީހުންނަށް ވިއްކައިފައި އެ ލިބުނު ލާރިން އެފް.ޑަބްލިއު ކޮންސްޓްރަކްޝަންގެ ޕެންޓް ހައުސްއެއް ހުރީ ގަނެފައި،" ޝަމީމް ވިދާޅުވި އެވެ. އެ ޕެންޓް ހައުސް، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލައި ފާސްކުރި އިރު އެތަނުގައި ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާގެ މުދާ ހުރި ކަމަށާއި އެ އެޕާޓްމަންޓްގެ އަގަކީ 7.8 މިލިއަން ރުފިޔާ ކަމަށް ޝަމީމް ވިދާޅުވި އެވެ. ފުލުހުން ނަގައިފައިވާ މި ތަކެތީގެ ފޮޓޯތައް ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ދައްކަވައިލެއްވިއެވެ.

އެތަނުގައި ހުރި މުދަލުގެ ތެރޭގައި ނުކަނޑާ ހުރި 200 އެއްހާ އަގުބޮޑު ސެންޓު ފުޅިއާއި ދުނިޔޭގެ އެންމެ އަގު ބޮޑު ބްރޭންޑްތަކުގެ އަންހެން އަތްދަބަސް ހުރި އިރު ގާތްގަނޑަކަށް 90،000 ރުފިޔާގެ އަތްދަބަސް ހިމެނެ އެވެ. އަދި ތަފާތު އެކި ވައްތަރުގެ އަގުބޮޑު ގަހަނާގެ ގޮތުގައި 10،000 ޑޮލަރު އަދި 25،000 ޑޮލަރުގެ ގަހާނާ ހިމެނެ އެވެ. އެ ޕެންޓްހައުސްގައި ހުރި މުދަލުގެ އަގު އެއްކޮށްލީމަ ހަތް މިލިއަން ރުފިޔާ އަށް އަރާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

"އެތަނުގައި ހުރި މުދަލާއި އެ އާޕާޓްމަންޓް ގަންނަން ހޭދަކުރި ފައިސާ އެއްކޮށްލީމަ ދައުލަތުގެ ބައެއް އިދާރާތަކުގެ އަހަރެއްގެ ބަޖެޓަށްވުރެ ބޮޑުވޭ. އެހެންވީމަ މިއީ ވަރަށް ގިނަ އަދަދެއްގެ ފައިސާ. އެކި މީހުންގެ އަތުން ނަގައިފައި އެކި ގޮތްގޮތަށް ބޭނުންކުރި ކަމަށް އަޅުގަނޑުމެން ތުހުމަތު މިކުރެވެނީ،" ޝަމީމް ވިދާޅުވި އެވެ.

ޕީޖީއަށް ހުށަހެޅިފައިވާ މި މައްސަލައަކީ މަންޑޭއާއި އިތުރު ބަޔަކު ބައިވެރިވެގެން ހަންބޯ ކޮންޕެނީގެ ޕްރައިވެޓް ލިިމިޓެޑްގެ މެޖޯރިޓީ ހިއްސާދާރުގެ ސޮއި ފޯޖްކޮށްގެން ލިޔުންތަކެއް އުފައްދައިގެން ބޭންކް އޮފް މޯލްޑިވްސްގައި ހަންބޯ ކޮންޕެނީގެ ނަމުގައި އޮތް ބޭންކް އެކައުންޓެއް ހުޅުވައި އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެ ކައުންޓްގެ ފުރިހަމަ ކޮންޓްރޯލް ހޯދުމަށްފަހު، މަކަރާއި ހިލަތުގެ އަމަލްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *