Support Us

ވާހަކަ: ހިތް އެދޭތީ- 2

ދީނާ ވެސް ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. ސުނޭ ކަންތައް ކުރި ގޮތުން ފޫހިވެފައެވެ. އެވަރަށް ލޯބިވި މީހަކު އިތުބާރު ނުކޮށް އެޅުވި ދޮގު ތުހުމަތުތަކުން ރުޅި އައިސްފައެވެ.

"އެކަމަކު ދީނާ ސީރިއަސްކޮށް ވިސްނަބަލަ.. އަހަންނަށް ހީވަނީ ކުޑަ ދުވަސްކޮޅެއް ވާއިރަށް ތިދެމީހުންވެސް ތިކަމާ ހިތާމަކުރާނެހެން އޭރުން އޮންނާނީ ވަގުތު ފާއިތުވެފާ،" ނަދުވާ މަސައްކަތްކުރީ ދީނާއަށް ވިސްނައިދެވޭތޯއެވެ.

"ނަދޫވެސް ތިހުންނަނީ ސުނޭގެ ކޮޅަށް… އަހަރެންގެ ކުށެއްނެތި ދޫކޮށްލާފައި ދިޔަ މީހެއްގެ ކައިރިއަށް ގޮސް އާދޭހެއް ނުކުރާނަން."

ކޮޓަރިއަށް ވަދެވުމާއެކު، ދީނާ އެނދުމައްޗަށް ވެއްޓިގަތެވެ. ހަމަ އެއާއެކު ދެލޮލުން ހޯސްލާފައި ކަރުނަތައް އޮހެންފެށިއެވެ. އުންމީދާއެކު، ބިނާކުރަމުން އައި ހުވަފެނީ ކިއްލާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި، ފުނޑުފުނޑުވެގެން ދިއުމުން ހިތާމަ ނުކުރާނީ ކާކުހެއްޔެވެ؟ އޭނާ ކުރިމަތީގައި ސިފަވަމުން ދަނީ ސުނޭ އާއެކު ދެމީހުން ލޯބިން އެކީގައި ހޭދަކުރި ވަގުތުތަކެވެ. ލޯބީގެ އެކި މަންޒިލްތަކުގައި ވަގުތުތައް ހޭދަކުރި ގޮތެވެ. ލޯބީގެ ފޮނިފޮނި ބަސްތަކުން ސުނޭ ވީ އަހުދުތަކާއި އިޤުރާރުތަކެވެ. ތަރިއާއި ހަނދާއި ރާޅުތަކަށް ދާންދެން ހެކިކޮށް ވަކިނުވުމަށް ވީ ވައުދުތަކެވެ. އެކަމަކު އާހް… އެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ސުނޭ އެމީހުންގެ ލޯބި ކަފުންކޮށް ވަޅުލައިފިއެވެ. މީގެ ކުޑަ ވަގުތުކޮޅެއްގެ ކުރިން އެމީހުންގެ ލޯބީގެ ގަނޑުވަރު ފުނޑުފުނޑު ކޮށްލުމަށް ސުނޭ ބުނި ވިހަގަދަ ޖުމްލަތައް އޭނާގެ ސިކުނޑީގައި އެނބުރެންފެށިއެވެ. ދެއަތުން ބޮލުގައި ހިފެހެއްޓުމަށްފަހު ދީނާ ދެއަތަށް ބޯހޫރާލިއެވެ. އަދި ލޮލުން އަންނަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލިއެވެ.

"ދަރިފުޅާ… ދަރިފުޅާ…. ދީނާ އަދި ނުވެސްކަމެއްނު އަވަސްކޮށްގެން އާދޭކާން،" ކޮޓަރި ދޮރުގައި ޓަކި ޖަހާލުމަށްފަހު ދީނާގެ މަންމަ ދިޔާނާ ގޮވާލިއަޑު އިވުނެވެ.

"މަންމާ އިރުކޮޅަކުން މިދަނީއްޔޭ!" މިހެން ބުނެފައި ދީނާ ވަނީ ފާޚާނާއަށެވެ. ކުޑަކޮށް ފުރެޝްވެލާށެވެ.

ދީނާ ކާމޭޒުދޮށަށް ދިޔައިރު އެތަނުގައި އޭނާގެ މަންމަ އާއި ބައްޕަ ތިއްބެވެ. ދީނާގެ އިންތިޒާރުގައެވެ. ދަރިފުޅު އައުމުން ދިޔާނާ އަހަވަށް ކާން އަންނާށޭ ބުނަމުން ދަރިފުޅު ނައިސްގެން ބައްޕަ އެހުރީ ކާން ނުފެށިފައޭ ބުންޏެވެ. ދަރިފުޅު ފެނުމާއެކު، ދަރިފުޅުގެ ތަބީޢްޔަތު ރަނގަޅު ނޫންކަން ހަސަނަށް އެނގުނެވެ.

"ދަރިފުޅާ! ކިހިނެއްވެފާ؟ ހާދަ މޮޅިހެން ހީވެޔޭ.." ހަސަން ބޭނުން ބަނީ ދަރިފުޅަށް ވެގެން އުޅޭގޮތެއް އޮޅުންފިލުވާށެވެ.

"މާބޮޑުކަމެއް ނުވޭ ބައްޕާ… ރޭގައި މާގިނައިން ފޮތްކިޔަން ހޭލާ ހުރުމުން ކުޑަކޮށް ބޮލުގައި ރިއްސާތީ މިއުޅެނީ."

ދީނާ ގަސްތުގައި ދޮގު ހެދިއެވެ. ވެގެން އުޅޭގޮތް ކިޔައިދޭން ބޭނުންނުވާތީއެވެ. އެހާ އަވަހަށް ކުއްޖަކާ ރައްޓެހިނުވުމަށް އޭނާގެ މައިންބަފައިން ވަނީ ނަސޭހަތްތެރިވެފައެވެ. އެހެންކަމުން އޭނާ ކުއްޖަކާ ރައްޓެހިވިކަން އެނގިއްޖެނަމަ މައިންބަފައިން ރުޅިއަންނާނެކަން އެނގޭތީއެވެ.

"އެހެންތަ؟ އެހެންވީއްޔާ ކައިގެން އަވަހަށްދޭ ކުޑަކޮށްނިދާލަން އޭރުން ރަނގަޅުވާނީ."

ސިމާމު އާއި އޭނާގެ އެކުވެރި ޒައިން ހުރީ ރަށުގެ ޖެޓީމަތީގައެވެ. ހެނދުނުގެ ހިތްގައިމު ވަގުތުގައި ދެ އެކުވެރިން މޫދު ކައިރިއަށް ދިއުމަކީ އަބަދުގެހެން އާދައެކެވެ. ދިރިއުޅުމުގެ އެކިއެކި ކަންކަމާ ވާހަކަ ދައްކާލާ ޚިޔާލު ބަދަލުކޮށްލާށެވެ. ސިމާމަކީ ނުހަނު މަޑުމައިތިރި މިޒާޖެއްގެ ކުއްޖެކެވެ. ރަށުގެ ނިސްބަތުން ކުލަ ރީތި ޒުވާނެކެވެ. މުށިކުލައިގެ ކަޅިއެއް ލިބިފައިވާ އޭނާގެ ދެލޮލުގެ ސަބަބުން އޭނާގެ ރީތިކަން އިތުރު ކޮށްދެއެވެ. އެހެން ނަމަވެސް ލަދުރަކި ބަސްމަދު ކުއްޖެކެވެ. ޒައިން އަކީ މިއާ މުޅިން ތަފާތު ކުއްޖެކެވެ. ސަކަ މިޒާޖެއްގެ ޒައިން އަބަދުވެސް އުޅޭނީ ކޮންމެވެސް ލާނެއް ކަމެއް ކޮށްލެވޭތޯއެވެ. އަންހެން ކުދިންނާ މާވަރު ހުންނަ ކުއްޖެކެވެ. އަބަދުވެސް ކަމަކީ އަންހެންކުދިން އޭނާގެ މަޅީގައި ޖެއްސުމެވެ. ދުވަސްކޮޅެއްގެ މެހެމާނެއްގެ ގޮތުގައި އެތަކެއް ކުދިންނެއް އޭނާގެ ހަޔާތަށް އައިސް ހިނގައްޖެއެވެ.

"ސިމާމު އަދިވެސް ބިޓެއް ނަގާކަށް ނުވޭތަ؟" ދައްކަމުންދިޔަ ވާހަކައިގެ މަޢުލޫ ކޮޑަކޮށް ބަދަލުކޮށްލުމަށްފަހު ޒައިން އަހާލިއެވެ.

"އަހަރެންމީ ޒައިން ނޫނޭ.. އަހަރެން ބޭނުމެއްނުވޭ މާ ބިޓިންވެގެން އުޅޭކަށް. ޒައިން ތިޔަ އުޅޭހެން އެކަކަށްފަހު، އަނެކަކު ސެޓްކުރަމުން އަހަރެން ބޭނުންވާގޮތެއް ނޫން އެއީ. ފުރާވަރުގައި އުޅެންޖެހޭ ގޮތޭ ކިޔާފައި ޒައިން ތިޔަ އުޅޭ ގޮތް އަހަންނަކަށް އެއްގޮތަކަށްވެސް ކަމަކުނުދޭ،" ޒައިން ނެގީ އެހާ ހިތްހަމަޖެހޭ މަޢުލޫއެއް ނޫންކަން ސިމާމުގެ މޫނުމަތިން ފާޅުވެގެންދިޔަ ކުލަވަރުންނާއި އޭނާ ދެއްކި ވާހަކައިން އެނގުނެވެ.

"ތިއޭ އަހަރެން ސިމާމުއާ ދެބަސްވާންޖެހޭ ސަބަބަކީ. ތިހެން ހުރެ މުސްކުޅިވިޔަސް ހެޔޮދޯ؟" މަލާމާތްކުރާ ކަހަލަ ގޮތަކަށް ޒައިން ހީނގަތެވެ. ސިމާކު އިސްޖަހާލީ ލަދުގަތީމައެވެ.

ހަޤީޤަތުގައި އޭނާވެސް މިހާރު ވަނީ ލޯބިވެރިއަކަށް ބޭނުންވެފައެވެ. ހިތުގެ އެދުން އެހެން މީހަކަށް ހިއްސާ ނުކުރިއެއްކަމަކު، އޭނާވެސް ވަރަށް ލޯބިވާ ކުއްޖެއް އެބަހުއްޓެވެ. ނަމަވެސް އިސްނަގާ އެ ކުއްޖާ ކައިރީގައި އެވާހަކަ ބުނާކަށް ސިމާމަށް ނުކެރެނީއެވެ. ދޭނެ ޖަވާބެއް ނޭނގޭތީއެވެ.

އޭ ޒައިން! އަހަރެންބުނީ ނެތްތަ ރަނގަޅު ކުއްޖެއް؟" ކުއްލިއަކަށް ސިމާމު މިހެން ބުނުމުން ޒައިން ހައިރާންކަން އެކުލެވޭ ގޮތަކަށް ސިމާމާ ދިމާއަށް ބަލާލިއެވެ. ސިމާމުގެ ދުލުން އެފަދަ އެއްޗެއް ބުނެފާނެކަމަށް ގަބޫލު ނުކުރެވޭތީއެވެ. ދުވަހަކުވެސް އެފަދަ ވާހަކައެއް ދައްކާފައި ނުވާތީއެވެ.

"ކީކޭ؟… ސިމާމުތަ ތިހެންތި ބުނީ؟" ޝައްކެއްގައި ހުރެގެން ޒައިން ސުވާލު ކޮށްލިއެވެ.

"އަދި އެއްފަހަރު ބުނެބަލަ،" ސިމާމުގެ ކޮނޑުގައި ޖަހާލަމުން ޒައިން ހީނގަތެވެ.

"ހޫނ ކިހިނެއްވީ؟ މަލާމާތްކުރޭ، އަހަންނޭ މިއެހީ… ދެން ވެސް އަވަހަށް ޖަވާބެއް ދީބަލަ."

"ހޫނ މިހާރު އެބަ ރަނގަޅުވޭ! އެބަތިބި ވަރަށް ރަނގަޅު ކުދިން. މިބުނީ ސިމާމާ ވަރަށް ގުޅޭ ކުދިން އެބަތިއްބޭ، ދީނާ..! އަހަންނަށް ހީވާގޮތުން ހުސް ކުއްޖެއް އެއީ. ރީތިވެފައި ރަނގަޅުވާނެ. ކިހިނެއްވާނީ އޭނާ އަތުއަޅުވައިލެވޭތޯ ބެލީއްޔާ؟"

ދީނާގެ ވާހަކަ ބުނުމާއެކު، ސިމާމުގެ ތުންފަތުގައި ކުޅެލި މަޑުމަޑު ހިނިތުންވުމުގެ ސަބަބުން އެއީ ސިމާމަށް ވަރަށް ކަމުދާ ކުއްޖެއްކަން ޒައިނަށް ޔަގީނާ ގާތަށް ކަށަވަރުވިއެވެ. އާނއެކެވެ. އެތަކެއް ދުވަހު އެތަކެއް ވަގުތެއް ސިމާމު ހޭދަކުރަމުން ގެންދިޔައީ ދީނާގެ ހިޔާލުތަކާއެކުގައެވެ. ދީނާގެ ހަރަކާތްތައް ވަރަށް ގާތުން ސިމާމު ދިޔައީ ބަލަމުންނެވެ. އެ ރީތި ސާއްބަ ޒުވާނާގެ ތަސްވީރު ސިމާމުގެ ހިތުގައި ބިންވަޅު ނެގިފައިވާތާ އެތައް ދުވަހެއް ވެއްޖެއެވެ. މިހާ ދުވަސް ވެގެން ދިޔަ އިރުވެސް އޭނާގެ ފިނޑިކަމުން ހިތް އެދޭ އެދުން ދީނާގެ ކުރިމަތީގައި ހާމަކޮށްލަން ނުކެރި ހުރެވުނީއެވެ.

"ސިމާމު ރުހޭ ކަމަކަށް ވާނަމަ، މިއަދުން ފެށިގެން ތިކަމާ އުޅެދޭނަން. ދެން ހިނގާ ގެއަށްދަމާ،" މިހެން ބުނެފައި ޒައިން ހިނގައިގަތުމުން ފަހަތުން ސިމާމުވެސް ހިނގައިގަތެވެ.

(ނުނިމޭ)

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *