Support Us

މާވެޔޮ މިސްކިތް ކައިރީ މަގުމަތީގައި ހުރި ޓްރާންސްފޯމަރު، މި އަހަރު ނިމުމުގެ ކުރިން އެ ތަނުން ނަގަނީ

މާވެޔޮ މިސްކިތް ކައިރީގައި މަގުމަތީ ބަހައްޓައިފައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރު، މި އަހަރު ނިމުމުގެ ކުރިން މަގުމަތިން އޭތި ނަގަން ނިންމައި، މިއަދު އެ މަސައްކަތް ފަށައިފިއެވެ.

ސްޓެލްކޯ އިން ބުނީ އެތަނުގެ އާ މެނޭޖިން ޑިރެކްޓަރުގެ މަގާމާ މިއަދު ހަވާލުވެވަޑައިގެންނެވި ހުސައިން ފަހުމީ، ރަސްމީކޮށް މަސައްކަތާ ހަވާލުވެވަޑައިގެންނެވިތާ ގަޑިއެއްހާއިރުތެރޭ، ޓްރާންސްފޯމަރު ހުންނަ ސަރަހައްދަށް ވަޑައިގެން، އެ ސަރަހައްދުގެ ހާލަތު ބައްލަވައި، އެ ޓްރާންސްފޯމަރު ނެގުމުގެ އަމަލީ މަސައްކަތް ފައްޓަވައި، މި އަހަރު ނިމުމުގެ ކުރިން މަގުމަތިން އެ ޓްރާންސްފޯމަރު ނަގާނެ ކަމަށް ވިދާޅުވެފައި ކަމަށެވެ.

އެ ޓްރާންސްފޯމަރު އެތަނުގައި ބަހައްޓައިފައި ހުންނަތާ ހަ އަހަރެއްހާ ދުވަސް ވެފައިވާ އެއްޗެކެވެ.

"އެ ޓްރާންސްފޯމަރަކީ އެ ސަރަހައްދާއި، އެމަގު ބޭނުންކުރާ ރައްޔިތުންނަށް ތަކުލީފަކަށްވެފައިވާ ޓްރާންސްފޯމަރެއް. މެނޭޖިން ޑިރެކްޓަރު ފަހުމީ ވަނީ އެ ސަރަހައްދަށް ވަޑައިގެން އެ ޓްރާންސްފޯމަރާ ހެދި ވަމުންދާ އުނދަގޫތަކަށް ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފައި. އަދި އެ ޓްރާންސްފޯމަރު ނެގުމުގެ އަމަލީ މަސައްކަތް ފައްޓަވައި، މި އަހަރު ނިމުމުގެ ކުރިން މަގުމަތިން އެ ޓްރާންސްފޯމަރު ނަގާނެ ކަމަށް ވިދާޅުވެފައި،" ސްޓެލްކޯގެ މީޑިއާ އޮފިޝަލަކު ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވުމަށްފަހު ދެއްވަމުންގެންދަވާ އެންމެ ބޮޑު އަހައްމިއްޔަތުކަމަކީ ރައްޔިތުންނަށް ލުއި ފަސޭހަގޮތްތައް ހޯދައިދިނުން. މިއަދު މި ޓްރާންސްފޯމަރު މަގުމަތިން ނެގުމުގެ މަސައްކަތް ފަށާއިރު އިރާދަކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރިން އެ ޓްރާންސްފޯމަރު މަގުމަތިން ނަގައި، އެ މަގު ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ ލުއި ފަސޭހަތައް ހޯދަވައިދެއްވާނެ ކަމުގެ ޔަގީންކަންދެން،" ފަހުމީ ވިދާޅުވިިއެވެ.