ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވާ އާ ސިޔާސީ ޕާޓީ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅައިފިއެވެ.
ޕީޕީއެމް އިން ރައީސް ޔާމީން ވަކިވެވަޑައިގެންނެވުމާ އެކު އެކަން އިޢުލާންކުރައްވާ އެމަނިކުފާނުގެ އާ ސިޔާސީ ޕާޓީ އުފެއްދެވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަނީ އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ރައީސް ޔާމީންގެ ސަރުކާރުގެ ޔޫތް މިނިސްޓަރުކަން ކުރައްވާފައިވާ މުހައްމަދު މަލީހު ޖަމާލެވެ.
ޕީއެންއެފްގެ ލޯގޯ ވެސް ރޭ ވަނީ ލޯންޗުކޮށްފައެވެ. ޕާޓީގެ ކުލައެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ދަނބު ކުލަ އެވެ. ނަމަވެސް އެ ކުލައަކީ އިލެކްޝަންސް ކޮމިޝަނުންގެ ރަސްމީ ކުލަ އެވެ. އަދި ރައީސް ޔާމީން އިސްވެ ހުންނަވައިގެން އެންމެ ފުރަތަމަ އުފެއްދެވި ޕީޕަލްސް އެލަޔަންސް (ޕީއޭ) ގެ ކުލައަކީ ވެސް ދަނބު ކުލަ އެވެ.
ރައީސް ޔާމީން ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގާތްވެފައި ވާއިރު ޕީޕީއެމްގެ ލީޑަޝިޕުން އެމަނިކުފާނު އެކަހެރި ކޮށްލާފައިވާތީއާއި ލީޑަޝިޕުން އެމަނިކުފާނާ އެކު މަސައްކަތް ކުރަން ބޭނުންނުވާތީ ކަމަށް ޑރ. ޖަމީލް ވަނީ ވިދާޅުވެފަ އެވެ.
"ރައްޔިތުން ބޭނުން އެބަވޭ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ހަގީގަތުގައި ރައީސް ޔާމީން ނިސްބަތްވާ ޕާޓީއަށް ނަގަން. ރައީސް ޔާމީން އިސްވެ ހުންނަވައިގެން އެ މަސައްކަތް ކުރަން،" ޑރ. ޖަމީލް ވިދާޅުވި އެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވި ނަމަވެސް ރައީސް ޔާމީން ވެސް ހިމެނިވަޑައިގެންނަވާ ގޮތަށް ޕީޕީއެމް/ ޕީއެންސީ ލީޑަޝިޕުން ރައްޔިތުންގެ މަޖިލީހުގައި އިންތިހާބުގެ ކަންކަން ދެ ޕާޓީ އެއްކޮށް ކުރިއަށް ގެންދިއުމަށް ނިންމީ ރައީސް ޔާމީންގެ މަޝްވަރާކޮށް އެމަނިކުފާނުގެ ލަފަޔާއި އިރުޝާދުގެ ދަށުން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޚާއްސަ މުޝީރު އަބްދުއްރަހީމް (އަދުރޭ) ރޭ ސަންގްޓީވީގައި ވަނީ ވިދާޅުވެފަ އެވެ.



advertisment