Support Us

ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަދި ޕީ.އެން.ސީގެ ޗެއާޕާސަން އަބްދުއްރަހީމު އަބްދުﷲ "އަދިވެސް" އަށް އިންޓަވިއު ދެއްވަނީ... -އަދިވެސް ފޮޓޯ: މުހައްމަދު ޝަހީބު

ރިޔާސީ އިންތިހާބު ބޮއިކަޓް ނުކުރަން ނިންމުމަކީ އެއްވެސް ހާލެއްގައި ބަގާވާތެއް ނޫން: އަދުރޭ

މިދިޔަ ރިޔާސީ އިންތިހާބު ބޮއިކަޓް ނުކޮށް އިންތިހާބުގައި ވާދަކުރަން ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ނިންމި ނިންމުމަކީ އެއްވެސް ހާލެއްގައި ބަގާވާތެއް ކުރުން ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޚާއްސަ މުޝީރު އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަމިއްލަފުޅު ޕާޓީ، ޕީ.ޕީ.އެމް ދޫކުރައްވައި، އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ނިންމެވިކަން އިއުލާން ކުރެއްވުމަށް ފަހު އެމަނިކުފާނުގެ އެންމެ އިސް ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ގެންދަވަނީ ޕީޕީއެމްގެ ލީޑަޝިޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުންނެވެ. އެގޮތުން ސެޕްޓެމްބަރުގެ ރިޔާސީ އިންތިހާބު ބޮއިކަޓް ކުރުމަށް ރައީސް ޔާމީން މާފުށީ ޖަލުން ފޮނުއްވި ނޯޓް ވެސް އޮޅުވާލައި ދެ ޕާޓީގެ ލީޑަޝިޕުން ބަގާވާތެއް ކުރި ކަމަށް ޖަމީލް ވަނީ ސިފަކުރައްވައިފައެވެ.

ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން، ޕީޕީއެމް/ ޕީއެންސީ ވެރިކަން އައުމަށް ޕާޓީގެ ލީޑަޝިޕްގެ ތެރޭގައި ބަގާވާތެއް ކޮށްފައިވާ ކަމަށް ބުނާތީ އެފަދަ ކަމެއް ހިނގައިފައިވޭތޯ ސުވާލުކުރުމުން އަދުރޭ ރޭ ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޕީޕީއެމް/ ޕީއެންސީން ލީޑަޝިފުން މަސައްކަތް ކޮށްފައިވާނީ ރައީސް ޔާމީންގެ ލަފައާއި މަޝްވަރާގެ މަތިން، ރައީސް ޔާމީން ވިދާޅުވަމުން ގެންދެވި ގޮތަށް ކަމަށެވެ.

އަދުރޭ ވިދާޅުވީ ބަގާވާތެއް ކުރި ކަމަށް އެ ބޭފުޅުން އެ ސިފަކުރައްވަނީ ފަހަރެއްގައި ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމުގެ މައްސަލަ ކަމަށް ވެދާނެ ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބު ބޮއިކަޓްނުކޮށް އެ އިންތިހާބުގައި ވާދަކުރަން ނިންމި ނިންމުމަކީ ބަގާވާތެއް ކަމަށް ދެކެވަޑައިނުގެންނަވާ ކަމަށް ވިދާޅުވި އެވެ.

"އެއީ މި ގައުމާއި ގައުމުގެ ރައްޔިތުންގެ ހައްގުގައި މި ފަހުގެ ތާރީހެއްގައި ސިޔާސީ ޕާޓީއަކުން ނިންމި ވަރަށް މުހިންމު ނިންމުމެއް. އެ ނިންމުން ނިންމަން ރިޔާސަތުގައި އިނދެވުން އެއީ އަޅުގަނޑު މުޅި އުމުރަށް ވެސް ފަހުރުވެރިވާނެ ކަމެއް. އަޅުގަނޑުގެ މުޅި ހަޔާތުގައި ސިޔާސީ ގޮތުން އަޅުގަނޑަށް ނިންމުނު އެންމެ ރަނގަޅު އެންމެ ފުރިހަމަ ގައުމީ ނިންމުން ކަމަށް އަޅުގަނޑު ގަބޫލްކުރަނީ ބޮއިކަޓްނުކޮށް ކުރިއަށްދާން ނިންމި ނިންމުން އެއީ. އެއީ ބަގާވާތެއް ނޫން އެއްގޮތަކަށް ވެސް. އެހެންވީމާ ބަގާވާތެއް ކުރި ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އަދުރޭ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ޕީޕީއެމް/ ޕީއެންސީގެ ލީޑަޝިޕުން މަސައްކަތްކުރި ގޮތުގެ ތަފްސީލް ވިދާޅުވެދެއްވަމުން އަދުރޭ ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލުމުން ނައިބު ރައީސަކަށް ނަގާނެ ތިން ބޭފުޅެއްގެ ނަން ފޮނުވުމަށް، މާފުށީ ޖަލުގައި އޭރު ހުންނެވި ރައީސް ޔާމީން އެދިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އެ ކަމަކީ އަސާސީ ގަވައިދުން ރައީސަށް ލިބިދޭ ބާރެއް ކަމުގައިވާތީ އެމަނިކުފާނު ނަމެއް ފޮނުވުމަށް ޕާޓީން ނޯޓެއް ރައީސް ޔާމީނަށް ފޮނުވުމުން ރައީސް ޔާމީން ފޮނުއްވި ނަމަކީ ޑރ. ޖަމީލްގެ ނަންފުޅު ކަމަށެވެ. އަދި އެ ދުވަހު ޑރ. ޖަމީލާ ލީޑަޝިޕުން ބައްދަލުކޮށް މަރުހަބާ ދެންނެވި ކަމަށް އަދުރޭ ވިދާޅުވި އެވެ.

ނަމަވެސް އޭގެ ދެތިން ދުވަސް ފަހުން ރައީސް ޔާމީންގެ މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވުމަށް ދެ ޕާޓީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާ އެކު ސްރީލަންކާގައި ތިއްބެވުމަށްފަހު ފުރަން އެއާޕޯޓްގައި ހުންނަވަނިކޮށް ޑރ. ޖަމީލް ގުޅުއްވައިފައި، ރައީސް ސޯލިހުގެ ސަރުކާރުގެ ކަންކަން ހުރި ގޮތުން ފަހަރުގައި ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ކުރިމަތިނުލެއްވޭނެ ގޮތެއް ވެދާނެތީ ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކު ނެރެ ތައްޔާރުވުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި ކަމަށް ޑރ. ޖަމީލް ވިދާޅުވި ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ ޕީއެންސީން ކެންޑިޑޭޓަކު ނެރުމުގައި ކަންކަން ކުރިއަށް ގެންދެވީ ރައީސް ޔާމީން ޕްލޭން އޭ، ޕްލޭން ބީ، އަދި ޕްލޭން ސީ ހައްދަވައިފައި ފޮނުއްވި ނޯޓާ އެއްގޮތަށް އަކުރުން އަކުރަށް ކަމަށެވެ.

"(ރައީސް ޔާމީން) ވިދާޅުވި ޕީޕީއެމް މީހަކު ވެސް ބޭނުން ކަމަށް ވަންޏާ ޕީއެންސީއަށް ބަދަލުވެގެން އޭގައި ވާދަކުރުމުގެ ފުރުސަތު ދޭށޭ އަދި ރަނިންމޭޓަކު އިހުތިޔާރު ކުރާއިރު ރަނިންމޭޓަކު އިހުތިޔާރު ކުރަނީ ޕީޕީއެމުން ކަމުގައިވާނަމަ އޭނަ ވެސް ޕީއެންސީއަށް ބަދަލުކުރާށޭ. އެގޮތަށް އެކަން ކުރީ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް އިއްވުމުން ޕްލޭން އޭ ދިޔައީ ކަމަށެވެ. އަދި ޖެހިގެން އޮތް ދުވަހުގެ ދޭއް ޖަހާއިރު ރިޔާސީ ކެންޑިޑޭޓަކު ކުރިމަތިލާން އޮތް މުއްދަތު ހަމަވާތީ ޕީޕީއެމުން މީހަކު ނެރެވޭނެ ވަގުތެއް ނެތް ކަމަށެވެ. ނަމަވެސް އެހެން އެކަން އޮއްވައި ޖެހިގެން އައި ދުވަހު ރައީސް ޔާމީން ކުއްލިއަކަށް އެންގެވީ އިންތިހާބު ބޮއިކަޓް ކުރުމަށް ކަމަށް އަދުރޭ ވިދާޅުވި އެވެ.

ރައީސް ޔާމީން ފޮނުއްވި ނޯޓު އޮޅުވާލި ކަމަށް ޑރ. ޖަމީލް އެ ވިދާޅުވާ ވާހަކައަކީ އިންތިހާބަށް ކުރިމަތިލުމުގެ އެއް ދުވަސް ކުރިން ރައީސް ޔާމީން ފޮނުއްވި ނޯޓެއް ދެ ޕާޓީގެ ސެނެޓަށް އިއްވުމަށް ޑރ. ޖަމީލް އެދިވަޑައިގެންނެވި ކަމަށާއި އެގޮތަށް އެ ބައްދަލުވުން ބޭއްވުމަށް ފަހު އެ ނޯޓް އިއްވައިދިނީ ވެސް ޑރ. ޖަމީލް ކަމަށާއި އެ ނޯޓްގެ ސައްހަކަން ދެ ޕާޓީގެ ސެނެޓަރުންނަށް ޔަގީންކޮށްދެއްވީ ވެސް ރައީސް ޔާމީންގެ ދަރިކަލުން ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އެ ނޯޓުގައި އޮތީ ތިމަންމަނިކުފާނަށް މި ސަރުކާރުން (ރައީސް ސޯލިހްގެ ސަރުކާރުން) މިކުރާ އަނިޔާއަކީ ނުވަތަ ކޮށްފައި މިއޮތް ހުކުމަކީ އެއީ އަދި ހަމަ ތިމަންމަނިކުފާނުގެ އިންތިހާބީ ހައްގު ނިގުޅައިގަތުމަކީ ބޭއިންސާފުން އަދި ނުހައްގުން ކޮށްފައިވާ ކަމެއްގެ ގޮތުގައި ދެ ޕާޓީގެ ސެނެޓަށް ގަބޫލްކުރެވޭނަމަ ފެނިވަޑައިގެންނަވަނީ އިންތިހާބު ބޮއިކޮޓްކުރާށޭ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ އެ ދުވަހު އެ ނޯޓް ޖަމީލް އިއްވެވި ހިސާބުން ވޯޓް ނެގުމުގެ ކަންތައްތައް ކުރިއަށް ގެންދެވީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ވޯޓަށް އެހުމުން ސެނެޓް އިއްތިފާގުވީ ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާއަކީ އިންސާފުން ކުރާ ކަމެއް ނޫން ގޮތުގައި ކަމަށެވެ.

އެއަށްފަހު ދެން އިންތިހާބު ބޮއިކަޓް ކުރާނީތޯ ބެލުމަށް ވޯޓަށް އަހަން އުޅުމުން ޑރ. ޖަމީލް ވަރަށް ރުންކުރުވެވަޑައިގެން އެގޮތަށް ނެހެދޭނެ ކަމަށް ވިދާޅުވެ ސެނެޓްގެ ބައްދަލުވުން ހަލަބޮލިވެ، ހޫނުވެގެން ދެތިން ފަހަރަކު މެދުކަނޑާލަން ޖެހުނު ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ. ނަމަވެސް މެމްބަރުން އެއް ގަޑިއިރު މަޝްވަރާ ކުރުމަށްފަހު ވޯޓަށް އެހުމުން ދެ ސެނެޓްގެ މެމްބަރުން ވެސް އިއްތިފާގުވީ ބޮއިކަޓް ކުރަން ކަމަށް އަދުރޭ ވިދާޅުވި އެވެ.

ނަމަވެސް އޭރުގެ ގައުމުގެ ހާލަތު އޮތް ގޮތުން އެކަން އެގޮތަށް ކުރުމަށް އަދުރޭ ބޭނުންފުޅުނުވާތީ އާއި ގައުމު މިނިވަން ކުރެވެން އޮތީ އިންތިހާބުގައި ވާދަކޮށްގެން ކަމުގައިވާތީ ބޮއިކަޓް ނުކޮށް އިންތިހާބުގައި ވާދަކުރަން ފެނިވަޑައިގެންނަވާ ބޭފުޅުން ބެލުމަށް އަލުން ނެގި ވޯޓުގެ ވަރަށް ތަނަވަސް އަގުލަބިއްޔަތުން ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ ޕިއެންސީން ވާދަކުރަން ނިމުނީ ކަމަށް އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ބަގާވާތް ކުރި ކަމަށް ބުނެ އެންމެ ބާރަށް ވާހަކަދައްކަވަމުން ގެންދަވާ ބޭފުޅުންނަކީ 2018 ގައި ރައީސް ޔާމީނާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތް ކުރައްވާފައިވާ އަދި އެމަނިކުފާނުގެ ސަރުކާރުގައި އެންމެ އަރިހުގައި ހުންނަވައިގެން އެމަނިކުފާނާ ދެކޮޅަށް މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށެވެ. އަދި މައްސަލަ ޖެހިގެން މިހާރު މިއުޅެން ފެށީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރު އެކުލަވާލުމުގައި ޑރ. ޖަމީލާއި މަލީހު ބޭނުންފުޅުވާ ގޮތަށް ކަންތައްތައް ކުރިއަށް ނުދިއުމުން ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީން ޕީޕީއެމް ދޫކުރައްވާ ވަޑައިގަތުުމުން އެކަމާ ވަރަށް ދެރަވެ އަންތަރީސް ވެވަޑައިގެންނެވި ކަމަށާއި އަދުރޭ ދެނެވަޑައިގެންނަވާ ރައީސް ޔާމީނަކީ އެގޮތަށް އެކަން ކުރައްވާނެ ބޭފުޅެއް ނޫން ކަމަށް ވިދާޅުވި އެވެ. އަދި ގެއަށް ވަޑައިގެންނެވި ފަހުން ރައީސް ޔާމީން އަދުރޭގެ ފޯނަށާއި މެސެޖަށް ވެސް ޖަވާބު ނުދެއްވާ ކަމަށް ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް