...

Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ދެ ރައީސުންގެ ޑްރާމާ، އެޕިސޯޑް ތިނެއްގެ ފުރަތަމަ ޓްރެއިލަރ!

"ދެން މި ގެނެސްދެނީ ސިޔާސީ ޑްރާމާ ދެ ރައީސުން (އެޕިސޯޑް-3)" މި ސުރުހީ ގެ ދަށުން އޮކްޓޯބަރު ހަތަރެއްގައި އަޅުގަނޑު ލިއުނު ކެޔޮނިރު ކޮލަމެއްގައި ލަފާކުރި ގޮތަށް ދެ ރައީސުންގެ ޑްރާމާގެ ތިންވަނަ އެޕިސޯޑް ހަޤީގަތުގައި ވެސް ފެށިއްޖެއެވެ. ރައީސް ޔާމީނަށް ވެރިކަން ލިބިވަޑައިގަތުމުން ރައީސް މައުމޫން ނަގައި އެއްލާލެއްވީ އެޕިސޯޑް- 1 ގައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ލިބިވަޑައިގަތުމުން ރައީސް ނަޝީދު ނަގައި އެއްލާލެއްވީ އެޕިސޯޑް- 2 ގައެވެ. މި ފެށުނީ އެޕިސޯޑް 3 އެވެ! ރައީސް ޑރ. މުއިއްޒަށް ބާރު ލިބިވަޑައިގަތުމުން ރައީސް ޔާމީން ނަގައި އެއްލައިލައްވާނީ ބާވައެވެ؟

މި އެޕިސޯޑުގެ މެއިން ދެ ކެރެކްޓާއިން ކަމުގައިވާ ދެ ރައީސުންނަށް ފަހު ދެން އެންމެ ކުރިއަށް ނިކުމެ ތިބި ދެ ކެރެކްޓަރުންނަކީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި ކުރީގެ މިނިސްޓަރު މަލީހު ޖަމާލެވެ. މިއީ ފުވައްމުލަކަށް ނިސްބަތްވާ، އެއް އާއިލާއެއްގެ ދެ މީހުންނެވެ. ޖަމީލާއި މަލީހަކީ ޑީ.އާރް.ޕީން، ޕީ.ޕީ.އެމުން، ޖުމްހޫރީ ޕާޓީން، އެމްޑީ.ޕީން އައިސް އަނެއްކާ ޕީ.ޕީ.އެމަށް އުނބަށް ޖަހާފައި ތިބި ދެ މީހުންނެވެ. ބަހުރުވަ އާއި ދައްކާ ވާހަކަ އާއި އަމަލަށް ބަލާފައި، ރައްޔިތުންގެ ގިނަ ބަޔަކު އިތުބާރުނުކުރާ ދެމީހުންނެވެ.

ޔާމީން ފެއިލްވެއްޖެ ކަމަށް ބުނެ ޖަމީލްގެ ޓްވީޓެއް (4 ނޮވެމްބަރު 2015)
2018 ގެ އިންތިހާބުން ރައީސް ޔާމީން ބަލިވީތީ އުފާކޮށް މަލީހުގެ ޓްވީޓެއް (23 ސެޕްޓެމްބަރު 2018)

ޖަމީލް ވިދާޅުވަނީ ޕީ.ޕީ.އެމްގެ ތެރެއިން ބަޔަކު ބޮޑު ބަގާވާތެއް ކޮށްފި ކަމަށެވެ. ނަމަވެސް ޕީ.ޕީ.އެމްގެ އިސް ލީޑަޝިޕަށް ނޭނގި، ޕާޓީގެ ސްޕޯކްސްޕާސަން އަށް ނޭނގި، ސެކެޓްރީ ޖެނެރަލަށް ނޭނގި، އަދި ޕާޓީގެ ސެނެޓަށް ވެސް ނޭނގި ރައީސް ޔާމީން އަމިއްލަފުޅަށް ކޮމިޓީއެއް އުފައްދަވައި، ޕާޓީ ހިންގުން އެކޮމިޓީއާ ހަވާލު ކުރެއްވުމަކީ ޕާޓީ ތެރޭގައި ހިންގި އެންމެ ބޮޑު ބަގާވާތެވެ. ޖަމީލް އެ ވިދާޅުވާ ބަގާވާތަކީ ހަޤީގަތުގައި އެއީ އެވެ.ދެ ރައީސުންގެ ދެމެދުގައި އުފެދުުނު މައްސަލައަކީ ރައީސް ޔާމީން ފޯނު ކުރެއްވީމައި ރައީސް ޑރ. މުއިއްޒު ފޯނު ނުނެންގެވުމާއި، ސަރުކާރު ހިންގެވުމުގައި ރައީސް ޔާމީނުގެ ލަފާ ނުހޯއްދެވުން ކަމުގައި ޑރ. ޖަމީލް ވިދާޅުވެއެވެ. ނަމަވެސް އެއީ މުޅިއަކުން ހަޤީގަތެއް ނޫނެވެ. ދެ ރައީސުންގެ ފުރަތަމަ މައްސަލަ އަކީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު، ޤާނޫނީ ގޮތުން ރައީސް ޔާމީނަށް ގެއްލިވަޑައިގަތުމުން އިންތިހާބު ބޮއިކޮޓް ކުރައްވަން ރައީސް ޔާމީން ގޮވާލައްވާފައި ވަނިކޮށް، ޔާމީނުގެ ގޮވާލެއްވުމާ ދެކޮޅަށް ޑރ. މުއިއްޒު އިންތިހާބުގައި ވާދަކުރެއްވުމެވެ. އެއީ ޖެހުން ފުރަތަމަ މައްސަލަ އެވެ.

އެއަށް ފަހު، ދެ ރައީސުންގެ މެދުގައި ޖެހުނު ދެވަނަ މައްސަލަ އަކީ، ރައީސް ޔާމީން ޖަލުން ގެއަށް ބަދަލުކުރި ދުވަހު އިންތިހާބީ ރައީސް ޑރ. މުއިއްޒަށް ވަރަށް ޤަދަރު ކުޑަކޮށް، މާބޮޑު ސަމާލުކަމެއް ނުދެއްވައި، ރައީސް ޔާމީން އަމަލު ކުރެއްވުމެވެ. އެ ދުވަހު ޔާމީން، މުއިއްޒާ ސަލާމް ކުރެއްވީ ވެސް ވަރަށް އާދައިގެ ގޮތަކަށެވެ. އެއީ ދެވަނަ މައްސަލައެވެ.

ތިންވަނަ ކަމަކަށް ފެނުނީ ރައީސް ޔާމީން ޖަލުން ގެއަށް ބަދަލުކުރުމަށް ފަހު މުޅިން މިނިވަންވަންދެން މަގުމަތީގައި މުޒާހަރާނުކޮށް، ސަރުކާރުން އެކަން ކޮޅެއްގައި ޖައްސަންދެން މަޑުން ތިބުމަށް ޕީ.ޕީ.އެމްގެ މެމްބަރުންނަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެފައި ވަނިކޮށް، މުއިއްޒުގެ އެދިވަޑައިގަތުމާ ދެކޮޅަށް ރައީސް ޔާމީން، ސަޕޯޓަރުން މަގުމައްޗަށް ނެރުއްވައި އިހުތިޖާޖު ކުރެއްވުމެވެ. އެއީ ދެ ރައީސުންގެ ދެމެދުގައި ޖެހުނު ތިންވަނަ މައްސަލަ އެވެ.

ރައީސް އަބްދުﷲ ޔާމީން ގޭގެ ކުޑަދޮރުން ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ -އަދިވެސް ފޮޓޯ:

ރައީސް ޑރ. މުއިއްޒާ މެދު އެހާ ދަށުދަރަޖައަކަށް ރައީސް ޔާމީން ކަންކުރައްވައިފައި، ރައީސް މުއިއްޒުގެ އެދިވަޑައިގަތުމުގައި ކޮޅުފައިން ޖައްސަވައި، ސަޕޯޓަރުން މަގުތަަކަށް ނެރުއްވާފައި، ދެން ރައީސް ޔާމީން ފޯނު ކުރެއްވިއަސް ރައީސް މުއިއްޒު ފޯނު ނަންގަވަންޖެހޭ ސަބަބެއް ނެތެވެ. ރައީސް ޔާމީން ވަނީ މާކުރިން ވެސް ޔާމީން ނޫން ފަރާތަކަށް ޕީ.ޕީ.އެމްގެ ޓިކެޓް ވެސް، ރައީސްކަން ވެސް ލިބެން ބޭނުންފުޅު ނޫންކަން ވަރަށް ސާފުކޮށް ހާމަކުރައްވާފައެވެ.

މާދަމާ (އާދިއްތަ ދުވަހު) މިއޮތީ ރައީސް ޔާމީން ޕީ.ޕީ.އެމް އިން ވަކިވެވަޑައިގެން، ކޮންސަވޭޓިވް ޕާޓީގެ ނަމުގައި އާ ޕާޓީއެއް އުފައްދަވަން ހުށަހެޅުއްވުމެވެ. މަލީހާއި ޖަމީލް ވަރަށް ފޯރީގައި މިކަން އިއުލާން ކުރައްވާފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ޓްވީޓެއްގެ ޒަރީއާއިން މިއަދު ވިދާޅުވެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެގެން ޖަލު ހުކުމެއްގައި ހުރި ފަރާތަކަށް ސިޔާސީ ޕާޓީއެއް ނުއުފެއްދޭނެ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީން ހައްދަވަން އުޅުއްވާ ޕާޓީ ހައްދަވަން މަޖްބޫރުވާނީ ޔާމީން ނޫން އެހެން ކޮންމެވެސް މީހެއްގެ ނަމުގައި ކަމަށް ޤަބޫލުކުރެވެއެވެ. އެއީ ޖަމީލް ނުވަތަ މަލީހު ކަމަށް ވެސް ވެދާނެއެވެ.

ޖަމީލާއި މަލީހާއި އައްބާސް އާދިލް ރިޒާ ފަދަ ސިކުނޑިއަށް ވުރެ ބާރަށް އަޑު ދަތުރުކުރާ ސިޔާސީ ރޮކެޓުން ދޭ ހަމަލާއަކުން ރާއްޖޭގެ ސިޔާސީ ނިޒާމަށް މާ ބޮޑު އަސަރެއް ކުރާނެ ކަމަކަށް ނުބެލެވެއެވެ. އަދި ވަކިން ހާއްސަކޮށް ރައީސް ޑރ. މުއިއްޒާއި އެމަނިކުފާނު އެކުލަވާލައްވާފައިވާ ތައުލީމީ، ހަރުދަނާ ކެބިނެޓަށާއި، ވިޝަނަރީ ސަރުކާރަށް ވެސް މިފަދަ ކަމަކުން މާބޮޑު އަސަރެއް ކުރާނެ ކަމަކަށް ނުބެލެވެއެވެ. ދިވެހި ރައްޔިތުން މިހާރު މިވަނީ ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތައް ފަހަތުން ދުވުން ދެކެ ފޫހިވެފައެވެ. ވަކި މީހަކު ފަހަތުން ދުވުމަށް ވުރެ ރައްޔިތުންނަށާއި ޤައުމަށް ވެސް ފައިދާ ހުރީ ރަނގަޅު ސިޔާސަތުތަކާއި ހެޔޮ ވެރިކަމެއްގެ ފަހަތުގައި ތިބުންކަން ގިނަ ބަޔަކަށް މިހާރު ވިސްނެއެވެ.

ރައީސް ޔާމީނަށް ލިބިވަޑައިގަތް ކަމަށް ޖަމީލާއި މަލީހު ވިދާޅުވާ ބޭއިންސާފަކަށް ހައްޤު ހޯދައިދިނުމުގެ ނަމުގައި ދިވެހި ރައްޔިތުންގެ މުސްތަޤްބަލާއި، ޤައުމުގެ އިގްތިސޯދާއި، ޤައުމުގެ ހަމަޖެހުން ޤުރުުބާން ކުރާކަށް ނުޖެހެއެވެ. ދެހާސް ސައްބީސް ވަނަ އަހަރު އެތައް ބިލިއަން ރުފިޔާއެއްގެ ދަރަނި ދައުލަތުން، ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހެއެވެ. ދައުލަތުގެ ރިޒާވް ވަނީ އިބޫ ސޯލިހުގެ ސަރުކާރުން ގާތްގަނޑަކަށް ހުސްކޮށްލާފައެވެ. ފެނަކަ އާއި ސްޓެލްކޯ ފަދަ ކުންފުނިތައް ވަނީ ބިލިއަނުން ދަރަނިވެރިކޮށް، ބަނގުރޫޓު ކޮށްލާފައެވެ. މިހާލަތުގައި ޤައުމާއި ޤައުމުގެ މާލީ ހާލަތު އޮތްއިރު ރައީސް ޔާމީނު ނަގައި ކޮނޑުއަޅައިގެން ދިވެހި ރައްޔިތުން އަނެއް ފަސް އަހަރު ދުވަހު މަގުމަތީގައި ގަންހިނގަންވީތޯ އެވެ؟ ނުވާނެއެވެ. ޤާސިމް އިބްރާހިމް ވިދާޅުވާހެން "އިނަފް އިޒް އިނަފް" އެވެ! ދެން ތިކަމެއް ނުވާނެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހަށް މިހާރު ބަލައިލުމުން ފެންނަން އޮތް ހަޤީގަތަކީ، ރައީސް ޑރ. މުއިއްޒުގެ ވެރިކަމަށް މިހާރު އޮތް އެންމެ ބޮޑު ދެ ހުރަހަކީ ރައީސް ޔާމިނާއި ރައީސް ނަޝީދު (ހަސަން ކުރުސީ) ކަމެވެ. މިހާރުވެސް ހަސަން ކުރުސީގެ ނަމުގައި ރައީސް ނަޝީދު ވަނީ ޑރ. މުއިއްޒަށް ބަހުގެ ހަމަލާތައް ދެއްވަން ފައްޓަވާފައެވެ. ނަޝީދާއި ޔާމީނަކީ ވަރަށް އެމްބިޝަސް ދެ ބޭފުޅުންނެވެ. ދެ ބޭފުޅުންވެސް އަދިވެސް ވެރިކަން ބޭނުންފުޅުވެއެވެ. މި ދެ ބޭފޫޅުން ބޭރުފުށުން ކޮންމެ އެއްޗެކޭ ވިދާޅުވިއަސް ހަޤީގަތުގައި، ރައީސް ޑރ. މުއިއްޒާމެދު އިހްލާސްތެރިއެއް ނުވާނެއެވެ.

ސައުދީ އަރަބިއާ އަށް ރައީސް ޑރ. މުއިއްޒު ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅާއި، އޭގެ ފަހުން ޔޫ.އޭ.އީ އަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅާއި، ތުރުކީ އަށް ވަޑައިގަތުމަށް ތުރިކީން އަރުވާފައިވާ ދައުވަތާއި، ޗައިނާއިން ދަންނަވާފައިވާ މަރުހަބާ އަށް ބަލާއިރު އިންޑިއާގެ ދަރަނީގެ ދަންތުރަ ރީފައިނޭންސްކޮށް، އިންޑިއާގެ ދަރަނިތައް އިންޑިއާ އަށް އަދާކޮށް، ވެލާނާ އެއާޕޯޓާއި އައްޑޫ ބްރިޖް ފަދަ ބޮޑެތި މަޝްރޫއުތަކަށް ހިލޭ އެހީ ހޯއްދެވުމުގެ ފުރިހަމަ ޤާބިލް ކަމާއި ސިޔާސީ ގުޅުންތައް ޑރ. މުއިއްޒުގެ ކިބައިގައި އެބަހުރިކަން ވަަރަށް ސާފުކޮށް އެބަ ފެނެއެވެ. ދީނަށް ހުރުމަތްތެރިކޮށް ހިއްތަވާތަން އެބަ ފެނެއެވެ. އަރަބިއްޔާ ސްކޫލްގެ ކަންތައް މި މަދު ދުވަސްކޮޅު ތެރޭ ގެންދެވި ގޮތަކީ އޭގެ ކުޑަ މިސާލެކެވެ.

މިވަރުގެ ވަރުގަދަ ލީޑަރެއް ލިބުމުން އެކަމަށް ފުރަގަސްދީ، އަނެއްކާވެސް ޤައުމު ހަލަބޮލިކޮށް، މަގުތަކަށް ނިކުމެ، ކުރީގެ ސިޔާސީ ނީލަގެރިތައް ކޮނޑުއަޅައިގެން އުމުރު ދުވަހު މަގުމަތީގައި އިހްތިޖާޖް ކުރުމަކީ ރައްޔިތުންގެ ތެރެއިން ބަޔަކު ކުރާނެ މޮޔަ ކަމެކެވެ. މިފަދަ ކަމެއް ކޮށްފި ނަމަ އޭގެ ފައިދާ ނަގާނީ އަނެއްކާ ވެސް އެމް.ޑީ.ޕީ އާއި އިންޑިއާ އެވެ. ޖަމީލާއި މަލީހު ވިދާޅުވިއަސް، އަދި ހުދު ރައީސް ޔާމީން ވިދާޅުވިއަސް މިއީ މި ދަނޑިވަޅުގައި ދިވެހި ޤައުމަށް ކުރިމަތިވާނެ ވަރަށް ބޮޑު ނުރައްކަލަކަށް ވާނެއެވެ. އިގްތިސޯދީ ވަޅުގަނޑަކަށް ޤައުމު ވައްޓާލައި، ރައްޔިތުން ބިކަ ކޮށްލައިގެން ވެސް ވަކި ބައެއްގެ އަމިއްލަ ސިޔާސީ ފައީދާ ހޯދަން މަރުުފަލި އެބަ ޖަހައެވެ. ރައްޔިތުން ކުރަންވީ ކަމަކީ އެމަޅީގައި ނުޖެހި، ލިބިފައިވާ ހަރު މުދާގަނޑުގައި ބައްދައިގެން ޤައުމު ނަގައި ކޮޅަށް ޖެހުމެވެ. އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަތީ ޤައުމުގެ ދުވަސް ދުއްވާލައްވާފައެވެ.

ޤައުމު އަލުން ކޮޅަށް ޖަހަން ލިބުނު ފުރުސަތުގައި ރައްޔިތުން ބައިބައި ކުރަން އުޅޭނީ ޤައުމުގެ އަދުއްވުންނެވެ. ޤައުމު އޮތް ހާލަތަށް ބަލާއިރު، އަދި މިހާރު ލިބިފައިވާ ސަރުކާރުގެ ޤާބިލްކަމަށް ބަލާއިރު، ރައީސް ޔާމީނަކީ މީހާރު ދިވެހި ރައްޔިތުންނަށް ޗޮއިސްއެއް ނޫނެވެ. މިއީ ބޮނޑިބަތް ކައްކައިގެން ސިޔާސީ ޑްރާމާ ކުޅެންވީ ވަގުތެއް ނޫނެވެ. މިއީ ޤައުމު ނަގައި ކޮޅަށް ޖަހަންވީ ވަގުތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21

3 Responses

  1. ލިޔުން ވަރަށް ފުރިހަމަ ވެފައި ވަރަށް ސާފް
    ޤައުމާ މެދު ވިސްނާ ބަޔަކު ނެތް ހުސް އަމިއްލަ އެދުން
    ވަޒީފާ ތަކާ ޖެހުނީމަ މިހާރު އމސ އަށް ވޯޓް ދިން މީހެއް ނެތް

  2. ވަރަށް ރަނގަޅު ފުރިހަމަ ލިޔުމެއް. އަމިއްލަ ދުރުމީއަށް، މިހާރު މިފެންނަ މަންޒަރުވަނީ ކޮންމެވެސް ސިފައެއްގައި ތިލަވެފަ. ނަމަވެސް މިހާ އަވަހަށް މިހާ ހަޑިކޮށް ފެނިދާނެކަމަށް ނުދެކެން. ދެން ތެޅުނު ތެޅުނުހެން ހުޅުނބު ދިޔުންނޫން ނުވާނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.