Support Us

ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފައްދަވަނީ

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޕީޕީއެމް ދޫކުރައްވައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ނިންމަވައިފި އެވެ.

ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ޗެނަލް13 އަށް ދެއްވި އިންޓަވިއުއެއްގައި ރޭ ވިދާޅުވީ ޕީޕީއެމުން ރައީސް ޔާމީން ވަކިވަޑައިގެންނެވީ ވަރަށް ގިނަ ސަބަބުތަކާ ހުރެ ކަމަށެވެ. އެގޮތުން ރައީސް ޔާމީން މިހާތަނަށް ހުންނެވީ އެމަނިކުފާނުގެ މައްޗަށް ބޭއިންސާފުން ކޮށްފައިވާ ހުކުމެއްގައި ކަމަށާއި ނަމަވެސް އެމަނިކުފާނު އޭރު ވެސް ގެންދެވީ ގައުމާއި ރައްޔިތުންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށް ވިދާޅުވި އެވެ.

ޑރ. ޖަމީލް ވިދާޅުވީ ސުޕްރީމް ކޯޓުން ރައީސް ޔާމީންގެ ރިޔާސީ ކެންޑިޑެންސީ ބާތިލް ކުރުމަކީ އެމަނިކުފާނަށާއި އެމަނިކުފާނަށް ތާއިދުކުރާ ގިނަ ބަޔަކަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. ނަމަވެސް އޭރު ވެސް ރައީސް ޔާމީން އިސްކުރެއްވީ ގައުމާއި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެއްވުމަށް ކަަމަށް ވިދާޅުވި އެވެ.

އެގޮތުން މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި އިސްކުރައްވާ ތާއީދު ހޯއްދެވުމަށް އެމަނިކުފާނުގެ އާއިލާއާއި އެމަނިކުފާނަށް ތާއީދުކުރާ ގިނަ ބަޔަކު މަސައްކަތްކުރި ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

"އެމަނިކުފާނު ވިދާޅުވެގެން އަޅުގަނޑުމެން އަމިއްލަ ހައިސިއްޔަތުންނާ އެކީގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުވައްމުލަކާއި އެހެން ތަންތަނަށް ގޮސް ވަަަރަށް ބުރަ މަސައްކަތްތަކެއް ރާއްޖޭގެ ހުރިހާ ރައްޔިތުން ކުރި. ރައްޔިތުން އެ މަސައްކަތް ކުރެއްވީ ހަމަ މައިގަނޑު ގޮތެއްގައި ދެ ސަބަބަކަށްޓަކައޭ ރައްޔިތުން ވިދާޅުވި. ތިމަންނަމެން ބޭނުންވަނީ ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައޭ ޑރ. މުއިއްޒަށް ވޯޓު މިދެނީ އެއް ކަމަކަށް ވިދާޅުވި. އަދި ދެވަނަ ކަމަކަށް ދިވެހިރާއްޖެއަށް ދިމާވެފައި އޮތް ނުރައްކަލުން ސަލާމަތްވުމަށްޓަކައި މިނިވަންކަމަށާއި މި ކަންކަމުން ސަލާމަތްވުމުގެ ގޮތުންނޭ މި ވޯޓު މިދެނީ،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ޝަރީއަތުގެ މަރުހާލާގައި މީގެ ކުރިން ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުން ކޯޓަށް ވަޑައިގެން ބައިވެރިވެވަޑައިގެންނެވި ނަމަވެސް ރިޔާސީ އިންތިހާބު ޑރ. މުއިއްޒަށް ކާމިޔާބުވުމަށް ފަހު ބޭއްވި އެއްވެސް ޝަރީއަތެއްގައި ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވަޑައިގެންފައިނުވާ ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި ނަމަވެސް މިއަދު ރައީސް ޔާމީން ހުންނެވީ ގިނިކަންޏާ ކަމަށެވެ. އަދި ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ހިސާބުން ފެށިގެން ރައީސް ޔާމީންގެ ފޯނަށް ޖަވާބު ނުދެއްވާ ކަަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

ޑރ. ޖަމީލް އެހެން ވިދާޅުވި ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވައި، ސެޕްޓެމްބަރު 30ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު، ދެއްވި ފުރަތަމަ މީޑިއާ ބަޔާނުގައި ޑރ. މުއިއްޒު ވަނީ ގައުމުގެ މަސްލަހަތަށްޓަކައި ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްދެއްވުމަށް ރައީސް ސޯލިހު އަރިހުގައި އެދިވަޑައިގެންފައެވެ. އެއާއެކު ރައީސް ޔާމީން ގެއަށް ބަދަލުކުރީ ޖެހިގެން އައި ދުވަހުއެވެ. ރައީސް ޔާމީން ގެއަށް ވަޑައިގެންނެވި އިރު މަރުހަބާ ދަންނަވަން ވެސް ޑރ. މުއިއްޒު ވަޑައިގެން ހުންނެވިއެވެ.

"ރައީސް ޔާމީން އެ ޕާޓީ (ޕީޕީއެމް)ގައި ހުންނަވައިގެން އެ ޕާޓީގައި ރައީސް ޔާމީންގެ މަޝްވަރާ ނަގައިގެން އެ ޕާޓީ ހިންގަވަން އެ ބޭފުޅުން ބޭނުމެއްނުވޭ. ޕާޓީ ހިންގުމަށްޓަކައި އެއްވެސް މަސައްކަތެއް ކުރައްވާކަށް އެބޭފުޅުން ބޭނުންފުޅެއްނުވޭ،" ޖަމީލް ވިދާޅުވި އެވެ.

ޑރ. ޖަމީލް ވިދާޅުވީ ޕީޕީއެމްގެ ލީޑަޝީޕްގެ އަމަލްތައް ހުރި ގޮތުން ޕާޓީ ދޫކުރައްވައި، އެމަނިފާނު ސިޔާސީ މަސައްކަތްޕުޅު ކުރިއަށް ގެންދެވުމަށްޓަކައި އާ ސިޔާސީ ޕާޓީއެއް ހެއްދެވުމަށް ރައީސް ޔާމީން މިހާރު ނިންމަވައިފައިވާ ކަމަށެވެ.

"ރައްޔިތުން ބޭނުން އެބަވޭ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ހަގީގަތުގައި ރައީސް ޔާމީން ނިސްބަތްވާ ޕާޓީއަށް ނަގަން. ރައީސް ޔާމީން އިސްވެ ހުންނަވައިގެން އެ މަސައްކަތް ކުރަން،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެންޕެއިން ޕީޕީއެމް/ޕީއެންސީން ކާމިޔާބު ކޮށްފައިވަނީ ރައީސް ޔާމީންގެ ފޮޓޯފުޅާއި ރައީސް ޔާމީން ގައުމަށް ގެނެސްދެއްވައިފައިވާ ތަރައްގީއާއި ރައީސް ޔާމީންގެ ފިކުރުގެ ވާހަކަތައް ދައްކައިގެންނެވެ. އަދި ސިޔާސީ ގޮތުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމާ ގުޅިގެން ވެރިކަން ލިބުމުން ރައީސް ޔާމީން ގާނޫނީ ހަމަތަކުގެ މަތިން މިނިވަން ކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ޑރ. މުއިއްޒު ދެއްކެވި ވާހަކަތައް ގިނަ ބަޔަކު ބަލައިގަނެ، ދެ ވަނަ ދައުރެއް ނުދީ ރައީސް ސޯލިހްގެ ވެރިކަން ނިމުމަކަށް ގެނެސްގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *