Support Us

ތިމަލާލެ ބްރިޖްގެ މަސައްކަތް: ކުރިއަށްދާނީ އެފްކޯނާ އެކު، މަސައްކަތް ނިންމުން 2026ގައި

ތިލަމާލޭގެ ބްރިޖްގެ މަސައްކަތް ދެންވެސް ކުރިއަށް ގެންދާނީ މިހާރު ވެސް އެ މަސައްކަތް ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮން ކުންފުންޏާ އެކު ކަމަށާއި އެ މަސައްކަތް ނިންމޭނީ 2026 ވަނަ އަހަރު ކަމަށް ސަރުކާރުން ބުނެފި އެވެ.

ތިލަމާލެ ބްރިޖްގެ މަޝްރޫއާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އިން މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ ޑރ. މުއްތަލިބު ވިދާޅުވީ ކަނޑައަޅާފައިވާ ގޮތަށް އެ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގޮސްފައިނުވަނީ ކަނޑައެޅިފައިވާ ގޮތަށް އެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމުގެ ޔަގީންކަން އެފްކޮން ކުންފުންޏަށް އޮތުމާއި އެގްރީމެންޓްގައި ކަނޑައަޅާފައިވާ ގޮތަށް މަގުހަދަން ބޭނުންވާ ބިން ތިލަފުށިން ހިއްކާފައި ސަރުކާރުން ކޮންޓްރެކްޓަރާ ހަވާލުކޮށްފައިނުވާތީ ކަމަށެވެ.

ބްރިޖްގެ މަސައްކަތް ލަސްވުމުގެ ސަބަބުން ކޮންޓްރެކްޓަރަށް އަރާ ޖޫރިމަނާގެ އަދަދަކީ ވެސް ވަރަށް ބޮޑު އަދަދެއް ކަމަށާއި އެ މަސައްކަތް ލަސްވުމުގެ ސަބަބުން ސަރުކާރާއި ކޮންޓްރެކްޓަރާ ވެސް ކްލެއިމްތަކެއް ކޮށްފައިވާ ކަމަށް މިނިސްޓަރ ޑރ. މުއްތަލިބް ވިދާޅުވި އެވެ. ނަމަވެސް ދެ ފަރާތުން މަޝްވަރާ ކުރުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުގެ ކުރީ ދުވަހު ސަޕްލިމަންޓަރީ އެގްރީމަންޓެއްގައި ސޮއިކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އާ ސަރުކާރު ހަވާލުވުމުގެ ކުރިން މިއޮތީ ސަޕްލިމެންޓްރީ އެގްރީމެންޓެއްގައި ސޮއިކޮށްފަ. އެގްރީމަންޓްގައިވާ ގޮތުގައި މިހާރު މަސައްކަތް ނިންމަންޖެހޭ ތާރީހަކީ 30 ސެޕްޓެމްބަރު 2026،" މިނިސްޓަރ ޑރ. މުއްތަލިބު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަޕްލިމަންޓްރީ އެގްރީމަންޓްގައިވާ ގޮތުން އެ މަސައްކަތްތައް ކުރިއަށް ދާނީ ކުރިން މަސައްކަތް ކުރިއަށް ގެންދިއުމަށް އެއްބަސްވި ސްޕީޑަށްވުރެ ލަހުން ކަމަށެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހަދައިފައިވާ އެ އެގްރީމަންޓަށް އިހުތިރާމް ކުރައްވާނެ ކަމަށާއި ކޮންޓްރެކްޓަރާ ވާހަކަ ދައްކައިގެން އަވަސް ކުރެވެން ހުރި މަސައްކަތްތައް އަވަސް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މި ސަޕްލިމެންޓްރީ އެގްރީމަންޓްގެ ސަބަބުން ސަރުކާރުން ކޮންސަލްޓެންޓަށް ދޭންޖެހޭ އެއްޗެއް ނޫން ހަރަދެއް ކޮންޓްރެކްޓަރަށް ދޭން ނުޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ޑރ. މުއްތަލިބް ވިދާޅުވީ އެފްކޯން ކުންފުނިން އެ މަސައްކަތް ކުރާއިރު އެންމެ ބޮޑު ޗެލެންޖަކަށް ވެފައި އޮތީ ފުން ތަނުގައި ޖަހަންޖެހޭ ތަނބުތަކުގެ މަސައްކަތް ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ މަސައްކަތް ފެށިއިރު ގެނައި ބާޖު މާބޮޑު ބޭނުންތަކެއް ނުކުރެވިގެން ފޮނުވާލައި މިދިޔަ ހަފްތާގައި ބޮޑު ތިން ބާޖު ގެނެސްގެން މަސައްކަތް ފަށައިފައިވާ ކަމަށް ވިދާޅުވި އެވެ.

އެފްކޯން ކުންފުންޏަށް ޓާގެޓް ކުރި ތާރީހަށް މަސައްކަތް ކުރިއަށް ގެންދިއުމުގައި ދިމާވި އެންމެ ބޮޑު ޗެލެންޖަކަށްވީ މަސައްކަތުގެ ބުރަކަމާއި އުނދަގޫކަން އަންދާޒާ ކުރުން ގޯސްވެ، އެކަމުގެ ތަޖުރިބާ މަދުވުމާއި އެކަމަށް ވާންޖެހޭ ތައްޔާރީތައް ފުރަތަމަ ނުވުމުގެ ސަބަބުން ދިމާވި މައްސަލަތައް ކަމަށް ދެކެވަޑައިގެންނަވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

"ރާއްޖޭގައި ބްރިޖް އެޅުމަކީ ދުނިޔޭގެ އެހެން ތަންތާނގައި ބްރިޖް އެޅުމަށް ވުރެ މާ ޗެލެންޖިން ކަމެއް. އެއީ ވަރަށް އޮއި ގަދަ ކަނޑު އޮޅިތަކެއްގައި މިއަޅަނީ. މޮންސޫން ސުވެެލްސްތަކާއި ބޮޑެތި ރާޅުތަކާ އެއްޗެހި އާދޭ. ބިމު އަޑީގައި ހުންނަ ހާލަތު ވެސް އެހެން ގައުމުތަކާ އެއްގޮތެއް ނޫން…. އެހެންވެ އެ މަސައްކަތް ކުރުމުގެ ތަޖުރިބާ ނެތް ބައެއް ކަމުގައިވާނަމަ ލާނިން ކާވްއެއް އަންނާނެ ކަހަލަ ކަމެއް،" މިނިސްޓަރ ވިދާޅުވި އެވެ.

ތިލަމާލެ ބްރިޖްގެ މި މަޝްރޫއަކީ 6.3 ކިލޯމީޓަރުގެ ބްރިޖާއި މަގު ހިމޭނޭ ގޮތަށް ބިން ހިއްކުމާއި އެ ބިމުގެ ޝޯޕްރޮޓެކްޓް ކުރުމާއި އެއާ ގުޅޭ ސިވިލް އެހެނިހެން ޔުޓިލިޓީޒް މަސައްކަތްތައް ހިމެނޭ ގޮތަށް ވެފައިވާ އެއްްބަސްވުމެކެވެ. މިއީ ޖުމްލަ 500 މިލިއަން ޔޫއެސް ޑޮލަރުގެ ޕްރޮޖެކްޓެކެވެ.

އިންޑިއާގެ އެފްކޯން ކުންފުންޏާ ހަވާލުކޮށްގެން 16 ސެޕްޓެމްބަރ 2021 ގައި ފެށި މި ޕްރޮޖެކްޓްގެ މަސައްކަތް ނިންމުމަށް އެންމެ ފުރަތަމަ އެއްބަސްވެފައިވަނީ 17 މެއި 2024 ގަ އެެވެ.

ތިން ބަޔަކަށް ބަހާލައިގެން ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ އެންމެ ފުރަތަމަ ބައި ނިންމުމަށް ހަމަޖައްސާފައިވަނީ މާލެއިން ފެށިގެން ގުޅީފަޅާ ހަމައަށެވެ. އެއީ 27 މަސް ދުވަހެވެ. އެ މަސައްކަތް ނިންމުމަށް އެންމެ ފުރަތަމަ ކަނޑައަޅާފައިވާ ތާރީހަކީ 14 ޑިސެމްބަރު 2023 ގަ އެވެ. ނަމަވެސް މިހާރު އެ މަސައްކަތް ނިންމުމަށް ހަމަޖައްސާފައިވަނީ 54.5 މަސް ދުވަހުގެ ތެރޭގައި އެވެ.

މި މަޝްރޫއުގެ ދެވަަނަ ބައެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ގުޅީ ފަޅުން ފެށިގެން ތިލަފުއްޓާ ހަމައަށެވެ. އެ މަސައްކަތް ނިންމުމަށް ހަމަޖައްސާފައިވަނީ 32 މަސް ދުވަހެވެ. އެގޮތުން 17 މެއި 2024 ގައި މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވެ އެވެ. ނަމަވެސް ސަޕްލިމަންޓްރީ އެގްރީމަންޓްގައިވާ ގޮތުން މިހާރު އެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 60.5 މަސް ދުވަހުންނެވެ.

ތިން ވަނަ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޕާކިންގް ސްޕޭސްއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދެއް ކަމަށާއި އެ މަސައްކަތް މިހާރު ވަނީ ނިންމާ ދައުލަތާ ހަވާލުކޮށްފަ އެވެ.