Support Us

ހަމްބޯ ކުންފުނީގެ ހިއްސާދާރު މަންޑޭ (ވ) އާއި އޭނާގެ ޕާޓްނަރު

ކޭޕާކުން ފްލެޓެއް ގަތް މީހަކަށް 2.9 މިލިއަން ރުފިޔާ އާއި 20 ހާސް ޑޮލަރު ދައްކަން ހަންބޯގެ މައްޗަށް ހުކުމްކޮށްފި

ހުޅުމާލޭ ކޭ ޕާކް ރެސިޑެންސުން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ދައްކައިފައިވާ މީހަކަށް 2.9 މިލިއަން ރުފިޔާ އާއި 20 ހާސް އެމެރިކާ ޑޮލަރު ދެއްކުމަށް ހަންބޯ ކުންފުނީގެ މައްޗަށް ޣައިރު ހާޒިރުގައި ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފައި ވަނީ ހަންބޯ ކުންފުނިން ހުުމާލޭގައި އަޅާ ކޭ ޕާކް ރެސިޑެންސްއިން އެޕާޓްމަންޓެއް ގަތުމަށް މަޝްހޫރު ވިޔަފާވެރިޔާ، ސ. ހިތަދޫ، ނަސީމީ މަންޒިލް، ރަފީއުއްދީން ނަސީމާ އެކު ވެފައިވާ އެއްބަސްވުމާ އެ ކުންފުނިން ހިލާފުވުމާ ގުޅިގެން ރަފީއުއްދީންގެ ފަރާތުންނެވެ.

ހަންބޯ ކުންފުނިން ރަފީއުއްދީނާ އެކު 12 އޮގަސްޓް 2021 ގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކޭ ޕާކް ރެސިޑެންސްގެ ނުވަ ވަނަ ފަންގިފިލާގައި ހެދުމަށް ހަމަޖެހިފައިވާ އެޕާޓްމަންޓް ނިންމައި ހަވާލުކޮށްފައިނުވާތީ އާއި އެޕާޓްމަންޓް ހަވާލުކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ފަހަނައަޅައިގެން ދިޔައިރު ވެސް އެ ކުންފުނިން އެ އެޕާޓްމަންޓް ރަފީއުއްދީނާ ހަވާލުކޮށްފައިނުވާތީ ޝަރީއަތް މެދުވެރިކޮށް އެ އެއްބަސްވުން ބާތިލްކުރުމަށާއި އެ އެޕާޓްމަންޓް ގަތުމަށް ހަންބޯ ކުންފުންޏަށް އޭނާ ދައްކައިފައިވާ ދެ މިލިއަން ނުވަ ލައްކަ އެގާރަ ހާސް ރުފިޔާ އާއި 20،000 ޔޫއެސް ޑޮލަރު އެއްބަސްވުމުގައިވާ ގޮތަށް އަނބުރާ ހޯދުމަށް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.

މި މައްސަލާގެ ދައުވާގައި ބުނެފައިވަނީ އެއްބަސްވުމާ ހަންބޯ ކުންފުނިން ހިލާފްވުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އަދި މި މައްސަލާގައި ގާނޫނީ ގޮތުން ޝަރީއަތުގެ މަރުހަލާގައި ހޭދަކުރަންޖެހޭ އަދަދުގެ ގޮތުގައި 75،000 ރުފިޔާ ހޯދުމަށް ރަފީއުއްދީންގެ ފަރާތުން ހުށަހަޅައިފައިވާ ކަމަށެވެ.

މި މައްސަލާގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ މި މައްސަލާގައި ދައުވާކުރާ ފަރާތުން ހުށަހަޅައިފައިވާ ލިޔުންތަކާއި މައްސަލައިގެ ދައުވާ ފޯމް ހަންބޯ ކުންފުންޏަށް 01 ފެބްރުއަރީ 2023 ގައި ލިބި އެފޯމާ ހަވާލުވެ، ކުންފުނީގެ ތައްގަނޑު ޖަހައިފައިވާކަން މައްސަލައިގެ ފައިލުން އެނގެން އޮތް ކަމަށެވެ. ނަމަވެސް ދައުވާ ލިބޭ ފަރާތުން އެ ދައުވާއަށް ޖަވާބުދާރީވުމަށް ގާނޫނު ކަނޑައަޅާފައިވާ 14 ދުވަހުގެ މުއްދަތުގެ ތެރޭގައި އެއްވެސް ލިޔެކިއުމެއް ހުށަހަޅާފައިނުވާކަން ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ހަންބޯ ކުންފުނިން އެ ދައުވާ ފޯމްގައިވާ އެންމެހައި ލިޔެކިޔުންތައް ނުލިބޭ ކަމަށް ބުނެފައިވީ ނަމަވެސް ރަފީއުއްދީނާ އެކު ހަދައިފައިވާ އެގްރީމަންޓްގައި އެ ކުންފުނީގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ ޑިރެކްޓަރ ހަސަން މަމްދޫހު (މަންޑޭ) ކަމަށާއި އެ އެއްބަސްވުމުގައި ކުންފުނީގެ މެއިލް އައިޑީއާއި އެ ކުންފުނީގެ ތައްގަނޑު ވެސް ޖަހައިފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެ ލިޔުންތައް ކޯޓުން މެއިލްކޮށްފައިވަނީ އެ މެއިލް އައިޑީއަށް ކަމަށާއި ދައުވާއާ ބެހޭ އެންމެހާ ފޯމްތަކެއް ލިބުނު ކަމަށް މެއިލްއިން ކޯޓަށް ފޮނުވާފައިވާކަން އެނގެން އޮތް ކަމަށް ބުނެފައިވެ އެވެ.

އަދި ދައުވާއާ ބެހޭ އެންމެހައި ފޯމްތައް ކޯޓުން ހުށަހަޅާފައިވަނީ ހަންބޯ ކުންފުނިން ހަދައިފައިވާ މި އެގްރީމެންޓްގައިވާ އީމެއިލް އެކައުންޓަކަށްކަން އެނގެން އޮންނަ ކަމަށެވެ. އަދި ކުންފުނީގެ ލިޔުންތައް ފޯޖްކޮށްގެން ކުންފުންޏަށް ނޭނގި ކޮށްފައިވާ ކަމެއް ކަމަށް އެ ކުންފުނިން ބުނި ނަމަވެސް މަންޑޭއަކީ އެ ކުންފުނީގެ ބާރުވެރި މަގާމެއްގައި ހުރި މީހެއް ކަމުގައިވާތީ އާއި އެނޫން ގޮތަކަށް ސާބިތުވެފައިނުވާތީ އެ ދައުވާއަކީ އެކުންފުނީގެ މައްޗަށް ކުރެވޭނެ ދައުވާއެއް ކަމަށް ބުނެފައިވެ އެވެ.

މި މައްސަލާގައި ރަފީއުއްދީން ނަސީމަށް ދެ މިލިއަން ނުވަލައްކަ އެގާރަހާސް ރުފިޔާ އާއި 20،000 އެމެރިކާ ޑޮލަރު ހަންބޯ ކުންފުނިން ދައްކަން ޖެހޭނެ ކަމަށް ކަނޑައަޅައި، މި ފައިސާ މި ހިނގާ ޑިސެންބަރު މަހުގެ 24 ގެ ނިޔަކަށް ރަފީއުއްދީން ނަސީމަށް ލިބިދިނުމަށްޓަކައި ހަންބޯ ކުންފުނިން އެ ފައިސާ އެ ތާރީހުގެ ނިޔަލަށް ސިވިލް ކޯޓަށް ދެއްކުމަށް ވެސް ހަންބޯ ކުންފުންޏަށް އަންގައި ޣައިރު ހާޒިރުގައި ވަނީ ހުކުމްކޮށްފަ އެވެ.

ހުޅުމާލޭގައި ހަންބޯ ކުންފުނިން އަޅާ ކޭ ޕާކް ރެސިޑެންސް އިން އެކި ފަރަތާތްތަކަށް އޮޅުވާލައިގެން އެޕާޓްމަންޓްތައް ވިއްކައި ފައިސާ ނަގަމުން ގެންދާ މައްސަލައެއް އެ ކުންފުންޏާއި އާބަންކޯއިން ވެސް ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ. އަދި މިހާތަނަށް މި މައްސަލާގައި އެ ކުންފުނީގެ އެއް ޑިރެކްޓަރު ކަމުގައިވާ މަންޑޭ ހައްޔަަރުކުރުމަށް ފަހު ދޫކޮށްލާފައިވަނީ ޕާސްޕޯޓް ހިފެހެއްޓުމަށް ފަހުގަ އެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ފުލުހުން މަންޑޭގެ އެޕާޓްމަންޓަށް މިދިޔަ ހަފުތާގައި ވަދެ، އެތާނގައި ހުރި އަގުބޮޑު ބައެއް ސާމާނު ވަނީ އެއް އަހަރަށް ހިފަހައްޓައިފައެވެ.