މާލޭގެ ސަރަހައްދުގައި 65،000 ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރު ކޮށްދިނުމަށް ހިިންގުމަށް ހަމަޖައްސައިފައިވާ ބިޔަ ބޮޑު މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކުން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މާފަންނުކޮޅުގައި ކުރީގެ ގަޑިބުރި ހުރި ތަނުގައި ޒަމާނީ ވަސީލަަތްތަކާ އެކު ގާއިމްކުރި އާ ގަޑިބުރު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ފުށި ދިއްގަރުފަޅު ހިއްކުމުން ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމާ ވާވަރުގެ ޖާގައިގެ ތިން ގުނަ ކަމުގައިވާ 1،200 ހެކްޓަރުގެ ބިން އުފެދި ގެދޮރުވެރިކަމަށް ހައްލު ލިބިގެންދާނެ ކަމަށެވެ..
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެންމެ ގިނަ މީހުން ދިރިއުޅެނީ މާލޭ ސަރަހައްދުގައި ކަމަށް ވާތީ އެންމެ ބޮޑު މަޝްރޫއު އޮތީ މި ސަރަހައްދަށް ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަ ކަނޑައަޅައިފައިވާ ގޮތަށް، ވައުދުވި ގޮތަށް މި ދައުރުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ކަންކޮޅެއްގައި ގެދޮރުވެރިކަމަށް ބޭނުންޖެހިފައި ހުރި، އެކަން ހައްލުނުވާ އެއްވެސް ރައްޔިތަކު ނުހުންނަ މިންވަރަށް އެ މައްސަލަ ހައްލުކޮށްދިނުން. އިރާދަކުރެއްވިއްޔާ އެކަން ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން މިހާރު ހިނގަމުންދާ ގުޅީފަޅާއި ގިރާވަރުފަޅުގެ މަޝްރޫއު އިތުރަށް ފުޅާކޮށް، ގިރާފަރު ފަޅާ ހަމައަށް ބްރިޖުގެ މަސައްކަތް ވެސް މަޑުޖެހިފައި އޮތް އޮތުން ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމުގެ މަސައްކަތް މި ސަރުކާރުން ފަށާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.



advertisment