މާލެ ތަރައްގީ ކުރުމަށްޓަކައި މާލޭ ސިޓީ ކައުންސިލަށް "ކުރީގެ ސަރުކާރުން ހުއްދަ ދީފައިނުވާ ގިނަ މަޝްރޫއުތައް ބާރު ސްޕީޑުގައިދެން ކުރިއަށްދާނެ" ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާފަންނުކޮޅުގައި ކުރީގެ ގަޑިބުރި ހުރި ތަނުގައި ޒަމާނީ ވަސީލަތްތަކާ އެކު ގާއިމްކުރި އާ ގަޑިބުރު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކައުންސިލްތައް ބާރުވެރިކުރުވުމަކީ މި ސަރުކާރުގެ މައިގަނޑު އެއް ވިސްނުން ކަމަށާއި ލާމަރުކަޒީ ނިޒާމުގެ ދެ ފަރާތުގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމުން ކައުންސިލްތައް ނުހިނގާ ސަބަބު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާފައިވާ ކަމަށެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކައުންސިލްތައް ބާރުވެރި ކުރުވުމަށްޓަކައި ހާއްސަ ވުޒާރާއެެއް މި ސަރުކާރުން އުފައްދާފައިވާއިރު "ދެން ފެނިގެންދާނީ އިރާދަކުރެއްވިއްޔާ ކައުންސިލްތައް ރައްޔިތުން އެދޭ ގޮތަށް ބާރު ސްޕީޑުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާ އެކު ހިނގަމުންދާތަން" ކަމަށެވެ.
"މާލޭގައި ވެސް އަޅުގަނޑު މޭޔަރަކަށް ހުރި އިރު ހުއްދަ ނުދިން ރައްޔިތުން އެދިފައި ހުރި ހުރިހާ މަޝްރޫއެއް ވެސް ދެން ބާރު ސްޕީޑުގައި ހިނގަމުންދާނީ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
އެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މާލޭ ސިޓީގެ އެކި ސަރަހައްދުތަކުގައި ޕާކިން ބިލްޑިންތައް އެޅުމުގެ މަޝްރޫއުގެ ދަށުން މާލޭގެ އެކި ސަރަހައްދުގައި އުސް ޕާކިން އިމާރާތްތައް ގާއިމްކުރެވި މާލެތެރެ ތޮއްޖެހުމަށް ހައްލު ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން މާލޭގެ މަގުހެދުމުގެ މަޝްރޫއާއި މި ނޫން ވެސް މާލޭ ތަރައްގީގެ މުހިންމު މަޝްރޫއުތަކަށް ސަރުކާރުން އިސްކަން ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މާލޭގެ މަގުހެދުމުގެ މަޝްރޫއުއަކީ ބޮޑު މަޝްރޫއެއް ކަމުގައި ވާތީ ބޭރުގެ އެހީތެރިކަން ހޯއްދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.



advertisment