Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: މިފަހަރު ޑރ. މުއިއްޒަށް މިކަން ކުރެއްވޭނެބާ؟

ދެހާސް އަށް ވަނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ރާއްޖޭގެ ވެރިކަމުގައި ހުންނެވީ، ދިގު 30 އަހަރުގެ ވެރިޔާ، ރައީސް މައުމޫނު އަބްދުލް ޤައްޔޫމެވެ. ނަމަވެސް އެ ބާރުގަދަ ވެރިކަންވެސް ނިމުމުގެ ވަގުތު އައިސް ޖެހުމުން ނިމުނީ އެވެ. ސޯސް އުނގުޅައިފައި ޖަލުގައި ގަދަކަމުން ތުނބުޅި ބޭލުވި މީހުންގެ ބަދު ދުއާ ކަމަށް ވެސް ވެދާނެއެވެ. މައުމޫނުގެ ވެރިކަން ނިމި، ދެން އައީ ޤައުމިއްޔަތުގެ ފިކުރާއި ވަރަށް ބީރައްޓެހި، ބިދޭސީންނަށް ބަރޯސާވެފައި އޮތް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމެކެވެ.

މައުމޫނަށް ވުރެ ހުދުމުހުތާރުކަން ދައްކަމުން، ކިބުރުވެރި ބަސް ވިދާޅުވަމުން ނަޝީދަށް ވެސް ވެރިކަން ކުރެއްވުނީ ތިން އަހަރެއްހާ ދުވަހު އެވެ. ދައުރުގެ ފަސް އަހަރުވެސް ހަމަނުވަނީސް 2012 ވަނަ އަހަރު، ރައްޔިތުން މުޒާހަރާކޮށް، އިސްތިއުފާ ދެއްވަން ނަޝީދަށް މަޖުބޫރުވެ ވަޑައިގަތީއެވެ.

ނަޝީދުގެ ބާރުގަދަ ވެރިކަން ވެސް ހީނުކުރާ ކަހަލަ ގޮތަކަށް ވެއްޓި، 2013 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރައްވައިގެން ވެރިކަމަށް ވަޑައިގަތީ ރައީސް އަބްދުﷲ ޔާމީނެވެ. ޔާމީނުގެ ބާރު، މައުމޫނާއި ނަޝީދަށް ވުރެވެސް، ގަދަ އެވެ. ނަމަވެސް 2018 ގައި އެ ބާރުގަދަ ވެރިކަން ވެސް ހީނުކުރާ ކަހަލަ ގޮތަކަށް ނިމުމަކަށް އައީ އެވެ.

ދެން 2018 ގައި ވެރިކަމަށް ވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މައުމޫނާއި، ނަޝީދާއި ޔާމީނާ ވަރަށް ތަފާތު ބޭފުޅެކެވެ. މަޑުމައިތިރި، ބަސް މަދު ބޭފުޅެކެވެ. ނަމަވެސް އިބޫ ސޯލިހުގެ ވެރިކަން ވެގެން ދިޔައީ ކޮރަޕްޝަނާއި ފަސާދަ ގިނަ، އިޒްރޭލުން ހަދާ ކަހަލަ ދޮގު ހައްދަވައިގެން، ޤައުމުގެ މިނިވަންކަމާއި އިސްތިގްލާލު ވިއްކާލެއްވި، ކަނޑު ވިއްކާލެއްވި، އިންޑިއާ އަށް ޤައުމު އަޅުވެތި ކުރެއްވި، ރައްޔިތުންނަށް ނުހަނު ވޭންދިން ސަރުކާރަކަށެވެ. ސިމެންތިން ގެނެސްދޭ ތަރައްޤީ ގެނެސް ދެއްވިއެވެ. ނަމަވެސް މިނިވަންކަން ގެއްލި، ޤައުމުގެ ދީންވެރިކަން ވަޅުޖެހި، ރައްޔިތުންގެ އިތުބާރު ގެއްލިގެން 2023 ގައި އިބޫ ސޯލިހުގެ ވެރިކަން 17 ނޮވެމްބަރ ވާ ހުކުރު ދުވަހު ނިމިގެން މިދަނީ އެ ވެރިކަމުގެ އަސްލު ސިފަ ވަރަށް ސާފުކޮށް ދައްކަމުންނެވެ. މިވެރިކަން ނިމިގެން މިދަނީ، މުޅި ދިވެހި ޤައުމާއި ޤައުމުގެ ހަޒާނާ ދޮވެލިކަމަށް އެއްބަސްވެ، ކުށް ސާބިތުވުމުން ދިގު މުއްދަތަަކަށް ޖަލަަށް ލާފައި ތިބި އަދީބާއި ޒިއަތަށް ރިޔާސީ އަފޫއަކުން މައާފް ދެއްވަމުންނެވެ.

މިއީ އިބޫ ސޯލިހުގެ ވެރިކަމުގެ އެންމެ ފަހު ކަމެއްގެ ގޮތުން ދިވެހި ރައްޔިތުންގެ މޫނުމަތީގައި އެޅުއްވި ނުބައިކަން ބޮޑު ތަފާއްޔެކެވެ. އެމް.ޑީ.ޕީގެ ފަސް އަހަރުގެ ވެރިކަމުގައި ސިއްކަޖެހުނު ސަބަބު ވަރަށް ސާފުކޮށް ރަމްޒުކޮށްދޭ މިސާލެކެވެ. ރައީސް ސޯލިހަކީ ރައްޔިތުންގެ އިހްސާސްތަކަށް ވިސްނުމެއް، އިހްތިރާމެއްނެތި ވެރިކަން ކުރެއްވި ވެރިއެއްކަން ދައްކުވައިދޭ ރަނގަޅު މިސާލެކެވެ.

ދިވެހި ރައްޔިތުން އެދެނީ ހަމައެކަނި ސިމެންތީގެ ތަރައްޤީއެއް ނޫނެވެ. ސިމެންތީގެ، މާއްދީ ތަރައްޤީގެ އިތުރުން ޤައުމުގެ މިނިވަންކަމާއި އިސްތިގްލާލް ރައްކާތެރިކޮށް، ދިވެހީންގެ ދީން ރައްކާތެރި ކުރުމަކީ ވެރިއެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތު ކަން ކަމުގައި ދިވެހީން ޤަބޫލު ކުރެއެވެ. މީގެ މިސާލަކީ: 2008 ވަނަ އަހަރު ދިވެހި ރައްޔިތުންނަށް ފެންނަން އޮތް އެންމެ ބޮޑު ތަރައްޤީ ކަމުގައިވާ ހުޅުމާލެ ހިއްކެވީ ރައީސް މައުމޫނެވެ. ހުޅުމާލެ އާބާދުވެ، އެ ހުޅުމާލޭގައި ވަޒަންވެރިވި ރައްޔިތުންވެސް 2008 ގައި ނިކުމެ ވޯޓު އެޅީ މައުމޫނާ ދެކޮޅަށެވެ. އެއޮއްފަދަ ވިޝަނަރީ ތަރައްޤީގެ ރަމްޒު ކަމުގައިވާ، ހުޅުމާލޭގެ އައިޑީއާ ހަޤީގަތަކަށް ހައްދަވައި ދެއްވި މައުމޫނާ ދެކޮޅަށެވެ. އެއީ ރައްޔިތުންގެ މިނިވަންކަމަށް ހުރަސް އެޅުއްވީމައެވެ. ހުދުމުހުތާރު ވެރިކަމަކަށް ވީމައެވެ.

ހަމަ އެފަދައިން 2012 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަން ބަދަލު ކުރީ، އާސަންދާއިން ހިލޭ ބޭސް ކުރެވޭނެ ގޮތްވެސް ހެއްދެވީ ނަޝީދުކަން އެނގިތިބެއެވެ. އުމުރުން ދުވަސްވީ މީހުނަށް އިނާޔަތުގެ ފައިސާ ދެއްވަން ފެއްޓެވީ ނަޝީދުކަން ވެސް އެނގިތިބެއެވެ. އެފައިސާ އަށް ވުރެ ރައްޔިތުންނަށް މުހިއްމުވީ ޤައުމުގެ ހަރު މުދަލާއި ޤައުމުގެ އިސްތިޤްލާލެވެ. އިންޑިއާގެ ޖީ.އެމް.އާރަށް އެއާޕޯޓް ވިއްކުމާ ރައްޔިތުން ދެކޮޅެވެ. ފެން ކުންފުންޏާއި ދިރާގު ވިއްކުމާ ރައްޔިތުން ދެކޮޅެވެ. ނަޝީދުގެ ވެރިކަމުގެ ފަސް އަހަރު ނިމެންދެން ވެރިކަމުގައި ހުންނެވި ނަމަ ޕޯޓްސް އޮތޯރިޓީ އާއި ކަސްޓަމްސް ފަދަ ތަންތަންވެސް ބިދޭސީންނަށް ވިއްކަވައި، ފަނޑިޔާރުގެއަށް ބިދޭސީ ފަނޑިޔާރުން ވެސް ގެންނެވީހެވެ. އެފަދަ ކަންކަން ބޭނުންނުވާތީ، ކިތައްމެ ފައިސާއެއް ދެއްވިއަސް ރައްޔިތުން ބޭނުންވީ ނަޝީދުގެ ވެރިކަން ބަދަލު ކުރާށެވެ.

ނަޝީދާ ދެކޮޅަށް ރައްޔިތުން ތެދުވެ، ރައީސް ޔާމީނަށް ވޯޓުދިނީ އެ ސަބަބާ ހުރެއެވެ. ދެހާސް އަށާރަ ވަނަ އަހަރުގެ އިންތިހާބު އައިއިރު ރައީސް ޔާމީން ވެސް ވަނީ ސިމެންތީގެ ބޮޑެތި ތަރައްޤީ ގެންނަވާފައެވެ. އޭގެ ކުރިން ދިވެހިން ހުވަފެނަކުން ވެސް ނުދެކޭ ފަދަ ބޮޑު ބްރިޖަކުން މާލެއާއި ހުޅުލެ ގުޅާލެއްވިއެެވެ. ނަމަވެސް، ސިނަމާލެ ބްރިޖުގައި ބާރަށް ދުއްވާފައި ގޮސް ދިވެހި ރައްޔިތުން ވޯޓު އެޅީ ޔާމީނާ ދެކޮޅަށެވެ. ވެރިކަމުގައި ހުދުމުހުތާރު ކަމަށް ރައްޔިތުންނަށް ވިސްނިގެންނެވެ.

ރައީސް ޔާމީނަށް ފަހު 2018 ގައި ވެރިކަމަށް ވަޑައިގަތް ރައީސް ސޯލިހު ވެސް ބަނދަރު ހައްދަވައި، އެތައް އެއާޕޯޓެއް އަޅުއްވައި، ނަރުދަމާ އާއި ފެނުގެ ހިދުމަތް ދެއްވިއެވެ. ނަމަވެސް އިންޑިއާ އަށް ޤައުމުގެ ހަރުމުދާ ވިއްކައި، ޤައުމުގެ ކަނޑު އަޑީގެ ޗާޓު ކުރަަހަން އިންޑިއާއާ ހަވާލުކޮށް، އުތުރު ތިލަފަޅާއި އެނޫންވެސް ތަންތާނގައި އިންޑިއާ ސިފައިން ޤާއިމްކޮށް، ކޮރަޕްޝަން އާއްމު ކުރެއްވި އެވެ. ދެހާސް ތޭވީސް ވަނަ އަހަރުގެ ރިއާސީ އިންތިހާބުގައި، ދިވެހި ރައްޔިތުން ނިކުމެ ވޯޓު އެޅީ ކޮން ގޮތަކަށްތޯއެވެ؟ ރައީސް ސޯލިހު އެޅުއްވި ބޯފެން ހޮޅިތަކުން ފެން ބޮއެގެން، ރައީސް ސޯލިހު އެޅުއްވި ފާހާނާގެ ނިޒާމަށް ބޮޑުކަމު ގޮސްފައި، ރައީސް ސޯލިހު ތާރު އެޅުއްވި މަގުތަކުގައި ދުއްވާފައި ގޮސް، ރައީސް ސޯލިހު ހެއްދެވި އެއާޕޯޓުން އުދުހިގެން ގޮސް ވޯޓު އެޅީ ރައީސް ސޯލިހާ ދެކޮޅަށެވެ.

ދެހާސް އަށްވަނަ އަހަރުން ފެށިގެން ފާއިތުވި 15 އަހަރަށް ބަލާއިރު އެނގިގެންދާ ހަޤީގަތަކީ ދިވެހި ރައްޔިތުންނަށް ސިމެންތި ތަރައްޤީއަށް ވުރެވެސް މުހިއްމީ ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ކަމެވެ. ކޮރަޕްޝަން ނެތިގެން ދިއުމާއި ދީނަށް ހުރުމަތްތެރިކޮށް ހިތުން ކަމެވެ. އެކަންކަން ނުރަނގަޅު ވުމުން ރައީސް ސޯލިހު ކިތައްމެ ތަރައްޤީއެއް ގެންނެވިއަސް ރައްޔިތުންގެ ތާއީދެއް ލިބިވަޑައެއްނުގަތެވެ.

ސުވާލަކީ 2028 ގެ އިންތިހާބަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނުކުމެވަޑައިގަންނަވާނީ ހަމައެކަނި ބްރިޖާއި އެއާޕޯޓާއި އެފަދަ އެހެން ސިމެންތީގެ ތަރައްޤީ އެކަނި ހިއްޕަވައިގެންތޯ އެވެ؟ ނުވަތަ ސިމެންތި ތަރައްޤީގެ އިތުރުން ދިވެހި ރާއްޖޭގެ މިނިވަންކަން ހިމާޔަތް ކުރައްވައި، އިންޑިއާ ސިފައިން ބާލުއްވައި، ގެއްލުނު ކަނޑުތައް ހޯއްދަވައި، ދީން ކުރިއަރުއްވައި، ކޮރަޕްޝަނާއި ފަސާދަ އަށް ހަޤީޤީ "ޒީރޯ ޓޮލަރެންސް" އެއް ދެއްވައިގެން ތޯއެވެ؟ ޖާހިލުންނަށް އިސް މަޤާމްތައް ނުދެއްވައި ތޯއެވެ؟

ރައީސް ނަޝީދު ފަދަ، ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ސިޔާސީ ފަރާތްތަކާ އެއްވެސް ޑީލެއް ހައްދަވައިގެން ޑރ. މުއިއްޒަކަށް ރައްޔިތުންގެ ތާއީދެއް ލިބިވަޑައެއް ނުގަންނަވާނެއެވެ. ކޮރަޕްޓް ވެރިކަމެއް ކުރެއްވި، އަދި ޤައުމު ވިއްކާލެއްވި ރައީސް ސޯލިހު އިންސާފުގެ ކުރިމައްޗަށް ނުގެންނަވައި، ރައީސް ސޯލިހާ ސިއްރު ޑީލެއް ހައްދަވައިގެން ވެސް ރައްޔިތުންގެ ތާއީދެއް ޑރ. މުއިއްޒަކަށް ލިބިވަޑައެއް ނުގަންނަވާނެއެވެ. ޖާބިރާއި ސަން ސިޔާމް ފަދަ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ފަރާތްތައް އަރިސް ކުރައްވައިގެން ވެސް ރައްޔިތުންގެ ތާއީދެއް ޑރ. މުއިއްޒަކަށް ލިބިވަޑައެއް ނުގަންނަވާނެއެވެ.

ޑރ. މުއިއްޒުގެ ސަރުކާރު ވާންވީ ކުރީ ސަރުކާރުތަކާ ހިލާފަށް ރާއްޖޭގެ ސިޔާސީ ކޫޑިންނަށް ފުރުސަތު ނުދޭ ޕާޓީ ސަރުކާރަކަށެވެ. ކޮންމެ ސަރުކާރެއްގެ ތެރެއަށް ވަދެގަނެ، ރިލެވެންޓް ވާން އުޅުއްވާ، ޗެއާމަން ޖާބިރު، އަލްހާން ފަހުމީ، ސަން ސިޔާމް، ރައީސް ނަޝީދު ފަދަ ބޭފުޅުންނަށް ބެކްޑޯ އިން ސަރުކާރުތެރެއަށް ވަނުމުގެ ފުރުސަތު ނުދެއްވުން ވަރަށް މުހިއްމެވެ. އެފަދަ ސިޔާސީ ކޫޑިންގެ ފަރާތުން ލިބިދާނެ ކުޑަ ފައިދާއަކަށް ވުރެ އާހިރުގައި ލިބޭނެ ގެއްލުން މާބޮޑުވާނެއެވެ.

ރައީސް ނަޝީދަށް ވެސް 2008 ވަނަ އަހަރު ވަރަށް ރިވެތި ވެރިކަމެއް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތެވެ. އެކަމެއް ނުވިއެެވެ. ރައީސް ޔާމީނަށް 2013 ވަނަ އަހަރު ވަރަށް ރަނގަޅު ވެރިކަމެއް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތެވެ. ޔާމީނުގެ ވެއްޓުމަކަށްވީ ކިބުރުވެރިކަމާއި، ގޮތް ދޫނުކުރެއްވުމެވެ. ރައީސް ސޯލިހަށް ވެސް ހެޔޮ ވެރިކަމެއް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތެވެ. ނަމަވެސް ރައްޔިތުންގެ ތާއީދެއް ނެތް އަދާލަތު ޕާޓީ އަރިސް ކުރައްވައިގެން، ޝެއިހް އިމްރާނާއި، އަބްދުﷲ ޝާހިދާއި، މާރިޔާ ދީދީ އަކީ މާމޮޅު ސިޔާސީ މުފައްކިރުން ކަމަށް ބައްލަވައިގެން ވެރިކަން ކުރެއްވުމުން ރައީސް ސޯލިހަށް ދެވަނަ ދައުރެއްގެ ފުރުސަތު ގެއްލިވަޑަގަތީ އެވެ.

އިންތިހާބީ ރައީސް، ޑރ.މުއިއްޒު ވެސް ކުރީގެ ރައީސުން ހިންގެވި މަގުން، ޑީީލް ހައްދަވަމުން ހިންގަވައިފި ނަމަ 2028 ގައި ވެރިކަން ބަދަލުވާނެއެވެ. ސިމެންތި ތަރައްޤީވެސް މުހިއްމެވެ. ނަމަވެސް ސިމެންތި ތަރައްޤީ އާއި އެކުގައި ޤައުމުގެ މިނިވަންކަން ވަރުގަދަ ކުރައްވައި، އިސްތިޤްލާލު ވަރުގަދަ ކުރައްވައި، އިންޑިއާ ސިފައި ބާލުއްވައި، ވިއްކާލި ކަނޑުތައް ހޯއްދަަވައި، ސިޔާސީ ކޫޑިންގެ ކިބައިން ސަރުކާރު ތޯހިރު ކުރައްވައި، ރައްޔިތުންނަށް ޓަކައި، ރައްޔިތުންގެ ވެރިކަމެއް ކޮށްދެއްވާށެވެ. އެއިރުން 2028 ގައި ރައްޔިތުން ނިކުމެ ނިކަން ބޯކޮށް ވޯޓު އަޅާނެއެވެ. ބޯކޮށް ވޯޓު އަޅައިގެން، ހިތުން ރުހުމުން ޑރ. މުއިއްޒު ދެވަނަ ދައުރަަކަށް ހޮވާނެއެވެ. އެއަކާ މެދު ޝައްކެއް ނެތެވެ. ހެޔޮ ވެރިކަމަކަށް ފެންބޮވައިގެންފައި ދިވެހި ރައްޔިތުން ތިބޭތާ އެތައް ޤަރުނެއް ވެއްޖެ އެވެ! އަދިވެސް އެކަމެއް ނުވެއެވެ. ރައްޔިތުންގެ ވެރިކަމަކަށް ފެންބޮވައިގެންފައި ރައްޔިތުން ތިބޭތާ 15 އަހަރު ވެއްޖެއެވެ. އެކަން ކޮށްދެއްވާނީ ޑރ.މުއިއްޒު ބާވައެވެ؟

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
41

One Response

  1. މި އާޓިކަލު ކިއުމަށްފަހު ރަގަޅަށް ވިސްނަވައިގެން ޤައުމާއިގެން ރައީސް މުޢިއްޒު ކުރިއަށް ދާނަމަ ރަގަޅުވާނެ ކަމަށް ޤަބޫލުކުރަމެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *