Support Us

ކެޔޮނިރު ކޮލަމް

ރިބާ ހުއްޓުވުމާއި އައުރަ ނިވާކުރުމާއި، ޒަކާތް ނެގުމަކީ ވާޖިބެއް ކަމުގައި ބުނުން!

މިސާލަކަށް ރާއްޖޭގެ މީހުން އުޅޭ ރަށްރަށުގައި ރާ ވިއްކުމުގެ ހުއްދަ ދިނީ އެވެ! އެއްވެސް ސަރުކާރަކުން މިފަދަ ކަމެއް ކޮށްފިނަމަ ރައްޔިތުން އުތުރި އަރައިގަންނާނެއެވެ. "ސިޔާސީ ލީޑަރުން"ނާއި "ދީނީ އިލްމުވެރިން" ފިލާފަ ތިބި ހޮރުހޮރުން ނިކުމެ ފަތުވާތައް ނެރެން ފަށާނެއެވެ. އިސްލާމީ ޝަރިއަތާ ހިލާފް، އަދި އިސްލާމް ދީނާ ހިލާފް އެއްވެސް ކަމެއް ރާއްޖޭގެ ޤާނޫނުގައި ހުއްދަ ނުކުރެވޭނެ ކަމަށް ބުނާނެއެވެ.  ސިއްރު ފެންފުށި ކިޔާ ރިސޯރޓެއްގައި މީގެ ދެތިން އަހަރު ކުރީން، ކަނޑުއަޑީގެ މިއުޒިއަމެއް ހަދައި، އެތަނުގައި ބުދުތަކެއް ބެހެއްޓުމުން ބައެއް ޝެއިހުންގެ ޓްވީޓްތައް ފެނިގެން ދިޔައެވެ. ބުދު ބެހެއްޓުން ހަރާމް ވީމައެވެ. ރަނގަޅެވެ. ނަމަވެސް، ރަލާއި ބުދު ހަރާމްވާ ފަދައިން ރިބާކެއުމާއި ވެސް ހަރާމް ކަމެއް ނޫންތޯއެވެ؟

އަޅުގަނޑުގެ ސުވާލަކީ: ﷲ ހަރާމް ކުރެއްވީ ރާ އެކަނިތޯއެވެ؟ ބޭންކް އިންޓަރެސްޓް ނުވަތަ ރިބާ އެއީ ހަލާލް އެއްޗެއްތޯއެވެ؟ ކީރިތި ޤުރުއާންގެ ބަޤަރާ ސޫރަތުގައި ﷲ ވަނީ ރިބާ ބޭނުންކުރާ މީހުންނާއި ރިބާ ދޭމީހުންނާ ދެކޮޅަށް ﷲ އާއި އެ އިލާހުގެ ނަބިއްޔާ ހަނގުރާމަ އިއުލާން ކުރައްވާ ކަމަށް ވަޙީ ކުރައްވައިފަ އެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކާއި ރާއްޖޭގައިވެސް ރިބާ ބޭނުންކުރުން އާއްމުވެފައި އޮތަސް ﷲ ޙަރާމް ކުރެއްވި ކަމެއް ހަލާލް ކުރެވޭނެ އެއްވެސް އުޒުރެއް ނުވަތަ ހުއްޖަތެއް ނޯންނާނެއެވެ. ދީނުގެ އުސޫލްތަކާ ދުރު މީހުން މިފަދަ ވާހަކަތަކާމެދު ދެކޭނީ ޖޯކެއްގެ ގޮތުގައެވެ. އެމީހުން ބުނާނީ ރާ ނުވިއްކައި، ރިބާ ބޭނުންނުކޮށް މިޒަމާނުގެ ދުނިޔޭގައި ކުރިއަށް ނުދެވޭނެ ކަމަށެވެ. ނަމަވެސް މުސްލިމުންގެ އަޤީދާ އަކަށް ވާންޖެހޭނީ ﷲ ހަރާމް ކުރެއްވި އެއްވެސް ކަމެއްގައި ބަރަކާތެއް ނުވާނެ ކަމާއި، ހަރާމް ވިޔަފާރިއާ ދުރުވުމުން ރިޒުގުގެ ގޮތުން ހީނުކުރާ އާދޮރުތައް ﷲ ހުޅުއްވަވާނެ ކަމެވެ.

ރާއްޖޭގައި އިސްލާމީ ޝަރީއަތް ހިންގެނީ ވަރަށް އެހެން ކަހަލަ ގޮތަކަށެވެ. ތިމާ ރުހޭ ކަމެއްނަމަ ހަރާމްވިއަސް އޯކޭއެވެ. ރިބާއާ ދެކޮޅަށް ބަހެއް ބުނާނެ، ނުވަތަ ބުނަންކެރޭނެ ސިޔާސީ މީހަކު މަދުވާނެއެވެ. މިސާލަކަށް އަދާލަތު ޕާރޓީ ނުވަތަ މައުމޫން ރިފޯރމް މޫވްމެންޓް ނުވަތަ ޖުމްހޫރީ ޕާރޓީގެ އިސް އެއްވެސް ފަރާތަކަށް މިކަމާ ބެހޭގޮތުން އެއްޗެއް ބުނަން ނުކެރޭނެކަން ކަށަވަރެވެ. "ޕޮޕިއުލަރ ވޯޓު" ގެއްލިދާނެތީ ބިރުންނެވެ. ﷲ ހަރާމް ކުރެއްވި ކަމެއް ޤާނޫނަކުން ހުއްދަކޮށްގެން ތިބެން ކެރެއެވެ. އެކަމާ ބިރެއްވެސް ނުގަނެއެވެ. ނަމަވެސް "ޕޮޕިއުލަރ ވޯޓު" ނުލިބިދާނެތީ ހައްޤު ބަސް ބުނަން ބިރުގަނެއެވެ. ކޮންފަދަ ބޮޑު މުނާފިޤް ކަމެއްތޯއެވެ؟

އިސްލާމް ދީނުގައި ނަހީ ކުރައްވައި، ހަރާމް ކަމަށް ބަޔާން ކުރައްވާފައިވާ، ރާބުއިން، ޒިނޭ ކުރުން ފަދަ އެއްވެސް ކަމެއް ކުރާ ފާފަވެރިންނާ ދެކޮޅަށް ﷲ ހަނގުރާމަ އިއުލާން ކުރައްވާފައިވޭތޯ އެވެ؟ ރިބާ ފިޔަވަ އެވެ! ރިބާ ދޭ މީހާ އާއި، ރިބާގައި ހިފާ މީހާ އާއި، ރިބާ ދިނުމަށް މެދުވެރިވާ މީހާއާ ދެކޮޅަށްވެސް މި "ހަނގުރާމަ" އިއުލާން ކުރެވިފައިވެއެވެ. ވީއިރު ރިބާ އެއީ މާކުޑަ ކަމަކަށްވެ، މާ އާދައިގެ ކަންތައްވެސް ބޮޑެތި ކަންތަކަށްވެގެން އުޅޭ ސިޔާސީ މީހުންނާއި ދީނީ ޝެއިހުންނަކީ މުނާފިގުންނޫން ދެން ކޮންބައެއްތޯ އެވެ؟

ކަނބަލުން އައުރަ ނިވާ ކުރުމާމެދު ވެސް ގިނަބަޔަކު ދެކެނީ ރިބާއާ މެދު ދެކޭފަދަ "މުނާފިޤް" ގޮތަކަށެވެ. ހިޖާބުން ކަނބަލުން އައުރަ ނިވާކުރުމަކީ އެކަނބަލުންގެ އަމިއްލަ އިޚްތިޔާރަށް ދޫކޮށްލަން ޖެހޭ ކަމެއް ކަމަށް ސިޔާސީ ބައެއް މީހުން ބުނެއެވެ. ރައީސް މައުމޫންގެ ވެރިކަމުގައި، އޭރުގެ ހަފްތާ މަޖައްލާއަކަށް ދެއްވި އިންޓަރވިއުއެއްގައި، ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ ބުރުގާ ނާޅުއްވަނީ ކީއްވެގެންތޯ ސުވާލު ދެންނެވުމުން މައުމޫން ވިދާޅުވީ ބުރުގާ އެޅުމާއި ނޭޅުމަކީ ނަސްރީނާގެ އަމިއްލަ ކަމެއް ކަމަށެވެ!

ސުބުހާންﷲ! މޫނާއި ދެއަތްތިލަފިޔަވައި އެހެން ތަންތަނަކީ އަންހެނާގެ އައުރައެވެ. އެގޮތުން ކަނބަލުން އައުރަ ނިވާކުރުމަކީ އިސްލާމްދީނުގެ ހުރިހާ އިލްމުވެރީން އިއްތިފާގްވާ، އެއްވެސް ހިލާފެއް ނެތް ކަމެކެވެ. ހިލާފް އުޅެނީ ހަމައެކަނި މޫނުބުރުގާ ވާޖިބުތޯ ނުވަތަ ނޫންތޯ މި ކަމުގައެވެ. ވީއިރު މުސްލިމް އަންހެނާ މިފަދައިން އައުރަ ނިވާ ކުރުމަކީ ނުވަތަ ނުކުރުމަކީ އޭނާގެ "އަމިއްލަ" ކަމެއް ނޫނެވެ. މިކަމަށް އިންކާރު ކުރުމަކީ ﷲގެ އަމުރުފުޅަށް އިންކާރުކޮށް ޖަދަލު ކުރުމެވެ. އެހެންވީއިރު ރާ ބުއިމާއި ޒިނޭ ކުރުންވެސް ހަމަ އަމިއްލަ އިހްތިޔާރަށް ދޫކޮށްލަންވީ ނޫންތޯއެވެ؟ މުސްލިމް އަންހެނުން މިފަދައިން އައުރަ ނިވާނުކޮށް އުޅުން ރާއްޖޭގައި "ހުއްދަ" ވުމަކީ ހުއްދަ ނޫން ކަމެއް، ހުއްދަ ކަމަށް ހެދިގެން ތިބުން ނޫން ދެން ކޮން ކަމެއްތޯއެވެ؟ މިވާހަކަ ދައްކަން ކެރޭ "ސިޔާސީ" މީހެއް ނެތެވެ. މިކަމުން ވެސް ދައްކައިދެނީ ދިވެހި ރާއްޖޭގެ ސިޔާސީ މީހުންގެ މުނާފިގް ކަމެވެ. އަމިއްލަ އެދުން އިސްކުރާ މިންވަރެވެ.

އިސްލާމް ދީން ފުރަތަމަ ދުނިޔެއަށް ތައާރަފްވެގެން އައި އިރު، ރާ ހަރާމް ކުރެއްވުން ފަދަ ހުކުމްތައް ބާވައިލެއްވީ މަރުހަލާ ތަކަކަށް ބައްސަވާލައްވައިގެންނެވެ. މިރާއްޖޭގައި، މިޒަމާނުގައިވެސް ކަން ކުރަންޖެހޭނީ އެފަދައިން، މަޑުމަޑުން ކަމަށް ބައެއް މީހުން ބުނެއެވެ. ނަމަވެސް ﷲ ހަރާމް ކުރެއްވި ކަމެއް ހުއްދަ ކޮށްގެން، މަޑުމަޑުންނޭ ކިޔަކިޔައި ތިބުމުގެ އިޚްތިޔާރެއް އެއްވެސް ފަރާތަކަށް މިހާރަކު ނޯންނާނެއެވެ. ރާ ހަރާމްވާ ފަދައިން ރިބާ އާއި އައުރަނިވާ ނުކޮށް އުޅުން ވެސް ހަރާމެވެ. ހަމައެކަނި ތަފާތަކީ ރަލުގެ ވާހަކަ ދައްކާ މީހުންނަށް ރިބާ އާއި އައުރައިގެ ވާހަކަ ދައްކަން ނުކެރޭތީ އެވެ. ނުވަތަ ނުދައްކާތީ އެވެ.

ރިބާ އާއި އައުރައިގެ ވާހަކަ ދައްކަން ނުކެރޭ ފަދައިން، ސިޔާސީ މީހުންނަށާއި ސިޔާސީ ޝެއިހުންނަށް ދައްކަން ނުކެރޭ އަނެއް ވާހަކައަކީ ޒަކާތުގެ ވާހަކައެވެ. ނިޞާބު ހަމަވާ ކޮންމެ ފަރުދެއްގެ މުއްސަނދި ކަމުގެ 40 ބައި ކުޅަ އެއްބައި އަހަރަކު އެއްފަހަރު ޒަކާތުގެ ގޮތުގައި ނެރުމަކީ ﷲ ޝަރުއު ކުރައްވާފައިވާ ބޮޑު ވާޖިބު ކަމަކެވެ. މުދަލުގެ ވެރިފަރާތުން އެ ޒަކާތް ނެރުން ވާޖިބުވާ ފަދައިން އެޒަކާތް ހޯދައި، އެޒަކާތުގެ ހައްގުވެރި ފަގީރުންނަށް އެޒަކާތް ހަވާލު ކުރުމަކީ ދައުލަތުގެ މައްޗަށް ވާޖިބެކެވެ. ބީ.ޕީ.ޓީ އާއި ޖީ.އެސް.ޓީ އާއި މި ނޫން ވެސް އޭބީސީޑީގެ އެކި ނަންތައް ކިޔާ ފާޑުފާޑުގެ ޓެކްސް ތަކަކީ އިންސާނުން އުފައްދާފައިވާ ޓެކްސްތަކެކެވެ. އެ ޓެކްސް ނުދައްކާ މީހުން ހުރަގެއަށް ލައި ހަރުކަށި ފިޔަވަޅު އަޅާއިރު ﷲ ޝަރުއު ކުރެއްވި، އަދި ވާޖިބް ކުރެއްވި ޒަކާތް ނުދެއްކިއަސް އެއީ މި ދިވެހި ރާއްޖޭގައި އޯކޭ ކަމެކެވެ. އެއީ ވެސް އަމިއްލަ އިޚްތިޔާރަށް ދޫކޮށްލެވިފައިވާ "ކުޑަ" ކަމެކެވެ. މިވާހަކަ ދައްކަން ކެރޭ ސިޔާސީ ލީޑަރެއް ނުވަތަ ސިޔާސީ ޝެއިހެއް ނެތެވެ.

ބަރަހަނާ ސައިޓު ތަކަށާއި، ވަހުޝީ އިންޓަނެޓް ސައިޓު ތަކަށް އެއްވެސް ހުރަހެއް ނެތި ދިވެހިރާއްޖޭގައި ވަދެވޭ ގޮތަށް އޮންނަ އޮތުން ނިމުމަކަށް ގެނެސް މިފަދަ ބަރަހަނާ، އަދި އިސްލާމްދީނާ ޚިލާފް ސައިޓުތަކަށް އެއްވެސް ގޮތަކަށް ނުވަދެވޭ ވަރަށް އިންޓަރނެޓް ސެންސަރު ކުރަން ޖެހޭ ކަމަށް ބުނަން ކެރޭ މީހަކުވެސް މަދެވެ. ޕޯން ސައިޓްތައް ބްލޮކް ކުރަންޖެހޭ ކަމާއި އިންޓަރނެޓަކީ ކޮންމެވެސް ވަރަކަށް ސެންސަރުނުކޮށް އާއްމުންނަށް ދޫކޮށްލަން ހެޔޮނުވާވަރު އެއްޗެއް ކަމަށް ބުނެފި ސިޔާސީ މީހެއްގެ ސިޔާސީ މުސްތަޤްބަލް ނިމުނީއެވެ. މިއީ ސައްތައިން ސައްތަ އިސްލާމީ ދިވެހީންގެ ހާލަތެވެ. ސިޔާސީ މީހުން ތިބީ މިފަދަ ވާހަކަ ދައްކަން ބިރުންނެވެ. މިފަދަ ވާހަކަ ދައްކާ ސިޔާސީ ލީޑަރަކު ނަމަ އެއީ "ޕޮޕިއުލަރ" ކެންޑިޑޭޓެއްނޫނެވެ! މިއީ ހަޤީގަތެވެ.

ދިވެހިރާއްޖޭގައި އިންޓަނެޓް އަދި ކޭބަލް ޓީވީގެ ޚިދުމަތްތައް ދިނުމުގައި ގެންގުޅޭ އުސޫލުތައް "ރިވިއު" ކުރުމާއި، އަދި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި މެދު އިސްލާމީ ފަތުވާދޭ ޤަވްމީ މަޖުލިހުގެ ލޯ އޮތީ "ކަނު" ވެފައެވެ. ރިބާ ކެއުން، އަންހެނުން އައުރަ ނިވާކުރުން، ޒަކާތް ނުދިނުންް، ނުވަތަ ޒަކާތް ނުނެގުން، އަދި އިންޓަރނެޓުން ޕޯން ސައިޓުތައް ބެލުން ފަދަ ކަންކަން "ހުއްދަވެ"، އާއްމުވެފައިވާއިރު ސިޔާސީ ލީޑަރުން ކޮބައިތޯއެވެ؟ ސިޔާސީ ޝެއިހުން ކޮބައިތޯއެވެ؟ އިސްލާމީ ފަތުވާދޭ ޤަވްމީ މަޖުލިސް ކޮބައިތޯއެވެ؟

ރިބާ ހުއްޓުވުމަކީ ކިތައްމެ އުނދަގޫ ވިއަސް، ދައްކަން ޖެހޭ، އެކަމަކު ސިޔާސީ ފަރާތްތަކާއި ސިޔާސީ ޝެއިހުން ނުދައްކާ، ނުވަތަ ދައްކަން ނުކެރޭ ވާހަކައެކެވެ. ހަމަ އެފަދައިން: އައުރަ ނިވާ ނުކުރުމަކީ ހަރާމް ކަމެއް ކަމުގައި، ކެރިގެން ބުނަން ޖެހެއެވެ. ޒަކާތް ނެގުމަކީ ދައުލަތުގެ މައްޗަށް ވާޖިބެއް ކަމުގައި ބުނަން ޖެހެއެވެ. ފެޝަން ޓީވީ ފަދަ ކޭބަލް ޓީވީން ދައްކާ އިސްލާމީ އަޚްލާގާ ޚިލާފް ޗެނެލްތައް ހުއްޓުވަން ޖެހެއެވެ. އަދި ފަސް ނަމާދުގެ ބަންގި ގަޑީގައި ކޭބަލް ޓީވީގެ ބިދޭސީ ޗެނެލްތައްވެސް މަދުވެގެން ފަސް މިނިޓަށް މެދުކަނޑާލަން ޖެހެއެވެ. ރޯދަމަހު މީޑިއާތަކުން ހިންގާ ތަފާތު ޕްރޮގްރާމްތަކުގެ ބޮޑުބައެއް ރޯދަމަހާ ގުޅޭ ދީނީ ޕްރޮގްރާމްތަކެއް ކަމުގައި ހަދަން ޖެހެއެވެ. ރޯދަމަހު ޓީ.ވީ އަދި ރޭޑިއޯގެ ޚިދުމަތް މެންދަމު ބާރައިގެ ފަހުން މުޅީންވެސް ދީނީ ޕްރޮގްރާމް ކަމުގައި ހަދަން ޖެހެއެވެ. ކޭބަލް ޓީވީގެ ހިންދީީ ޗެނެލްތަކުން ބަގުވާނަށް އަޅުކަން ކުރާތަން ބެލުމަކީ ދިވެހި އަންހެންވެރީންގެ ހޮބީ ކަމުގައި އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހެއެވެ. މިއީ ހައްތާވެސް ދައްކަން ޖެހޭ، އެކަމަކު ސިޔާސީ ފަރާތްތަކާއި ސިޔާސީ ޝެއިހުން ނުދައްކާ، ނުވަތަ ދައްކަން ނުކެރޭ ވާހަކަ ތަކެވެ.

މިވާހަކަތައް ދައްކަން ޖެހެނީ ހަމައެކަނި ހުކުރު ޙުތުބާ ތަކުގައެއް ނޫނެވެ. ޙުތުބާތަކެކޭ އެއްފަދައިން ރައްޔިތުންގެ މަޖުލީހުގައާއި، ސިޔާސީ ޕޯޑިއަމް ތަކުގައާއި، ހޮޅުއަށިތަކުގައާއި މީޑިއާގެ ޕްރޮގްރާމްތަކުގައިވެސް މިވާހަކަތައް ދައްކަން ޖެހެއެވެ. މިމުޖުތަމައު ނިދާފައި އޮތް އޮތުން ނިމުމަކަށް ގެނެސް އިސްލާމީ ދިވެހި ވެއްޓަކަށް ހޭލާން އެބަ ޖެހެއެވެ. ބިރުގަންނަނީ ނުވަތަ ޖެހިލުން ވަނީ ކޮންފަރާތެއް ދެކެ ތޯއެވެ؟ ހައްޤު ބަސް ބުނަން ނުކެރެނީ ފިނޑި ކަމުން ތޯއެވެ؟ ނުވަތަ މުނާފިޤް ކަމުންތޯއެވެ؟ މިކަމުގަ ޒިއްމާ ނަގާނީ ކޮން ސިޔާސީ ލީޑަރުންނެއްތޯއެވެ؟ ނުވަތަ ކޮން ސިޔާސީ ޝެއިހުންނެއް ތޯއެވެ؟

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
4

One Response

  1. ޝައްކެއް ނެތް ގޮތުގައި މިއީ އެކަމާ ބެހޭ ގޮތުން ވާހަކަދައްކައި ލިޔެ ހަދަން ޖެހޭ މައްސަލައެއް. ނަމަވެސް، މިފަަދަ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަދައްކައި ލިޔާނަމަ މައްސަލައާ މެދު ރަނގަޅަށް ބަލާލެވިފައި އޮންނަން ޖެހޭ. ރިބާއަކީ، ޝައްކެއް ނެތް ގޮތުގައި، ހަރާމް އެއްޗެއް. މިކަމާ މެދު، މުސްލިމުންގެ އިލްމުވެރިންގެ މެދުގައި، އެއްވެސް ޚިޔާލު ތަފާތު ވުމެއް ނެތް. ނަމަވެސް، ރިބާއަކީ ކޮބައި ކަން ކަނޑައެޅުމުގައި ޚިޔާލު ތަފާތުވެފައި ވަނީ. އިހުގައި ވެސް އަދި މިހާރު ވެސް. އެހެންވެ، ރިބާގެ މައްސަލައާ ބެހޭ ގޮތުން ވާހަކަދައްކައި ލިޔެ ހަދާއިރު، މި މުހިއްމު ނުކުތާ ސާފުކޮށްދޭން ޖެހޭ ކަމަށް ދެކެން. ރިބާއަކީ ކޮބައި ކަމާ އެއީ ކޮބައިކަން ކަނޑައަޅާލުމުގައި ޚިޔާލުތަފާތުވާ ސަބަބު. އަދި، ރިބާގެ މާނަކުރުމުގެ މައްޗަށް ބަލައި ބޭންކު އިންޓަރެސްޓު ރިބާއަށްވޭތޯ ނުވޭތޯ ވެސް ސާފުކޮށްދޭން ޖެހޭ. މިކަންކަން ސާފުވެގެން މެނުވީ ރިބާއާއި ބޭންކު އިންޓަރެސްޓަކީ އެކައްޗެއްތޯ ނުވަތަ ނޫންންތޯ ކަނޑައަޅާލަން ދަތިވާނެ. ކޮންމެ އަކަސް، މިފަދަ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު، އިލްމީ ސިފައެއްގައި މައްސަލައާ ބެހޭ ގޮތުން ޝާމިލީ ސިފައެއްގައި މައްސަލަ ހުށަހަޅާލަން ޖެހޭ ކަމަށް ދެކެން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *