Support Us

އާ ޓާމިނަލް ނިންމަން އިތުރު ފައިސާ ބޭނުންވާ ނަމަ އެ ފައިސާ ވެސް ލިބޭނެ: ޑރ. މުއިއްޒު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އާ ޓާމިނަލްގެ މަޝްރޫއުގެ މަސައްކަތް އަންނަ އަހަރުގެ ޕީކް ސީޒަނަށް ނިންމުމަށް އިތުރު ފައިސާ ބޭނުންވާ ނަމަ އެ ފައިސާ ވެސް ހޯދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް މިއަދު އެ ޓާމިނަލަށް ކުރެއްވި ޒިޔާރާތަށްފަހު އެއާޕޯޓްގައި މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ޑރ. މުއިއްޒު ވިދާޅުވީ އާ ޓާމިނަލްގެ މަޝްރޫއުގެ މަސައްކަތް ނުނިމި ލަސްވުމުގެ ސަަބަބުން އިގުތިސާދު މަޑުޖެހިފައިވާއިރު، އަންނަ ހުކުރު ދުވަހު ހަވީރު ސަރުކާރާ ހަވާލުވެވަޑައިގަތުމަށް ފަހު އިގުތިސާދު ނަގާ ކޮޅަށް ޖެހުމަށް އެންމެ އިސްކަމެއްގެ ގޮތުގައި މި މަޝްރޫއު ނިންމުން ވެގެންދާނެ ކަމަށެވެ. އަދި މި މަޝްރޫއު ނިންމުމަށް ބޭނުންވާ ފައިސާ ހޯދުމަށް އެއްވެސް ދައްޗެއް ނެތްކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

"މި ޕްރޮޖެކްޓަށް އިތުރަށް ފައިސާ ބޭނުންވާނަމަ ވެސް ފަންޑުކުރާ ފަރާތްތަކުން ތިބީ އެހީ ދިނުމަށް ތައްޔާރަށް. ފައިސާ ހަމަޖެއްސުމުގައި ކަންބޮޑުވުމެއް ނެތް. އަޅުގަނޑުގެ ހާރިޖީ ސިޔާސަތު ބައްޓަންކުރާ ގޮތުން މިއީ މާބޮޑު ކަމަކަށް ނުވާނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ އާ ޓާމިނަލްގެ މަޝްރޫއަށް އަބޫދާބީ ސަރުކާރުން ހަމަޖައްސައިދިން 80 މިލިއަން ޑޮލަރަކީ އަބޫދާބީ ސަރުކާރުގެ އިސް ބޭފުޅުންނާ އެކު އެމަނިކުފާނު މިދިޔަ ހަފުތާގައި ބޭއްވެވި ބައްދަލުވުމުގައި އެމަނިކުފާނު ހުށަހެޅުއްވި ހުށަހެޅުއްވުމަކާ ގުޅިގެން އަބޫދާބީ ސަރުކާރުން ދޭ ފައިސާ ކަމަށެވެ. އަދި އޭގެ ކުރިން އެ ފައިސާއާ ބެހޭ އެއްވެސް ކަމެއް މިހާރުގެ ސަރުކާރުން ކޮށްފައިނުވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ސައުދީ ސަރުކާރުން ވެސް ވަނީ އެ މަޝްރޫއަށް 100 މިލިއަން ޑޮލަރު ދީފަ އެވެ.

ޑރ. މުއިއްޒުގެ ވާހަަކަފުޅުގައި އަންނަ އަހަރުގެ އޮކްޓޯބަރަށް އާ ޓާމިނަލްގެ މަޝްރޫއުގެ ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދާއިރު އަދި ވެސް އެ މަޝްރޫއުގައި ހިމަނައިފައިނުވާ މުހިންމު ގިނަ މަސައްކަތްތަކެއް ހުރިކަން ފާހަގަކުރެއްވި އެވެ. އެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ޑިއުޓީ ފްރީ އޭރިއާ އާއި ސާވިސް ލިންކް ރޯޑް ފަދަ މުހިންމު ގިނަ މަސައްކަތްތައް ޕްރޮޖެކްްޓްގައި ހިމަނާފައިނުވާތީ އެ މަސަކަތްތައް ވެސް ބަޔަކާ ހަވާލުކޮށްގެން އެ މަސައްކަތްތައް ވެސް އެކުއެކީގައި ނިންމަން ޖެހޭކަން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން އޭޕްރަން އިތުރަށް ބޮޑުކުރުމުގެ މަސައްކަތް ވެސް ބަޔަކާ ހަވާލުކުރަން ޖެހޭކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ބޭނުންވަނީ މި މަޝްރޫއު މަދުވެގެން އަށް މަސް އަވަސް ކުރަން. އެއީ ޗެލެންޖެއް ވިޔަސް އެއީ ނުކުރެވޭނެ ކަމެއް ނޫން. ކުރެވޭނެ ކަމެއް. ފައިސާގެ ގޮތުން، އިންޖީނިއަރިންގެ ގޮތުން، ޕްރޮޖެކްޓް މެނޭޖްމަންޓްގެ ގޮތުން، ހުރިހާ ގޮތުން އެކަން ކުރެވޭނެ. އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބަ އޮތް. އެހެންވީމަ އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ މި އަހަރު ނިންމަންޖެހޭ މަޝްރޫއެއް ނަމަވެސް މިހާތަނަށް ނިމިފައިވަނީ މަސައްކަތުގެ 54 އިންސައްތަ ކަމަށެވެ. އެކިއެކި ސަބަބުތަކާ ހުރެ އެ މަސައްކަތް ނުނިމި ލަސްވެގެން ގޮސްފައިވާކަން ޑރ މުއިއްޒު ފާހަގަކުރެއްވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ އާ ޓާމިނަލް އެންމެ ފުރިހަމަކުރަން ބޭނުންވަންޏާ އަދިވެސް ކުރަން ޖެހޭ މަސައްކަތް ތަކުގެ ތެރޭގައި ޖެޓްތަކަށް ބޭނުންވާ ޓާމިނަލެއް ހަދައި ލޭންޑް ސައިޑްގެ ޓްރާންސްޕޯޓަށް ބޭނުންވާ ޕާކިންއެއް ވެސް ހަދަންޖެހޭ ކަމަށެވެ.

"ހަގީގަތަށް ބުނަންޏާ ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރި ކުރަން. އެހެން ނަމަވެސް މިއީ އެންމެ މުހިންމު މަޝްރޫއު ވީމާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އިސްކަން ދޭނަން މި މަޝްރޫއު ނިންމުމުގައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެއާޕޯޓްގެ އާ ޓާމިނަލްގެ ބިޔަ ބޮޑު މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2016 ވަނަ އަހަރު ފަންޑު ލިބިގެން ޕްލޭން ކޮށްގެން ފެއްޓި މަޝްރޫއެއްކަން ޑރ. މުއިއްޒު ފާހަގަކުރެއްވި އެވެ.