Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ދިވެހި ޤައުމުގެ ވަތުބަތާނައިން އިންޑިއާގެ ވަކިތައް ނެއްޓުން!

ތަނަކީ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހެވެ. ނުރަސްމީ ގަޑިއެވެ. މެންދަމުން އަލިވެ އެކެއް ޖެހީ އެވެ. އުރީދޫގެ ޓެކްނިކަލް ދާއިރާއެއްގެ އިސް މުއައްޒަފެއް ކަމުގައިވާ ރާޖް ކުމާރު (އަސްލު ނަމެއް ނޫން) އޭނާގެ އެއާރކޮންޑިޝަން ކުރި ލަގްޒަރީ އޮފީހުގައި އިނދެ މޯޅިއަކަށް ދެމިލިއެވެ. ނިދިއައިސްގެނެއް ނޫނެވެ. މުހިއްމު މަސައްކަތެއް ނިންމާލެވުމުގެ ހިތްހަމަޖެހުމާއެކީ މޯޅިއަކަށް ދެމިލީއެވެ. އިންޑިއާގެ ހިންދޫއެއް ކަމުގައިވާ ރާޖް ކުމާރަކީ އިންޑިއާގެ ސިއްރު ފުލުުުހުންނާ ގުޅިގެން ދިވެހި ރާއްޖޭގެ މުހިއްމު އެކިއެކި މުއައްސަސާތަކުގައި ވަޒީފާ އަދާކުރާ އެތައް ބައިވަރު މީހުންގެ ތެރެއިން އިސް މީހެކެވެ. އުރީދޫ މެދުވެރިކޮށް ދިވެހިން ހޯދާ މުއާސަލާތީ އެކިއެކި ހިދުމަތްތަކުގެ މުހިއްމު ހުރިހާ ޑޭޓާއެއް ރާޖް ކުމާރު މެދުވެރިކޮށް، އިންޑިއާ އަށް ލިބެއެވެ. ދިވެހި ރާއްޖޭގައި ރާޖް ކުމާރުގެ ބެސްޓް ފްރެންޑަކީ ދިރާގުގެ ޓެކްނިކަލް ދާއިރާއެއްގައި މަސައްކަތް ކުރާ އިންޑިއާގެ ރައްޔިތެއް ކަމުގައިވާ ސުނިލް ދޭވްގަން (އަސްލު ނަމެއް ނޫން) އެވެ.

އޭގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް، އައި.ޖީ.އެމް.އެޗް، އެން.ސީ.އައި.ޓީ ފަދަ ދިވެހި ރާއްޖޭގެ މުހިއްމު އެތައް މުއައްސަސާއެއްގައި އިންޑިއާގެ މިފަދަ މީހުން ވަރަށް އިސް މަޤާމްތަކުގައި އެބަތިއްބެވެ. މި އެންމެން މެދުވެރިކޮށް، ދިވެހިންގެ ދިރިއުޅުމާއި، ހަރަދުކުރާ ގޮތާއި، ކާއެޗެއްސާއި، ފޯނު ކުރާ ޤައުމުތަކާއި، ލޯނުނަގާ ވަރާއި، ޖެހޭ ބަލިތަކާއި، ބޭހަށް ހަރަދުކުރާ ވަރު ފަދަ ނާޒުކު އަދި ޒާތީ އެތައް ޑޭޓާއެއް އިންޑިއާ އަށް ލިބެއެވެ.

މިއީ މިކުންފުނިތަކުގެ އިސްވެރީންނަށް ނޭނގުނަސް، އެމް،ޑީ.ޕީގެ ސަރުކާރަށް އެނގިގެން، އިންޑިއާއާ ގުޅިގެން ހިންގާ ޖަރީމާއެކެވެ. ދިވެހި ރާއްޖޭގެ ކަނޑުއަޑީގެ ޗާޓުން ފެށިގެން ގޮސް ދިވެހީންގެ ޒާތީ ހުރިހާ މައުލޫމާތަށް ދާންދެން، ދިވެހި ރާއްޖޭގެ އެފުށާއި މިފުށް، އިންޑިއާ އަށް ވަރަށް ރަނގަޅަށް އެގެއެވެ. މި ޑޭޓާތަކުގެ އެހީގައި އިންޑިއާގެ ސިޔާސަތުތައް ރާވައި، ދިވެހި ރާއްޖޭގެ މައްޗަށް ހުރިހާ ގޮތަކުން އިންޑިއާއިން އަތްގަދަ ކުރެއެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު 17 ނޮވެމްބަރުގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ދިވެހި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ޤާނޫނުގެ ބައެއް މާއްދާތަކަށް އިސްލާހު ގެންނަން ޖެހެއެވެ. ދިރާގު ފަދަ މުއާސަލާތީ ކުންފުނިތަކާއި، ބޭންކް އޮފް މޯލްޑިވްސް، އެން.ސީ.އައި.ޓީ، އެމް.އެމް.އޭ، މީރާ ފަދަ މުއައްސަސާ ތަކުގައި ބިދޭސީން އިސް މަޤާމްތަކުގައި، ހާއްސަކޮށް ޑޭޓާ އަށް އެކްސެސް ލިބޭ މަޤާމް ތަކުގައި، ނުތިބެވޭ ގޮތަށް ޤާނޫނަކުން ލާޒިމްކުރަން ޖެހެއެވެ.

ރާއްޖޭގެ ޤާނޫނުތައް މިހާރު ހުރިގޮތުން ބޭރު މީހަކު ނުވަތަ ބޭރު ބަޔަކު ރާއްޖޭގައި ޖާސޫސް ކުރިއަސް، ޑީޕޯޓް ކުރުން ފިޔަވައި ދެވޭނެ އެއްވެސް އަދަބެއް ނެތެވެ. ޤައުމީ ސަލާމަތަށް ގެއްލުންވާ ކަންކަމުގައި ޖާސޫސް ކުރުމުން ބޮޑު އަދަބެއް ކަނޑައަޅޭގޮތަށް ޤާނޫނަށް ބަދަލު ގެނައުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ. ޤަތަރުގައި މަސައްކަތް ކުރި އިންޑިއާ ބަޔަކު އިޒްރޭލަށް ޖާސޫސް ކޮށްދިނުމުގެ ކުށް ސާބިތުވެގެން ޤަތަރުގެ ކޯޓަކުން، ދާދި ފަހުން، އެމީހުންނަށް މަރުގެ ހުކުމް އިއްވިކަން މިސާލެއްގެ ގޮތުން ފުދެއެވެ.

ދިވެހި އާއްމު ރައްޔިތުންގެ ޒާތީ މައުލޫމާތާއި، ވިޔަފާރީގެ ޑޭޓާ ބޭރު ބައެއްގެ އަތްމައްޗަށް އަރައިފިނަމަ އެފަދަ ބޭރު ޤައުމަކަށް ދިވެހި ރާއްޖެއާ ކުޅެން ވަރަށް ފަސޭހަވާނެއެވެ. ދިވެހި ރާއްޖޭގެ ކަނޑުއަޑީގެ ހައިޑްރޮގްރަފީ ޗާޓު ކުރަހައިދޭން އިންޑިއާއިން އެންމެ ފުރަތަމަ ހުށަހެޅީ ރައީސް ޔާމީނުގެ ރިއާސީ ދައުރުގައެވެ. އެ ހުށަހެޅުމަށް ރައީސް ޔާމީން ނޫނެކޭ ވިދާޅުވެފައި ވަނިކޮށް އިންޑިއާ އެދޭ ގޮތަށް ރާއްޖޭގެ ކަނޑު އަޑީގެ ޗާޓު ކުރެހުމުގެ ހުއްދަ އިންޑިއާ އަށް ދިނީ މިހާރު ނިމެމުން މިދާ ގައްދާރު އެމް.ޑީ.ޕީ ސަރުކާރުންނެވެ. ރައީސް އިބޫ ސޯލިހެވެ. ދިވެހި ކަނޑުތަކުގައި ވާހާ ފަރަކާއި، ގިރިއަކާއި ފަޅަކާއި، ތިލަތަކަށް ދާންދެން އިންޑިއާ އަށް މިހާރު އެނގޭނެއެވެ. ރާޑަރަށް ނާރާ ގޮތަށް ކުދި ސަބްމެރީން ތަކުގައި ރާއްޖޭގެ އެތެރެވަރިއަށް އިންޑިއާ ސިފައިން ވަދެ ކުރާނެ ކޮންމެ ކަމެއް ކުރިއަސް އެމް.އެން.ޑީ.އެފް އަށް މިހާރު ރޭކާވެސް ނުލާނެއެވެ. އިބޫ ސޯލިހު ވިއްކާލީ ހަމައެކަނި މޮރިޝަސް އަށް ދޫކޮށްލި ކަނޑެއް ނޫނެވެ. މުޅި ދިވެހި ރާއްޖޭގެ ހުރިހާ ކަނޑެއް ވެސް މިވަނީ އިންޑިއާ އަށް ވިކާލައިފައެވެ. މިއީ އަމިއްލަ ތިޖޫރީގެ ޕާސް ވޯޑު ވަގަކަށް ދިނުން ކަހަލަ ކަމެކެވެ.

އިބޫ ސޯލިހު ވެރިކަމުގައި ކުރި އަނެއް ކަމަކީ ބަންގްލަދޭޝް މީހުން ރާއްޖެއަށް ވަޒީފާ އަށް ގެނައުމަށް ހުރަސްތަކެއް ކުރިމަތިކުރުވާފައި، އިންޑިއާ އިން ރާއްޖޭގެ ވަޒީފާތަކަށް މީހުން ގެނައުން އިތުރުކުރުމެވެ. ކުރިން ބަނގްލަދޭޝް މީހުން އަދާކުރި ވަރަށް ގިނަ ވަޒީފާތަކުގައި މިހާރު ތިބީ އިންޑިއާ މަސަކަތްތެރީންވެ. ރާއްޖޭގެ މަސްލަހަތާ ގުޅުން ހުރި ބޭރު ޤައުމުތަކުން އެއްވެސް ލިމިޓެއް ނެތި ވަޒީފާ އަށް މީހުން ގެނައުމަކީ ވެސް ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެކެވެ. އެހެންކަމުން ބޭރުގެ އެކި ޤައުމުތަކަށް ވަކިވަކި އަދަދުތަކުގެ ކޯޓާ ކަނޑައަޅައި، އެ ކޯޓާއަށް ވުރެ އިތުރަށް އެ ޤައުމުތަކުން މީހުން ނުގެނެވޭ ގޮތަށް ޤާނޫނަކުން ލާޒިމް ކުރުމަކީ ވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ހަމަ އެ ފަދައިން ޑިޕްލޮމެޓިކް އިމިއުނިޓީ ލިބޭ ބޭރު މީހުންގެ އަދަދު ވެސް ވަކިވަކި ޤައުމުތަކަށް ކޯޓާއެއް ހަދަން ޖެހެއެވެ. އެމް.ޑީ.ޕީ ސަރުކާރުން މިވަނީ އެއްވެސް ހައްދެއް ނެތި އިންޑިއާގެ އެތައް ސިފައިންނަކަށާއި އެތައް ޑިޕްލޮމޭޓުންނަކަށް ޑިޕްލޮމެޓިކް އިމިއުނިޓީ ދީ، ދިވެހި ރާއްޖޭގެ ޤާނޫނު އެމީހުންގެ މައްޗަށް ނުހިނގާ ގޮތަށް ހަދައިފައެވެ.

ފަލަސްތީނަށް ޔަހޫދީން ގެނެސް އެތާނގައި ވަޒަންވެރިކުރުވައި ފަލަސްތީނުގެ ބިން ޔަހޫދީންގެ ތަނަކަށް ހެދި ގޮތަށް ދިވެހި ރާއްޖޭގެ ހުރިހާ ދިމާލަކަށް އިންޑިއާގެ ނުފޫޒު ފަތުރައި، ދިވެހިންގެ ހުރިހާ ސިއްރު މައުލޫމާތެއް އިންޑިއާއަށް ލިބި، ކަނޑުއަޑީގެ ޗާޓު ލިބި، އިންޑިއާ ސިފައިން ރާއްޖޭގެ ކަންކޮޅުތަކަށް ރުކުރުވާލަން ފުރުސަތު ދިނީ މި ސަރުކާރުންނެވެ. ބޭރުގެ ސިފައިން ދިވެހި ރާއްޖެއިން ބޭލުމުގެ މެންޑޭޓަކާއެކު ދިވެހި ރައްޔިތުން ރައީސް ކަމަށް ހޮވައިފައިވާ ޑރ. މުއިއްޒަށް އިންޑިއާ ސިފައިން ރާއްޖޭން ބޭލޭނީ ވަރަށް ހިކުމަތްތެރިކަމާއެކު މަސައްކަތް ކުރެވިގެންނެވެ.

އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނަށް ދިވެހި ދައުލަތުން ދޭ ހުރިހާ ހާއްސަ ޕްރިވިލެޖްތައް ނުވަތަ އިނާޔަތްތައް ކަނޑާލުމެވެ. އޭގެ ފަހުން އެމީހުންގެ އެއްވެސް ހެލިކޮޕްޓަރެއް ނުވަތަ ޑޯނިއަރ ފަދަ ފްލައިޓެއް ވިއަސް ރާއްޖޭގެ ސަރަހައްދުގައި އެމީހުންނަށް ނުއުދުއްސޭ ގޮަތަށް ހަދަންޖެހެއެވެ. ހަމަ އެއާ އެކު ރާއްޖޭގެ އެތެރޭގައި އެމީހުން މޮބައިލްކޮށް ދަތުރުކުރާ ޕެރަމީޓަރސް ލިމިޓްކޮށް ފިއްތަން ޖެހެއެވެ. އަދި ސަރުކާރުގެ ރުހުމާ އެކު ރައްޔިތުންގެ ބަޔަކު، އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި، ސުލްހަވެރި މުޒާހަރާ އަށް ނެރެ، މީޑިއާތަކަށް އެ ވާހަކަ އަރުވަން ޖެހެއެވެ. މިގޮތަށް ދަތިކުރުމާ އެކު ޑިޕްލޮމެޓިކް ޗެނެލްތަކުން ވާހަކަ ދައްކައިގެން ކުރިއަށް ހިނގައްޖެނަމަ އިންޑިއާ ސިފައިން ބޭލޭނެއެވެ. އެކަން ކުރެވޭނީ ފިސާރި ގަޓު ހުރެގެންނެވެ. ކެރިގެންނެވެ. މަރުހޫމް ރައީސް އިބްރާހިމް ނާސިރު އިނގިރޭސިން ބާލަން ކުޅުއްވި ފަދަ ޑިޕްލޮމެޓިކް އަދި އަންޑަހޭންޑް ގޭމް ވެސް ކުޅެގެންނެވެ.

އިންޑިއާ ސިފައިން ބޭލުމާއެކު، މަތީގައިވާ ފަދަ މުހިއްމު މުއައްސަސާތަކުގައި ހުރި ޑޭޓާ، ބޭރު މީހުންގެ އަތްމައްޗަށް ނުދާނެ ގޮތަކަށް ޤާނޫނު ބަދަލުކޮށް، ދިވެހި ރާއްޖޭގެ ޤައުމީ ސަލާމަތް އަލުން ޔަޤީންކުރަން ޖެހެއެވެ. ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޖެނެރަލް ޝަމާލްގެ އަތްމައްޗަށް ދިވެހި ރާއްޖޭގެ ދިފާއީ ދާއިރާ އާއި ހާރިޖީ ދާއިރާ ދޫކޮށްލުމުން ދިވެހި ރާއްޖޭގެ ޤައުމީ ސަލާމަތް މިވަނީ ނުރައްކަލުގެ އަލިފާން ފަރުބަދައެއްގެ އަނގަމައްޗަށް ވެއްޓިފައެވެ. ޤާނޫނުތަކަށް ބަދަލު ގެނެސްގެންނާއި ސިޔާސަތުތައް ބަދަލުކޮށްގެން މި ކަންތައްތައް ރަނގަޅުކޮށް، ހަމަ މަގަށް އެޅުވުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ދައުރުގެ އެންމެ މުހިއްމު މަސައްކަތްކަން ކަށަވަރެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2

2 Responses

  1. ބުޝްރީގެ ލިޔުމުގައި ހުރި މަޢުލޫމާތު ކޮންމެވެސް ވަރަކަށް އަހަމެވެ. ތިޔަޒާތުގެ ބައިވަރު ކަންކަން ހިނގައެވެ. އާއްމުކޮށް ދިވެހި ޕަބްލިކަށް އެނގޭ ވަރަށް ވުރެން މާ ބޮޑަށް އެމީހުން މިތާގެ ނިޒާމުގެ ތެރެއަށް ވަދެފައި ތިބީ. ގައުމީ ކޮންމެ މުހިއްމު މުއައްސަސާއެއްގައި މަދުވެގެން އެމީހުންގެ 3 ނޫނީ 4 މީހުން ބޮޑެތި މަގާމު ތަކުގައި އެބަތިބި. ކޮންމެވެސް ކޮންސަލްޓެންޓެއް ނޫނީ އެޑްވައިޒަރެއްގެ ނަމުގައެވެ. އެމީހުންގެ ތެރެއިން އާދައިގެ މަސައްކަތުގައި އުޅޭ މީހުން ވެސް އެމީހުންގެ އިންޓްރެސްޓާ އެއްގޮތަށް މަސައްކަތްކުރަން ޓްރެއިނިން ދީފައި ތިބެނީ. މި ދިޔަ އަހަރު ސޯޝަލް ސްޓަޑީސް ފޮތް ޗާޕްކުރަން ގާސިމްގެ ޗާޕްޚާނާ އަށް ފޮުނުވިއެވެ. އެފޮތުގައި ހުރި އިންޑިއާގެ ޗާޓެއްގައި ކަޝްމީރު އިންޑިއާގެ ބައެއްގެ ގޮތުގައި ހިމަނާފައި ނެތިގެން މައްސަލަ ޖެހިގެން އެންމެ ފަހުން އެ ޗާޓް ނުލައި ޕްރިންޓްކުރަންޖެހުނީ. ޗާޕްކުރާ ބައިގައި ހުރި ޓެކްނީޝަނަށް އެކަން ފާހަގަވެގެން ހައިކަމިޝަނަށް އެންގީ. ހައިކަމިޝަނުން އެޑިޔުކޭޝަން މިނިސްޓަރާއި ރައީސް އޮފީހުގެ އިސް މީހުންނަށް ގުޅައިގެން ވަގުތުން މަނާކުރުވީ އެ ގޮތަށް ޕްރިންޓްކުރަން.

  2. ދިވެހީންގެ އަމިއްލަ ކަންކަން، ދިވެހީންގެ ދީނާއީ ގައުމީ މަސްލަހަތަށް ދިވެހީން ބޭނުންވާ އެންމެ ރަނގަޅަކަށް ނިންމުމުގެ ފުރުސަތު ބޮޑު ތަނުން މިހާރު ވަނީ ގެއްލިފައެވެ. ދިވެޙީންނަށް އެކަން މޭރުންވަނީ ކިހައި މިންވަރަކަށް ހެއްޔެވެ. އިންޑިއާ މީހުން ދަނީ ދިވެހިރާއްޖޭގެ ވަރަށް ކުޑަކުޑަ ކަންކަމުން ފެށިގެން ބޮޑެތި ކަންކަމުގެ ތެރެއަށް ވެސް ވަދެފައެވެ. ނޫސްތަކަށް ރިޝަވަތުދީ އެމީހުން ލައްވާ ދިވެހި ގައުމާ އިދިކޮޅަށް ލިޔުންތައް ލިޔުއްވަނީ. މައުމޫނުގެ ތިރީސް އަހަރު ނިމުނުއިރު އުފެއްދުނު އަސްލު ދިވެހީ ޖީލެއް ނެތި އޮއްވައި ޑިމޮކްރަސީ ގެނައީމާ މިޒާތުގެ ކަންކަން ހިންގަން ބޭރު މީހުންނަށް ކިހާ ފަސޭހަވާނެހެއްޔެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *