Support Us

ފެނަކަގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު

ފެނަކަގެ ކޮރަޕްޝަންގެ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ބުހުތާނު ދޮގު ވާހަކަތަކެއް: ސައީދު

އާ ސަރުކާރުން އައިސްގެން ވެސް ފެނަކައިގެ ތެރެއިން ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ހޯދެން ނޯންނާނެ ކަމަށާއި ފެނަކައާ ބެހޭ ގޮތުން ދައްކާ ކޮރަޕްޝަންގެ ވާހަކަތަކަކީ "އެއްވެސް ހަގީގަތެއް ނެތް ބުހުތާނު ދޮގު ވާހަކަތަކެއް" ކަމަށް މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

"އެއްވެސް ހާލެއްގައި މިއަދާ ހަމައަށް މި ސަރުކާރުން ކޮރަޕްޝަންގެ އެއްވެސް ކަމެއް ނެތް ޔަގީންކުރެވިފައެއް. އަދި ޝަރީއަތާ ހަމައަށްދާނެ އެއްވެސް ކަމެއް ނެތް ޔަގީން ކުރެވިފައެއް،" ފާއިތުވި ފަސް އަހަރު ދުވަހުގެ މަސައްކަތްތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސައީދު މިއަދު ވިދާޅުވި އެވެ.

ކޮރަޕްޝަނާ ބެހޭ ގޮތުން ފެނަކައިގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތެރެއިން އޭ.ސީ.ސީ އަށް ހުށަހެޅުނު 70 އިންސައްތަ މައްސަލަ މިހާތަނަށް ބަލައި ނިމިފައިވާއިރު މި މަހު 17ގައި މި ދައުރު ނިމެންދާއިރު ފެނަކައިގެ މައްޗަށް ސާބިތުކުރެވޭ އެއްވެސް ކޮރަޕްޝަންގެ މައްސަލައެއް ހޯދިފައިނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެ ވަނަ ދައުރަކަށް ވާދަކުރެއްވި ސެޕްޓެމްބަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ފެނަކައަށް ގިނަ އަދަދެއްގެ މުވައްޒަފުން ސިޔާސީ މަގާމުތަކަށް އިތުރުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވައި ސައީދު ވިދާޅުވީ ރައީސް ސޯލިހު ސަރުކާރުގައި ސިޔާސީ އެއްވެސް މަގާމެއް އެއްވެސް މީހަކަށް ފެނަކައިން ދީފައިނުވާނެ ކަަމަށެވެ.

ފެނަކައިގެ ދަރަންޏާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ފެނަކައިގެ ޖުމްލަ ދަރަނި 1.9 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު އޭގެތެރެއިން 1.4 ބިލިއަން ރުފިޔާ ކޮންޓްރެކްޓަރުންނަށް ދައްކަންޖެހޭ ކަމަށެވެ.

ސައީދު ވިދާޅުވީ 2018 ނޮވެމްބަރުގައި މި ސަރުކާރު ހަވާލުވިއިރު ފެނަކައިގެ ދަރަނި ހުރީ 1.2 ބިލިއަން ރުފިޔާގައި ކަމަށެވެ. އަދި ފެނަކައިގައި އޮތް ދަރަނި އަދާކުރުމަށްޓަކައި ކޮންމެ މަހަކު ވެސް ވަކި ވަރެއް ކޮންޓްރެކްޓަރުންނަށް ދައްކަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފެނަކައިން ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ހުރިހާ އެއްޗެއް އެއްކޮށްލީމާ 1.4 ބިލިއަން ރުފިޔާ އަރާނެ. އަބަދުވެސް ކޮންމެ މަހަކު ވެސް އެ ލާރި އަޅުގަނޑުމެންނާއި އެބައިމީހުންނާ އެއްބަސްވެވޭ މިންވަރަކުން ދައްކަމުން މި އަންނަނީ،" ސައީދު ވިދާޅުވި އެވެ.

ކޮންޓްރެކްޓަރުންނަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދެއްކި ހުރި ބިލްތަކަކީ މައްސަލައެއް ދިމާނުވާނަމަ އެއް އަހަރާއި ދޮޅު އަހަރާ ދެމެދުގައި ދައްކަން ހުރި ބިލްތައް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި "2018 ގެ ފަހުކޮޅުން ފެއްޓިގެން މިއަދާ ހަމައަށް އިތުރުވި ދަރަންޏަކީ 1.9 ބިލިއަން ރުފިޔާ" ކަމަށެވެ.

"ކުރީގެ ކުންފުނީގެ ދަރަންޏާ މިއާ އަޅާ ކިޔާލީމާ ހަގީގީ އިތުރުވި ދަރަންޏަކީ 632 މިލިއަން ރުފިޔާ،" ސައީދު ވިދާޅުވިއެވެ.

މި ސަރުކާރުން ފެނަކަގެ ބަޖެޓް ސަޕޯޓަށް ނުވަތަ ކެޕިޓަލަށް އެއްވެސް ފައިސާއެއް ހޯދައިފައިނުވާނެ ކަމަށާއި ނަމަވެސް ސަރުކާރު މެދުވެރިކޮށް އެމްއައިބީން 400 މިލިއަން ރުފިޔާގެ ލޯނެއް ނަގައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ފައިސާ ބޭނުންކޮށްފައިވަނީ އެސްޓީއޯގެ ތެޔޮ ބިލްތައް ދެއްކުމަށާއި ބައެއް ކޮންޓްރެކްޓަރުންނަށް ދެއްކުމަށް ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ފެނަކައިގެ ދަރަނި ބޮޑުވެފައިވަނީ އިންފްރާސްޓްރަކްޗާ ގާއިމްކުރުމުގެ މަސައްކަތް ކުރަމުން ގެންދަނިކޮށް، ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ އާލަމީ ވަބާއާ ގުޅިގެން ދިވެހިރާއްޖެ އާއި ދުނިޔޭގެ އިގުތިސާދަށް އައި ބަދަލާ ގުޅިގެން ތަކެތީގެ އަގުބޮޑުވެގެން ގޮސް، ފޯކާސްޓް ކުރި ވަރަށް ވުރެ ބޮޑަށް ދަރަނި ބޮޑުވުމާއި ޕްރޮޖެކްޓްތައް ހުއްޓާނުލާ ކުރިއަށް ގެންދިއުމުން ކަމަށެވެ.

ސައީދު ވިދާޅުވީ ފެނަކައިގެ ޖުމްލަ މުވައްޒަފުންގެ އަދަދަކީ 5،909 ކަމަށާއި 2،199 މުވައްޒަފުންނަކީ ވަގުތީ ކޮންޓްރެކްޓް މުވައްޒަފުން ކަމަށެވެ.

ފެނަކައިން މިވަގުތު 88 ރަށެއްގައި ނަރުދަމާގެ ހިދުމަތް ދެމުން އަންނަކަން އޭނާ ފާގަކުރެއްވިއެވެ. އަދި 79 ރަށެއްގައި ފެނުގެ ހިދުމަތް ދެމުން އަންނައިރު 151 ރަށެއްގައި އިންޖީނުގޭގެ ހިދުމަތް ފެނަކައިން އޮޕަރޭޓް ކުރަމުން އަންނަ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

One Response

  1. ބުހުތާނު ވާހަކައެއްކަން އެނގެނީ ސަޢީދުގެ އިޢުތިރާފުން. "ކުރިޔައޮތް 4 އަހަރުތެރޭގައި ދަރަނި ޚަލާސްކޮށް ނިމޭނެ" ސަޢީދުއަށް ކިޔޭ ނުކިޔޭ އެނގޭތަ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *