Support Us

ކުޑައިވަރު އިރު

ކަށިކެޔޮފަތުން ހެދި ދޯނިތައް މުނިފޫހި ފިލުވައިދިން ޒަމާން
ދުށުމަށް އަދައި އެ ޙަޔާތަށޭ މި ދަނީ އަލުން ފިކުރާ ހަނދާން

ކުޑަކުޑަ ރަފީގެއް ރޮއިލުމުން، އަޑު ރީތި ހާލެއް ހީނލުމުން
މަޑު ނުވެ ކޮވެލި ބައިވެރިވުމުން އުޑުމަތި ފަށައިދެޔެ އަލިކުރާން

ހެނދުނުގެ އިރުންދޭ ދޯދިތައް ވެދުމެއް ފަދައިންވީ ރޯޅިތައް
އުދުހޭ ކޮކާލާ ދޫނިތައް ޚިދުމަތް ދެނީ ހިތް ފަހި ކުރާން

އަތިރީ ހިމުން ދޮންވެލީ މަތީ ފަތިހެއްގެ މޫރިތިކަން މަތީ
އެ ތިބީ އެ ދުހު އެ ޅަކަންމަތީ ގެތިގެން ހެމުންނެ އުފާކުރާން

ދޮންމަދުކޮޅެއް ހޮވި ކުއްޖަކާ، ދޮން ނިޔަނދުރެއް އޮތް ކުއްޖަކާ
ތިން ގޮބޮޅި ހޯދުނު ކުއްޖަކާ އެއް ހިތްވެ އެ ބަހައިލީމެ ކާން

އެކަމަކު ފަހާލިން މާކަނާ އުކަމުން ގަލާ ދަނޑިޔާ ފަނާ
ފިކުރެއް ނެތޭ ގޯހޭ ބުނާ މި ކަމެއް އަލުން ނޭދެން ކުރާން

ގުންޑޮޅި މަތިން ފުންމާލުމާ މިން ދިގު ހިޔަންޏާ ކުޅެލުމާ
ގުންފައިޖަހައި ވަރުބަލިވުމާ ހިތް އޭރު ދެކެނީ އާސުމާން

އެއް ފަންވަތުން ވިޔުނީ ސުވާ، އެއް ދޯންޏަކުން އަޅަނީ ސަވާ
ހަތް ފަސްފުނިން ފުމުނިން ހުވާ ނެތް ވިސްނުމެއް ހިތްދަތިކުރާން

ފަސް އޮށް ކުޅުނު ފުނަ އޮށްތަކާ ގަސް ރުކުގެ އެކި ފާހަގަތަކާ
ބަސްބުނެ އުޅުނު އޮލަ ގޮތްތަކާ ތަސްވީރުތައް އެދެނީ ފަވާން

ފަރުމަތި މުޅިންކޮށް ބަރަހަނާ ހުރި ފެން ފަޅުގެ ދެމިގަތްތަނާ
ފުރިފައި މަހާ ބޮއްޔާ ވެނާ ހުރިތަން ބަލައި ފަށަނީ ދުވާން

ކޮރަކަލި އުނިޔަ އަލި މޫދުގާ، ހުރަހައި ދިގަށް ދުވެ އުފަލުގާ
އުރަފަށް މަތިން ރެހި ފުމެ ނަގާ ހަރަކާތްތަކުން ދިރެނީ މި ޖާން

ކިރުދޫނި ރަތަފައި ބޮޑަނަތައް ކިރު އިލޮޅި ބުޅިތުނބި ދުށިމިތައް
ފިރުކޭ ވަޔާ މާ ހޯރަތައް ހިރިލާ ގޮތޭ ނަލައީ ބަލާން

ދަކަނދާ، މިދިލި، ކަށިކޭލުވަސް، މެކިލާ ދިރުންދޭ މުޅި ދުވަސް
ފިކުރާ މިޖާޒު ވެދޭ އަވަސް ސިކުނޑީގެ ހަރަކާތް ހަލިވެލާން

ކުޑަވެސް ނެތޭ ހަމަ ހާސްކަމެއް ބޮޑުވާކަމެއް ހިތްދަތިކަމެއް
އުޑު ހެން އޮތީ ތަނަވަސްކަމެއް އަޑު ހުރިތަނަށް ލަވަތައް ކިޔާން

މި އުފާތަކަށް ދަހިވެތި ވެވޭ މި އަސަރުތަކުން ފެންކަޅިވެވޭ
މި ޚިޔާލުތައް އައިމާ ރޮވޭ މި ޅެމުން އެކަން ވާނޭ ބަޔާން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *