ރިޔާސީ އިންތިހާބުގައި ރައްޔިތުން ނޫނެކޭ ބުނެފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން، ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ދައުލަތުގެ ހަރުމުދަލާއި ފައިސާއާ ގުޅޭ ވިޔަފާރީގެ މުޅިން އާ މުޢާމަލާތްތަކާއި އެއްބަސްވުންތައް އަވަސްއަރުވާލައިގެން ނިންމަން މަސައްކަތްކުރާތީ އިންތިގާލީ ރައީސް އޮފީހުން ކަންބޮޑުވުން ފާޅުކޮށް އަނެއްކާ ވެސް ބަޔާނެއް ނެރެފިއެވެ.
ހުޅުމާލޭގެ ބިންތަކާ ބެހޭ ވިޔަފާރީގެ މުއާމަލާތްތަކެއް އާބަންކޯއިން ކުރަން އުޅޭ ކަމަށް ބުނެ އެފަދަ މުއާމަލާތްތައް މި ދަނޑިވަޅުގައި ކުރިއަށް ގެންދިއުން މަޑުޖައްސާލަން އިންތިގާލީ ރައީސްގެ އޮފީހުން އިއްޔެ ވަނީ އިލްތިމާސްކޮށްފަ އެވެ. އިންތިގާލީ ރައީސް އޮފީހުން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ ސަރުކާރު ބަދަލުވުމުގެ މަރުހަލާ ހިނގަމުންދާ ދަނޑިވަޅެއްގައި އާބަންކޯއިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތަކެއް ނިންމުމަށް ކުރަމުން ގެންދާ މަސަައްކަތުގެ ތެރެއިން އެކި މުއާމަލާތްތަކާ ގުޅޭ ތަފާތު 40 އައިޓަމެއް އާބަންކޯ ބޯޑުގެ ދެން އޮންނަ ބައްދަލުވުމަށް އެޖެންޑާކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މިއަދުގެ ބަޔާނުގައި އިންތިގާލީ ރައީސް އޮފީހުން ބުނެފައި ވަނީ "ސަރުކާރު ބަދަލުވުމުގެ އިންތިޤާލީ މަރުޙަލާއަކީ އާ ސިޔާސަތުތަކަކަށް ރައްޔިތުން އާނބަސް ބުނެ، އާ ސަރުކާރަކަށް ދައުލަތުގެ ކަންކަން ހަވާލުކުރުމަށް ނިންމި ނިންމުމާ ގުޅިފައިވާ މަރުޙަލާ" ކަމަށާއި "މި މަރުޙަލާގެ ރޫޙަކަށް ވާންވާނީ ރައްޔިތުން އިންތިޚާބުކޮށްފައިވާ އާ ސަރުކާރުގެ މަސައްކަތްތަކަށް މަގުފަހިވާނެހެން ވެރިކަމުގެ ބާރުތައް ބަދަލުވެގެންދިޔުން" ކަމަށެވެ.
"އަދި އާ ސަރުކާރުން ރައްޔިތުންނަށްޓަކައި ތަންފީޒުކުރުމަށް ރާވައިފައިވާ ސިޔާސަތުތަކަށް ފުރުސަތު ލިބޭނެހެން ދައުލަތުގެ ހަރުމުދަލާއި ފައިސާއާއި މާލީ މުޢާމަލާތްތައް، ޤާނޫނީ ހަމަތަކުގެ މަތީން ރައްކާތެރިކުރުމެވެ." އެ ބަޔާނުގައިވެއެވެ. "ކަން މިހެން އޮތް ހިނދު، ދައުލަތުގެ ހަރުމުދަލާއި ފައިސާއާ ގުޅޭގޮތުން، ވިޔަފާރީގެ މުޅިން އާ މުޢާމަލާތްތައް މި މަރުޙަލާގައި ފެށުމާއި، މި ފަދަ މުޢާމަލާތްތަކާއި އެއްބަސްވުންތައް އަވަސްއަރުވާލައިގެން ނިންމުމަށް މަސައްކަތްކުރުމަކީ، އެ ކަންކަމުގައި ކޮރަޕްޝަން އެކުލެވިގެންވާ ކަމަށް ބެލުމުގެ ޖާގަ އޮންނާނެ ކަންތައްތަކެކެވެ. އަދި، އެ ފަދަ ކަންކަން ކުރިޔަށް ގެންގޮސްފައިވާ ގޮތް ބެލުމަށްފަހު، ޤާނޫނާ ޚިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަންކަމާމެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ ފުރުސަތުވެސް އޮންނާނެއެވެ."
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ "މި މަރުޙަލާގައި ދައުލަތުގެ ހަރުމުދަލާއި ފައިސާއާ ގުޅޭގޮތުން ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކާއެކު ވިޔަފާރީގެ މުޢާމަލާތްތައް ހިންގަވާ ވިޔަފާރިވެރިންނާއި އެންމެހާ ރައްޔިތުން، ޤާނޫނީ އިންތަކުގެ ތެރެއިން އެ ފަދަ މުޢާމަލާތްތަކާ ގުޅޭ ކަންކަން ކުރިޔަށް ގެންދިޔުމަށް ޚާއްސަ ސަމާލުކަމެއް" ދިނުމަށެވެ. އަދި ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކުންވެސް ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަންކަން ކުރުމަށް އެ ފަރާތްތަކަށް ބާރުއަޅައިދިނުމަށެވެ.
"…އަދި މި ފަދަ މުޢާމަލާތްތައް އަވަސްއަރުވާލައިގެން ނިންމުމަށް މަސައްކަތްކުރެއްވުމުގެ ބަދަލުގައި، ރައްޔިތުންގެ ނިންމުމަށާއި އިންތިޤާލީ މި މަރުޙަލާގެ ރޫޙަށް އިޙުތިރާމުކޮށް، ކަމޭހިތުން އިސްކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ."



advertisment

