Support Us

ގެދޮރުވެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ އެއްވެސް އެޕްލިކޭޝަނެއް ބާތިލްވެގެން ނުދާނެ: ޑރ. މުއިއްޒު

ގެދޮރުވެރިކަން ބޭނުންވެގެން އެއްވެސް ރައްޔިތަކު ހުށަހަޅާފައިވާ އެޕްލިކޭޝަނެއް ބާތިލްވެގެން ނުދާނެ ކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ހަފުތާއަކަށް ވެފައިވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ދެވަަނަ ބުރަށް ގޯތި އަދި ފްލެޓް ދޫކުރުމަށް ހުޅުވާލި ފުރުސަތުގައި 40،000 އަށްވުރެ ގިނަ ރައްޔިތުން ގޯތި އަދި ފްލެޓް ހޯދުމަށް ފޯމް ހުށަހަޅާފައިވާއިރު އަންނަ ނޮވެމްބަރު 17ގައި ދައުރު ނިމުމުގެ ކުރިން އެ ފޯމްތައް އިވެލުއޭޓްކޮށް ނުނިންމޭނެ ކަމަށް މި ސަރުކާރުން ހާމަކޮށްފައިވާތީ އެކަމާ ރައްޔިތުންގެ ކަންބޮޑުވުން ފާޅުކުރަމުން ގެންދާކަން ފާހަގަކުރައްވަ އެވެ.

ހުޅުމާލޭ ފޭސް އެކެއްގައި ދިރިއުޅޭ ރައްޔިތުން ބައްދަލުކުރެއްވުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ ހައުސިން މަޝްރޫއުގެ ތެރެއިން ގޯތި އަދި ފްލެޓް ލިބޭ ފަރާތްތައް އިއުލާން ކުރުމަށްފަހު، އަނެއްކާ ވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ހަފްތާއަކަށް ވެފައި ވަނިކޮށް ދެވަނަ ބުރަކަށް ގޯތި އަދި ފްލެޓް ދިނުމަށް ހުޅުވައިލި ކަމަށެވެ.

ގެދޮރުވެރިކަމާ ބެހޭ މުހިންމު ކަމެއްގައި މި ސަރުކާރުން އަމަލްކޮށްފައިވާ ގޮތާ މެދު ކަންބޮޑުވެވަޑައިގެން ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުގެ ވެރިކަމުގައި އެއްވެސް ރައްޔިތަކަށް ނިކަމެތި ކަމެއް ލިބިގެންނުދާނެ ކަމުގައި ވިދާޅުވި އެވެ.

"ގެދޮރުވެރިކަމުގެ ސިޔާސަތަކީ ޢެންމެ މުހިންމު ސިޔާސަތުކަން އަޅުގަނޑު ވާނީ ކެންޕެއިންގައި ތަކުރާރުކޮށް ދަންނަވާފައި. އެހެންވީމާ އެއްވެސް ހިސާބަކަށް ގެންގޮސްފައިވާ ގެދޮރުވެރިކަމުގެ އެއްވެސް މަޝްރޫރުއެއްގެ ސަބަބުން ރައްޔިތަކަށް އެއްވެސް ވަރެއްގެ އުއްމީދެއް ލިބުމާ ހަމައަށް ގޮސްފައިވާ އެއްވެސް ކަމެއް ބާތިލެއް ނުކުރާނަން. ހުށަހަޅާފައިވާ އެއްވެސް އެޕްލިކޭޝަނެއް އަލުން ހުށަހަޅަންޖެހޭ ކަހަލަ ގޮތެއް މެދުވެރިވިޔަކަ ނުދޭނަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަމުގެ ސިޔާސަތު އެމަނިކުފާނުގެ ސަރުކާރެއްގައި ކުރިއަށް ގެންދާނީ މިހާރަށްވުރެ އިންސާފުވެރިިކޮށް، ވީހާވެސް ގިނަ ރައްޔިތުންނަށް ފުރުސަތު ލިބޭނެ ގޮތަކަށް ކަމަށެވެ.

މިހާރު ހުށަހަޅައިފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން ވެސް އެއްކޮށް ޕްރޮސެސް ނިންމާ ފައިނަލް ލިސްޓް ނެރެ، ރައްޔިތުންނާ ހަމައަށް އެކަމުގެ ޔަގީންކަން ދެވޭ ހިސާބަކަށް ގެންގޮސްފައިވާނަމަ އެ ހިސާބަކުން އެކަން ކުރިއަށް ގެންދަވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު ނުވާނަން މި ސަރުކާރުން އައިސް، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ގެދޮރު ލިބޭނެ ކަމަށް ލިޔުންދީ ދާއިމީ ލިސްޓް ގެޒެޓްކުރެވުނު މީހުންނާ މެދު ކަންކުރި ގޮތަށް ކަންކުރާނެ މީހަކަށް. އެފަދަ ކަމެއް ނުކުރާނަން. އެހެންވީމަ އެކަހަލަ އެއްވެސް ކަންބޮޑުވުމެއް ނުބާއްވަވާށޭ (އަޅުގަނޑު ދަންނަވާނީ). އެއްވެސް ރައްޔިތަކަށް އިހާނެތި ކަމެއް ވިޔަކަ ނުދޭނަން. އެއަށްވުރެ އޯގާތެރިކަމާ އެކު އަޅުގަނޑުމެން ހިދުމަތް ދޭނީ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ރައްޔިތުން އެ މަނިކުފާނު ބަލައިގަތީ އެންމެންނަށް ވެސް ގެދޮރިވެރިކަން ކަށަވަރުކޮށްދޭނެ ކަމަށް ވެވަޑައިގެންނެވި ވައުދާ ވެސް އެކުގައިކަން ފާހަގަކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ގެދޮރުވެރިކަމުގެ ސިޔާސަތު ކަނޑައަޅާފައިވަނީ އެންމެ 10 ވަރަކަށް ނުވަތަ ވިއްސަކަށް ހާސް މީހުންނަށް ގެދޮރުވެރިކަން ކަށަވަރުކޮށްދޭ ގޮތަށް ނޫން ކަމަށެވެ. އެގޮތުން ގްރޭޓާ މާލޭ ސަރަހައްދުން އެކަނި ވެސް 65،000 ރައްޔިތުންނަށް ގެދޮރުވެރިކަން ޔަގީންކޮށްދިނުމަށް ޕްލޭންކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ފުށިދިއްގަރު ފަޅުގެ ޕްރޮޖެކްޓަކީ އާ ސަރުކާރުގެ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށާއި އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް، އަންނަ ނޮވެމްބަރު 17ގައި ސަރުކާރާ ހަވާލުވެގެން، ފުރަތަމަ ދެ ތިން މަސް ދުވަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. އަދި އެ މަސައްކަތުގެ ދަށުން 1،280 ހެކްޓަރު ބިން އެއްކޮށް ހިއްކައިފައި ނޫނީ ހުއްޓާނުލައްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"އެ 1280 ހެކްޓަރަކީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމާ ވާވަރުގެ ގާތްގަނޑަކަށް ތިން ގުނަ ބޮޑު (ސަރަހައްދެއް). އެހެންވީމަ މިހާ ބޮޑު ސަރަހައްދެއް އިރާދަކުރެއްވިއްޔާ ފުށިދިއްގަރުން ހިއްކޭނެ. ފުރަތަމަ އަހަރު ހިކިގެންދާނެ. ރިވެޓްމަންޓް ޖަހައި އެއްކޮށް ރައްކާތެރިކުރެވި ސޭފް އައިލެންޑެއްގައި ހުންނަން ޖެހޭ ހުރިހާ ފީޗާޒް ހުންނަ ވަރަށް އުސްމިން ހުންނާނެ މަދުވެގެން ތިން މީޓަރަށްވުރެ އުސްކޮށް ހިއްކާ ސޭފް އައިލެންޑެއްގެ ގޮތުގައި ޑިކްލެއާކޮށްގެން އެ މަޝްރޫއު އަޅުގަނޑުމެން ކުރިއަށް ގެންދާނީ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ފުށިދިއްގަރުފަޅާއި ގުޅީ ފަޅާއި ގިރާވަރުފަޅުން ލިބޭ އެންމެ ބޮޑު މިނަކަށް ބިން ހިއްކަވާނެ ކަމަށާއި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ގެދޮރުވެރިކަމުގެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މި ސަރުކާރުން ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދަށުން ދެވަނަ ބުރަށް އިއުލާން ކުރީ މާލޭގެ ރައްވެއްސަކަށްވުމާއި މާލޭގައި އުޅޭތާ 20 އަހަރު ވެފައިވާ މީހުންނަށް ހާއްސަކޮށްގެންނެވެ. އަދި މުއްދަތު ހަމަވިއިރު 40،000 އަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވާއިރު އެއީ ފްލެޓަށް 21،000 އަދި ގޯއްޗަށް 19،000 ފޯމެވެ. މި ސަރުކާރުން މި ފަރާތްތަކަށް ގޯތި ދިނުމަށް ކަނޑައަޅާފައިވަނީ އުތުރު ތިލަފަޅުންނެވެ. އަދި ފްލެޓް ދިނުމަށް ހަމަޖައްސާފައިވަނީ ހުޅުމާލެއިންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *