ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ހަފުތާއަކަށް ވެފައި ވަނިކޮށް ބޯހިޔާވަހިކަމުގެ ދެވަނަ ބުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުވާލި ފުރުސަތުގައި ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމްތަކާ މެދު އަދި ވަކި ގޮތެއް ނިންމާފައިނުވާ ކަމަށާއި އެކަމާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް އިންތިގާލީ ރައީސްގެ އޮފީހުން ބުނެފި އެވެ.
އިންތިގާލީ އޮފީހުން ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވީ އިންތިހާބުގެ ތެރޭގައި ވެސް އަދި އިންތިހާބަށް ފަހު ވެސް "އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޓޭންޑަކީ މިސަރުކާރުން އެއްވެސް ރައްޔިތަކަށް ދިނުމަށް ލިޔުން ހަވާލުކޮށްފައިވާ ބިން އަދި ފްލެޓް ދިނުމަށް ގެޒެޓްކޮށްފައިވާ އެއްވެސް އެއްޗެއް ހުއްޓުވުމަށް މަސައްކަތް ނުކުރެއްވުން" ކަމަށެވެ.
"އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ކޮމިޓްމަންޓް ގުޅިފައި މިއޮތީ ކުރިން ޝާއިއު ކުރެވިފައިވާ ލިސްޓާ. ފަހުން މި އިއުލާނާ ގުޅޭ ގޮތުން ހުށަހެޅި އެޕްލިކޭޝަންތަކާ ގުޅޭގޮތުން އިތުރު މަޝްވަރާތައް ހިންގަމުން އެބަގެންދަން،" ފިރުޒުލް ވިދާޅުވި އެވެ.
މި ސަރުކާރުން ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދަށުން ދެވަނަ ބުރަށް އިއުލާން ކުރީ މާލޭގެ ރައްވެއްސަކަށްވުމާއި މާލޭގައި އުޅޭތާ 20 އަހަރު ވެފައިވާ މީހުންނަށް ހާއްސަކޮށްގެންނެވެ. އަދި އެ ފުރުސަތު އިއްޔެގެ ނިޔަލަށް ހަމަވެފައިވާއިރު 40،000 އަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވެ އެވެ. އެއީ ފްލެޓަށް 21،000 އަދި ގޯއްޗަށް 19،000 ފޯމެވެ.
މި ސަރުކާރުން ދެވަނަ ބުރުގައި ހުޅުވާލި ފުރުސަތުގައި ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި މީހުނަށް ގޯތި ދިނުމަށް ނިންމާފައިވަނީ އެމްއެންޑީއެފްގެ ޑޮކްޔާޑެއް ހަދަމުން އަންނަ އުތުރު ތިލަފަޅުންނެވެ. ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރު އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ބަދަލުވާއިރު ދެވަނަ ބުރުގައި ހުށަހެޅި ފޯމްތަކާ މެދު ހައުސިން މިނިސްޓްރީން އަދި ވަކިގޮތެއް ނިންމައިފައެއްނުވެ އެވެ.
ބޯހިޔާވަހިކަމުގެ ފަސް އަހަރުގެ ސިޔާސަތުގެ ދަށުން 65،000 މީހުންނަށް ގެދޮރުކަށް ކަށަވަރުކޮށްދޭނެ ކަމަށް އާ ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައަޅާފައިވެ އެވެ. އެ ގޯތި ނުވަތަ ފްލެޓްތައް ދިނުމަށް ކަނޑައަޅާފައިވަނީ ފުށިދިއްގަރުފަޅާއި ގިރާވަރުފަޅާއި ގުޅީފަޅާއި ހުޅުމާލެ ހިމެނޭ ގޮތަށެވެ.



advertisment
One Response
ކަލޭމެންނަށް އެއަށް ގޮތެއް ނިންމޭނީ ނޮވެމްބަރ 17 ގެ ފަހުން ދެލޯފުޅާ. އެހެން ބުނަން ލަދުގަންނަނީ؟