"ފެނަކައާ ގުޅޭ 75 މައްސަލައެއް ތަޙުޤީޤުކުރާއިރު، މިހާތަނަށް 20 މިލިއަން ރުފިޔާ އަނބުރާ ހޯދަން އެންގި" ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީން) ނެރުނު ބަޔާނާ ގުޅޭގޮތުން ފެނަކައިން ވެސް މިއަދު ބަޔާނެއް ނެރެފިއެވެ.
އެ ބަޔާނުގައި މައިގަނޑު ދެ ނުކުތާއެއް ފެނަކައިން ފާހަގަކޮށްފައިވެއެވެ.
ފެނަކައިން ފާހަގަކުރާ ނުކުތާތައް:
- ބަލަމުންދާ މައްސަލަތަކުގެ ޢަދަދު ކަމަށް ބަޔާންކުރައްވާފައިވާ ތަފާސްހިސާބަކީ، 2012 ވަނަ އަހަރު ފެނަކަ ވުޖޫދުކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ހުރި ޢަދަދުކަން.
- ޒިންމާވާ ފަރާތްތަކުގެ އަތުން ކުންފުންޏަށް ހޯދުމަށް އެ ކޮމިޝަނުން އަންގަވާފައިވާ 20.5 މިލިއަން ރުފިޔާ އަކީ، 2011 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް ފެނަކައިން ހިންގާފައިވާ ޖުމްލަ ހަތަރު މުޢާމަލާތަކާ ގުޅިގެން ހޯދުމަށް އަންގާފައިވާ ފައިސާކަން. އެއީ:
- ސަދަން ޔުޓިލިޓީޒް ލިމިޓެޑްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރަކު ކިޔަވަން ދިއުމަށް ކުންފުނީގެ އެއިރުގެ މެނޭޖިންގ ޑިރެކްޓަރ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ފެނަކައިގެ ބަޖެޓުން ދޫކޮށްފައިވާ ކަމަށް ބުނެވޭ 240،000ރ.
- 2015 ވަނަ އަހަރުގެ ތެރޭގައި އަމިއްލަ ކުންފުންޏަކުން ކޮށްފައިވާ މުޢާމަލާތްތަކަކާ ގުޅިގެން، ފެނަކައިގެ ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތަށް އުނިކުރަންޖެހޭ ޖޫރިމަނާ ފައިސާ އުނިނުކޮށް އެފަރާތަށް ފައިސާ ދައްކާފައިވާތީ، ފެނަކައަށް ލިބުނު ގެއްލުމަށްވާ 1.017 މިލިއަން ރުފިޔާ
- 2016 ވަނަ އަހަރު ކުންފުންޏަށް ބޭނުންވާ ޑޮލަރު ގަތުމަށް އަމިއްލަ ކުންފުންޏަކާ އެކު ކުރި މުޢާމަލާތުގައި ފެނަކައަށް ލިބެންޖެހޭ 17.85 މިލިއަން ރުފިޔާ
- 2017 ވަނަ އަހަރު ކުންފުންޏަށް ބޭނުންވާ ބިލިން ސޮފްޓްވެއަރ ހޯދުމަށް އަމިއްލަ ކުންފުންޏަކާއެކު ކޮށްފައިވާ މުޢާމަލާތުގައި ފެނަކައަށް ގެއްލިފައިވާ 1.38 މިލިއަން ރުފިޔާ



advertisment

