Support Us

ހައިކަލް ސުލައިމާން އަކީ ކޮބާ؟

ޔަހޫދީން ކިޔާ ހައިކަލް ސުލައިމާން އަށް "ސޮލޮމޮން ޓެމްޕަލް" ނުވަތަ "ފަސްޓް ޓެމްޕަލް" ވެސް ކިޔައެވެ. ތަފާތު ނަންނަމުން ކިޔަސް އެތަން ނިސްބަތް އެ ކުރަނީ ނަބިއްޔާ ސަލާމްލެއްވި ސުލައިމާންގެފާނު ބިނާކުރެއްވި މިސްކިތްކޮޅު ކަމަށްވާ "ބައިތުލްމަޤްދިސް" އަށެވެ. މައިތުލްމަޤްދިސް ހުރި ސަރަޙައްދަށް މުސްލިމުން ކިޔަނީ "އަލްޙަރަމުއްޝަރީފް" އެވެ. އިނގިރޭސީން ކިޔަނީ "ޓެމްޕަލް މައުންޓް" އެވެ.

މާތްﷲ ގެ އަމުރުފުޅަށް ޤުދުސްގެ ބިމުގައި ނަބިއްޔާ ސުލައިމާންގެފާނު ބައިތުލްމަޤްދިސް ބިނާކުރެއްވިއެވެ. އެ މިސްކިތްކޮޅު ބިނާ ކުރެއްވީ ދުނިޔޭގައި މާތްﷲ އަށް އަޅުކަން ކުރުމަށް ދެވަނައަށް ބިނާކުރެވުނު މަސްޖިދުލް އަޤްޞާ ބިނާކުރެވިފައިވާ ސަރަޙައްދުގައި ކަމަށް ތާރީޚީ ޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ. ދުނިޔޭގައި މާތްﷲ އަށް އަޅުކަން ކުރުމަށް ފުރަތަމަ ބިނާކުރެވުނީ މައްކާގައި ހުންނަ މަސްޖިދުލް ޙަރާމެވެ. މަސްޖިދުލް އަޤްޞާ ބިނާކުރެވުނީ މަސްޖިދިލް ޙަރާމް ބިނާކުރެވުނުތާ 40 އަހަރު ފަހުންނެވެ. މި ދެ މިސްކިތް ވެސް ބިނާކުރެއްވީ ސަލާމްލެއްވި އާދަމްގެފާނަށްފަހު ސަލާމްލެއްވި އިބްރާހީމްގެފާނެވެ. މުސްލިމުން މަސްޖިދުލް އަޤްޞާ ކިޔަނީ އެތައް ނަބީބޭކަލުންނަކާއި ރަސޫލު ބޭކަލުންނެއްގެ ވެސް ތާރީޚާ ގުޅިފައިވާ ސަރަޙައްދަކަށެވެ.

ސުލައިމާންގެފާނު ބިނާކުރެއްވި މިސްކިތްކޮޅު ނުވަތަ ބައިތުލްމަޤްދިސް ބިނާކުރެއްވީ މީލާދީން ސަނަތުގެ 960 އަހަރު ކުރީންނެވެ. އެ މިސްކިތްކޮޅު ތަޅައި ސުންނާފަތިކުރީ މީލާދީ ސަނަތުގެ 586-587 އަހަރު ކުރިން ބާބިލީންނެވެ. އޭރު އެ މިސްކިތްކޮޅަށް ވަނީ 370 އަހަރުވެފައެވެ. ބާބިލީން ފަލަސްޠީނު ހިފީ ނަބިއްޔާ ސުލައިމާންގެފާނަށްފަހު ބަނީ އިސްރާޢީލުންގެ ތެރޭގައި ބައިބައިވުން އުފެދިފައިވަނިކޮށް އެ ބިމަށް ވެރިވި އާޝޫރީން ބަލިކޮށްފައެވެ. ބާބިލީންނަށްފަހު ފަލަސްޠީނު ހިފީ ފާރިސީންނެވެ. ފާރިސީންގެ ދުވަސްވަރު ނަބިއްޔާ ސުލައިމާންގެފާނު ބައިތުލްމަޤްދިސް ބިނާކުރެއްވި ސަރަޙައްދުގައި ފައްޅިއެއް ބިނާކޮށްދިނެވެ. އެއީ ހައިކަލް ސުލައިމާން ދެވަނަ ފަހަރަށް ބިނާކުރުންކަމަށް ޔަހޫދީން ގަބޫލުކުރެއެވެ. އެތަނަށް އެ މީހުން ކިޔަނީ "ސެކަންޑް ޓެމްޕަލް" އެވެ. މި ފައްޅި ހަލާކުކޮށްލީ މީލާދީން 70 އަހަރުގައި ރޯމަނުންނެވެ. ސެކަންޑް ޓެމްޕަލުން ހަލާކުނުވެ ހުރީ އެ ތަނުގެ ހުޅަނގު ފަރާތުގެ ފާރުކަމަށް ތަހޫދީން ބުނެއެވެ. އެ ފާރަކީ ޔަހޫދީން މުޤައްދަސް ތަނެއް ކަމަށް ބަލާ "ވެސްޓަރން ވޯލް" އެވެ. މިހާރު ވެސް ހުރި އެ ފާރަށް މުސްލިމުން ކިޔަނީ ބުރާޤު ފާރެވެ.

ރޯމަނުން ދެވަނަ ފައްޅި ތަޅާލުމަށްފަހު އެ ސަރަޙައްދު ހަދާފައި އޮތީ ބޮޑު ކުނިގޮނޑަކަށެވެ. ރޯމަނުން ނަޞާރާދީނަށް ވަނުމަށްފަހު ވެސް އެ ގޮނޑުއޮތެވެ. އެ ސަރަޙައްދުން ކުނިގޮނޑު ނަގައި ސާފުކުރެއްވީ ޤުދުސްގެ ތަޅުދަނޑިއާ ހަވާލުވެވަޑައި ގެންނެވުމަށްފަހު މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރުގެފާނާއި ޞަޙާބީންނެވެ. އަލްޙަރަމުއްޝަރީފްގެ ބިން ސާފުކުރައްވައި، ޢުމަރުގެފާނުގެ ޢަމުރުފުޅަށް ބިނާކުރެއްވި މިސްކިތްކޮޅަކީ މިހާރުގެ "މަސްޖިދުލް ޤިބްލީ" އެވެ. މި މިސްކިތް ބިނާކުރެއްވީ މަސްޖިދުލް އަޤްޞާގެ ޤަދީމީ ބިންގަލުގެ މަތީގައެވެ. ނަމަވެސް މަސްޖިދުލް އަޤްޞާއަކީ ހަމައެކަނި މި މިސްކިތެއް ނޫނެވެ. އެއީ މި މިސްކިތް ހިމެނޭހެން އެތައް މިސްކިތެއް ހުންނަ ބޮޑު ސަރަޙައްދެކެވެ.

ފަލަސްޠީނުގެ އަލްޤުދުސްގައި ހުންނަ މާތްވެގެންވާ މަސްޖިދުލްއަޤްޞާ ބިނާކޮށްފައިވަނީ ޔަހޫދީންގެ ކުރީގެ ފައްޅިއެއްކަމަށްވާ "ހައިކަލް ސުލައިމާން" ހުރި ތަނުގައި ކަމަށްބުނެ ޔަހޫދީންނާއި އިޒްރޭލު ސަރުކާރުން ދިޔައީ ދައުވާ ކުރަމުންނެވެ. އެކަން ބެލުމަށްފަހު އެބައި މީހުން ކުރަމުންދަނީ ބާތިލު ދައުވާތަކެއް ކަމަށް ޔުނެސްކޯ އިން ވަނީ 2016 ވަނަ އަހަރު ނިންމާފައެވެ. އދ.ގެ ތަޢުލީމާއި ސައިންސާއި ސަޤާފަތާ ބެހޭ ޖަމްޢިއްޔާއިން ނެރުނު ގަރާރުގައި ބުނެފައިވަނީ ފަލަސްޠީނުގެ ބިމުގައި ހުރި މުސްލިމުންގެ ފުރަތަމަ ޤިބުލަ އަދި ތިންވަނަ ޙަރަމްފުޅު ކަމަށްވާ މާތްވެގެންވާ މަސްޖިދުލް އަޤްޞާއަކީ ޔަހޫދީންނާ ތާރީޚީގޮތުން އަދި ދީނީގޮތުން ވެސް އެއްވެސް ގުޅުމެއްނެތް ތަނެއްކަމަށެވެ. އދ. ގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތައް އެމެރިކާއިން ވީޓޯކުރާގޮތަށް ޔުނެސްކޯގެ ކައުންސިލަކީ ވީޓޯ ކުރުމުގެ ޤާނޫނީ ބާރު އެމެރިކާއަށާއި އިޒްރޭލުގެ އަނިޔާވެރިކަމަށް ހިތްވަރުދޭ ހުޅަނގުގެ ޤައުމުތަކަށް އޮންނަ ކައުންސިލެއް ނޫނެވެ.

 

* ޢަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *