Support Us

ބޭސް ގަތުމަށް އިންޑިއާގެ ކުންފުންޏަކާއެކު ސޮއިކުރާކަށް ނޫޅެން: އެސްޓީއޯ

ރާއްޖެއަށް ބޭނުންވާ ބޭސް ގަތުމަށް އިންޑިއާގެ އެއްވެސް ކުންފުންޏަކާ އެކު ސޮއިކުރުމަށް މަސައްކަތްނުކުރާ ކަމަށާއި އެފަދަ ކަމެއް ކުރުން ހުއްޓާލުމަށް އެއްވެސް ފަރާތަކުން އަންގައިފައިނުވާ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

އެސްޓީއޯ އިން މިއަދު އެކްސްގައި ބުނެފައިވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެސްޓީއޯއިން އިންޑިއާގެ ޓެމިލްނާޑޫގެ ކުންފުންޏަކުން ބޭސް ގަންނަން އެގްރިމަންޓުކުރަން އުޅޭ ކަމަށާއި އެކަން ހުއްޓުވުމަށް އަންގާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެފަދަ މައުލޫމާތެއް ނޫސްތަކުގައި ޖެހުމުގެ ކުރިން އެސްޓީއޯގެ ބަހެއް ހޯދައިފައިނުވާކަން އެސްޓީއޯއިން ފާހަގަކޮށްފައިވެ އެވެ.

"އެއްވެސް އެއްބަސްވުމެއްގައި އެސްޓީއޯއިން މިވަގުތު ސޮއިކުރަން ނޫޅޭ ކަމަށާއި އެފަދަ ކަމެއް ހުއްޓުވަން އެއްވެސް ފަރާތަކުން އަދި އަންގާފައިނުވާކަން ހުރިހާ ބޭފުުޅުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ." އެސްޓީއޯއިން އެސްކްގައި ބުނެފައިވެ އެެެވެ.

އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނުގެ ތަރުޖަމާނު ފިރުޒުލް މުހައްމަދު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނު ގެންނަން އިންޑިއާގެ ޓެމިލްނާޑޫގެ ކުންފުންޏަކާ އެކު އެއްބަސްވުމެއްްގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން އެސްޓީއޯއިން އުޅޭކަން އިންތިގާލީ ކޮމިޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެން ކަމުން އިންތިގާލީ މަރުހަލާގައި އެފަދަ ކަމެއް ކުރިއަށް ނުގެންގޮސް މަޑުޖައްސާލަން އިންތިހާބީ ރައީސް ޑރ. މުއިއްޒު އެދިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިގާލީ އޮފީހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިރުޒުލް ވިދާޅުވެފައިވަނީ އައިޖީއެމްއެޗްގައި ގާއިމްކޮށްފައި ހުރި ހާއްސަ ބަލިތަކުގެ ސެންޓަރުތަކަށް ދައްކަންޖެހޭ 5.3 މިލިއަން ޑޮލަރުގެ ބިލްތަކެއް ނުދައްކާ ހުރުމުން އެ ސެންޓަރުތަކުގެ ހިދުމަތްތައް ހުއްޓުމަކަށް އަތުވެދާނެތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.

މީގެ އިތުރުން ހެލްތް މިނިސްޓްރީން މަސައްކަތް ކުރާ ގޮތަށް ބަލާއިރު ސިއްހީ ދާއިރާގައި ގާއިމްވެފައިވާ ހޮސްޕިޓާތަކާއި ސެންޓަރުތަކަށް އެކިއެކި ހިދުމަތް ދޭން ބޭނުންކުރާ އެކިއެކި "ކޮންސިއުމަބަލް" (އިންޖެކްޝަން ސިރިންޖު ފަދަ އެއްފަހަރު ބޭނުންކުރުމަށްފަހު ދޫކޮށްލަންޖެހޭ ތަކެތި) އަކީ ގަވައިދުން ވަކި އުސޫލަކުން އޯޑަރު ކޮށްގެން ސްޓޮކް މެއިންޓެއިން ކޮށްގެން ހިދުމަތް ފޯރުކޮށްދޭން ބޭނުންކުރާ ތަކެތި ކަމުގައިވާއިރު މި ތަކެއްޗަކީ އަހަރަކު ދެ ފަހަރު އޯޑަރުކޮށްގެން ގެންނަން ޖެހޭތަކެތި ކަމަށާއި ނަމަވެސް މިއަހަރުގެ ދެވަނަ ހަ މަސް ދުވަހަށް ބޭނުންވާ ސާމާނަށް އޯޑަރުކޮށްފައިނުވާކަން ފިރުޒަލް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ސަރުކާރުގެ ހޮސްޕިޓާތަކާއި ހެލްތް ސެންޓަރުތަކުގެ ހިދުމަތްތަކަށް ހުއްޓުމަކަށް އަންނަމުންދާ ކަމަށާއި މިހާލަތު މިގޮތަށް ދެމިގެން ހިނގައްޖެނަމަ ނޮވެމްބަރު މަސް އަންނައިރު ހޮސްޕިޓާތަކާއި ހެލްތް ސެންޓަރުތަކުން ދެމުން އަންނަ ބައެއް ހިދުމަތްތައް އެއްކޮށް ހުއްޓުމަކަށް އަތުވެދާނެތީ އެކަމުގެ ކަންބޮޑުވުން ވެސް އިންތިގާލީ އޮފީހުން ހާމަކޮށްފައިވެ އެވެ.