Support Us

ހިޔާ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓް ހަރުކުރުމަށް ބަޖެޓްގައި ހިމަނައިފައިވާނެ: ޑރ. މުއިއްޒު

ހުޅުމާލޭގައި ބިނާކޮށްފައިވާ 16 ހިޔާ ޓަވަރުގެ ތެރެއިން ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓް ހަރުކުރުމަށް ބަޖެޓްގައި ހިމަނައިފައިވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ ޔޫތު ސިޓީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުން ބަޖެޓް ހުށަހަޅާއިރު "އަޅުގަނޑުމެންނަށް ލިބުނު ފުރުސަތުގައި އެއް ކަމެއްގެ ގޮތުގައި ހުޅުމާލޭ ޔޫތު ސިޓީގައި ކޮންމެ ޓަވަރެއްގައި (އިތުރު) ދެ ލިފްޓް ހަރުކުރުމަށް ހުށަހަޅާފައިވާނެ" ކަމަށެވެ. އެގޮތުން ކޮންމެ ޓަވަރެއްގައި ގާއިމްކުރާ އެއް ލިފްޓަކީ ސްޓްރެޗާ އެރުވޭހާ ޖާގަ ބޮޑު ލިފްޓެއް ކަމަށާއި އަނެއް ލިފްޓަކީ 14 މީހުންގެ ޖާގައިގެ ލިފްޓެއް ކަމުގައި ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެންޕެއިންގެ ތެރޭގައި ހުޅުމާލޭގެ ޔޫތު ސިޓީއަށް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެންމެހާ ކަންކަން އެގޮތުގައި ފުރިހަމަ ކޮށްދެއްވާނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ވޯޓުގައި ހުޅުމާލޭ ރައްޔިތުން ދިން ތާއީދަށް ޝުކުރުއަދާކުރެއްވި އެވެ.

"(ކެމްޕޭނުތެރޭގައި) އަޅުގަނޑު ދެންނެވިން (ހިޔާ) ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކޮށްދޭނަމޭ. ކޮންމެ ޓަވަރަކަށް ދެ ލިފްޓް އަންނާނެ. އެއް ލިފްޓަކީ ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑު ލިފްޓެއް. އަނެއް ލިފްޓަކީ 14 މީހުންގެ ލިފްޓެއް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ހުޅުމާލޭގެ ޔޫތު ސިޓީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ޑރ. މުއިއްޒުގެ ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް ބޯކޮށް ވާރޭވެހެން ފެށުމުގެ ސަބަބުން މެދުކަނޑާލެއްވި ނަމަވެސް އެ ސަރައްހަދުގައި މަރުހަބާ ދެންނެވުމަށް އެއްވެ ތިބި އެންމެހައި ރައްޔިތުންނާ ގަދަ ވިއްސާރައިގެ ތެރޭގައި ވެސް ޑރ. މުއިއްޒާއި ރަނިންމޭޓް ހުސެން މުހައްމަދު ލަތީފު ސަލާމްކުރެއްވުން ކުރިއަށް ގެންދެވިއެވެ.

މި އަހަރުގެ ބާކީ މިއޮތް ދެ މަސް ދުވަހުގެ ހަރަދުތައް ހަމަޖެއްސުމަށް ޖުލްމަ 6.5 މިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. އަދި އެ ބަޖެޓް ހުށަހަޅާފައިވަނީ ޑރ. މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކަށް ބޭނުންވާ 200 މިލިއަން ރުފިޔާ ހިމަނައިގެންނެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓްގެ ގޮތުގައި ފާސްކޮށްފައިވާ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *