Support Us

ގައުމު ހަމަ މަގަށް އެޅުވުމަށް ފަށާ މަސައްކަތުގައި އެންމެން އެކުވެރިކަމާ އެކު ކުރިއަށްދާންޖެހޭ: ޑރ. މުއިއްޒު

ގައުމު ހަމަ މަގަށް އެޅުވުމަށްޓަަކައި އާ ސަރުކާރުން ފަށާ މަސައްކަތުގައި އެންމެ އެކަތިގަނޑެއްގެ ގޮތުގައި އެކުވެރިކަމާ އެކު ކުރިއަށްދާން ޖެހޭ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ދިވެހީންގެރާއްޖެ" ދިވެހިންނަށް ހޯދައިދިނުމަށްޓަކަައި ޕީޕީއެމް/ޕީއެންސީ ކުރިއަށް ގެންދިޔަަ ޑރ. މުއިއްޒުގެ ރިޔާސީ ކެންޕެއިންގައި ހަރަކާތްތެރިވި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ކެންޕެއިން ޓީމްތަކާ އިންތިހާބީ ރައީސް ބައްދަލުކުރެއްވުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި ޑރ. މުއިއްޒު ދެއްކެވި ވާހަަކަފުޅުގައި، ކަމެއް ހާސިލް ކުރުމަށްވުރެ އެކަން ދެމެހެއްޓުމަކީ ވަރަށް ވަރުގަދަ މަސައްކަތެއް ކަމަށާއި ގައުމު ސަލާމަތްކުރުމުގައި އެންމެ އަތުކުރި އޮޅާލައި އެންމެން އެކުގައި އެކުވެރިކަމާ އެކު ކުރިއަށްދާން ޖެހޭނެ ކަމަށާއި އެކުވެރިކަމަކީ ގަދަފަދަ ބާރެއް ކަމުގައި ވިދާޅުވި އެވެ.

"ކަމެއް ހާސިލް ކުރުން، ކަމެއް ހާސިލްކުރުމަށްފަހު އެކަން ދެމެހެއްޓުމަށްވުރެ ފަސޭހަވާނެ. ދެން މިއޮތީ ދެމެހެއްޓުން. ގައުމީ މަސައްކަތެއް. ވަރަށް ވަރުގަދަ މަސައްކަތެއް ކުރަން މިޖެހެނީ. އަޅުގަނޑު އެދެނީ އަޅުގަނޑުމެން އެންމެންނަކީ މި ކެންޕެއިން ކާމިޔާބު ކުރުމުގައި މި ދެއްކި އެކުވެރިކަން އެގޮތުގައި ދައްކައި އަޅުގަނޑުމެންގެ މިގައުމު ސަލާމަތް ކުރުމުގައި ހަަމަ އެކުވެރިކަން މަތީގަ އަދި އެއަށްވުރެވެސް ވަރުގަދަ ނުގުޑާ އަޒުމެއްގައި ގައުމައިގެން ކުރިއަށް ދިއުުމުގައި އަތުކުުރި އޮޅާލާ ބަޔަކަށްވެގެންދާން. އެކަމުގައި އަޅުގަނޑު ޝައްކެއް ނުކުރަން އެކަމުގައި ޔަގީން ކުރަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ގައުމު މިއަދު އޮތް ހާލަތުން އަޅުގަނޑުމެން އެދޭ މަންޒިލަށް "ދިވެހީންގެރާއްޖެ" އަށް ގެންދިއުމަށްޓަކައި ހުރިހާ ފަރާތްތަކަކުން އެކުގައި ރެއާއިދުވާލު ކޮށްފައިވަނީ ވަރަށް ވަރުގަދަ ގައުމީ މަސައްކަތްތަކެއް ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ހަރަކާތްތެެރިވި ހުރިހާ ކެންޕެއިން ޓީމްތަކުގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގެ ކެންޕެއިން ޓީމްތަކުން ކޮށްދީފައިވާ އިހުލާސްތެރި ގައުމީ މަސައްކަަތަށްޓަަކައި ޝުކުރުއަދާކުރެއްވި އެވެ.

"(ކެންޕެއިން ޓީމްތަކުގެ) ތިޔަ މަސައްކަތުގެ ސަބަބުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ގައުުމުގެ މަސްތަގުބަލް އުޖާލާކުުރުމަށް އަޅުގަނޑުމެންނަށް ފުރުސަތެއް ލިބިގެން މިދިޔައީ،" ޑރ. މުއިއްޒު ވިދާޅުވިި އެވެ.

ތޮއްޖެހިފައިވާ މި ހަފުލާގައި ކެންޕެއިން ޓީމްތަކުން އެކުލަވާލައިފައިވާ "ޑރ. މުއިއްޒު-2023 ކެންޕެއިންގެ ހުލާސާ ރިޕޯޓު" ޑރ. މުއިއްޒަށް އެރުވިއެވެ. އަދި ކެންޕެއިން ޓީމުތަކުގައި ހަރަކާތްތެރިވި ފަރާތްތަކާ އިންތިހާބީ ރައީސް ސަލާމްކުރެއްވުން ކުރިއަށް ގެންދެވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *