ވެލާނާ އިންޓަނޭޝަނަލް އެއާޕޯޯޓްގެ އާ ޓާމިނަލް ތަރައްގީގެ ބިޔަ މަޝްރޫއު އަންނަ އަހަރުގެ ޕީކް ސީޒަންގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"ހޮޓޭލިއަރ މޯލްޑިވްސް" އިން އިންތިޒާމްކޮށްގެން ބޭއްވި "ޖެނެރަލް މެނޭޖާސް ފޯރަމް-2023″ ފެށުމަށް ބަންޑޮސް ރިސޯޓުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ވެލާނާ އެއާޕޯޓްގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާތީ އެކަމުގެ ދަތިކަން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ވެސް ފޯރައިފައިވާ ކަމަށެވެ. އަދި އެ ކަންކަން ހައްލުކުރެވެން އޮތީ އެއާޕޯޓްގެ ތަރައްގީގެ މަސައްކަތް ނިންމިގެން ކަމަށް ވިދާޅުވި އެވެ.
ޑރ. މުއިއްުޒު ވިދާޅުވީ ޓޫރިޒަމްގެ ސިނާއަތު ފުޅާކޮށް ތަރައްގީކުރުމަށް ކުރިއަށް އޮތް ފަސް އަހަރަށް ޕީއެންސީގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ސިޔާސަތުތައް ހާސިލްކުރެވޭނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސް އާ ޓާމިނަލް އަންނަ އަހަރު ނިންމިގެން ކަމަށެވެ.
"އަޅުގަނޑު އުއްމީދުކުރަނީ ފައިނޭންސަރުންނާއި ކޮންޓްރެކްޓަރުންނާ އެކު ވާހަކަދައްކައިގެން އާޓާމިނަލްގެ މަސައްކަތް 2024 ޕީކް ސީޒަންގައި ނިންމާލެވޭނެ ކަމަށް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވާހަކަފުޅުގައި ރާއްޖެ ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު ދެ މިލިއަނަށް ގާތްކޮށްފައިވާކަން ފާހަގަކުރައްވައި ފަތުރުވެރިކަމުގެ ސިނާއަތު ފުޅާވެގެން ގޮސްފައިވަނީ އެ ދާއިރާގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންނާއި ރިސޯޓްތަކުގެ ވެރިންނާއި ދިވެހި ޓްރެވަލް އެޖެންސީތަކާއި ގެސްޓްހައުސްތަކާއި މި ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ އެންމެންގެ ބުރަ މަސައްކަތުން ކަމަށް ވިދާޅުވިއެވެ.
މީގެ އިތުުރުން ފަތުރުވެރިކަމުގެ ސިނާއަތުގެ ސަބަބުން ދިވެހި އެތައް އާއިލާތަކެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަަމަށާއި ފަތުރުވެރިކަމުގެ ފައިދާ ބެހިގެންދިޔުން ފުޅާކޮށް، ފަތުރުވެރިކަމުގެ ސިނާއަތަކީ ކޮންމެ ދިވެއްސަކަަށް ވެސް ފައިދާވާނެ ސިނާއަތަށް ވެގެން ދިއުމަށް އުއްމީދުކުރައްވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޕީއެންސީގެ މެނިފެސްޓޯގައިވާ ފަތުރުވެރިކަމުގެ ސިނާއަތު ތަރައްގީކުުރުމަށް ކަނޑައަޅާފައިވާ ސިޔާސަތުތައް ޑރ. މުއިއްޒުގެ ވާހަކަފުޅުގައި ތަކުރާރުކުރެއްވި އެވެ. އެގޮތުން ރާއްޖޭގެ އިތުރު ޑޮމެސްޓިކް އެއާޕޯޓްތައް ގާއިމްކޮށް ދަތުރުފަތުރުގެ ނެޓްވޯކް ފުޅާކުރުމާއި ރާއްޖޭގެ ދެކުނުގައި ސީޕްލޭން ހަބެއް ގާއިމްކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ ހިންގުމުގެ އިސް މަގާމުތައް ދިވެހީންނަށް ފަހިކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޑރ. މުއިއްްޒުގެ ވާހަކަފުޅުގައި ރާއްޖޭގެ ޓޫރިޒަމް ދުނިޔޭގެ މާކެޓްގައި މިހާރު އޮތް މަގާމުގައި ހިފެހެއްޓުމަށް ގޮންޖެހުންތައް ހުރިކަން ފާހަގަކުރައްވައި އެކަންކަމާ އެކު ވެސް ދުނިޔޭގެ މައިދާނުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ އިސް މަގާމު ދަމަހައްޓަން މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ފާހަގަކުރެއްވި އެވެ.
ރިޔާސީ އިންތިހާބުގެ ތެރޭގައި ޑރ. މުއިއްޒު ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަަތްކުރާ މުވައްޒަފުންނަށް ޕެންޝަން ސްކީމެއް ތައާރަފް ކޮށްދެއްވުމަށާއި ސޯޝަލް ހައުސިންގެ ދަށުން ފްލެޓް ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.



advertisment