ޗައިނާ ސަރުކާރުން ފަށައިފައިވާ ބެލްޓް އެންޑް ރޯޑް (ބީ.އާރު.އައި) މަޝްރޫއަކީ ރާއްޖޭގެ ތަރައްގީއަށް ކުރިމަގުގައި މުހިންމު ރޯލެއް އަދާކުރެވިދާނެ މަޝްރޫއެއް ކަމަށް ދެކެވަޑައިގެންނަވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޗައިނާގެ ޒިންހުވާ ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ޗައިނާއާއި އެހެނިހެން ގައުމުތަކުގެ އެހީތެރިކަން ބޭނުންވާނެ ކަމަށެވެ. އަދި ޗައިނާގެ ބީ.އާރު.އައި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިތުރުން އެ މަޝްރޫއުގައި ބައިވެރިވެފައިވާ ހުރިހާ ގައުމުތަކެއްގައި ތަރައްގީއަށް ވެސް މުހިންމު ރޯލެއް އަދާކުރެވިދާނެ ކަމަށް ދެކެވަޑައިގެންނަވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ދެކެނީ ޗައިނާގެ ބީ.އާރު.އައި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އާއި ސަރަހައްދީ އެހެން ގައުމުތަކުގެ ތަރައްގީއަށް މުހިންމު ރޯލެއް އަދާކުރެވިގެންދާނެ ކަމަށް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒުގެ ވާހަކަފުޅުގައި ވިދާޅުވީ ޗައިނާއާއި ރާއްޖެއާ ދެމެދުގައި ޒަމާނުއްސުރެ އުފެދިފައިވަނީ ވަރަށް ގާތްގުޅުމެއް ކަމަށާއި ޗައިނާގެ އެހީގައި މިހާތަނަށް ވަރަށް ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާ އެކު ހިންގައިފައިވާ ކަމަށއވެ. އެ ގޮތުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަޝްރޫއު ފާހަގަކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ އެ ބްރިޖްގެ މަޝްރޫއަކީ މިހާތަނަށް ރާއްޖޭގެ ތަރައްގީގެ އެންމެ ބިޔަ ބޮޑު މަޝްރޫއު ކަމަށާއި އެ ބްރިޖްގެ ސަބަބުން ގްރޭޓާ މާލޭ ސަރަހައްދަށް ތަރައްގީ އައިސް މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ އިތުރުން ރާއްޖޭގެ އެތައް ހާސް ބަަޔަކަށް ފަސޭހަތަކެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.
"ޗައިނާ މޯލްޑިވްސް ފްރެޑްޝިޕް ބްރިޖްގެ މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި ކޮށްފައިވާ އެންމެ ބިޔަ ތަރައްގީގެ މަޝްރޫއު. ތަރައްގީއަށް ބޮޑު ބަދަލެއް ގެނުވި މަޝްރޫއު. މި ބްރިޖްގެ ސަބަބުން ރާއްޖޭގެ އެތައް ސަތޭކަ އެތައް ހާސް ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ވަނީ އައިސްފައި. ހަމައެކަނި ރާއްޖޭގައި ދިރިއުޅޭ މީހުންނަކަށް ނޫން. ރާއްޖެއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވެސް (ފައިދާވޭ) ގްރޭޓާ މާލޭ ސަރަހައްދަށް މި ބްރިޖްގެ ސަބަބުން ބޮޑު ކުރިއެރުމެއް ވަނީ އައިސްފައި،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަޝްރޫއުގެ އިތުރުން ޗައިނާގެ އެހީގައި ހިންގި ސޯޝަލް ހައުސިން ޕްރޮޖެކްޓް މަޝްރޫއުތަކާއި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް ހިމެނޭކަން ވެސް ޑރ. މުއިއްޒު ފާހަގަކުރެއްވި އެވެ.



advertisment