އައިޖީއެމްއެޗްގައި ގާއިމްކޮށްފައި ހުރި ހާއްސަ ބަލިތަކުގެ ސެންޓަރުތަކަށް ދައްކަންޖެހޭ 5.3 މިލިއަން ޑޮލަރުގެ ބިލްތަކެއް ނުދައްކާ ހުރުމުން އެ ސެންޓަރުތަކުގެ ހިދުމަތްތައް ހުއްޓުމަކަށް އަތުވެދާނެތީ އެކަމާ ކަންބޮޑުވާ ކަމަށް އިންތިގާލީ އޮފީހުން ބުނެފި އެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭގޮތުން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި، ސިއްހީ ދާއިރާގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައްޗަށް އަލިއަޅުވާލައްވާ އިންތިގާލީ ސްޕޯކްސްޕާސަން މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް މިއަދު ވިދާޅުވީ އައިޖީއެމްއެޗްގައި ގާއިމްކޮށްފައިވާ ހާއްސަ ބަލިތަކަށް ހިދުމަތްދޭ ސެންޓަރުތަކުގެ ތެރެއިން ހިތުގެ ބައްޔާއި ނާރުގެ ބަލިތަކުގެ ސެންޓަރުން ހިދުމަތް ފޯރުކޮށްދެމުން އަންނަނީ ބޭރުގެ ހޮސްޕިޓާތަކުން ނޫނީ ކުންފުނިތަކުން ކަމުގައިވާއިރު އެ ދެ ސެންޓަރަށް ހިދުމަތް ފޯރުކޮށްދޭ ބައެއް ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުރުމުގެ ސަބަބުން އެ ދެ ސެންޓަރުގެ ހިދުމަތްތައް ހުއްޓުމަކަށް އަތުވެދާނެތީ އެކަމާ ކަންބޮޑުވެވަޑައިގެންނަވާ ކަމަށެވެ.
"ހިތުގެ ބަލިގެ ސެންޓަރު އަދި ނާވް ސެންޓަރާ ގުޅޭ ގޮތުން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވާ ކަމަކީ މި ދެ ސެންޓަރަށް ހިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏަށް އައުޓް ސްޓޭންޑިންގް ބިލްގެ ގޮތުގައި ނުދައްކާ 5.3 މިލިއަން ޑޮލަރުގެ ބިލްތަކެއް ހުރިކަން. މީގެތެރޭގައި ވެސް މައިގަނޑު ގޮތެއްގައި ހިމެނެނީ އެ ކުންފުނިތަކުން ނުވަތަ ހޮސްޕިޓާތަކުން އެ ސެންޓަރުތަކަށް ފޯރުކޮށްދީފައިވާ ނުވަތަ ފޯރުކޮށްދެމުންދާ އެކިއެކި ކޮންޒިއުމަބަލް ސާމާނާ ގުޅޭ ބައެއް ކަހަލަ ގުޅޭ ބިލްތައް. އަޅުގަނޑު ފާހަގަކޮށްލަން ބޭނުން މި ކޮންޒިއުމަބަލްތަކުގެ ތެރޭގައި މިސާލަކަށް ހިތުގެ ބަލިތައް ފަރުވާއަށް ބޭނުންވާ ސްޓަންޓް ބެލޫން އަދި އެންޖިއޮގްރާމް ހެދުމަށް ބޭނުންވާ އެކި ކަހަކަ ކޮންޒިއުމަބަލް ހިމެނޭކަން،" ފަރުޒުލް ވިދާޅުވި އެވެ.
މީގެ އިތުރުން ފަރުޒުލް ވިދާޅުވީ ހެލްތް މިނިސްޓްރީން މަސައްކަތް ކުރާ ގޮތަށް ބަލާއިރު ސިއްހީ ދާއިރާގައި ގާއިމްވެފައިވާ ހޮސްޕިޓާތަކާއި ސެންޓަރުތަކަށް އެކިއެކި ހިދުމަތް ދޭން ބޭނުންކުރާ އެކިއެކި "ކޮންސިއުމަބަލް" (އިންޖެކްޝަން ސިރިންޖު ފަދަ އެއްފަހަރު ބޭނުންކުރުމަށްފަހު ދޫކޮށްލަންޖެހޭ ތަކެތި) އަކީ ގަވާއިދުން ވަކި އުސޫލަކުން އޯޑަރު ކޮށްގެން ސްޓޮކް މެއިންޓެއިން ކޮށްގެން ހިދުމަތް ފޯރުކޮށްދޭން ބޭނުންކުރާ ތަކެތި ކަމުގައިވާއިރު މި ތަކެއްޗަކީ އަހަރަކު ދެ ފަހަރު އޯޑަރުކޮށްގެން ގެންނަން ޖެހޭތަކެތި ކަމަށެވެ. ނަމަވެސް މިއަހަރުގެ ދެވަނަ ހަ މަސް ދުވަހަށް ބޭނުންވާ ސާމާނަށް އޯޑަރުކޮށްފައިނުވާކަން ފިރުޒަލް ފާހަގަކުރެއްވި އެވެ.
ފިޒުޒަލް ވިދާޅުވީ މިކަމުގެ ސަބަބުން މިހާރުވެސް ހެލްތް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ބައެއް ހޮސްޕިޓާތަކާއި ހެލްތް ސެންޓަރުތަކުގެ ހިދުމަތްތަކަށް ހުއްޓުމަކަށް އަންނަމުންދާ ކަމަށާއި މިހާލަތު މިގޮތަށް ދެމިގެން ހިނގައްޖެނަމަ ނޮވެމްބަރު މަސް އަންނައިރު ހޮސްޕިޓާތަކާއި ހެލްތް ސެންޓަރުތަކުން ދެމުން އަންނަ ބައެއް ހިދުމަތްތައް އެއްކޮށް ހުއްޓުމަކަށް އަތުވެދާނެތީ އެކަމާ ކަންބޮޑުވެވަޑައިގެންނަވާ ކަމަށެވެ.
"މިއަހަރުގެ ދެވަނަ ހަ މަސްދުވަހަށް ބޭނުންވާ ސާމާނަށް ޕީއޯ ރެއިސްކޮށްފައިނުވޭ. ނުވަތަ އޯޑާކޮށްފައެއްނުވޭ. އޭގެ ސަބަބުން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ މިހާރުވެސް ހެލްތް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ހޮސްޕިޓާތަކާއި ހެލްތް ސެންޓާތަކުގައި ހިދުމަތްތައް ހުއްޓުމަކަށް އަންނަމުންދާކަން. އަދި ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަކީ މިހާލަތު މިގޮތަށް ދެމިގެން ހިނގައްޖެ ކަމުގައިވާނަމަ ނޮވެމްބަރު މަސް އަންނައިރު ނުވަތަ ނޮވެމްބަރު މަހުގެ މެދަކާ ހަމައަށް އަންނައިރު މި ހޮސްޕިޓާތަކާއި ހެލްތް ސެންޓަރުތަކުގައި ދެމުން ގެންދާ ވަރަށް ގިނަ ހިދުމަތްތައް އެކީއެކައްޗަކަށް ހުއްޓުމަކަށް އައުމަކީ އެކަށީގެންވާ ކަމެއް،" ފިރުޒުލް ވިދާޅުވި އެވެ.
އެގޮތުން ހޮސްޕިޓާތަކާއި ހެލްތް ސެންޓަރުތަކުން ދެމުން އަންނަ އެކިއެކި ހިދުމަތްތަކާއި ލެބޯޓްރީތަކުން ދެމުން އަންނަ ބައެއް ހިދުމަތްތައް ހިމެނޭ ކަން ފަރުޒުލް ފާހަގަކުރެއްވި އެވެ. އަދި މިހާރު ހޮސްޕިޓާތަކާއި ހެލްތް ސެންޓަރުތަކުން ހިދުމަތްތައް ދިނުމުގައި މެނޭޖްކުރަމުން ގެންދަނީ އެތަންތަނުގައި ހުރި އެމެޖެންސީ ސްޓޮކް ނުވަތަ ބަފާ ސްޓޮކްގެ ތެރެއިން ލިބެން ހުރި ވަސީލަތްތަކުގެ ބޭނުންކޮޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
މި ހޮސްޕިޓާތަކާއި ހެލްތް ސެންޓަރުތަކަށް ބޭނުންވާ ސާމާނަށް އޯޑާ ކޮށްފައިނުވަނީ އެ ތަންތަނަށް ބަޖެޓްގެ ތެރެއިން ހަމަޖެހެންޖެހޭ ފައިސާ ނުވަތަ އޯޑަރުތަކަށް ހަމަޖެހެންޖެހޭ ފައިސާ ހަމަނުޖެހިގެންކަން ފަރުޒުލް ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން އައިޖީއެމްއެޗަށް މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓްގެ ތެރެއިން މިއަހަރުގެ ބާކީ އޮތް ދެތިން މަހަށް ހުރީ މުވައްޒަފުންގެ މުސާރައަށް ބޭނުންވާ ފައިސާ އެކަނި ކަމަށެވެ. އަދި ހޮސްޕިޓަލްގެ މަރާމާތާއި މެޝިނަރީގެ މަރާމާތަށް ބޭނުންވާ ފައިސާ ނެތުމުގެ ސަބަބުން ހޮސްޕިޓާ ހުއްޓުމަކަށް އައިސްފައިވާކަން އެބޭފުޅުން ފާހަގަކޮށްފައިވާ ކަމަށް ވެސް ފަރުޒުލް ވިދާޅުވި އެވެ.
މީގެ އިތުރުން މައި ހޮސްޕިޓާތައް ހިންގަމުން ގެންދަނީ ހެލްތް މިނިސްޓްރީގެ މާ ބޮޑު ދައުރެއް ނެތިކަން ފާހަގަކުރައްވާ ފަރުޒުލް ވިދާޅުވީ މި ހޮސްޕިޓާތައް ހިންގުމުގައި ހެލްތް މިނިސްްޓްރީގެ މާބޮޑު ދައުރެއް ނުހިމެނި އޮތުމުން އެއް ފެންވަރުގެ އެހެން ހޮސްޕިޓާތަކުން ފޯރުކޮށްދޭ ހިދުމަތްތަކާ ވަރަށް ބޮޑެތި ފަރަގުތަކެއް ހުރިކަން ފާހަގަކުރެއްވި އެވެ.
ދިވެހި ރާއްޖޭގެ ސިއްހީ ހިދުމަތްތަކާ ބެހޭ ގާނޫނުގައިވާ ގޮތުން ހޮސްޕިޓާތަކުން ފޯރުކޮށްދޭ ހިދުމަތްތަކަށް ޖަވާބުދާރީވެވަޑައިގެންނަވަންޖެހެނީ ހެލްްތް މިނިސްޓަރު ކަމުގައިވާއިރު އެ ވުޒާރާގެ ބޭރުން އެ ހޮސްޕިޓާތަކުގެ މަސައްކަތްތައް ކުރިއަށްދާނަމަ އެކަމަށް ޖަވާބުދާރީވުމަށް ދަތިތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.



advertisment