Support Us

ކޮލަމް: ޑރ. ޝާފިޔާގެ ފޮޅުވަތް:

ޑރ. ޝާފިޔާގެ ފޮޅުވަތް: ދަރިފުޅުގެ ގައިގައި ބައްދާލަން އުޅުމުން ދުރަށްދޭ ހެއްޔެވެ؟

މިއަދުގެ ވާހަކަކޮޅު މި ލިޔެލަނީ އޯޓިޒަމް ހުންނަ ކުދިންގެ ކިބައިން ފާހަގަކުރެވޭ ޓަޗް ސެންސިޓިވިޓީ ނުވަތަ ގައިގައި އަތްލުން، ގައިގޯޅިވުން، ހަގުކޮށްލުން (ބައްދާލުން) ފަދަ ކަންކަމާ ގުޅޭގޮތުން ހިމަނާލެވޭ ބައެއް މަޢުލޫމާތެވެ. އާންމުކޮށް ކުޑަކުދިންނަކީ މީހުންގެ ގާތްކަން ވަރަށް ބޭނުންވާ ހަގުކޮށްލަން (ބައްދާލަން) ބޭނުންވާ ކުދިންނެވެ. ނަމަވެސް އޯޓިޒަމްގެ ޢަލާމާތްތައް ހުންނަ ކުދިންގެ މިކަން ފެންނަ ގޮތާއި މިކަމާމެދު ރިއެކްޓް/އިޖާބަދޭގޮތް ތަފާތުވާކަން ފާހަގަކުރެވެއެވެ.

އޯޓިސްޓިޒަމްގެ ޢަލާމާތްތައް ހުންނަ ކުދިންނަކީ ވަރަށް ގިނަ ކަންތައްތަކުގައި ހައްސާސް/ ނާޒުކު ކުދި ބައެކެވެ. މިގޮތުން އަލިކަމާއި އަޑާއި މީހުންނާ ގައިގޯޅިވުން މިނޫން ވެސް ގައިގައި އަތްލުން ފަދަ އެންމެ އާދައިގެ ކަންކަމުގައި ވެސް އެހެން އާންމު ކުދިންނަށް ވުރެ އެކުދިންނަށް އިހުސާސްވާ ގޮތް އިތުރެވެ. ޙިއްސުގެ އުނިއިތުރުކަމުގެ ތެރެއިން އަޑުއިވުން، ފެނުން، އަތްލުން، ރަހަބެލުން، ވަސްދުވުން، މިފަދަ އެކި ހިއްސުތަކާ ގުޅޭ ސެންސިޓިވިޓީ ހުރެއެވެ. (ކްރިސްޓޮފަރ، 2019). މިގޮތުން ހިއްސުތަކަށް ދިމާވާ އުނިއިތުރެއްގެ ސަބަބުން ހައިޕަސެންސިޓިވް، ހައިޕޮސެންސިޓިވް ނުވަތަ އެކަމުން ދިމާވާ އެހެން ކަންތައްތަކެއް ވެސް ހުރެދާނެއެވެ. އަދި މިކަމުން އާންމު ދިރިއުޅުމުގެ ވަރަށް ގިނަ ކަންތައްތަކަށް އަސަރު ކުރުވާނެ ކަމަށް ކްރިސްޓޮފަރ (2019) ލިޔުއްވައެވެ.

ފާހަގަކުރެވޭ ގޮތުގައި ކުއްޖާ އުޅޭ ތަނުން ނުވަތަ މާހައުލުން ދިމާވާ މިފަދަ ކަމަކުން ހައިޕަ އަދި ހައިޕޯ ސެންސިޓިވިޓީ ވެސް ފާހަގަވުމަކީ އާންމު ކަމެކެވެ. ނަމަވެސް ޢިލުމުވެރިން ދެކޭގޮތުގައި އޯޓިޒަމް ސްޕެކްޓްރަމްގައި ހިމެނޭ އެކި ކުދިންގެ މެދުގައި ސެންސަރީ ސެންސިޓިވިޓީ (ހިއްސުތަކުގެ އިހުސާސް) ވަރަށް ބޮޑަށް ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ އާންމުކޮށް ވަކި ހިއްސަކަށް އަސަރުކުރުވާ ގޮތް އެކި ކުދިންގެ ކިބައިގައިވެސް ތަފާތުވާ ކަމަށް ބެލެވޭތީއެވެ. މިސާލަކަށް ކަމަކަށް އިޖާބަދިނުމުގައި ނޭނގުމާއި ލަސްވުން ފަދަ ކަންކަމަކީ ހައިޕޯ ސެންސިޓިވިޓީގެ ސަބަބުން ވާ ކަންކަމެވެ. އަދި މާބޮޑަށް ވަކި ކަމަކަށް ގަޔާވުން ގިނަގިނައިން ކުރުން ފަދަ ކަންކަމަކީ ހައިޕަސެންސިޓިވިޓީގެ ސަބަބުން ދިމާވާ ކަމެކެވެ.

މިސާލަކަށް މާބޮޑަށް އަޑުގަދަވުމުން ކަންފަތުގައި އަތްއަޅައި ނިވާކޮށް، ގަދަ އަލި ހުންނަ ތަންތަނުން ދުރުހެލިވުން ހިމެނެއެވެ. އެފަދަ ވަގުތުގައި ވަރަށް ނުތަނަވަސްވެ އުނދަގޫތަކެއް އިހުސާސްވާކަން ހަރަކާތުން ނުވަތަ ލައްވާ އަޑުތަކުން ކުދިން ހާމަކުރެއެވެ. ދިރާސާވެރިން ފާހަގަކުރާ ގޮތުގައި މިހެން ދިމާވަނީ ސެންސަރީ ޕްރޮސެސިން ޑިސްއޯޑަރ (އެސް.ޕީ.ޑީ)ގެ ސަބަބުންނެވެ. މި ހާލަތް މެދުވެރިވެފައިވާ ނަމަ ޙިއްސީ ޕްރޮސެސިން އަށް އުނދަގޫ ހާލަތްތައް ނުވަތަ ގެއްލުން ލިބެއެވެ. މާނައަކީ އިހުސާސްތަކާ މެދު ސިކުނޑިން ފާހަގަކުރާ ގޮތާއި، އޭގެ ފަހުން ޙިއްސީ މަޢުލޫމާތަކަށް ރިއެކްޓް/ އިޖާބަދެވޭ ގޮތް ތަފާތުވުމެވެ. އަދި ވަކިން ޚާއްޞަކޮށް، އެސް.ޕީ.ޑީން ކުއްޖާގެ ސުލޫކުތަކާއި މޮޓޯ ސްކިލްސް އަދި އެ ކަންކަމަށް އިޖާބަދެވޭ ގޮތަށް (އަތުގެ އިހުސާސް، ގައިގައި ޖެހުމުން ކުރެވޭ އިހުސާސް، ހަރަކާތްތައް ބެލެންސްކޮށް ކުރުމާއި، ހަރަކާތްތައް ކޯޑިނޭޓް ކުރުން) ފަދަ ކަންކަމަށް ވެސް އަސަރުކުރެއެވެ (ނީލް، އޮލްސަން، އަދި ޕެލިކާނޯ، 2016).

ކުރިން ވެސް އެހެން ލިޔުމެއްގައި އިޝާރަތް ކޮށްފައިވާނެ ފަދައިން އޯޓިޒަމް ހުންނަ ގިނަ ކުދިންނަށް، އާންމު މީހުންގެ މުޢާމަލާތްތަކުގައި އަދި ގުޅުންތަކުގައި ބައިވެރިވާން ދަސްކުރަން ދަތިވެއެވެ. އެހެންކަމުން މުޢާމަލާތް ކުރުމުން ނުވަތަ ސީދާ ލޮލަށް ބެލުމުން ދުރުހެލިވުން ނުވަތަ މައިންބަފައިންގެ ސަމާލުކަމާއި، ބައްދާލުމާއި، ނުވަތަ ބޮސްދިނުން ފަދަ ކަންކަމާ ދެކޮޅު ހަދައިފާނެއެވެ.

އޯޓިޒަމް ހުންނަ ކުދިން ގައިގައި އަތްލުމަށް ދެކޮޅުހަދާކަން ދިރާސާތަކުން ވެސް ފާހަގަކުރެވިފައިވެއެވެ. ކަން މިހެން އޮތްކަމުގައި ވިޔަސް މީގެ މާނައަކީ އޯޓިޒަމް ހުންނަ ކުދިންނަށް މި އިހުސާސް ބޭނުންނުވާ ވާހަކައެއް ނޫނެވެ. ކޮންމެ ކުއްޖަކަށްވެސް ލޯތްބާއި އަޅާލުމާއި ގާތްކަން އިހުސާސްކުރެވޭ ގޮތްތަކުގެ ތެރޭގައި ގައިގައި ބައްދާލައި ގަޔާ ކައިރިކޮށްލުން ހިމެނެއެވެ. މިކަމަކީ އިންސާނީ ޠަބީޢަތުގައި ހިމެނޭ ކަމެކެވެ. ޙީއްސީ ނާޒުކުކަމަކާ ހެދި މިކަމަށް ސިކުނޑީގައި އިޖާބަދެވޭ ގޮތަކީ ކުރިން އިޝާރާތްކުރިހެން ސެންސަރީ ޕްރޮސެސިން ޑިސްއޯޑަރ (އެސް.ޕީ.ޑީ)ގެ ސަބަބުން ވާކަމެކެވެ. އެހެންކަމުން އެ ޖަޒުބާތީ ހުސްކަން ފުރިހަމަ ކުރެވޭނެ އެހެން ގޮތްތަކެއް ޢިލުމުވެރިން ހުށަހަޅައެވެ.

ގެވަރޓަރ، ނަޖާރ، އަދި ސިސިލިއާނޯ، (2023)ގެ ދާދި ފަހުން ޝާއިޢުކުރައްވާފައިވާ ލިޔުމުގައި ވާގޮތުން މިފަދަ ކަންކަމަށް ވެސް އޯޓިޒަމް ކުދިން ތަމުރީނުކޮށް ދުޅަހެޔޮކޮށް މީހުންގެ ގާތްކަމާއި ލޯތްބާއި އަޅާލުމުގެ އިހުސާސްތަކަށް ފަރިތަކުރުވިދާނެއެވެ. ސީދާ ކުއްޖާގެ ގައިގައި ބައްދާލައި ގާތް ކޮށްލުމަށް ދެކޮޅު ހަދާނަމަ ވެސް ބައްދާލުން ފަދަ އިހުސާސްތަކުން ކުދިން މަހުރޫމުވިޔަ ނުދިނުމަށް ކުރެވޭނެ ކަންތައްތަކެއް ވިސްނާލުން މުހިންމެވެ.

އެންމެ ފުރަތަމަ ކަމަކީ ކުއްޖާ ގައިގައި ބައްދާލާން އުޅޭކަން އޭނާއަށް އެންގުމެވެ. އޭރުން އެކަމާމެދު ކުއްޖާ ދެކޭގޮތް/ އިޖާބަދޭގޮތް ހާމަވާނެއެވެ. އޯޓިޒަމް ހުންނަ ކުދިންނާ މުޢާމަލާތު ކުރާއިރު އެއްވެސް އިޝާރާތަކާ ނުލައި އެކަން ކުރުން ރަނގަޅެއްނޫނެވެ. މިގޮތުން އެ ކުދިންނާ މުޢާމަލާތު ކުރުމުގައި އާންމުކޮށް ގެންގުޅޭ ތަސްވީރުތަކުގައި ބައްދާލައި ގާތްކޮށްލައި މަންޒަރުތަކުގެ ފޮޓޯ ގެންގުޅުން ހިމެނެއެވެ. ކުދިން އެކަމަށް ފަރިތަކުރުވުމުގެ ގޮތުން އަދި ހިތްހަމަނުޖެހުމަކަށް ނުވަތަ ނުތަނަވަސްކަމަކަށް ދިއުމުގެ ޖާގަ ކުޑަކުރުމުގެ ގޮތުން މިފަދަ ތަސްވީރުތައް ބޭނުންކޮށްގެން އެ އިހުސާސްތަކަށް ކުއްޖާ ފަރިތަކުރުމަކީ ރަނގަޅުކަމެކެވެ. އަދި ހަމަ އެހެންމެ ކުއްޖާއަށް މިކަމުގެ ތެރެއިން ދަސްކޮށްދެވޭ އަނެއް ކަމަކީ އޭނާގެ ކޮންޓްރޯލް އަމިއްލަ ކަންކަމުގައި ބޭއްވުމެވެ. ޚާއްޞަކޮށް ކޮންމެ މީހަކު އޭނާ ގައިގައި އަތްލައި ހަދަން ފުރުސަތު ނުދިނުމަށް ވެސް މިކަމުގެ ތެރެއިން ދަސްކޮށްދެވޭނެއެވެ. ހަމަ އެހެންމެ މަންމަ ނުވަތަ ބައްޕައާއެކު ބައްދާލުމުގައިވެސް ކުއްޖާގެ އިޚްތިޔާރު އޮންނަ ކަމެއްކަން އަދި މިއީ ދަރިފުޅުގެ ކިބައިގައި އޮޓޮނޮމީ (އަމިއްލަ ކޮންޓްރޯލް)ގެ އިހުސާސެއް އުފެދިގެންދާނެ ވެސް ގޮތެކެވެ.

ދެވަނައަށް ވިސްނަން ޖެހޭ ކަމަކީ މިފަދަ ކުދިންގެ ގައިގައި ބައްދާލާއިރު ބައްދާލުމުގައި ހުންނަ ޕްރެޝަރު/ ބާރު ކުޑަކުރުމެވެ. މި ކުދިންނަށް އާންމު މީހުން ލޯބިން ގޮސް ބޮނޑިކޮށްލާ ކޮށްލުން އެއީ އެހާ ހިތްގައިމު ކަމަކަށް ނުވުމަކީ އެކަށީގެންވާ ކަމެކެވެ. އެ ކުއްޖެއްގެ ގޮތް ދެނެގަތުން މިކަމުގައި ވަރަށް މުހިންމެވެ. މިސާލަކަށް ބާރުބާރަށް ފިއްތާލައި ބައްދާލުމަކީ ލޯބިން މައިންބަފައިން ކުރާ ކަމެއް ނަމަވެސް އެކަމަކީ ސީދާ އޯޓިޒަމް ހުންނަ ކުއްޖާއަށް މާ ފަސޭހަ ކަމަކަށް ނުވުމަކީ އެކަށީގެންވާ ކަމެކެވެ. ކުއްޖާގެ ގައިގައި ބައްދާނުލެވުމަކީ ގާތް ގުޅުމަށް ހުރަހެއް ކަމުގައި ވެދާނެ ކަމަށް ހީވިޔަސް، ދަރިފުޅުގެ ނުތަނަވަސްކަމަކީ އެމީހުންގެ ޙިއްސީ ޕްރޮސެސިން ތަފާތުތަކުގެ ސަބަބުން އިޖާބަދެވޭ ގޮތްކަން މައިންބަފައިން ދެނެގަތުން މުހިންމެވެ. ސަބަބަކީ ބައެއް ކުދިންގެ ބައްދާލުމަށް ފޫހިވާއިރު ހަމަ އެކަމުން މަހުރޫމުވާ ކަމުގެ އިހުސާސް މާބޮޑަށް ވާ ކުދިންވެސް އޯޓިޒަމް ހުންނަ ކުދިންތެރޭގައި ތިބެދާނެކަން ދިރާސާތަކުގައި ހާމަކުރެއެވެ. މާނައަކީ ކޮންމެ ކުއްޖެއްގެ މިފަދަ ކަންކަމުގެ ސެންސިޓިވިޓީ/ ނާޒުކުކަން ހުންނަ މިންވަރު ތަފާތުވުމެވެ. އެހެންކަމުން ބެލެނިވެރިން އެންމެ ބޮޑަށް ސަމާލުވާންވީ އަމިއްލަ ދަރިފުޅުގެ ހުންނަނީ ކޮންކަމެއްތޯ ރަނގަޅަށް ދެނެގަތުމަށެވެ.

އޯޓިޒަމް ހުންނަ ކުދިންގެ ތެރެއިން ގައިގައި ބައްދާލުމަށް ނުރުހުންވާ ކުދިންނަށް އެހީތެރިވުމުގެ ގޮތުން ބޭނުންކުރެވޭ އެހެން ގޮތްތަކަށް ލިޔުންތެރިން އިޝާރާތްކުރެއެވެ. މިސާލަކަށް ސެސިމިސްޓްރީގެ ޝޯއެއްގައި ދައްކާ 'ސްޓާފިޝް ހަގް' (ދެއަތް ކައިރިކޮށްލާ އިނގިލިތައް ޖައްސާލުން) އަދި އޭގެ އިތުރުން 'އެލެފެންޓް ހަގު' (އަތް ނޭފަތާ ދިމާލަށް އުފުލާލާފައި ދެއަތް ޖައްސާލުން) އަދި 'ހައިފައިވް' (ދެމީހުންގެ އަތްތިލަ އުފުލާލާފައި ޖައްސާލުން) ފަދަ ގޮތްތައް ބޭނުންކުރެވިދާނެ ކަމަށް ބައެއް ލިޔުންތެރިން ބަޔާން ކޮށްފައިވެއެވެ. މި ދެންނެވި ކަންކަމަކީ އާންމުކޮށް މިކަހަލަ ކުދިންނަށް 'ހަގް' ނުވަތަ ބައްދާލުމުގެ އިހުސާސް ކުރުވަން ބޭނުންކުރެވިދާނެ ކަންތައްތަކެއް ކަމަށް ގޯލްޑަން ކެއަރ ތެރަޕީ (އޯޓިޒަމްގެ ލަފާދޭ މަޢުލޫމާތު މަންސައެއް)ގެ ވެބްސައިޓްގައި ހާމަކޮށްފައިވާ ކަންކަމެވެ.

މީގެ އިތުރުން އެ ވެބްސައިޓްގައި ބަޔާންކޮށްފައިވާ ގޮތުގައި އޯޓިޒަމް ހުންނަ ކުދިންގެ ތެރެއިން ބައެއް ކުދިންނަށް ގިނައިން ބައްދާލަން ބޭނުންވާ ކަންވެސް ހާމަވެއެވެ. މިފަދަ ހާލަތްތަކުގައި ބޭނުންކުރެވިދާނެ ތަފާތު ތަކެތި ވެސް މިހާރު ހަދައިފައި ހުރެއެވެ. މިސާލަކަށް ވެއިޓް ބްލޭންކެޓް (ވެއިޓެއް ލައިފައިވާ ބެލްންކެޓެއް ބޭނުންކުރުން)، ސެލްފްހަގިން (ގައިގައި ދެއަތް ޖައްސާލުން)، އަދި ޕެޓްހަގިން (ގާތްކޮށް ގެންގުޅޭ ޕެޓްގައި ބައްދާލުން) ފަދަ އުކުޅުތައް ބޭނުންކުރެވިދާނެއެވެ. މިބާވަތުގެ ކޮންމެ ކަމަކުންވެސް ކުއްޖާގެ ގައިގައި ހަގުކޮށްލެވިފައިވާ ކަމުގެ އިހުސާސްކުރުވާ އަރާމު އިތުރުކޮށް ހާސްކަން ފިލުވައިދޭ "ޓަޗް" އިހުސާސްކުރެވޭނެ ކަމަށް މި ވެބްސައިޓްގެ ލިޔުންތަކުގައި އިޝާރާތްކޮށްފައިވެއެވެ.

މިއަދު މި ހިމަނާލި ވާހަކަކޮޅަކީ ވެސް ކުރިން ލިޔެފައިވާ ލިޔުންތަކާ އެކު، އޯޓިޒަމްގެ ހާލަތްތަކުގެ އުޅޭ ކުދިން ބެލެހެއްޓުމަށާއި ނަފުސާނީ އަދި އިޖުތިމާޢީ ކަންކަން އިންތިޒާމު ކުރުމަށް އެހީތެރިވެދޭނެ މަޢުލޫމާތުކޮޅެއް ކަމަށް އުންމީދު ކުރަމެވެ. ބޭނުމަކީ މިފަދަ ޚިޔާލުތައް ބޭނުންކޮށްގެން އަދި އެއިން އާ ޚިޔާލުތައް ދެނެގަނެ އުފައްދާ ބަޔަކަށް އަޅުގަނޑުމެންގެ ބެލެނިވެރިންނާއި މުދައްރިސުން ވުމެވެ. ސަމާލުވާންޖެހޭ ކަމަކީ، ދިރާސާވެރިންނާއި ތަޖުރިބާކާރުން ލިޔުއްވާފައިވާ ގިނަ ކަންކަމަކީ އެއިން އެ މީހުންނަށް އެދެވޭ ނަތީޖާތަކެއް ފެނި، ތަޖުރިބާ ކުރުމަށްފަހު ދީފައިވާ ޚިޔާލުތަކެއް ކަމަށް ވީ ނަމަވެސް އޯޓިޒަމްގެ ހާލަތްތައް ހުންނަ ކުދިންނަކީ އެކި މުޖުތަމަޢުތަކުގައި ވަރަށް ތަފާތު ބަޔަކަށް ވާކަމެވެ. މިގޮތަށް ހުށަހަޅާ ކޮންމެ މަޢުލޫމާތުކޮޅެއް ވެސް ބޭނުންކުރަން ޖެހޭނީ ކުއްޖާ ރަނގަޅަށް ދަސްކޮށް، ދެނެގަނެ، ކުއްޖާގެ ހާލަތުގައި ރިޢާޔަތް ކުރަންޖެހޭ ކަންކަން ސިކުނޑީގައި ބަހައްޓައިގެން އެ ކުއްޖަކަށް އެކަން ކަމުދޭތޯ ބަލައި އުސޫލުންނެވެ. ރަނގަޅު ގޮތް ކަނޑައެޅޭނީ އެކަން ތަޖުރިބާކޮށް ބަލައިގެންނެވެ. އެއްވެސް ގޮތަކީ އެންމެ ރަނގަޅު، އެންމެ ކާމިޔާބު ގޮތް ކަމަށް ނިންމާނީ ސީދާ ކުއްޖާއަށް އެކަން ރަނގަޅުވާނަމަ އެވެ.

އުއްމީދަކީ މި ފޮޅުވަތުގައި ލިޔާ ލިޔުންކޮޅުތައް މި ވިސްނުމާއެކު ބޭނުންކުރުމުގެ ރޫހު މުދައްރިސުންނާއި ބެލެނިވެރިންގެ އޮތުމެވެ. އަދި މިއަދު މި ހިމަނާލި މަޢުލޫމާތުކޮޅަކީ ބެލެނިވެރިންނަށް ބޭނުންކޮށްލެވޭނެ ލުއި މަޢުލޫމާތުކޮޅަކަށް ވުމުގެ އުއްމީދުގައި ނިންމާލަމެވެ.

 

ހަވާލާދޭ ފަރާތްތައް

  • ގޯލްޑަން ކެއަރ ތެރަޕީ، 2023، https://www.goldencaretherapy.com/hugging-sensitivities-in-children-with-autism/
  • ގެވަރޓަރ، ސީ، ނަޖާރ، އޭ.އެމް، އަދި ސިސިލިއާނޯ، އެމް (2023). އޯޓިޒަމް ހުންނަ ކުދިންނަށް ކުޅޭއިރު އޮގްމެންޓޭޓިވް އަލްޓަނޭޓިވް ކޮމިއުނިކޭޝަން އެޕްލިކޭޝަންތަކުގެ މައްޗަށް މަލްޓި ސިމްބަލް މެސެޖްތައް އުފެއްދުމަށް ދަސްކޮށްދިނުން. އެޑްވާންސެސް އިން ނިއުރޯޑިވެލޮޕްމަންޓަލް ޑިސްއޯޑަރސް، 7(3)، 314-328.
  • ކްރިސްޓޮފަރ، ސ.(2019). އޯޓިޒަމް ހުންނަ ކުދިންގެ ގައިގައި ޓަޗް ހައިޕަރސެންސިޓިވިޓީ–އެނަލިސިސްއެއް. އިންޓަރނޭޝަނަލް ޖާނަލް އޮފް ރިސާރޗް އެންޑް އެނަލިޓިކަލް ރިވިއުސް، 6(2)، 616-622.
  • ނީލް، އެލް، އޮލްސަން، ނ.ސީ، އަދި ޕެލިކާނޯ، އީ (2016). އޯޓިސްޓިކް އަދި އާންމުކޮށް ތަރައްގީވަމުން އަންނަ ކުދިންގެ ޔަގީންކަން ނެތް ކަންކަމަށް އިންޓޮލަރެންސް، ސެންސަރީ ސެންސިޓިވިޓީސް، އަދި ހާސްކަމާ އޮންނަ ގުޅުން. ޖާނަލް އޮފް އޯޓިޒަމް އެންޑް ޑިވެލޮޕްމަންޓަލް ޑިސްއޯޑަރސް، 46، 1962-1973.