ތަރިތަކެއް ނޫނޭ އެ ވިދަނީ މިފަހަކަށް އައިސް އުޑުމަތީ
ދުރުދުރުން ފޮނުވާ މިސައިލޭ ދަތުރުކުރަނީ ބޯމަތީ
ނުނިދައޭ ނުކައޭ މި ތިބެނީ ދުނިޔެ ދޭ މި ޢަޒާބުގައި
ބުނެލަދީބަލަ! ކޮންކުށެއްހޭ ނޭނގިވެސް ވެވިފައިއޮތީ
ކުޅެ އުޅެންވީ އުމުރުގައި ވަކިވެއްޖެ ތުއްތު ފުރާނަތައް
ފަޅުކަމާ ވީރާނަކަން ބަސްތީން މިއަދު ފެންނަންއޮތީ
ޢާއިލާވެސް ހަމަނުވާ ގިނަ ޢާއިލާތަކެކޭ ތިބީ
ދާއިމީ ވޭނެއްގެ ރިހުމޭ ހިތްތަކާ ގުޅިފައިއޮތީ
މަންމައެއް އަދި ބައްޕައެއް ނެތި ބިކަވި ޅަދަރީން ރޯ އަޑާ
ދަންވަރަށް އެއިވޭ ބަޑީގެ އަޑޭ އިވޭ އަޑަކަށް އޮތީ
ކޮންމެ ނޭވާއެއް ލެވޭ ހީވޭ ބުނާހެން މަޑުމަޑުން
"ދެން ނުވާނޭ ގިނައިރެއް، މަރު ހުއްޓި އެހުރީ ލޯމަތީ"
ޙައްޤުގައި އުންމަތުގެ ތެދުވާށޭ ނުތިބެ ތިޔަހެން މަޑުން
ޙައްޤު މިންވަރުހޭ މިއީ؟ މި ސުވާލު ބާއްވަން ކުރިމަތީ