ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަޑައިގަންނަވާ ފުރަތަމަ ހަފުތާގެ ތެރޭގައި ވެސް، އިންޑިއާގެ ސިފައިން ރާއްޖެއިން ފައިބައިގެންދާތަން ދެކެވަޑައިގެންނަވަން ބޭނުންފުޅުވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޑރ. މުއިއްޒު މިހެން ވިދާޅުވީ ސެޕްޓެމްބަރު 30 ގެ ވޯޓުން ރައީސް ކަމަށް އިންތިހާބު ވެވަޑައިގެންނެވުމަށް ފަހު ބައިނަލްއަގުވާމީ މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަވިއު އަލްޖަޒީރާ އިންގްލިޝްއަށް ދެއްވައި މިއަދު ދެއްކެވި ވާހަކަފުޅުގަ އެވެ.
ވެރިިކަމަށް ވަޑައިގެން އިންޑިއާގެ ސިފައިން ރާއްޖެއިން ބޭރުކުރައްވާނެ ކަަމަށް ރިޔާސީ އިންތިހާބުގެ ކެންޕެއިންގައި ވައުދުވެވަޑައިގެންފައިވާއިރު އިންޑިއާގެ ސިފައިން ރާއްޖެއިން ފައިބާނީ ކޮން އިރަކުންތޯ އަލްޒަޖީރާއިން ދެންނެވުމުން ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތު މިހާރު އޮތީ ރައްޔިތުން އެންމެ އެދޭ ގޮތަށް ނޫން ކަމަށާއި ރާއްޖޭގެ ހާރިޖީ ސިޔާސަތު މިހާރު އޮތް ގޮތުން ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ނުރައްކާ ވެދާނެ ކަމަށް ސުވާލު އުފެދިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ހާރިޖީ ސިޔާސަތު އޮންނަންވާނީ ދިވެހި ގައުމު އިސްކުރާ ސިޔާސަތެއްގެ ގޮތުގައި ކަމަށް ދެކެވަޑައިގެންނަވާ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާގެ ސިފައިން ރާއްޖެއިން ފައިބައިގެންދާތަން ދެކެވަޑައިގެންނަވަން ބޭނުންފުޅުވަނީ ވެރިކަމަށް ވަޑައިގަންނަވާ ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައިތޯ އަލްޖަޒީރާއިން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ޑރ. މުއިއްޒު ވިދާޅުވީ "ހަމަ ޔަގީނުން ވެސް ވެގެން ވަންޏާ ވެރިކަމުގެ ފުރަތަމަ ހަފްތާގެ ތެރޭގައި (އިންޑިއާގެ ސިފައިން ރާއްޖެއިން ފައިބަން އަޅުގަނޑު ބޭނުންވަނީ) އަދި އެ މައްސަލައަކީ މިހާރު އެހާ ވެސް ސީރިއަސް މައްސަަލައެއް" ކަމަށެވެ.
އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމަކީ ރާއްޖެއަށް އޮތް ނުރައްކަލެއް ކަމަށް ދެކެވަޑައިގެންނަވާތޯ އަލްޖަޒީރާއިން ސުވާލު ދެންނެވުމުން ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގައި އިންޑިއާ ނޫނަސް ބޭރު އެއްވެސް ގައުމެއްގެ ސިފައިން ތިބުމަށް ރާއްޖޭގެ ރައްޔިތުން ނޭދޭ ކަމަށެވެ.
"ބޭރު އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބެގެން ނުވާނެ. އަޅުގަނޑުމެން ދެކޭ ގޮތުގައި ބޭރުގެ ސިފައިން ރާއްޖޭގައި ތިބުމަކީ ނުރައްކަލެއް. ރާއްޖޭގެ ރައްޔިތުން ވެސް ބޭނުމެއްނުވޭ ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަށް އެއްވެސް ހިދުމަތެއް ދޭން ވެސް. އެ ވަރިހަމަ އިންޑިއާ އަދި އެނޫނަސް ބޭރުގެ އެއްވެސް ގައުމެއްގެ ވިޔަސް. އިންޑިއާގެ ސިފައިން މި ރާއްޖޭގައި އެބަތިބި. ރައީސް (ސޯލިހް) ވަނީ ރާއްޖޭގައި އެކިއެކި ހިދުމަތްތައް ދިނުމަށް އިންޑިއާގެ ސިފައިން ތިބިކަން ކަށަވަރުކޮށްދެއްވައިފައި،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން "ރާއްޖޭގައި މިލިޓަރީ މަސައްކަތެއް ކުރުމަށް ނުތިބޭނެ" ކަމަށާއި ބޭރުގެ ސިފައިން ރާއްޖޭގައި ތިބުމަކީ މައްސަލައެއް ކަަމަށް ދެކެވަޑައިނުގެންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ސަންގު ޓީވީން ގެނެސްދިން ރިޔާސީ ބަހުސްގައި މިދިޔަ ސެޕްޓެމްބަރުގައި ވިދާޅުވެފަ އެވެ.
އަލްޖަޒީރާ އިންގްލިޝް އަށް ދެއްވި އިންޓަވިއުގައި ޑރ. މުއިއްޒު ވިދާޅުވީ ދެވަނަ ދައުރަކަށް ރައީސް ސޯލިހް ހޮވަން ދިވެހި ރައްޔިތުން ބޭނުންނުވި އެންމެ ބޮޑު އެެއް ސަބަބަކީ ރާއްޖޭގައި ބޭރުގެ ސިފައިން ތިބުމަކީ ރައްޔިތުން ބޭނުންވާ ގޮތް ކަމުގައިނުވާތީ ކަމަށް ދެކެވަޑައިގެންނަވާ ކަމަށެވެ.
ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން މި ގައުމުން ބޭރުކުރުމުގެ މަސައްކަތް ޑިޕްލޮމެޓިކް ހަމަތަކުގެ މަތިން، އެކަން ކުރެވެން އޮންނަ އެންމެ އެކަށީގެންވާ ގޮތެއްގެ މަތިން ކުރައްވާނެ ކަމަށާއި އިންޑިއާގެ ސަރުކާރާ އެކު މަޝްވަރާތައް ކުރައްވައިގެން އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.
ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ ވެރިކަމަށް ވަަޑައިގެންނަވާ ފުރަތަމަ ދުވަހު އިންޑިއާގެ ސިފައިން މި ގައުމުން ބޭލުމަށް ރަސްމީކޮށް ހުށަހަޅުއްވާނެ ކަމަށާއި މިހާރު ވެސް އެކަން އިންޑިއާގެ ސަފީރާ އެކު ބޭއްވެވި ބައްދަލުވުމުގައި އެކަމުގެ ހުރި މުހިންމުކަން ހުށަހަޅުއްވާާފައިވާނެ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި އެ ވާހަަކަތައް އެބޭފުޅުން ބަލައިގެންނެވި ކަމަށާއި އަދި އެ މަސައްކަތް ކުރެވޭނެ ގޮތަކީ ކޮބައިތޯ ބައްލަވާނެ ކަމަށް އެ ބައްދަލުވުމުގައި ސަފީރު ވިދާޅުވެފައިވާ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެެވެ.
އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމުން ރާއްޖެއަށް އޮތް ނުރައްކަލަކީ ކޮބައިކަން ވިދާޅުވެދެއްވަފާނަންތޯ އަލްޖަޒީރާއިން ދެންނެވުމުން ޑރ. މުއިއްޒު ވިދާޅުވީ ރާއްޖެއަކީ ޒަމާނުއްސުރެ ވަރަށް އަމާން ގައުމެއް ކަމަށާއި މީގެ ކުރިން ބޭރުގެ ސިފައިން ރާއްޖޭގައި މިގޮތަށް ތިބެފައިނުވާ ކަމަށެވެ. އަދި ރާއްޖޭގައި މިހާރު ތިބި ބޭރުގެ ސިފައިންގެ އަދަދު ނޭނގޭ ކަމަށާއި އެ އަދަދު ހާމަކުރަން ސަރުކާރުން ދެކޮޅުހަދައި ސުޕްރީމް ކޯޓާ ހަމައަށް އެ މައްސަލަ ގޮސްފައިވާތީ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"ރާއްޖެއަކީ ވަރަށް ކުޑަ ގައުމެއް. ރާއްޖޭގައި އެހާ ބޮޑު މިލިޓަރީ ބޭސްއެއް ވެސް ނެތް. އެހެންވެ ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަކީ އަހަރެމެންނަށް އެހާ ރައްކާތެރިކަމެއްގެ ގޮތުގައި ނުދެކެން. އެހެންވެ ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބެން ބޭނުންނުވޭ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ މި ގައުމުގައި ތިބި ބޭރު ސިފައިންގެ އަދަދު ހާމަކުުރުމަށް މި ސަރުކާރުން ދެކޮޅު ހަދާފައިވާއިރު އެ އަދަދަކީ އެތައް ސަތޭކަ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވީނަމަވެސް އެ އަދަދަކީ ގިނަވެގެން ދިހައެއް ނޫނީ ވިހި ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އެ އަދަދު ހޯދުމުގެ މަސައްކަތް އިންތިހާބީ ރައީސްގެ ޓީމުން ކުރިއަށް ގެންދާއިރު އެ އަދަދު އެހާ ބޮޑުވެ އެ ފަރާތްތައް ބޭރުކުރުމުގައި ބޮޑު ތަކުލީފަކަށް ވެގެންދާން ބޭނުންފުުޅުވެވަޑައިނުގަންނަވާ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
އިންޑިއާގެ ސިފައިން ބޭރުުކުރާއިރު އިންޑިއާގެ ސިފައިން ރާއްޖޭގެ އުތުރުތިލަފަޅުގައި ގާއިމްކުރާ ސިފައިންގެ ހާބަރުގެ މަސައްކަތާއި ރާއްޖޭގައި ކުރިއަށް ގެންދާ ސިފައިންގެ ޓްރޭނިންތައް ވެސް ހުއްޓާލައްވާނެތޯ އަލްޖަޒީރާއިން ސުވާލު ދެންނެވި އެވެ. ޑރ. މުއިއްޒު ވިދާޅުވީ އިންޑިއާގެ ސިފައިން މި ރާއްޖޭއިން ބޭލުމުގެ މަސައްކަތް ކުރެއްވި ކަމުގައި ވީ ނަމަވެސް އިންޑިއާއާއެކު ހަދައިފައިވާ އެއްވެސް އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދާ އެއްވެސް މަޝްރޫއެއް އަދި ސިފައިންގެ ޓްރޭނިންތައް ވެސް ހުއްޓާނުލައްވާނެ ކަމަށެވެ. މީގެ އިތުރުން އިންޑިއާގެ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ހުށަހެޅި ކަމުގައި ވީނަމަވެސް އިންޑިއާއާ އެކު އޮތް ގުޅުން ހީނަރުވެގެން ނުދާނެ ކަމަށް ދެކެވަޑައިގެންނަވާ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރާއްޖޭގެ ތަރައްގީގެ މަޝަރޫއުތައް ކުރިއަށް ގެންދިއުމުގައި އިންޑިއާގެ އެހީތެރިކަން ބޭނުންވާނެ ކަމަށާއި އެ އެހީތެރިކަން އިންޑިއާއިން ކުރިއަށް އޮތް ތަނުގައި ވެސް ދެމެންދާނެ ކަމަށް ދެކެވަޑައިގެންނަވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. އަދި އިންޑިއާގެ ސަފީރާއެކު ބޭއްވެވި ބައްދަލުވުމުގައި ވެސް ޓޫރިޒަމް ސެކްޓަރާއި އިތުރު އެހެން ދާއިރާތަކުގައި އިންޑިއާއިން އިންވެސްޓްމަންޓްތައް ގެނައުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
އިންޑިއާއާ އެކު ރާއްޖެއިން މިހާރު ކުރިއަށްގެންދާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ތިލަމާލެ ބްރިޖްގެ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް ޑރ. މުއިއްޒުގެ ކެންޕެއިންގެ ތެރޭގައި ވެސް ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގެ ހާރިޖީ ސިޔާސަތަކަށްވާނީ އިންޑިއާގެ އިތުރުން ޗައިނާ އާއި އެހެން ގައުމުތަކާ އެކު ވެސް ރާއްޖޭގެ އިސްތިގުލާލަށް ނުރައްކާ ނުވާހާ ހިނދަކު ގާތް ގުޅުމެއް ބޭއްވުން ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.



advertisment