އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ ދި ހިންދޫ ނޫހުގައި ދައްކަވާފައިވާ ވާހަކަފުޅު އިންތިގާލީ ރައީސްގެ އޮފީހުން ކުށްވެރިކޮށްފި އެވެ.
ދަ ހިންދޫ ނޫހަަށް ރައީސް ނަޝީދު ދެއްވި އިންޓަވިއެއްގައި، އިންޑިއާގެ 75 ވަރަކަށް ސިފައިން ރާއްޖޭގަައި ތިބުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރުހިވަޑައިގެންނަވާނެ ކަމަށް ދޭހަވާ ފަދަ މޭރުމަކުން ވަނީ ވާހަކަދައްކަވައިފަ އެވެ.
އާ ސަރުކާރު އެކުލަވާލުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތްތައް މީޑިއާތަކަށް ހާމަކުުރައްވަމުން އިންތިގާލީ ސްޕޯކްސްޕާސަން މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ ރައީސް ނަޝީދުގެ އެ ވާހަކަތަކީ އެއްވެސް ވަރަަކަށް ޑރ. މުއިއްޒާ މަޝްވަރާ ކުރެވިގެން ދައްކަވާފައިވާ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ޑރ. މުއިއްޒުގެ ސްޓޭންޑަކީ އިންޑިއާގެ އަދި އެ ނޫން ވެސް ބޭރު ގައުމެއްގެ ސިފައިންގެ ބޫޓު ޖޯޑެއް ވެސް ރާއްޖޭގެ ފަސްގަނޑުގައި ނުބެހެއްޓެވުން ކަމަށާއި ރައްޔިތުންގެ އެ ނިންމުން ބަދަލުނުކުރައްވާނެ ކަމަށެވެ.
"އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ ސްޓޭންޑަކީ އިންޑިއާ އަދި ކީއްކުރަން އެއްވެސް ގައުމެއްގެ ސިފައިންގެ އެންމެ ބޫޓު ޖޯޑެއް ވެސް ދިވެހި ފަސްގަނޑުގައި ހުކުރުމަކަށް ދުވަހަކު ވެސް ނުރުހެވޭނެއޭ. އެއީ ދިވެހި ރައްޔިތުން ނިންމާފައިވާ ނިންމެވުން. އަދި އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ސާފު ސަރީހަ ސްޓޭންޑު ވެސްމެ،" ފިރުޒުލް ވިދާޅުވި އެެވެ.
ދިވެހި ރައްޔިތުންގެ ނިންމުމާ ފުށުއަރާ ގޮތަށް ރައީސް ނަޝީދު ވާހަކަ ދައްކަވާފައިވާތީއާއި އަދި ޑރ. މުއިއްޒާ ނިސްބަތްކުރައްވާ އެފަދަ ވާހަކައެއް ދެއްކެވީތީ ހިތާމަކުރާ ކަމަށާއި އެފަދައިން އެކަން ނުކުރުމަށް ފިރުޒުލް އެދިވަޑައިގެންނެވި އެވެ.
ބޭރުގެ ސިފައިން ރާއްޖޭއިން ބޭރުކުރުމުގެ މަސައްކަތް ވެރިކަމަށް ވަޑައިގެންނަވާ ފުރަތަމަ ދުވަހު ކުރައްވާނެ ކަމަށް ޑރ. މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ކެންޕެއިން ތެރޭގައާއި އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ވެސް ތަކުރާރުކޮށް ވިދާޅުވެފައެވެ.
އިންޑިއާގެ ސަފީރާ މުނޫ މަހަވަރު ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގައި ޑރ. މުއިއްޒު ވިދާޅުވެފައިވަނީ އިންޑިއާއާ އެކު އޮންނަ ގުޅުން ސިޔާދަތީ އިޙުތިރާމުގެ އަސާސްތަކުގެ މައްޗަށް އިޢާދަކުރައްވައި، ޒަމާނުއްސުރެ އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ޚާއްސަ ގުޅުން ހަރުދަނާކުރައްވައި އިތުރު އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާނެ ކަމަށެެވެ. އަދި ހަމަ އެއާއެކު، ދިވެހިރާއްޖޭގެ ސިޔާދަތީ މުސްތަޤިއްލުކަން ހިމާޔަތްކުރުމަށް، ދިވެހި ރައްޔިތުން ނިންމި ނިންމުން ތަކުރާރުކުރައްވަވައި، އެ ކަންކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އޮތް ކަމަށް އިންޑިއާގެ ސަފީރުގެ އަރިހުގައި ޑރ. މުއިއްޒު ވިދާޅުވެފައިވެ އެވެ.



advertisment