Support Us

ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމުގައި ރައްޔިތުން ނިންމައިފި: ޑރ. މުއިއްޒު

ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމުގައި ރައްޔިތުން ނިންމައިފި ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބީއާ ގުޅިގެން ރައްޔިތުންނަށް ޝުކުރު އަދާކުރުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޖަލްސާގައި އިންތިހާބީ ރައީސް ވިދާޅުވީ ރާއްޖޭގައި އޮތީ ރިޔާސީ ނިޒާމެއް ކަމަށާއި އެ ނިޒާމުގެ ދަށުން ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 240،000 އަށްވުރެ ގިނަ ރައްޔިތުން ވޯޓު ލައިފައިވާއިރު އެ ނޫން ގޮތަކަށް ގައުމުގެ ހިންގަން ރައްޔިތުން ބޭނުންނުވާ ކަމަށެވެ.

"މި ގައުމުގައި ރައްޔިތުން ބޭނުމެއްނުވޭ އިރުއިރުކޮޅާ އެހެން ގޮތްގޮތަށް ވާހަކަތައް ދައްކާކަށެއް. އިރާދަކުރެއްވިއްޔާ މިގައުމު ދާނީ މިގޮތަށް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒުގެ ވާހަކަފުޅުގައި ޑިމޮކްރަސީގެ ރީތި ހަމަތަކުގެ މަތިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ މެމްބަރުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައިވާތީ އެކަމަށްޓަކައި އެ ފަރާތްތަކަށް ޝުކުރު އަދާކުރެއްވި އެވެ.

ޑިމޮކްރަސީއެއްގައި ސަރުކާރު ޖަވާބުދާރީ ކުރުވާނެ އިދިކޮޅު ޕާޓީއެއް އޮންނަން ޖެހޭ ކަމަށާއި އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތްތައް އެމްޑީޕީން ފެއްޓުމަށާއި އެކަމަށް މަރުހަބާ ވިދާޅުވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެެވެ.

އަލަށް އެކުލަވާލެވޭ ސަރުކާރަށް ވެސް އެމްޑީޕީ އަށް ވެސް އެންމެ ފަރިތަ ގައުމަކަށް ވާނީ އިނގިރޭސިވިލާތް ކަމަށާއި އެ ގައުމުގައި ޑިމޮކްރަސީގެ ނިޒާމުގައި އިދިކޮޅު ޕާޓީން އަމަލްކުރާ ގޮތަށް މަސައްކަތް ކޮށްދިނުމަށް ޑރ. މުއިއްޒު އެދިވަޑައިގެންނެވި އެވެ.

"ރެސްޕޮންސިބަލް އޮޕޮޝިޒަނަކުން ސަރުކާރުން ކުރާ ކަންކަމަށް ފާޑުކިޔާނެ. އަދި އެއަށްވުރެ ރަނގަޅު ސިޔާސަތުތައް ރައްޔިތުންނަށް ގެނެސްދޭނެ. އެހެން ނަމަވެސް ގައުމަށް މުހިންމު ކަންކަމުގައި، ގައުމަށް ބޮޑުވެގެން އަންނަ ކޮންމެ ކަމެއްގައި ރެސްޕޮންސިބަލް އޮޕޮޝިޒަނަކުން އެއްކޮޅަށް އަރާނެ. އެގޮތަށް އެ ކަންތައް ކޮށްދިނުމަށް އަޅުގަނޑު އެދެން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގެ ވެރިކަން ކުރަމުން އަންނަ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމުގެ މަސައްކަތް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ކުއްލިއަކަށް ވަނީ މަޖިލިސް ތެރެއިް ފައްޓަވައިފަ އެވެ. އަދި މި މަހުގެ 30 ވަނަ ދުވަހު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ވަނީ އަންގައިފަ އެވެ.

ބަރުލަމާނީ ނިޒާމެއް އޮންނަން ފެނިވަޑައިނުގަންނަވާ ކަމަށާއި ބަރުލަމާނީ ނިޒާމަކަށް ތާއީދު ނުކުރައްވާނެ ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ. އަދި އެ ނިޒާމަށް ތާއީދު ނުކުރައްވާ ކަމަށް އިސްލާހީ ގިނަ މަސައްކަތްތަކެއް މިހާތަނަށް ވެސް ކުރައްވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިހާބުގެ ފަހު ބުރުގައި ޑރ. މުއިއްޒަށް ލިބިވަޑައިގެންފައި ވަނީ 129,152 ވޯޓެވެ. އެއީ 53 އިންސައްތަ އެވެ. ދެ ވަނަ ދައުރަކަށް ވާދަކުރެއްވި އެމް.ޑީ.ޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައިވަނީ 109,868 ވޯޓެވެ. އެއީ 46 އިންސައްތަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *