Support Us

ބަދަލުހިފުމުގެ ރޫހު ނެތިގޮސްގެން ނޫނީ ހަމަޖެހުމެއް ނުލިބޭނެ: ޑރ. މުއިއްޒު

ބަދަލު ހިފުމުގެ ރޫހު ނެތިގޮސްގެން ނޫނީ މި ގައުމަށް ހަމަޖެހުމެއް ނުލިބޭނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބީއާ ގުޅިގެން ރައްޔިތުންނަށް ޝުކުރު އަދާކުރުމަށް ޕީޕީއެމް/ޕީއެންސީނުން މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ޑރ. މުއިއްޒު ވިދާޅުވީ ގައުމުގެ ނާޒުކު ދަނޑިވަޅުގައި މުސްގަތުބަލާއި ދަރިންގެ ދަރިންގެ ހައްގުގައި މިނިވަންކަން ޔަގީންކުރުމަށްޓަަކައި ދިވެހި ރައްޔިތުން ކުރި ގައުމީ މަސައްކަތަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މި ޝުކުރުގައި އެމަނިކުފާނަަށް ތާއީދު ނުކުރާ އެންމެހައި ދިވެހިންނަށް ވެސް ޝުކުރު އަދާކުރައްވާ ކަމަށާއި އަބަދުވެސް މަސައްކަތް ކުރައްވާނީ އެއްވެސް ރައްޔިތަކު ތަފާތުނުކޮށް ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އެކީގައި ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"މި ގައުމަށް ހަމަޖެހުން އަންނަންޖެހޭ. މި ގައުމަކީ އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ މަސްލަހަތަށް ވުރެ، އަޅުގަނޑުމެންގެ ކޮންމެ ސިޔާސީ ލީޑަރެއްގެ މަސްލަހަތަށްވުރެ، އަޅުގަނޑުމެންގެ ކޮންމެ ސިޔާސީ މަސްލަހަތަކަށް ވުރެ މާ އަޅުގަނޑުމެންގެ ގައުމުގެ މަސްލަހަތު އިސްކުރަންޖެހޭނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ވަކިވަކި ފަރުދުންގެ މަސްލަހަތަށްވުރެ ބޮޑަށް ގައުމުގެ މަސްލަހަތު އިސްކުރަން އަޒުމް ކަނޑައަޅަން ޖެހޭ ކަމަށާއި ސެޕްޓެމްބަރު 30 ވަނަ ދުވަހު ނެގި ވޯޓުގައި އެ މައްސަލަހަތު ދިވެހިން އިސްކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑު އެދެނީ ގައުމުގެ ހަމަޖެހުން އަޅުގަނޑުމެން އިސްކުރަން. ގައުމަށް ހަމަޖެހުން އަންނަންޖެހޭ. އަޅުގަނޑުމެންގެ ތެރެއިން ބަދަލު ހިފުމުގެ ރޫހު ތާއަބަދަށް ނެތިގެން ދާންޖެހޭ. އެ ނޫން ހަމައަކުން މިގައުމަކަށް ހަމަޖެހުމެއް ނާންނާނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައްޔިތުންނަށް އަދުލުވެރި ވެރިކަމެއް އިރާދަކުރެއްވިއްޔާ ކޮށްދެއްވާނެ ކަމަށާއި އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމިހުންނަވާނެކަން އެއީ ރައްޔިތުންނަށް ވެފައިވާ ވައުދެެއް ކަަމަށާއި އެ ވައުދު މަތީގައި އިރާދަކުރެއްވިއްޔާ އިރުއަރާ ކޮންމެ ދުވަހަކު ސާބިތުވެ ހުންނަވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ނަތީޖާއިން ދައްކައިދިނީ ރައްޔިތުން ބޭނުންވަނީ ގައުމުގެ ކުރިމަގު ބައްޓަން ކުުރުމުގައި ނަތީޖާ ނެރެދޭނެ ސަރުކާރެއް ކަމަށާއި ފާއިތުވި ފަސް އަހަރު ގައުމުގެ ކަންކަން ކުރިއަށް ދިޔަ ސްޕީޑުގައި ގެންދަން ބޭނުންނުވާ ކަމަށް ރައްޔިތުން އެ އިންތިހާބުގައި ބުނެފައިވާތަން ފެނިގެން ގޮސްފައިވާ ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީން ގައުމުގެ ކަންކަން ކުރިއަށް ގެންދަން ބޭނުންވާ ގޮތް އެއީ ރައްޔިތުން ވެސް ބޭނުންވާ ގޮތް ކަމަށް ރައްޔިތުން ބުނެދީފައިވާ ކަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެެ ތެރޭގައި ވެފައިވާ ވައުދުތަކުގެ ތެެރެއިން އެއްވެސް މީހެއް ވަޒީފާއިން ވަކިނުކުރައްވާނެ ކަމަށް ވިދާޅުވި ވާހަކަތައް ރައްޔިތުން ގަބޫލްކޮށް ވޯޓު ދިން ކަމަށްޓަކައި ޝުކުރު އަދާކުރައްވާ އިންތިހާބީ ރައީސް ވިދާޅުވީ އެއްވެސް މީހެއް ސިޔާސީ މަގާމެއްގައި ހުރި މީހެއް ނޫނީ ވަޒީފާއިން ވަކި ނުކުރައްވާނެ ކަމުގެ ޔަގީންކަން އަދިވެސް ދެއްވާ ކަމަށެެވެ.

ފުށިދިއްގަރު ފަޅާއި ގިރާވަރު ފަޅާއި ގުޅިފަޅު ހިމެނޭ ގޮތަށް މި ފަސް އަހަރުގެ ތެރޭގައި 60،000 މީހުންގެ ގެދޮރުވެރިކަން ޔަގީންކޮށްދެެއްވާނެ ކަމަށާއި އެ ކަމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރު ނިމުމުގެ ކުރިން ނިންމަވައިދެއްވާނެ ކަމަށް ވެސް އިންތިހާބީ ރައީސް ވިދާޅުވި އެވެ. އަދި މިހާރު ދީފައި ހުރި ގޯތިތައް ހަމަ އެދީފައި ހުރިތާކުން ލިބޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

"މިހާރު ދީފައި ހުރި ގޯތިތައް ހަމަ އެގޮތަށް، ބައެއް ގޯތި ޖެހޭނީ ދުނިޔެއަށް ގެންނަން ކަނޑުއަޑީގައި ހުރީމަ. އެހެންވެ ހުރިހާ ގޯއްޗެއް ދުނިޔެއަށް ބިން ހިއްކާނިމުނީމަ އަންނާނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވިީ އާ ސަރުކާރު ވެގެންދާނެ ރައްޔިތުންގެ އަތުގައި ބާރުތައް އޮތް ސަރުކާރަަކަށް ކަމަށާއި އެނޫން ގޮތަކަށް އެ ސަރުކާރުން މަސައްކަތް ނުކުރާނެ ކަމަށެވެ.

ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އަލަށް އެކުލަވާލާ ސަރުކާރުގެ ޓީމްތަކުން ދައުލަތުގެ އިދާރާތަކަށް ގޮސް ހެދިފައިވާ އެގްރީމަންޓްތައް ހޯދައި ބަލާއިރު އެއްވެސް އެގްރީމެންޓެއް އެއްބައި ފޮރުވާ ނުހަދާނެ ކަމަށް ގަބޫލްކުރައްވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފަހު ބުރުގައި ޑރ. މުއިއްޒަށް ލިބިވަޑައިގެންފައި ވަނީ 129,152 ވޯޓެވެ. އެއީ 53 އިންސައްތަ އެވެ. ދެ ވަނަ ދައުރަކަށް ވާދަކުރެއްވި އެމް.ޑީ.ޕީގެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައިވަނީ 109,868 ވޯޓެވެ. އެއީ 46 އިންސައްތަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *