Support Us

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ގޮވާލައިފި

ރިޔާސީ އިންތިހާބު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އެއްވެސް ޝަރުތެއް ނެތި މިނިވަންކުރުމަށާއި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ސަރުކާރަށް ގޮވާލައިފި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްވުރެ 18،000 އަށްވުރެ ގިނަ ވޯޓުގެ ތަފާތަކުން ޑރ. މުއިއްޒު ކާމިޔާބު ކުރެއްވުމާ ގުޅިގެން ޕީޕީއެމް/ޕީއެންސީގެ އެތައް ހާސް ސަޕޯޓަރުން ވަނީ އުފާފާޅުކޮށް، ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި ސުލްހަވެރިކަމާ އެކު ޝުއޫރު ފާޅުކޮށްފަ އެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީންގެ މައްޗަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ސިޔާސީ ދައުވާތަކާއި ނުހައްގުން ކޮށްފައިވާ ހުކުމްތައް އަނބުރާ ގެންދިއުމަށް ގޮވާލާ ކަމަށެވެ.

"މިއަދުގެ ވޯޓުން ރައްޔިތުން ނިންމި ގޮތަށް އިތުރު އެއްވެސް ޝަރުތެއް ނެތި ވަގުތުން ވަގުތަށް ރައީސް ޔާމީން މިނިވަންކޮށް، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ސިޔާސީ އެންމެހާ ދައުވާތައް އަނބުރާ ގެންދިއުމަށް ދިވެހި ސަރުކާރަށާއި ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރަތަކަށް ގޮވާލަމެވެ." އެ ނޫސްބަޔާނުގައިވެ އެވެ.

އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން މީޑިއާތަކަށް ދެއްވި އެންމެ ފުރަތަމަ އިންޓަވިއުގައި ގައުމުގެ ހަމަޖެހުމަށްޓަކައި ރައީސް ޔާމީން މިނިވަންކޮށްދެއްވުމަށް އެދި ރައީސް ސޯލިހަށް އަރިހުން އިންތިހާބީ ރައީސް ޑރ. މުއިއްޒު ރޭ ވަނީ އެދިވަޑައިގެންފަ އެވެ.

ރިޝްވަތާއި މަނީ ލޯންޑަރިންގެ މައްސަލައެއްގައި ރައީސް ޔާމީން ފަސް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށް 11 އަހަރަށް ޖަލަށް ލީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައެވެ. މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަނުކުރެއްވުނީ އެހެންވެގެންނެވެ. އިދިކޮޅުން ބުނަމުން އަންނަނީ މިއީ ފަނޑިޔާރުގެއަށް ސަރުކާރު އަތްބާނައިގެން ރައީސް ޔާމީންގެ މައްޗަށް އިއްވައިފައިވާ "ހަރާންހުކުމެއް" ކަމަށެވެ.

އޭގެ ކުރިން، 2019 ވަނަ އަހަރު ވެސް އެ މަނިކުފާނު ވަނީ ރިޝްވަތުގެ މައްސަލައެއްގައި ފަސް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށް ލައިފައެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓުން ވަނީ ހުކުމް ބާތިލްކޮށް ރައީސް ޔާމީން މިނިވަންކޮށްފައެވެ.

މި ދެ ހުކުމުގައި ރައީސް ޔާމީން މާފުށީ ޖަލުގައި ހުންނަވާތާ މިއަދަށް 1،049 ދުވަސް ވަނީ ވެފައެވެ.

ޕީޕީއެމް/ޕީއެންސީގެ ފަރާތުން މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ވަނީ ރައީސް ޔާމީން ދޫކޮށްލުމަށް އެތަކެއް ފަހަރު ހުށަހަޅައިފައެވެ. އިންތިހާބުގެ ދެވަނަ ބުރުގައި ރައްޔިތުން އިތުބާރުކޮށް ވޯޓް ދީ ކާމިޔާބުވެގެން ވެރިކަަމަށް ވަޑައިގެންނަވާ އިރު ވެސް ޔާމީން މިނިވަންވެ ނުވެ ހުރެއްޖަނަމަ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންނަވާ ބާރުގެ ދަށުން ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ޑރ. މުއިއްޒު ވަނީ ދެއްވައިފަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މުޅި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބަހައްޓައިފައިވާ 586 ވޯޓު ފޮށީގެ ތެރެއިން މިހާތަނަށް 585 ވޯޓު ފޮށި ގުނައި ނިމިފައިވާއިރު ޑރ. މުއިއްޒަށް ލިބިވަޑައިގެންފައި ވަނީ 126,836 ވޯޓެވެ. އެއީ 54 އިންސައްތަ ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންފައިވަނީ 107,874 ވޯޓެވެ. އެއީ 45.9 އިންސައްތަ ވޯޓެވެ

މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 282،804 މީހުންގެ ތެރެއިން މިއަދުގެ އިންތިހާބުގައި ވޯޓު ލައިފައިވަނީ 80 އިންސައްތައެވެ. އެއީ ގާތްގަނޑަކަށް 240،000 މީހުންނެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރެއްވި ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *