Support Us

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މީރުމާގައި ނޫސްވެރިންނާ ބައްދަލުކުރައްވަނީ.. -އަދިވެސް ފޮޓޯ: މުހައްމަދު ޝަހީބު
ރިޔާސީ އިންތިހާބު 2023:

އިންތިހާބީ ރައީސްގެ ފުރަތަމަ ޕްރެސް: ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް ރައީސް ސޯލިހް އަރިހުން އެދިވަޑައިގެންފި

23:00

ގައުމުގެ ހަމަޖެހުމަށްޓަކައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްްދުﷲ ޔާމީން މާފުށީ ޖަލުން ގެއަށް ބަދަލުކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކިބައިން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އެދިވަޑައިގެންނެވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ލިބިވަޑައިގެންނެވި ކާމިޔާބީއަށް ފަހު މިރޭ މީރުމާމާލަމުގައި މީޑިއާތަކަށް ދެއްވި ފުރަތަމަ ބަޔާނުގައި ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެެއްވުމަށް ރައީސް ސޯލިހް އަރިހުން އެދިވަޑައިގަންނަވަމުން ޑރ. މުއިއްޒު ވިދާޅުވީ އެއީ ރައީސުލްޖުމްހޫރިިއްޔާއަށް ގާނޫނީ ގޮތުން ކުރެއްވޭނެ ކަމަށާއި އެކަން ކުރުމަކީ މިއަދު މިގައުމުގެ މަސްލަހަތަށްޓަކައި އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގެންނަވާ ކަމަށެވެ.

"އަޅުގަނޑު މިދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް އިހުލާސްތެރިކަމާއި އަދަބުވެރިކަމާ އެކު ދަންނަވާލަން އަޅުގަނޑުމެންގެ ލޮބުވެތި ރައީސް ރައީސް ޔާމީން ގެއަށް ބައްދަލުކޮށްދެއްވުމަށް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މީރުމާގައި ނޫސްވެރިންނާ ބައްދަލުކުރައްވަނީ.. -އަދިވެސް ފޮޓޯ: މުހައްމަދު ޝަހީބު

މިއަދުގެ އިންތިހާބުގައި އެމަނިކުފާނަށް ވޯޓް ދެއްވި އެންމެހައި ރައްޔިތުންނަށް ޑރ. މުއިއްޒު ޝުކުރުއަދާ ކުރެއްވި އެވެ. އަދި މި ވަގުތަކީ ގައުމުގެ އެންމެން އެކަތިގަނޑަކަށްވާންވީ ވަގުތު ކަމަށާއި ގައުމުގެ މަސްލަތު ކޮންމެ މީހެއްގެ މަސްލަހަތަށް ވުރެ ބޮޑު ކަމަށާއި ގައުމަށް ހަމަޖެހުން ގެނައުމަށްޓަކައި ކޮންމެ މީހެއްގެ މަސްލަތަށްވުރެ ގައުމީ މަސްލަހަތު އިސްކުރަންޖެހޭނެ ކަަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެންޕެއިންގައި ތަކުރާރުކޮށް ޑރ. މުއިއްޒު ވިދާޅުވަމުން ގެންދެވި ފަދައިން މިރޭ ވެސް ވިދާޅުވީ ކޮންމެ ދިވެހި ރައްޔިތަކާ މެދު ކަންކަން ކުރައްވާނީ ހަމަހަމަކަމާ އެކުގައި ކަމަށެވެ.

ގައުމުގެ ހަމަޖެހުން ގެއްލޭ ފަދަ އެއްވެސް ކަމެއް ކުރުމަށް އެއްވެސް ފަރާތަކުން ހިތްވަރު ނުދިނުމަށާއި އެކި ފަރާތްތަކުން ގައުމުގެ ކުރިމަގު ބަނަކޮށް، ހަމަޖެހުން ގެއްލުވާލަން މަސައްކަތް ކުރާނެ ކަމަށާއި އެ ފުރުސަތު ނުދިނުމަށް އިންތިހާބީ ރައީސް އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑުމެން ވަރަށް އުފާވޭ. އަޅުގަނޑުމެން އުފާ ފާޅުކުރާއިރު ވެސް އަޅުގަނޑު އެދެނީ މި ދެންނެވި ބީދައިން އަމަލްތައް ބެހެއްޓެވުން. އަޅުގަނޑުމެންގެ އުޅުމާއި ގުޅުމަކީ އަޅުގަނޑުމެންގެ ރިވެހި އަހުލާގުގެ ތެރެއިން ކުރިއަށް ގެންދާ ކަމަކަށް ވާންޖެހޭނެ. އެއްވެސް ފަރާތަކަށް ފުރުސަތެއް ލިބުނަ ނުދެއްވުމަށް އަޅުގަނޑުމެންގެ މި ހަމަޖެހުން ގެއްލުވާލުމަށް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ ގައުމުގެ މިނިވަންކަން އިރާދަކުރެއްވިއްޔާ ހިމާޔަތްކުރެވި އިގުތިސާދު ނަގާ ކޮޅަށް ޖެހޭނެ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކަކީ ރައްޔިތުން ބޭނުންވާ ގޮތަށް ގައުމުގެ ކަންކަން ގެންދެވޭނެ ދުވަސްތަކެއް ކަމަށެވެ. އެހެންކަމުން ރައްޔިތުން ކުރި އިތުބާރާއެކު ހަވާލުކުރި މަތިވެރި އަމާނާތާއި ޒިންމާ އަދާކުރުމުގެ ފުރުސަތު ދިނުމަށާއި އިރާދަކުރެއްވިއްޔާ ރައްޔިތުން އެދޭ ފަދަ ގޮތަށް ސަރުކާރާއި ގައުމުގެ ކަންކަން ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް އިންތިހާބީ ރައީސް ވިދާޅުވި އެވެ.

ޑރ. މުއިއްޒުގެ ވާހަކަފުޅު ނިންމާލައްވަމުން "ދިވެހީންގެރާއްޖެ" އަނބުރާ ހޯދަން ބޭނުންވާކަން ދިވެހި ރައްޔިތުން ނިންމައިފައިވާ ކަމަށާއި "އިރާދަކުރެއްވިއްޔާ ރައްޔިތުން އެދޭ ގޮތަށް އެ ޒިންމާ އަމާނާތްތެރިކަމާއި ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކީގައި ދިވެހިންގެ ރާއްޖެ ދިވެހިންނަށް ޔަގީންކޮށް"ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ޑރ. މުއިއްޒުގެ ވާހަކަފުޅުގައި ރައީސް ޔާމީނާށާއި ޕީޕީއެމް/ޕީއެންސީގެ ރައީސް އަބްދުއްރަހީމަށާއި އެ ޕާޓީގެ ލީޑަޝިޕްގެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނަށާއި އެމަނިކުފާނަށް ތާއީދުކުރި ހުރިހާ ފަރާތްތަކަށް ވެސް ޝުކުރުއަދާކުރެއްވި އެވެ.

ރިޔާސި އިންތިހާބުގެ ދެވަނަ ބުރުގައި މުޅި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބަހައްޓައިފައިވާ 586 ވޯޓު ފޮށީގެ ތެރެއިން މިހާތަނަށް 585 ވޯޓު ފޮށި ގުނައި ނިމިފައިވާއިރު ޑރ. މުއިއްޒަށް ލިބިވަޑައިގެންފައި ވަނީ 126,836 ވޯޓެވެ. އެއީ 54 އިންސައްތަ ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންފައިވަނީ 107,874 ވޯޓެވެ. އެއީ 45.9 އިންސައްތަ ވޯޓެވެ

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 282،804 މީހުންގެ ތެރެއިން މިއަދުގެ އިންތިހާބުގައި ވޯޓު ލައިފައިވަނީ 80 އިންސައްތައެވެ. އެއީ ގާތްގަނޑަކަށް 240،000 މީހުންނެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރެއްވި ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *