Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ރައްޔިތުން ބަސް ބުނެފި! އިބޫ އައުޓް، އިންޑިއާ އައުޓް! ދެންވާނީ ކިހިނެއް؟

23:00

މިހާތަނަށް ހާމަކޮށްފައިވާ ނަތީޖާ އަށް ބަލާއިރު ޑރ. މުހައްމަދު މުއިއްޒަށް މި އިންތިހާބު މިވަނީ ކާމިޔާބުވެފައެވެ. ފާއިތުވި ދެތިން އަހަރު ތެރޭ ދިވެހި ރައްޔިތުންގެ މެދުގައި މި ސަރުކާރާ ދޭތެރޭ އުފެދުނު އުދާސްތައް ބަންޑުންވަމުން ގޮސް މިއަދު ވޯޓުން ރައްޔިތުން ބަސްބުނެފައި މިވަނީ ވަރަށް ގިނަ ސަބަބުތަކާ ހުރެއެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނަ ބަޔަކު މި ސަރުކާރާ ދެކޮޅުވީ ސަބަބަކީ އިންޑިއާ އަށް މިޤައުމު އަޅުވެތިކޮށް، ސިއްރު ޑީލްތައް ހަދައި، ގޮތް ނޭނގޭ އެއްބަސްވުންތަކުގައި ސޮއިކޮށް، ޤައުމު އިނދަޖެހޭ ހިސާބަށް ދިއުމެވެ.

ރައީސް މުހައްމަދު އަމީނުން ފެށިގެން، ރައީސް އިބްރާހިމް ނާސިރުން، ރައީސް މައުމޫން އަބްދުލްގައްޔޫމުން، ރައީސް މުހައްމަދު ނަޝީދުން، ރައީސް ޑރ. މުހައްމަދު ވަހީދުން، ރައީސް އަބްދުﷲ ޔާމީނުން ގޮސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހަމައަށް އައިއިރު ރާއްޖޭގެ ރައީސް ކަމަށް ފުރަތަމަ ފަހަރަށް މިވަނީ ތުނބުޅިލީ ރައީސަކު އިންތިހާބުކޮށްފައެވެ. އެންޓި ކެމްޕެއިން ކުރަމުން ގޮސް ޑރ. މުއިއްޒުގެ ދޮންމަންމާފުޅަށް ރިޝްވަތު ދީގެން ކުޅުވި ފިލްމު، "ދޮންމަންމަ" ބަލަން އެމް.ޑީ.ޕީ މީހުން ހެވިފައި ތިއްބައި ޑރ. މުއިއްޒުގެ މަޑުމައިތިރިކަމާއި، ހިކްމަތާ އެކު ވަޑައިގެން އިންތިހާބު ކާމިޔާބު ކުރައްވައިފިއެވެ. މިހާތަނުން މި ޤައުމުގެ ރައްޔިތުންގެ ހިތްތަކުގައި އުފެދޭނެ ސުވާލަކީ: ދެންވާނީ ކިހިނަކުންތޯ އެވެ؟

ނޮވެމްބަރ 17ގައި ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަންނާވާ އިރު އެމަނިކުފާނުގެ ކުރިފުޅުމަތީ ވަރަށް ގިނަ، ބޮޑެތި ގޮންޖެހުންތައް އެބަހުއްޓެވެ.

އެންމެ ފުރަތަމަ ޑރ. މުއިއްޒު ހައްލު ކުރައްވަން ޖެހޭ ގޮންޖެހުމަކީ ރައީސް ޔާމީނާ އެކު އެއްބަސްވުމެއް ހައްދަވައި، ދެ ބޭފުޅުންގެ މެދުގައި އަންޑަސްޓޭންޑިންގެއް ބޭއްވެވުމެވެ. ރައީސް ޔާމީނާއި ޑރ. މުއިއްޒާ ދެމެދު ދެފުށް ފެންނަ ރަނގަޅު އަންޑަސްޓޭންޑިންގެއް ނެތިއްޖެ ނަމަ ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު މައްސަލަ ޖެހުނު ގޮތަށް ޑރ. މުއިއްޒާއި ރައީސް ޔާމީނާ ދެމެދު ވެސް މައްސަލަތައް ޖެހި، ޑރ. މުއިއްޒަށް ވެރިކަން ކުރައްވަން ދަތިވެ، ދަރަނިވެރިވެފައިވާ މި ޤައުމު ބޮޑު ހަލާކެއްގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެއެވެ.

ރައީސް ޔާމީނު ވެސް، ޑރ. މުއިއްޒަށް ވެރިކަން ކުރެއްވުމުގެ ފުރުސަތު ދެއްވަން ޖެހެއެވެ. ޑރ. މުއިއްޒުވެސް، އެމަނިކުފާނަށް ލިބިވަޑައިގަތް ކާމިޔާބުގެ އެންމެ ބޮޑު ހިއްސާއެއް ވަނީ ރައީސް ޔާމީނުގެކަން ޤަބޫލްފުޅު ކުރައްވައި، ވެރިކަން ހިންގެވުމުގައި ރައީސް ޔާމީނަށް އިހްތިރާމް ކުރައްވަން ޖެހެއެވެ. ޑިސިޝަންތައް ނެންގެވުމުގައި ހިޔާލް ހޯއްދަވަން ޖެހެއެވެ.

ޑރ. މުއިއްޒާއި ރައީސް ޔާމީނާ ދެމެދު މައްސަލަ ޖެހި، މޫނުކެނޑިއްޖެ ނަމަ، އެކަމުގެ ފައިދާ އެންމެ މޮޅަށް ނަންގަވަން ތައްޔާރަށް ހުންނަވާނީ ރައީސް ނަޝީދެވެ. ރައީސް ސޯލިހު އިންތިހާބުން ބަލިވެވަޑައިގަތުމާ އެކު އެމަނިކުފާނުގެ ބާރު އެމް.ޑީ.ޕީ ތެރެއިން ގެއްލިގެން ދާނެއެވެ. އެއާ އެކު އެމް.ޑީ.ޕީގެ ކޮންޓްރޯލް އަނެއްކާ ވެސް ނަންގަވާނެ ކަމަށް ބެލެވެނީ ރައީސް ނަޝީދެވެ. ރައީސް ނަޝީދު ދަ ޑިމޮކްރެޓްސްގެ ލީޑަރު ކަމަށް ކުރިމަތިނުލައްވައި ހުންނެވި ސަބަބެއް ކަމަށް ފެންނަނީ ވެސް އެމް.ޑީ.ޕީގެ ލީޑަޝިޕް ހުސްވެ، އިބޫ ސޯލިހުގެ ބާރު ކެނޑުމުން އެމްޑީ.ޕީގެ ރައީސްކަން އަލުން ހޯއްދެވުމެވެ. އެމް.ޑީ.ޕީގެ ރައީސްކަން ނަޝީދަށް ލިބިވަޑައިގަތުމާ އެކު އެމް.ޑީޕީ އާއި ދަ ޑިމޮކްރެޓްސް ސިޔާސީ ގޮތުން ކޯލިޝަން ހަދާނެ ކަމަށް ބެލެވެއެވެ. އެއީ ޕީ.ޕީ.އެމް އާއި ޕީ.އެން.ސީގެ ކޯލިޝަން ފަދަ ކޯލިޝަނަކަށް ވާނެއެވެ. އެއާ އެކު މަޖުލީހުގެ ތިން ބައި ކުޅަ ދެބަޔަށް ވުރެ ބޮޑު މެޖޯރިޓީއެއް އެ ކޯލިޝަނަށް ލިބޭނެއެވެ. އެފަދަ ދަނޑިވަޅެއްގައި ރައީސް ނަޝީދު ބޭނުންފުޅު ވެއްޖެ ނަމަ ޑރ. މުއިއްޒުގެ އިތުބާރު ނެތް ކަމަށް މަޖުލީހުން ފާސްކޮށް ރައީސް ކަމުގެ މަޤާމުން ދުރުކުރެވިދާނެއެވެ.

އެއާ އެކު، ޤާނޫނަށް ބަދަލެއް ގެނެސް، ރައްޔިތުންގެ ރެފަރެންޑަމް އަކަށް ނުގޮސް ބަރުލަމާނީ ނިޒާމަކަށް ސަރުކާރު ހިންގުން ބަދަލުކުރެވޭ ގޮތަށް ހަދައި، ބަރުލަމާނީ ނިޒާމް ގެނެސް، ބޮޑުވަޒީރަކަށް ރައީސް ނަޝީދު އައްޔަން ކޮށްފާނެއެވެ. މިއީ ވުން ދުރު ކަމެއް ނޫނެވެ. ރައީސް ޔާމީނާއި ޑރ. މުއިއްޒާ އެއް ޓާގެޓަކަށް، ގުޅިވަޑައިގެން މި ޤައުމު ކުރިއަށް ގެންދަވަން ނުނިންމަވައިފި ނަމަ މިފަދަ ހާލަތަކަށް ޤައުމު ދިއުމަކީ ދުރުކަމެއް ނޫނެވެ.

މިފަދަ ގޮތަކަށް ޑރ. މުއިއްޒު މަޖުލީހުގެ އަތްދަށުނުވެވޭތޯ، އެމް.ޑީ.ޕީގެ، މަދުވެގެން 15 ވަރަކަށް މެމްބަރުން ޕީ.ޕީ.އެމަށް ގެންދިއުމަކީ ޕީ.ޕީ.އެމް އިން ވިސްނަން ރަނގަޅު ކަމެއް ކަމަށް ފެނެއެވެ. އެހެންނުވެއްޖެ ނަމަ އާ ސަރުކާރަށް ޤައުމު ހިންގުމުގައި ކުރިއަށްދާން ވަރަށް ބޮޑަށް ދަތިވެގެން ދާނެ ކަމަށް ފެނެއެވެ.

ދެވަނަ ކަމަކަށް ޑރ. މުއިއްޒު ވިސްނަވަންޖެހޭ ކަމަކީ ކެމްޕެއިން ދުވަސްވަރު ރައްޔިތުންނަށް ދެއްކެވި މަޑުމައިތިރިކަން ދޫކުރައްވައި ވަރަށް ވަރުގަދަ، ސްޓްރޯންގ ލީޑަޝިޕެއް ދައްކަވަން ޖެހެއެވެ. ދަރަނިވެރިވެ، ބޭރުގެ ނުފޫޒު ފެތުރި، ފެއިލްވާން ކައިރިވެފައި އޮތް ދައުލަތެއް ހަމައަކަށް އެޅުވޭނީ ލީކުއާންޔޫ ސިންގަޕޫރު ހަމައަކަށް އެޅުވި ފަދަ، ނުވަތަ މަހާތިރު މެލޭޝިއާ ހަމައަކަށް އެޅުވި ފަދަ ވަރުގަދަ ލީޑަޝިޕެއް ދައްކަވައިގެންނެވެ. އެންމެން ރުއްސައިގެން، މިކަމެއް ނުވާނެއެވެ.

ތިންވަނަ ކަމަކަށް ޑރ. މުއިއްޒު ވިސްނަވަންޖެހޭ ކަމަކީ ޑރ. މުއިއްޒުގެ ރަނިންމޭޓް، ނުވަތަ އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާ ގުޅިވައިގެން އެކި ފަރާތްތަކުން ކުރަމުންދާ، ގޭންގްތަކާ ގުޅުން އޮތްކަމުގެ ތުހުމަތާ މެދު ވަކި ގޮތަކަށް ނިންމެވުމެވެ. ފުރަތަމަ ދުވަހުން ފެށިގެން، ވަރަށް ސްޓްރޯންގް ލީޑަރެއްގެ ގޮތުގައި، ވަރަށް "ނޯނޮންސެންސް" ސްޓައިލަކަށް ވެރިކަން ކުރައްވައިގެން ނޫނީ މިހާރު މި ފެންނަން އޮތް ކަށިކުނބުރު ވަލުން މިޤައުމާއި ރައްޔިތުން ސަލާމަތްކޮށެއް ނުދެވޭނެ އެވެ. ކޮންމެ ސަރުކާރެއްގައި "ބްރޯ" އެއް ހުންނާކަށް ނުޖެހެއެވެ. ގޭންގްތަކާއި ސަރުކާރާ ގުޅުން އޮންނާކަށް ނުޖެހެއެވެ. އެހެންކަމުން އިންތިހާބީ ނައިބު ރައީސްގެ އެފަދަ ކަމެއް ނެތްކަން ވަރަށް ސާފުކޮށް ސާބިތުކޮށްދެއްވުމަކީ ޑރ. މުއިއްޒުގެ ވެސް ޒިންމާއެކެވެ. އެހެން ނުވެއްޖެ ނަމަ އެންމެ ފުރަތަމަ ވެސް ވެރިކަމުގައި އެޅޭނީ ބޭކާރު ރެނދެކެވެ. ބިންގާ އެޅޭނީ ކައްޗަށެވެ.

ހަތަރުވަނަ ކަމަކަށް އިންތިހާބީ ރައީސް ވިސްނަވަން ޖެހޭނީ ކެމްޕެއިން ދުވަސްވަރު އެމަނިކުފާނު އަރިހުގައި ތިއްބެވި އެކި ލެެވެލްގެ ހުރިހާ ބޭފުޅުންނަށް މަޤާމްތައް ބައްސަވައިފި ނަމަ ޤައުމެއް ނުހިންގޭނެ ކަމެވެ. ކެބިނެޓު ނޫނަސް ދެން ހުރި މަޤާމްތަކަށް ވެސް ލާންޖެހެނީ ބުރަކޮށް މަސައްކަތް ކުރައްވާ، އިހްލާސްތެރި ފަރާތްތަކެވެ. ކުރިމަތީގައި "އާދެ"އޭ ދަންނަވައި، ފުރަގަހުގައި ބުރަކައްޓަށް ވަޅިޖަހާ ވައްތަރުގެ ހިޔާނާތްތެރީންނެއް ނޫނެވެ. ޑރ. މުއިއްޒުގެ އެެޖެންޑާ ހިންގޭނެ، ރައްޔިތުން އިހްތިރާމް ކުރާނެ، އިހްލާސްތެރި، ޓެކްނޯކްރޭޓުންނެވެ.

މިއޮއް ހުރިހާ ދުވަހު ފިއްލަވައިގެން އުޅުއްވުމަށް ފަހު ޑރ. މުއިއްޒަށް ވެރިކަން ލިބިވަޑައިގެންފާނެހެން ހީވީމާ "މުއިއްޒު ވެގެން" ކެމްޕެއިނާ ގުޅިވަޑައިގަތް ކުރީގެ ޓޫރިޒަމް މިނިސްޓަރ ޒަމީރު ފަދަ ބޭފުޅުން ލައިގެން ރަނގަޅު ވެރިކަމެއް ކުރެއްވޭނެ ކަމަކަށް ނުބެލެވެއެވެ. ހަމަ އެހެންމެ ޑރ. ޖަމީލުގެ ނުވަތަ ކޮންމެވެސް އެހެން ބޭފުޅެއްގެ އާއިލާގެ ބޭފުޅަކަށް ވީތީ، ރައްޔިތުންގެ ކުރިމަތީ އިތުބާރު ގެއްލި، ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މަލީހު ޖަމާލު ފަދަ ބޭފުޅުން ލައިގެން ވެސް ވެރިކަމެއް ނުކުރެވޭނެއެވެ. އަދި ޕާޓީގެ އެންމެ އިސް ސަފުގައި ހުންނެވިއަސް އަބްދުއްރަހީމް (އަދުރޭ) އަކީ ޑރ. މުއިއްޒު ވިދާޅުވި ފަދަ ތައުލީމީ ޓީމުގެ ބޭފުޅަކަށް ނުވާތީ، އަބްދުއްރަހީމް ވެސް ވެރިމުގެ މޫނުމަތިން ކުޑަކޮށް އެއްކައިރިވެ ވަޑައިގަންނަވަން ޖެހެއެވެ.

ފަސް ވަނަ ކަމަކަށް ޑރ. މުއިއްޒު ވިސްނަވަންޖެހޭ ކަމަކީ، ކޮންމެ ޕާޓީ އަކަށް ނިސްބަތްވިއަސް، ޤައުމުގެ ތައުލީމީ، ތަޖުރިބާކާރު ފަރާތްތައް ތިބި ތާކުން ގެންނަވައި މި ސަރުކާރަށް އޮންބޯޑް ކުރެއްވުމެވެ. މިސާލަކަށް މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމުގެ ތަޖުރިބާ ވަރަށް މުހިއްމުވާނެއެވެ. އަޅުގަނޑަކީ ޑރ. މުއިއްޒު ނަމަ ނައިބު ރައީސް ފައިސަލް ނަސީމް ކެބިނެޓުގައި ހިމެނީމުހެވެ. ފައިސަލް އަކީ މާކުރިން ވެސް ކޮމިއުނިޓީ އަށް ހިދުމަތް ކުރެއްވުމުގައި ދެމިހުންނެވި ބޭފުޅެކެވެ. އެހެންކަމުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަކީ ވެސް ސަރުކާރުގެ ތެރެއަށް ފައިސަލް ނަސީމް ގެންނަން ރަނގަޅު ދޮރެކެވެ. ހަމަ އެފަދައިން އެޑިއުކޭޝަން މިނިސްޓްރީ ފަދަ ތަނަކަށް ޑރ. މަހުމޫދު ޝައުގީ ގެންނެވުމާއި، ހެލްތު މިނިސްޓްރީ ފަދަ ދާއިރާ އަކަށް ޑރ. އަބްދުއްސައްތާރު ޔޫސުފް ފަދަ ބޭފުޅަކު ގެންނެވުމާއި، މިނިސްޓަރު ފެންވަރުގައި ސްޕެޝަލް އެޑްވައިޒަރަކަށް ނުވަތަ ބަންޑާރަ ނައިބަކަށް ވިއަސް ޑރ. މުހައްމަދު މުނައްވަރު ގެންނެވުމާއި، ފިޝަރީޒް މިނިސްޓަރަކަށް ޑރ. މުހައްމަދު ޝިހާމް އާދަމް ފަދަ ބޭފުޅަކު ގެނައުން ފަދަ ކަންކަމަކީ ޤައުމީ އެއްބައިވަންތަ ސަރުކާރެއް ޤާއިމްކޮށް، ތައުލީމީ މީހުން ސަރުކާރުގެ އިސް ސަފަށް ގެންނެވުމުގައި މުހިއްމު ކަމަކަށް ވާނެއެވެ.

ހަވަނަ ކަމަކީ ޗާގޯސް ނުވަތަ ފޯޅަވަހީގެ މިލްކުވެރިކަމާ މެދު ދިވެހި ރައްޔިތުން ދެކޭގޮތް ބަލައި، ދިވެހި ރައްޔިތުން އެދޭ ގޮތަށް ބައިނަލްއަޤްވާމީ އިދާރާތަކުގައި ސަރުކާރުން ބަސް ބުނުމެވެ. އަދި އެމްޑީ.ޕީ ސަރުކާރުން "ވިއްކާލި" ކަނޑު ދިވެހި ޤައުމަށް އަނބުރާ ހޯދުމެވެ.

ހަތް ވަނަ ކަމަކަށް ޑރ. މުއިއްޒު ވިސްނަވަން ޖެހޭ ކަމަކީ "އިންޑިއާ އައުޓް" ކުރުމަށް ދިވެހި ރައްޔިތުން ޑރ. މުއިއްޒަށް އެރުވި މެންޑޭޓްގެ ދަށުން އެކަން ކުރައްވާނެ ގޮތެކެވެ. އިންޑިއާއާ އެކު އެމް.ޑީ.ޕީ ސަރުކާރުން ކޮށްފައިވާ ސިއްރު އެގްރީމެންޓުތަކުގެ ތަފްސީލް ރައްޔިތުންނާ ހިއްސާ ކުރައްވައި، އޭގެ ތެރެއިން ދިވެހި ރާއްޖޭގެ ޤާނޫނާ ހިލާފަށް ހުރި ބައިތައް އުނިކޮށް އަލުން އެގްރީމެންޓު ހަދައި، އިންޑިއާ ސިފައިން މިޤައުމުން އެއްކޮށް ބާލަންޖެހެއެވެ. އިންޑިއާއާ އެކު ވެފައި ހުރި، ތިލަމާލެ ބްރިޖް އެޅުމާއި، އައްޑޫ މަގުހެދުން ފަދަ ކޮންޓްރެކްޓްތައް ކުރިއަށް ގެންދެވޭނެއެވެ. ނަމަވެސް އެފަދަ ކޮންޓްރެކްޓް ތަކުގައި ވެސް ދެފުށް ފެންނަ ގޮތަށް ރަނގަޅަށް ބަލަން ޖެހެއެވެ. ދިވެހި ޤައުމު މިވަނީ އިންޑިއާއާ ދެކޮޅުވެފައެއް ނޫނެވެ. ދިވެހީން ބޭނުންވަނީ އިންޑިއާ ސިފައިން މި ޤައުމުން ބާލައި، ދިވެހި ރާއްޖޭގެ ސިޔާސީ ކަންކަމަށް އިންޑިއާ އިން އަތްބާނާ ބޭނުން ހުއްޓުވުމަށެވެ.

ދިވެހި ރައްޔިތުން ބަސް ބުނެފިއެވެ. އިބޫ އައުޓް އަދި އިންޑިއާ ވެސް އައުޓެވެ. ރައްޔިތުން މިހާރު ބަލަން ތިބީ 17 ނޮވެމްބަރުގައި ދިވެހި ޖުމްހޫރިއްޔާގެ ރައީސުލް ޖުމްހޫރިއްޔާ ކަމާ ޑރ. މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގަތުމަށް ފަހު ދައްކަވާނީ ލީކުއާންޔޫ އާއި ޑރ. މަހާތީރު ފަދަ ސްޓްރޯންގް ލީޑަރޝިޕެއްތޯ އެވެ؟ ނުވަތަ އެންމެން ރުއްސަން ވެެގެން އިބޫ ސޯލިހު ކުރެއްވި ފަދަ ހައިޖާނު ވެރިކަމެއް ތޯއެވެ؟ ރައްޔިތުން ތިބީ ބަލާށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *